Advertisement

ރައްޔިތުން އެދުނު ގޮތަށް ބާރުތައް ދޫކޮށްފިން، ކައުންސިލަރުން ނަތީޖާ ނެރެދެއްވާ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އެމަނިކުފާނު ކައުންސިލަރުންގެ ކިބައިން އެދިވަޑައިގަތީ ލާމަރުކަޒީ ނިޒާމުގެ މަންފާ ރައްޔިތުންނަށް ހޯދައި ދިނުމަށް-- ފޮޓޯ: ރައީސް އޮފީސް


ރައްޔިތުން އެދުނު ގޮތަށް ބާރުތައް ދޫކޮށްފިން، ކައުންސިލަރުން ނަތީޖާ ނެރެދެއްވާ: ރައީސް

ރައްޔިތުން ބޭނުންވާ ގޮތަށް ކައުންސިލްތައް ހިންގަން، ގާނޫނަށް އިސްލާހު ގެނެސް ބާރުތައް ފުޅާދާއިރާއެއްގައި ދޫކޮށް، މިނިވަންކަމާ އެކު ކައުންސިލްތައް ހިންގޭނެ މަގުފަހިކޮށްދީފައިވާ ކަމަށާއި މި ބަދަލުން ރައްޔިތުންގެ މަންފާއަށް އާ ކައުންސިލަރުން ނަތީޖާ ނެރެދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އެދިވަޑައިގެންފި އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ކައުންސިލްތަކުގެ ދައުރު ދަންމައި ބޮޑެތި ބާރުތަކެއް ދިނުމަށް ފަހު ބޭއްވި އިންތިހާބުގައި ކައުންސިލްތަކަށް ރައްޔިތުން ހޮވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން މިއަދު ހުވާކުރައްވައި މަގާމާ ވަނީ ހަވާލުވެވަޑައިގެންފަ އެވެ.

ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމުގައި މިއަދު ކުރިމަތިލީ ތާރީހީ ބަދަލާ ގުޅިގެން ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުން ކުރިއަށް ވުރެން ބޮޑަށް މިހާރު ކައުންސިލްތައް ހިންގުމުގައި އޮންނާނެ ކަމަށެވެ. މި ބަދަލު ތަންފީޒުކުރަން މިއަދު ފެށުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވި އެވެ.

ރަށާއި އަތޮޅު އަދި ސިޓީ ކައުންސިލްތަކަށް އިންތިހާބުވީ ކައުންސިލަރުންގެ ފަރާތުން ރައީސް އެދިވަޑައިގަތީ ބާރުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި ރައްޔިތުންގެ ލާބަ އާއި މަންފާއަށް ހިދުމަތް ކޮށްދެއްވުމަށެވެ.

"ތިޔަ ބޭފުޅުން މިއަދު ކައުންސިލް އިދާރާތައް ހިންގެވުމާ ތިޔަ ހަވާލުވެވަޑައިގަންނަވަނީ، ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ހައިސިއްޔަތަކުން ނޫން. ތިޔަ ބޭފުޅުންގެ ކޮނޑުފުޅުގައި މިއަދު އެޅިގެންދާ ގައުމީ ވާޖިބާއި ޒިންމާ އެއަށް ވުރެ މާބޮޑު،" ރައީސް ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުންގެ އެންމެ ބޮޑު ޒިންމާއަކީ، ތިޔަބޭފުޅުންނާ ހަވާލުކުރެވޭ، ރައްޔިތުންގެ އަމާނާތަށް ފުރިހަމައަށް ރައްކާތެރިވެ، ތިޔަ ބޭފުޅުންގެ ރަށާއި އަތޮޅާއި ސިޓީ ތަރައްގީ ކޮށްދެއްވުން."

އާ ކައުންސިލްތައް ހިނގައިގަތުން ރައީސް ސިފަ ކުރެއްވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީހުގައި، ރަން އަކުރުން ފެވިގެންދާނެ ދުވަހެއްގެ ގޮތުގަ އެވެ. ސަބަބެއް ކަމަށް ވިދާޅުވީ މިއަދަކީ ހަގީގީ ލާމަރުކަޒީ ނިޒާމުން، އަތޮޅުތަކާއި ސިޓީތަކާއި ރަށްތައް، ހިންގަން ފެށުނު ދުވަހަށް ވުމެވެ. އަދި މިއަދަކީ، ފުރަތަމަ ފަހަރަށް ރައްޔިތުންގެ އާންމު ވޯޓަކުން އިންތިހާބުކުރި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް މަސައްކަތް ކުރަން ފެށި ދުވަސްކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"ހަމައެހެންމެ [މިއަދަކީ] ފުރަތަމަ ފަހަރަށް ރައްޔިތުންގެ އާންމު ވޯޓަކުން އިންތިހާބުކުރި، ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، ސިޓީތަކުގެ މޭޔަރުން، އެ ބޭފުޅުންގެ މަގާމުގެ ޒިންމާތަކާ ހަވާލުވެވަޑައިގެންނެވި ދުވަސް،" ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އާ ބާރުތަކާ އެކު ކައުންސިލަރުން އިންތިހާބުކުރަން ބޭއްވި ވޯޓުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ/ އަދަދު


ރައީސް ވިދާޅުވީ އެ ހުރިހާ ކަމަކުންވެސް ދޭހަވަނީ، ލާމަރުކަޒީ ނިޒާމު ހިންގާނެ މީހުން ކަނޑައެޅުމުގައި، ރައްޔިތުންގެ ބައިވެރިވުން ހިމެނިފައި އޮތް މިންވަރު ކަމަށެވެ. އެހެންކަމުން މިއަދު ހިންގަން ފަށާ ކައުންސިލްތަކުން، އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ، ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް، ސިޓީތަކާއި ރަށްތައް ތަރައްގީކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ ކުރިން އިންތިހާބުކުރި ކައުންސިލްތަކާއި، މިފަހަރު އިންތިހާބުކުރި ކައުންސިލްތަކުގެ އެންމެ ބޮޑު އަނެއް ތަފާތަކީ ކައުންސިލަރުންގެ ގޮތުގައި އިންތިހާބުކުރި މީހުންގެ، ތިން ބައިކުޅަ އެއް ބަޔަކީ، އަންހެން ކަމަށް ވުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންކަމުން، ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުން އަންހެނުން ބާރުވެރިކުރުމާއި، ގައުމީ ތަރައްގީގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމާއި، ރަށު ތަރައްގީގައި އަންހެނުން ބައިވެރިކުރުމުގައި ވެސް، އާ ކައުންސިލަރުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވަން ޖެހިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވި އެވެ.

މިއަދު މިފެށުނު ކައުންސިލްތަކުގެ ދައުރާ އެކު، ފިރިހެނުންނާ އެއް ހަމައެއްގައި، އަދި މަގާމުގެ ގޮތުން ވެސް އެއް ފެންވަރެއްގައި، އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެންދާނެ.

ރައީސް ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގާނޫނަށް ބަދަލުތައް ގެނައުމުގެ ކުރިން، ވަރަށް ފުޅާ ދާއިރާއެއްގައި، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދި އެވެ. ރައްޔިތުންގެ މަޝްވަރާއާ އެއްގޮތަށް ގާނޫނު އިސްލާހުކޮށް ލާމަރުކަޒީ ނިޒާމަށް ބަދަލުތައް ގެނައީ، ރައްޔިތުންގެ ވިންދު ހުރީ، އެ ބަދަލުތަކާއިގެން ކުރިއަށް ދިއުމަށް ކަމަށްވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން މަރުކަޒީ ސަރުކާރުގައި ހުރި، އިދާރީ ވަރަށް ގިނަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް، މިހާރު ވަނީ ކައުންސިލްތަކާ ހަވާލު ކޮށްފަ އެވެ. އަދި ކައުންސިލަރުންނަށާއި ކައުންސިލްތަކަށް ވެސް ގާނޫނީ ބާރު ދީ، ރަށްރަށުގެ އިހުތިސާސް މިހާރު ވަނީ ކަނޑައަޅައިފައި ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑުގެ ބަލިމަޑުކަން މުޅި ރާއްޖެއަށް ފެތުރެމުން ދާ ހަލުވިމިނަށް ބަލާއިރު، މި ބަލި ކޮންޓްރޯލް ކުރުމުގައި ވެސް، ކައުންސިލްތަކުން މިހާރަށް ވުރެ ފުޅާދާއިރާއެއްގައި ހަރަކާތްތެރިވުން ވަރަށް މުހިންމު ކަމަށެވެ.