Advertisement

އޭސެޕް ރޮކީގެ "ހަޔާތުގެ ލޯތްބަކީ" ރިއާނާ

އޭސެޕް ރޮކީ އަދި ރިއާނާ.


އޭސެޕް ރޮކީގެ "ހަޔާތުގެ ލޯތްބަކީ" ރިއާނާ

އެމެރިކާގެ ރެޕް އާޓިސްޓް އޭސެޕް ރޮކީ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާއާ ކަމަށް އޭނާ އިއުލާނުކޮށްފި އެވެ.

ޖީކިއުއަށް ދިން އިންޓަވިއުއެއްގައި އޭސެޕް ރޮކީ، ރިއާނާ ސިފަކުރީ އޭނާގެ "ހަޔާތުގެ ލޯބީ"ގެ ގޮތުގަ އެވެ. އެ ދެ އާޓިސްޓުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފުރަތަމަ ފެތުރުނީ 2013 ގަ އެވެ.

އޭރު ރިއާނާ ކުރިއަށް ގެންދިޔާ "ޑަޔަމަންޑްސް" ވޯލްޑް ޓުއާއަށް އޭސެޕް ރޮކީ ދިޔެއީ އެއްބާރުލުން ދެމުންނެވެ. ނަމަވެސް މީގެ ކުރިން އެ މީހުންގެ ގުޅުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

"އޭނާއަކީ އެތައް މިލިއަން މީހުންނަށް ވުރެ މާ އަގުހުރި މީހެއް. އަހަންނަށް ހީވަނީ، މިއީ ލޯބިކަން އެނގެންވީމާ ހަމަ އެނގޭނެހެން،" ރިއާނާއާ ގުޅޭ ގޮތުން އޭސެޕް ރޮކީ ބުންޏެވެ.

އޭސެޕް ރޮކީ 2013 ވަނަ އަހަރު ނެރުނު މިއުޒިކް ވީޑިއޯ "ފެޝަން ކިލާ" ގައި ރިއާނާ އޭނާއާ އެކު ފެނިގެން ގޮސްފައި ވެއެވެ.

ރިއާނާ އާއި އޭސެޕް ރޮކީ ގިނަ ވަގުތުތަކެއް އެކުގައި ހޭދަކުރި ނަމަވެސް، އެ މީހުން އުޅެނީ ޕަޕަރާޒީންނަށް ފިލައިގެން ކަމަށް ޖީކިއު މެގެޒިންގައި ވެ އެވެ.

އެ މެގެޒިންއަށް ދިން އިންޓަވިއުގައި އޭސެޕް ރޮކީ ބުނީ އޭނާގެ ކުރިއަށް އޮތް އަލްބަމް ވަރަށް ތަފާތު ވާނެ ކަމަށާއި ރިއާނާގެ ސަބަބުން މިއުޒިކަށް ކޮށްފައިވާ އަސަރު ފެނިގެންދާނެ ކަމަށެވެ.

ރިއާނާ އަދި އޭސެޕް ރޮކީ.-- ފޮޓޯ: ގެޓީ އިމޭޖަޒް


އޭސެޕް ރޮކީގެ އަސްލު ނަމަކީ ރާކިމް މަޔޭޒް އެވެ. ސްޓޮކްހޯމްގައި 2019 ވަނަ އަހަރު އޮތް ސްމޭޝް ފެސްޓިވަލަށް ގޮސް އެތަނުގައި ހިނގި ތަޅާފޮޅުމެއްގައި އޭނާ ބައިވެރިވި ކަމަށް ސާބިތުވެ، ދެ އަހަރުގެ ސަސްޕެންޑެޑް ހުކުމެއް އައެވެ.

އެ މައްސަލައަށް ބޮޑު ސަމާލުކަމެއް ލިބުނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭސެޕް ރޮކީގެ ދިފާއުގައި ވާހަކަ ދެއްކެވުމުންނެވެ. ޓްރަމްޕް ވިދާޅުވީ އޭސެޕް ރޮކީއާ މެދު ނާއިންސާފުން އަމަލުކުރި ކަމަށެވެ.

އޭނާ ދެ ހަފްތާ ޖަލުގައި ހޭދަކުރަން ޖެހުމުން ޓްރަމްޕް ވަނީ އެކަމަށް ފާޑުވިދާޅުވެ، ވަގުތުން މިނިވަން ކުރުމަށް ސްވިޑަން އަށް ގޮވާލައްވާފަ އެވެ. އެ މައްސަލާގައި އޭސެޕް ރޮކީ ހައްޔަރު ކުރިތާ ހަ ހަފްތާ ފަހުން ކުށް ސާބިތުވި އެވެ. ނަމަވެސް ސްވިޑަންއިން އޭރު ވަނީ އޭނާ އެމެރިކާއަށް ފޮނުވާލާފަ އެވެ.