Advertisement

އެމްއައިޓީޑީސީގެ ކުރީގެ އެމްޑީއަށް ދައުވާކުރަން ފޮނުވައިފި

20 މޭ 2021 - 17:27 0

ނާޒިމް ހަސަން

ނާޒިމް ހަސަން

އެމްއައިޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު: އޭނާގެ މައްޗަށް ދައުވާކުރަން ވަނީ ފޮނުވާފައި - ފޮޓޯ: އެމްއައިޓީޑީސީ


އެމްއައިޓީޑީސީގެ ކުރީގެ އެމްޑީއަށް ދައުވާކުރަން ފޮނުވައިފި

20 މޭ 2021 - 17:27 0

އާ އަހަރު ފާހަގަކުރުމަށް 2018 ވަނަ އޭރުގެ ސަރުކާރުން މާލޭގައި ބޭއްވި މިއުޒިކް ޝޯގައި ބޭނުންކުރުމަށް "ލިންކްސް އައި" ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށް މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އަށް ކުއްލިގޮތަކަށް ކޯލްޑް ސްޕާކްސް މެޝިނެއް ގަނެފައިވާ މައްސަލާގައި ދައުވާކުރަން މިއަދު ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މި މައްސަލައިގައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވާފައިވަނީ، އެމްއައިޓީޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝަކީބާ ހުސައިންގެ މައްޗަށެވެ.

އޭސީސީން ބުނި ގޮތުގައި 2018 ވަނަ އަހަރުގެ އާ އަހަރު ފާހަގަކުރުމަށް އެމްއައިޓީޑީސީން އިންތިޒާމުކޮށްގެން ޑިސެމްބަރު 27، 2017 ގައި މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވި މިއުޒިކް ޝޯގައި ބޭނުންކުރުމަށް ލިންކްސް-އައި އިންކޯޕަރޭޓަޑްއާ ހަވާލުކޮށްގެން ކޯލްޑް ސްޕާކްސް މެޝިންތަކެއް (ކޯލްޑް ފަޔާ އިކުއިޕްމަންޓް)ތަކެއް ވަނީ ގެނެސްފަ އެވެ. އެ މެޝިންތައް ގަތުމަށް 7,234.00 ޑޮލަރު ހަރަދުކޮށްފައިވެ އެވެ.

ނަމަވެސް، އެ މެޝިންތަކާއި، މެޝިންތައް އޮޕަރޭޓްކުރަން ބޭނުންވާ ޕައުޑާ، އާ އަހަރުގެ މިއުޒިކް ޝޯ ބާއްވަންވާއިރަށް ވެސް ލިބިފައި ނުވާ ކަމަށް އޭސީސީގެ ތަހުގީގަށް ވަނީ ހާމަވެފަ އެވެ.

އޭގެއިތުރުން، އެ މެޝިންތައް ގެނައީ ކޮން ފަރާތަކުން އެދިގެން، ކޮން ފަރާތަކުން ނިންމައިގެންކަން އަދި އިވެންޓް އޮތް ދުވަހަށް މެޝިންތައް ލިބުނުކަން ލިޔެކިޔުމުން އެނގެންނެތުމާ އެކު، އޭރު މެޝިންތައް ގެނެސް އެމްއައިޓީޑީސީއާ ހަވާލުކޮށްފައި ނުވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އޭސީސީން ބުނި ގޮތުގައި، އެމްއައިޓީޑީސީގެ މެނޭޖްމަންޓް ބަދަލުވެ 2019 ވަނަ އަހަރުގައި އެމްއައިޓީޑީސީއިން އެންގުމުން ލިންކްސް-އައި އިންކޯޕަރޭޓަޑްއިން އެ މެޝިންތައް އެމްއައިޓީޑީސީއާ ހަވާލުކޮށްފައިވެ އެވެ. އޭގެ ކުރިން އެއްވެސް އިރެއްގައި އެ މެޝިންތައް ހޯދުމަށް ނުވަތަ މެޝިންތަކަށް ހަރަދުކުރި ފައިސާ އަނބުރާ ހޯދުމަށް އެމްއައިޓީޑީސީއިން މަސައްކަތް ކޮށްފައި ނެތް އިރު، ލިންކްސް-އައި އިންކޯޕަރޭޓަޑްއިން ވެސް އެ މެޝިންތައް ހަވާލުކުރުމަށް މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި، އެއް އަހަރާއި ފަސް މަސްވަންދެން އެ މެޝިންތައް ހުރީ ލިންކްސް-އައި އިންކޯޕަރޭޓަޑްގެ ބެލުމުގެ ދަށުގައިކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އޭސީސީން ބުނި ގޮތުގައި މެޝިންތަކަށް ފައިސާ ދައްކާފައިވަނީ ފައިސާ ހަރަދުކުރުމުގައި ހުންނަން ޖެހޭނެ ކަމަށް އެމްއައިޓީޑީސީގެ ޕްރޮކިއުމަންޓް ޕޮލިސީގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ފުރިހަމަ ނުކޮށެވެ. އެގޮތުން، މެނޭޖްމަންޓްގެ ނިންމުމެއް، ޕާޗޭސް ރިކުއެސްޓެއް، ކޯޓޭޝަނެއް، ޕާޗޭސް އޯޑަރެއް، އިންވޮއިސްއެއް ނެތީސް މެޝިންތައް ގެންނަންވެގެން އެޑްވާންސްކޮށް ފުލް ޕޭމަންޓް ހަދާފައިވާކަން އެނގެން އޮތް ކަމަށް އޭސީސީން ބުންޏެވެ.

އެ ފައިސާ ހަރަދުކުރުމަށް ހުއްދަދީފައި ވަނީ އެމްއައިޓީޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ޝާހިދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ޝަކީބާ ހުސައިންކަން ތަހުގީގަށް ހޯދާފައިވާ ލިޔެކިޔުންތަކުންނާއި ތަހުގީގަށް ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން އެނގޭ ކަމަށް އޭސީސީން ބުންޏެވެ.

އެހެންކަމުން، ޝާހިދާއި ޝަކީބާ އެފަދައިން އަމަލުކޮށްފައިވަނީ އެ ދެ މީހުންގެ މަގާމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ލިންކްސް-އައި އިންކޯޕަރޭޓަޑްއަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައިކަން ހެކިތަކުން އެނގޭ ކަމަށް އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވީ ރަސްމީ ހައިސިއްޔަތުން އެފަރާތްތަކުގެ ވާޖިބު އަދާކުރުމުގައި، އެފަރާތްތަކަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެ ދެ މީހުންގެ މައްޗަށް އުފުލައިދޭށެވެ.