Advertisement

"ކެތްތެރީންނާ އެކު ﷲ ވޮޑިގަންނަވާނެ އަދި ލޯބިވެވޮޑިގެންވާނެ"


"ކެތްތެރީންނާ އެކު ﷲ ވޮޑިގަންނަވާނެ އަދި ލޯބިވެވޮޑިގެންވާނެ"

ކެތްތެރިކަމާއި ކެތްތެރިވުމަކީ ކޮބައިކަން އެންމެންނަށް ވެސް އެނގެ އެވެ. ކެތްތެރިކަމަކީ ވަކި ކަމެއްގައި އޮންނަންޖެހޭ ކަމެއް ނޫނެވެ. ކޮންމެ ކަމެއްގައި ކެތްތެރިވާންޖެހެ އެވެ. ބުނާ ބަހުގަ އެވެ. ކުރާ އަމަލުގަ އެވެ. ދިމާވާ ކަމަކާ ގުޅިގެން ރައްދުގައި ކަމެއް ކުރުމުގެ ވަގުތުގަ އެވެ. މުސްތަގުބަލު ރާވައި ހިންގުމުގަ އެވެ. މިއިން ކޮންމެ ކަމަކަށް ކެތްތެރިވުން ބޭނުންވެ އެވެ.

އުނދަގޫ ކަމަކީ، އެކަން ކުރުމެވެ. އެ ހަގީގަތް ބަޤަރާ ސޫރަތުގެ 45 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވެ އެވެ. ކެތްތެރިކަމާއި ނަމާދުން ވާގި ހޯދުމަށް މާތް ﷲ އަމުރުކުރެއްވުމަށްފަހު އެއާޔަތުގައި ބަޔާންކުރައްވާފައިވަނީ، އެއީ މާތް ﷲ އާ ބައްދަލުވާނެކަން ޔަގީންކުރާ މީހުންނަށް ނޫނީ ކުރެވޭ ވަރަށް ވުރެ އުނދަގޫ ބޮޑުކަމެއް ކަމަށެވެ.

އެކަލާނގެ އަންގަވަނީ އީމާންވާނަމަ ކެތްތެރިކަމާއި ނަމާދުން ވާގި ހޯދުމަށެވެ. އެކަލާނގެ އެމީހަކާ އެކުގައި އެމީހެއްގެ ބަޔަށް އޭރަށް ވޮޑިގަންނަވާނެކަމަށެވެ. ކެތްތެރީންނާ އެކު ﷲ ވޮޑިގަންނަވާނެކަން ބަޤަރާ ސޫރަތުގެ 149 ވަނަ އާޔަތުގައި ވެސް އަންގަވަ އެވެ. އަދި އެވަރުން ނިމުނީކީ ނޫނެވެ. އާލް ޢިމްރާން ސޫރަތުގެ 146 ވަނަ އާޔަތުގައި އަންގަވަނީ ކެތްތެރީންދެކެ މާތް ﷲ ލޯބިވެވޮޑިގެންވާކަމުގަ އެވެ.

މާތް ﷲ އެބަ ސުވާލެއް ކުރައްވަ އެވެ.

"ތިޔަބައިމީހުންގެ ތެރެއިން ޖިހާދުކުޅަމީހުން ﷲ ދެނެވޮޑިގެންވެ، އެކަން ހާމަނުވަނީސް އަދި، ކެތްތެރިން ވެސް ދެނެވޮޑިގެންވެ، އެކަން ހާމަނުވަނީސް ތިޔަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟" -އާލް ޢިމްރާން 142-

ބިރުވެރިކަމާއި ބަނޑުހައިހޫނުކަމާއި މުދާ މަދުކުރެއްވުމާއި ފުރާނަ ގެންދަވުމާއި ރިޒުގު މަދުކުރެއްވުން ފަދަ ބަލާތަކުގެ ޒަރީއާއިން އިންސާނުން އިމްތިހާނުކުރައްވާނެކަމަށް މާތް ﷲ ބަޤަރާ ސޫރަތުގައި އަންގަވާފައިވެ އެވެ. އަދި އެކަންކަމުގެ ދަނޑިވަޅުގައި ކެތްތެރިވާ މީހުން އުފާކުރުމަށް އެކަލާނގެ އަންގަވަ އެވެ. މުސީބާތުގެ ވަގުތުގައި "ތިމަންމަންނަކީ ﷲ އަށްޓަކައި ތިބި ބަޔެއްކަމަށާއި ތިމަންމެން އެނބުރިދާން އޮތީ ވެސް އެކަލާނގެ ހަޒުރަތަށްކަމަށް" ބުނާ މީހުންނަކީ ކެތްތެރީންގެ ގޮތުގައި އެކަލާނގެ ސިފަކުރައްވަ އެވެ.

އެގޮތަށް ގުރުއާނުގައި އައިސްފައި އޮތުމުން ކެތްތެރިކަމަށް ނަފުސު ހޭނުވުމަށްޓަކައި ކުރަންޖެހޭ ވަރަށް މުހިންމުކަމެއްގެ އިރުޝާދު ލިބިގެންދެ އެވެ. އެއީ މުސީބާތެއް ޖެހުމުން، "އަހަރެމެންނަކީ ﷲ އަށްޓަކައި ތިބި ބަޔެއްކަމަށާއި އަހަރެމެން އެނބުރިދާން އޮތީ ވެސް އެކަލާނގެ ހަޒުރަތަށްކަމަށް" އަޑުހަރުކޮށް ކިޔުމެވެ. މިގޮތަށް ކިޔަންވާނީ އެމީހެއްގެ މާދަރީ ބަހުންނެވެ. ދިވެހި ބަހަށްވުރެ އިނގިރޭސި ބަހަށް ފަރިތަނަމަ އިނގިރޭސި ބަހުންނެވެ. ސިކުނޑިއަށް ކަމެއް ދަސްކޮށްދީގެން ނަފުސު ކަމަކަށް ހޭނުވޭނީ މިގޮތުގެ މަތީންނެވެ. އެއާޔަތުގައި އެމީހުންނަކީ ﷲ ގެ ހަޒުރަތަށް އެނބުރިދާންތިބި ބަޔެއްކަން ޔަގީންކުރާ މީހުންނޭ އޮތުމުގެ ބަދަލުގައި އެގޮތަށް އަނގަ ބަހުން ބުނާ މީހުންކަމަށް ބަޔާންކުރައްވާފައި އެވަނީ ކެތްތެރިކަމުގެ މި ބުނެވުނު ފިލާވަޅު ދަސްކޮށްދެއްވުމަށެވެ.

އަނޫޝަރުވާނު ބުނެ އެވެ. ދުނިޔޭގައި ޖެހޭ ބަލާތައް ހުންނާނީ ދެ ވައްތަރަކަށެވެ. އެއް ވައްތަރަކީ އެއިން ސަލާމަތްވާނެ ގޮތެއް ހުންނަ ކަންކަމެވެ. އެފަދަ ކަންކަމުގެ ބޭހަކީ އެޖެހުނު ކަމެއް އެނޫންގޮތަށް ބަދަލުކޮށްލުމެވެ. ދެވަނަ ވައްތަރަކީ އެއިން ސަލާމަތްވާނެ ގޮތެއް ނުހުންނަ ކަންކަމެވެ. އެފަދަ ކަންކަމުގެ ބޭހަކީ ކެތްތެރިކަމެވެ. ހަކީމުން ބުނެފައިވެ އެވެ. އެ ބަލާއެއް ފިލުވާލާނެ ގޮތެއް ނެތް ކޮންމެ ބަލާއެއް ފިލުވާލެވޭނީ ކެތްތެރިކަމުންނެވެ.

އިލްމުވެރިން ވިދާޅުވެ އެވެ. މުސީބަތެއްގައި ކެތްތެރިވީކަމަށްވާނީ މުސީބަތުގެ ފުރަތަމަ ވަގުތުގައި އެކަންކުރީމަ އެވެ. މުސީބަތަކަށް ކެތްތެރިވުމަކީ އީމާންކަމެވެ. ކައިބޮއިއުޅުމުގައި ކެތްތެރިވުމަކީ ލިބޭ މިންވަރަށް ރުހުމެވެ. ސިއްރު ހިފެހެއްޓުމުގައި ކެތްތެރިވުމަކީ ސިއްރަށް އަމާނާތްތެރިވުމެވެ. ރަށްޓެހި ރަހުމަތްތެރިކަމަށްޓަކައި ކެތްތެރިވާނަމަ އެއީ ވަފާތެރިކަމެވެ. މިއަދާ އެކު މާދަމައެއް ވެއެވެ. ކުޑައިކޮށް ކެތްތެރިވެލާށެވެ! އުނދަގުލުގެ ފަހަތުގައި ލުއިކަންވެ އެވެ. އަދި ކޮންމެ ކަމަކަށް ވަގުތަކާއި ތަދުބީރެއްވެ އެވެ. މާދަމާ ވަނީ އިންތިޒާރުކުރާ މީހާއާ ދާދި ގާތުގަ އެވެ. ދުވަސްތައް އޭގެ ހާލައިގެން ކުރާނެ ކަމެއް ކުރުމަށް ދޫކޮށްލާށެވެ. މާތް ﷲ ގެ މިންވަރުފުޅުގެ މައްޗަށް ހިތްރަނގަޅުކޮށްގެން ހުންނާށެވެ.

ނަޙްލު ސޫރަތުގެ 96 ވަނަ އާޔަތުގައި މާތް ﷲ އެބަ ވައުދުވެވޮޑިގަންނަވަ އެވެ.

"ތިޔަބައި މީހުންގެ ގާތުގައިވާ އެއްޗެއް ހުސްވެގެން ހިނގައިދާނެ އެވެ. އެކަމަކު ﷲ ގެ ހަޒުރަތުގައިވާ އެއްޗެއް ހުސްވުމެއް ނެތި ދެމިހުންނާނެ އެވެ. އަދި ހަމަކަށަވަރުން، ކެތްތެރިވީ މީހުންނަށް، އެއުރެން އަމަލުކޮށްއުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ."

"ސުވަރުގޭގެ މަލާއިކަތުން ވިދާޅުވާނެ އެވެ. ތިޔަބައިމީހުން ކެތްތެރިވިކަމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް ސަލާމެވެ. ފަހެ، އާހިރަތުގެ އުފާވެރި ގޮވަތީގެ މޮޅުކަމާ އެވެ." - އައްރަޢުދު 24 -

"އެމީހުން ކެތްތެރިވިކަމަށްޓަކައި، މިއަދު ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެމީހުންނަށް (ހެޔޮ) ޖަޒާދެއްވީމެވެ. ހަމަކަށަވަރުން، އެމީހުންނަކީ ހަމަ ނަސީބުވެރިންނެވެ." - އަލްމުއުމިނޫން 111 -

"އެމީހުންނަކީ، ކެތްތެރިވިކަމަށްޓަކައި، އެމީހުންނަށް ދެފަހަރަށް ދަރުމަ ދެއްވާނޭ މީހުންނެވެ. އަދި އެމީހުން ހެއުކަންތައް މެދުވެރިކޮށް ނުބައިކަންތައް ދުރުކުރެ އެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވި ތަކެތިން އެމީހުން ހޭދަކުރެ އެވެ." - އަލްޤަޞަޞް 54 -