Advertisement

ވާދޫ އިން މި ކިޔައިދެނީ ތަދާއި އުއްމީދުގެ ވާހަކަތަކެއް!


ވާދޫ އިން މި ކިޔައިދެނީ ތަދާއި އުއްމީދުގެ ވާހަކަތަކެއް!

ތޯރިފް މުހައްމަދު، 27، އަކީ މުޅި ގދ، ވާދޫ ދަންނަ ޒުވާނެކެވެ. ރަށުގެ ގުދުރަތީ ރީތި ކަމާއި ތަނަވަސްކަމުގެ ވާހަކަ ކޮންމެ ތަނެއްގައި ކޮންމެ ގޮތަކަށް ދައްކަން ޖެހުނަސް އޭނާ ހުންނަނީ ތައްޔާރަށެވެ. އެ ރަށަކީ އޭނާގެ ފަހުރެވެ. އޭނާގެ އެންމެ ބޮޑު އުންމީދެވެ.

"ވާދޫ ހުއްޓިފައި އޮންނަ ތަން ފެންނަ ކޮންމެ ފަހަރަކު ދެރަވޭ. ވާދޫ އަކީ ފުދިގެން އުޅުނު އަތްމަތި ތަނަވަސް ރައްޔިތެއް އޮތް ތާރީހު މުއްސަނދި ފަސްގަނޑެއް. ކުއްލިއަކަށް އައި ބަދަލު ބުނެދޭކަށް ނޭނގެ. އެކަމަކު ބައިވަރު މީހުން ރަށް ދޫކޮށް އެކި ދިމާތަކަށް ބަދަލުވެ މުޅި ރަށް މިހާރު އޮތީ ހުސްކޮށް،" ތޯރިފް ބުންޏެވެ.

ތޯރިފް


އަމިއްލަ ޓްރެވަލް އޭޖެންސީއެއް ހިނގާ ތޯރިފްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ވަސީލަތްތައް ލިބިފައި، އޭގެ އެއްވެސް ބޭނުމެއް ނުކުރެވި ވާދޫ ތަރައްގީ އާއި މާދުރުގައި އެކަހެރިވެ، ބިކަވެފައި އޮންނަ އޮތުމެވެ. ރަށް ހަނަފަސް ވެފައި އޮތުމުން ކުޑަކުދިންނާއި ޒުވާނުންނަށް ފުރުސަތުތަކެއް ފަހިވެފައި ނެތުމެވެ. އޭނާ ފަދައިން ޓޫރިޒަމަށް ލޯބިކުރާ ޒުވާނުންނަށް އިންވެސްޓުކުރެވޭނެ މާހައުލެއް ވާދޫގައި ނެތުމެވެ. ޗުއްޓީ ހޭދަކޮށްލަން ރަށަށް އަންނަ މީހުން މަދުވުމެވެ. އެހެންވެ، އެކަން ބަދަލުކުރުމަށް ރައްޓެހިން ތަކަކާއެކު، "ހުވަދޫ އެސޯސިއޭޝަން ފޮ ޓޫރިޒަމް" (ހެޓް) ނަމުގައި އަމިއްލަ ޖަމިއްޔާއެއް އުފައްދައިގެން ރަށަށް ކޮންމެވެސް ވަރެއްގެ ތަރައްގީ އެއް ގެނެވޭތޯ އޭނާ މަސައްކަތްކުރެ އެވެ.


"ވާދޫ އަކީ ރާއްޖެ ކަހަލަ ފަތުރުވެރި ގައުމަކަށް ރަންގަނޑެއް. އެންމެ ކުޑައިރުއްސުރެ އެކަން ވިސްނޭ. ވާދޫ އަކީ ހުވަދު އަތޮޅުގައި އޮތް އެންމެ ބިން ބޮޑު ރަށް. ދަނޑުވެރިކަމުގެ މުސްތަގުބަލު އޮތް ރަށެއް. ވާދޫގަ އެބަ އޮތް ބަލައި ފޫހި ނުވާނެހާ ރީތި މޫދެއް. ރަށާ ނުހަނު ކައިރީގައި އެބަ އޮތް ތިރީހަކަށް ޑައިވް ސްޕޮޓް. ރާއްޖޭގެ އެންމެ ރީތި އަމިއްލަ ސާފް ޕޮއިންޓެއް އެބަ އޮތް. ސަގާފީ ތަރިކަ އެބަހުރި. އެހެންވީމަ މުޅި ރާއްޖޭގެ ޓޫރިޒަމްގެ ހުރިހާ އެލެމެންޓެއް ހަމަވާ ރަށެއް ވާދޫ އަކީ،" ތޯރިފް ބުންޏެވެ.

ވާދޫ ހުކުރު މިސްކިތާއި ޝައިހް މުހައްމަދު ޖަމާލުއްދީން ޒިޔާރަތް: އެރަށުގެ ތާރީހީ ހުކުރު މިސްކިތަކީ ބުނެވޭގޮތުގައި އަބުލް ބަރަކާތުލް ބަރްބަރީ ބިނާކުރެއްވި މިސްކިތެއް


އައްޝައިހް މުހައްމަދު ޖަމާލުއްދީން ފަސްދާނުލެވިފައިވާ މަހާނަކޮޅު: މި ޒިޔާރަތަކީ ވާދޫގެ އެންމެ މުހިއްމު ތާރީހީ ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެއް


ވާދޫގައި ހުންނަ "ވިހާގާ" ކިޔާ ގަލެއް: މިއީ އެންމެ އިހުގެ ވާދޫ ކާބަފައިންގެ އާދަ ކާދަ ރަމްޒުކޮށްދޭ ގަލެއް


މިހާ ގުދުރަތީ ވަސީލަތް ފުރިހަމަ ރަށެއް ސަރުކާރުން އަޅައިލާތޯ ބަލަން މަޑުޖެހި މާޔޫސްވެފައި އިތުރަށް އޮންނަންޖެހޭ ސަބަބެއް އޭނާ އަށް ނުވިސްނެ އެވެ. ސަރުކާރަށް މުޅިން ބަރޯސާ ނުވިޔަސް، ރައްޔިތުން އެއްބައިވެގެން، ލާމަރުކަޒީ ނިޒާމުން ލިބޭ ބާރުތަކާއި އެންޖީއޯ ތަކުގެ އެހީތެރިކަމާއެކު އެކަތިގަނޑަކަށް ވެގެން ފުދުންތެރި ރަށަކަށް އަދިވެސް ވާދޫ ހެދޭނެ ކަމުގެ ޔަގީންކަން އޭނާއަށް އެބަ އޮތެވެ. މަސްތުވާ ތަކެއްޗާއި ދުރު، ހަރުދަނާ ޒުވާން ޖީލެއް ވާދޫ އިން ނެރެވިދާނެ ކަމުގެ އުންމީދަށް ކުޑަ ވެސް ޝައްކެއް އޭނާ ނުކުރެ އެވެ.

ވާދޫ ކައިރީ އޮންނަ ސޭންޑްބޭންކެއް.


ވާދޫ މަގެއްގެ މަތި


"ވާދޫގައި އުއްމީދު އެބަ އޮތް. ރަށުގައި ރާޅާ އަޅައި އުޅޭ ކޮމިއުނިޓީގައި ހަތް އަހަރުގެ ހުނަރުވެރި ކުދިން ވެސް އެބަ ތިބި. މިދިޔަ ދިހަ ބާރަ އަހަރު ތެރޭގައި ވާދޫގައި ނެތް ކުޑަކުދިން ކުޅެލަން ދާނެ ޕާކެއް ހާ މިންވަރު ވެސް. މިހެން މި ކަންކަން ހުރީމަ ރަށުގައި ބޮޑުވާ ކުދިންގެ ބޮޑު ބައެއް މަސްތަށް ގެއްލިގެން ދަނީ،"

މިއީ އޭނާ ފަދަ ރަށް ދެކެ ލޯބިވާ ހުރިހާ ޒުވާނުންގެ ކަންބޮޑުވުމެކެވެ. އޭނާ ބޭނުންވަނީ އެރަށުގެ ޒުވާނުންނަށް އުންމީދުތަކެއް ހޯދައިދީގެން ފަތުރުވެރިކަމުގެ ދާއިރާއިން ފުރުސަތުތަކެއް އެ ރަށަށް ހޯދައިދީގެން ތަން އާބާދުކޮށް، ވާދޫއަށް އަލުން ދިރުމެއް ގެންނާށެވެ.

ދާދި ފަހުން ތޯރިފް އާއި ރަށުގެ ބައެއް ޒުވާނުން ނެގި އިސްނެގުމެއްގެ ދަށުން ވާދޫ ގައި ވަނީ ޔޫތު މިނިސްޓްރީގެ އެހީތެރިކަމާއެކު ކުޑަކުދިންނަށް ރާޅާއެޅުމުގެ ހުނަރު ކުރިއެރުވުމަށް ސްކޭޓް ޕާކެއް ވެސް އަޅާފަ އެވެ. އެ ސްކޭޓް ޕާކަކީ މިހާރު ވާދޫގެ ކުޑަކުދިންގެ "ފޭވަރިޓް" ޕޮއިންޓެވެ.

ޒަޔާން: އޭނާ އަކީ ރާޅާ އެޅުމަށް ކުޅަދާނަ ކުއްޖެއް


ތޭރަ އަހަރުގެ އަހުމަދު ޒަޔާން އަކީ ވާދޫގެ މަޝްހޫރު "ބުލޫ ބޯލް" ރާޅުގަނޑަށް ރާޅަށް ދާ ރަށުގެ އެތައް ކުޑަކުދިންނެއްގެ ތެރެއިން މުސްތަގުބަލަށް ބޮޑެތި ޕްލޭން ތަކެއް ކުރަމުން އަންނަ އުއްމީދީ ކުއްޖެކެވެ. އޭނާ ބޭނުންވަނީ ޒުވާން އުމުރުގައި ދުނިޔޭގެ ފެންވަރުގެ ރާޅާ އެޅުންތެރިއަކަށް ވުމަށެވެ. އުމުރުން ހައެއްކަ އަހަރުން ފެށިގެން ރަށުގެ ބިޔަ ރާޅުގަނޑަށް "ގެނބުނު" ހިތް، އުމުރަށް އެތަނުގައި ބާއްވަން އޭނާ ބޭނުންވެ އެވެ. އެދެނީ، އުންމީދުކުރަނީ އޭނާއަށް އެގޮތަށް އެ ފުރުސަތު ރަށުގައި ފަހިވެގެން ދިއުމެވެ.

"ރަށް ދެކެ ވަރަށް ލޯބިވޭ. ޒަޔާން އުޅެން ބޭނުންވަނީ ރަށުގައި. ވަރަށް ރީތި ރާޅުގަނޑެއް އޮންނާތީ އެއްގޮތަކަށް ވެސް ރަށުން ދާކަށް ބޭނުމެއް ނުވޭ،" ޒަޔާން ބުންޏެވެ.

"ޒަޔާން ބޭނުންވާ ކަމެއް މީހަކު ކޮށްދޭނަމޭ ބުނެފިއްޔާ ބުނާނީ ރާޅުގަނޑު ތަރައްގީކޮށްލަދޭން. އެއީ ޒަޔާން ގެ ޑްރީމަކީ ރާއްޖޭގެ އެންމެ މޮޅު ސާފަރަށް ވުން."

ޒަޔާން ވާދޫގެ މަޝްހޫރު "ބުލޫ ބޯލް" ރާޅު ގަނޑުގައި ސާފްކުރަނީ: އޭނާ އަކީ ރަށުގައި ވެސް ފާހަގަކޮށްލެވޭ ރާޅާއެޅުންތެރިއެއް


ރަށާއި އަތޮޅު ފެންވަރުގައި ބާއްވާ ބޮޑެތި ސާފް މުބާރާތްތަކުގައި މޮޅު ހުނަރު ދައްކަމުން އަންނަ ކުޑަ ކުޑަ ޒަޔާން އާ އެކު ރަށުގެ 10 ވަރަކަށް ކުދިން މިހާރު ވެސް ރާޅަށް ދެ އެވެ. އޭގެ ތެރޭގައި ހަތް އަހަރާއި އަށް އަހަރުގެ ކުދިން ވެސް އުޅެ އެވެ.

ޒަޔާން އާއި ވާދޫގައި ރާޅާ އަޅަން އާންމުކޮށް ދާ ކުޑަކުދިންތަކެއް


ޒަޔާން ބުނީ ރަށުގައި ސްކޭޓް ޕާކެއް އެޅުމުން އެކަމާ ވެސް ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށެވެ. އަންހެން ކުދިންނާއި ފިރިހެން ކުދިން އެ ޕާކު އަދި ނުހުޅުވައި އޮތަސް އެތަނަށް ސްކޭޓް ކުރަން ދާ ކަމަށެވެ. ރީތި ރާޅުގަނޑެއް އޮތަސް، އެތަން ޒަމާނާއި ގުޅޭ ގޮތަށް އުޅެން ފަސޭހަ، ރީތި ތަނެއް ގޮތަށް ތަރައްގީ ނުކޮށް އޮންނާތީ އެކަމާ ވެސް ޒަޔާން ދެރަވެ އެވެ. ވާރޭ ވެހޭ ދުވަސް ދުވަހު މުޅި ރަށުގައި ފެންބޮޑުވެފައި އޮންނާތީ އެއީ ވެސް ޒަޔާން ދެރަވާ ކަމެކެވެ.

އޭނާ ބޭނުންވަނީ އޭނާގެ ރީތި ރަށުގެ ހިތްގައިމުކަމުގައި ތަރައްގީގެ އަސަރު އެކުވެގެން ދިއުމެވެ.

މޯޑު: އޭނާ ވާދޫގައި ދަނޑުވެރިކަން ކުރާތާ 15 އަހަރު. އޭނާގެ ނަޒަރުގައި ވާދޫ އަކީ ދަނޑުވެރިކަމުގެ ޒަރީއާއިން މީހުން ވެސް ރަށަށް ގެނެވޭ ވަރުގެ ޕޮޓެންޝިއަލް ރަށެއް


ވާދޫގައި އެންމެ ފުޅާކޮށް ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން އަންނަ އެރަށު މުހައްމަދު ދީދީ، 34 ނުވަތަ ރަށު މީހުންގެ ނަމުން ނަމަ، "ޗޮކޯ މޯޑު" ގަބޫލުކުރާ ގޮތުގައި އޭނާގެ ރަށަކީ ދަނޑުވެރިންނަށް "މަރެކެވެ". އެ ރަށުގެ ބިމަކީ ރާއްޖޭގައި ހެއްދޭ ހުރިހާ ބާވަތެއް ފަސޭހައިން ހެއްދޭ ކާނާ ރަނގަޅު ފަސްގަނޑެއް ގުދުރަތުން ލިބިފައި އޮތް ރަށެކެވެ. އުނި ވަނީ، ރަށަށް އަޅާ ނުލެވި ދޫކޮށްލެވިފައި އޮތުމުން ރަށް ތަރައްގީ ނުވެ، ރަށުގައި އުފައްދާ ތަކެތި މާކެޓު ކުރާނެ ފުރުސަތުތަކާއި ދަނޑު ހައްދަން ބޭނުންކުރާ ތަކެތި ލިބުމަށް ފަހި ފުރުސަތުތަކެކެވެ.

އެކަންކަން މުޅިން ހައްލުވުމުން އެރަށުގެ ދަނޑުވެރި އާބާދީ އާރުލައިގަންނާނެ އެވެ. އެއީ އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހެވެ. އެންމެ ބޮޑު އުންމީދެކެވެ.

ވާދޫ ދަނޑު މަތީ މަގަކުން ދަނޑުވެރިއަކު ބައިސްކަލު ދުއްވާފައި ދަނީ: އެ ރަށަކީ ގިނަ އަދަދަކަށް ދަނޑު ހައްދާ މީހުންގެ އާބާދީއެއް އޮތް ރަށެއް



"އަޅުގަނޑަކީ ރަށަށް ހިތް ޖެހުނު ބޮޑުކަމުންނާއި މައިންބަފައިންގެ ފަރާތުން ބިމެއް ވެސް ލިބިފައި އޮތީމަ، ކުޑަ އިރުއްސުރެ ދަނޑުވެރިއަކަށް ވާން ބޭނުންވި މީހެއް. މި ރަށަކީ ކުޑައިރުއްސުރެ ދަނޑުވެރިއަކަށް ވުމުގެ ހުވަފެން ދެކެން ވެސް ރަނގަޅު ރަށެއް،" މޯޑު ބުންޏެވެ.

މިދިޔަ 15 އަހަރު މޯޑު، އޭނާގެ ދަނޑުގައި މައިގަނޑުކޮށް ހައްދަނީ މިރުހެވެ. އިތުރަށް ކިއުކަމްބާ އާއި ބަށި ފަދަ ބާވަތްތައް ވެސް ހައްދަ އެވެ. އޭނާ ހައްދާ ތަކެތީގެ ބޮޑު ބައެއް ރިސޯޓު ތަކަށް ގެންދެ އެވެ. އަނެއް ބައި ރަށަށް އަންނަ ބޯޓު ފަހަރު ތަކުގައި އައްޑޫ އާއި ފުވައްމުލަކަށް ފޮނުވާލަ އެވެ.

ވާދޫގެ ދަނޑެއް



މޯޑު ދެކޭ ގޮތުގައި ވާދޫ އަކީ ގުދުރަތީ ރީތި ކަމާއި އެއްވަރަށް ދަނޑުވެރިކަމުގެ މަސައްކަތް ވެސް ރަށަށް އަންނަ މެހެމާނުންނަށް ދައްކާލެވޭނެ ރަށެކެވެ. އެކަމަކު މިހާ ދުވަސް ވީ އިރު ތަރައްގީގެ ރޮނގުން ރާއްޖޭގެ ގިނަ ރަށްތަކަށް ވުރެ މާ ފަހަތުގައި އެ ރަށް އޮތުމަކީ އޭނާ ދެރަވާ ކަމެކެވެ.

"ވާދޫ އަކީ ދަނޑުވެރި ރަށެއް. ވާދޫގައި މުއްސަނދި ބިމެއް އެބަ އޮތް. ވަސީލަތްތައް ހޯދައިގެން އެކަން ކުރަންވީ. އެ ފުރުސަތު ވެސް އެބަ އޮތް. އެކަމަކު މިހާތަނަށް ރަށަށް އަޅާނުލެވި ދޫކޮށްލެވިފައި އޮތުމުން ޒުވާނުންގެ ބޮޑު ޖީލެއް ގެއްލިގެން ހިނގައްޖެ. އެހެންވީމަ ރަށް މިހާރަށްވުރެ ތަންކޮޅަކަށް ނަމަވެސް ތަރައްގީ ވެއްޖެ ނަމަ ވާދޫ ދިރިގަންނާނެ،" މޯޑު ބުންޏެވެ.

ވާދޫ އަކީ ދަނޑުވެރިން ގިނަ ރަށެކެވެ. އެރަށުގެ 99 ޕަސެންޓް ގޭބިސީތަކުގައި އަމިއްލަ ދަނޑެއް އޮވެ އެވެ.

2014 ވަނަ އަހަރު ޔޫއެންޑީޕީ އިން އެކުލަވާލި "މޯލްޑިވްސް ހިއުމަން ޑިވޮލޮޕްމަންޓް ރިޕޯޓް" ގައި ވާ ގޮތުން ހުވަދު އަތޮޅަކީ އާމްދަނީ ލިބުމާއި ތައުލީމު އުނގަންނައިދިނުމުގައި ރާއްޖޭގެ އެހެން ހިސާބުތަކާ އަޅާބަލާއިރު ފަހަތުގައި އޮތް ސަރަހައްދެކެވެ. އަދި ގދ. ވާދޫ އަކީ މުޅި ހުވަދު އޮތޮޅަށް ބަލާއިރު ވެސް އިންސާނީ ތަރައްގީ އާއި އުމްރާނީ ތަރައްގީގެ ގޮތުން ބަލާއިރު އެހެން ރަށްރަށަށް ވުރެ ފަހަތުގައި އޮތް ރަށެކެވެ.

ވާދޫގެ ބީޗެއްގައި ހުރި އުނދޯއްޔެއް ގައި ދެ ކުޑަކުދިން އުނދޯލި ހެއްލަނީ: މި ރަށަކީ ގުދުރަތީ ރީތި ސިފަތަކެއް ލިބިފައިވާ ރަށެއް


ވާދޫ ފަދަ ހިތްގައިމު ރީތި، ގުދުރަތީ އެތައް ފުރުސަތުތަކެއް ލިބިފައިވާ ގިނަ ރަށްތަކެއް ރާއްޖޭގައި އެބަ ހުއްޓެވެ. މިތަންތަން ރީތިކޮށް، ތިމާވެއްޓާއި ރާއްޖޭގެ ހިތްގައިމުކަމާ އެއްގޮތަށް ތަރައްގީކުރެވިއްޖެ ނަމަ ރާއްޖެއަކީ ހުރިހާ ގޮތަކުން ދުނިޔޭގެ އެންމެ ހިތްގައިމު މަންޒިލަށް ބަދަލުކޮށްލެވިދާނެ އެވެ.

އެހެންވީމަ، ވާދޫގެ އެންމެން އެއްބަސްވާ އެއް ކަމެއް އެބަ އޮތެވެ. އެ ރަށުގައި އުންމީދު އެބަ އޮތެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ.