Advertisement

އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (2)

15 މޭ 2021 - 10:37 5

އަހުމަދު އަލާ ދީދީ

އަހުމަދު އަލާ ދީދީ

އިހު ޒަމާނުގައި ދަތުރުކޮށް އުޅުނު ނަވެއްގެ ހިޔާލީ ކުރެހުމެއް: އެއް ވާހަކައިގައި ކިޔާގޮތުންނަމަ ކޮއިމަލާއަކީ އިންޑިޔާއިން ރާއްޖެޔަށް ވަޑައިގެންނެވި އަމީރެއް. --ކުރެހުން: އަހުމަދު އިހުސާން (އަރަކަ އާޓްސް)


އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (2)

15 މޭ 2021 - 10:37 5

ދިވެހީން ކިޔާ ކޮއިމަލާކަލޯ ވާހަކަޔާ ގުޅޭ ގޮތުން ޕުރޮފެސަރު ޕަރަވިއްތަނަ ލިޔުއްވި "ދި ސްޓޯރީ އޮފް ސީގިރި" ގައި ބަޔާން ކުރެއްވި ނަޒަރިއްޔާގެ ޚުލާސާއެއް ވާނީ މި ލިޔުމުގެ އެއްވަނަ ބައިގައި ވާނީ ދަންނަވާލެވިފަ އެވެ.

އެ ނަޒަރިއްޔާގެ މައްޗަށް ލުޠުފީ ވިދާޅުވެފައިވަނީ

"އިސްވެދިޔަ ބަޔާނަކީ ތާރީޚީ ހަގީގަތެއްކަމުގައި ވަނީނަމަ، "ކަޔަމައްލާ" ނުވަތަ "ތަޔަމައްލާ ކައްލޯ" އާދެ ދިވެހީންގެ "ކޮއިމަލާކަލޯ" އިން ފެށިގެން ރާއްޖޭގެ ރަސްކަންކުރަމުން އައި ހަނދުވަންހަ (ސޯމަވަންސަ) ދަރިކޮޅު ނުވަތަ "މަލެއި" ދަރިކޮޅު ފާހަގަކުރެވުމަކީ ދަތިކަމަކަށްނުވެ އެވެ. އިސްވެ ބަޔާންވެދިޔަ ވާހަކައިން ދިވެހީން ކިޔައި އުޅޭ "ކޮއިމަލާކަލޯ" ވާހަކައަކީ ތާރީޚީ ފުލޯކު ވާހަކައެއްކަން ރަނގަޅަށް އެނގި ސާބިތުވެ އެވެ. އެވާހަކައިގެ އަސްލަކަށްވާނީ ކައިމައްލާ ކައްލޯއާއި އެސް ސުންދާރީގެ ވާހަކަ އެވެ...." (މުޚްތަސަރު ތާރީޚު ދީބާ މަހަލް/ ޞ40/ މުޙައްމަދު އިބްރާހިމު ލުޠުފީ)

އާދެ! ޕުރޮފެސަރު ޕަރަވިއްތަނަގެ ނަޒަރިއްޔާ ބުނާ ގޮތުން ދިވެހީންގެ ކޮއިމަލާކަލޯއަކީ ދެކުނު އިންޑިޔާގައި އުފެދުނު ކަލަބްހރާއިންނާ ގުޅޭ ބޭފުޅެކެވެ. މި ދެންނެވި ކަލަބްހރާއިންނަކީ ދެކުނު އިންޑިޔާގެ "ތަމަޅައިންގެ ގައުމޭ" މިކިޔޭ ސަރަޙައްދުގެ މައްޗަށް، މީލާދުން ތިންވަނަ ގަރުނާއި ހަވަނަ ގަރުނާ ދެމެދު ވެރިކަން ކުރެއްވި ވަރުގަދަ ދަރިކޮޅެކެވެ. ތިން ސަތޭކައެއްހައި އަހަރު ދުވަހު އެމީހުންގެ ވެރިކަން ދެމިއޮތްކަމުގައި ބުނެވެ އެވެ. މިބައިމީހުން ވެރިކަމެއްކުޅަކަމާއި އެކުޅަ ވެރިކަމެއްގެ ވަރަށް މަދު ޚަބަރުތަކެއް ފިޔަވާ އޭގެ އިތުރަށް ދަންނަވާން އެނގޭނޭ މާކަށް ގިނަ ޚަބަރުތަކެއް ނުވެ އެވެ. ވީމާ ކަލަބްހރާއިންގެ ތާރީޚުގެ ބޮޑުބައި އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. މުޅިނބް ވެސް ފެންނާން ހުރީ އެކި މުއައްރިޚުން އެބައިމީހުންނާ މެދު ނެރުއްވައިފައިވާ ނަޒަރިއްޔާތަކާއި ގައުލުތަކެވެ.

ތާރީޚު އިލްމުވެރިންގެ ބަހުގައިނަމަ ކަލަބްރހާއިން ޒަމާނަކީ ދެކުނު އިންޑިޔާގެ ތާރީޚު ދެކެފައިވާ ކަޅު އަނދިރި ޒަމާނެކެވެ. ކަޅު އަނދިރި ޒަމާނެއްގެ ގޮތުގައި ކަލަބްހރާއިންގެ ދުވަސްވަރު ސިފަކޮށްފައި އެވަނީ އެއްވެސް ހާލެއްގައި މިބައިމީހުންގެ ޒުލްމުވެރިކަން ބޮޑުވެގެނެއްނޫނެވެ. ކިއެއްތަ އެއީ އިސްވެ ދެންނެވުނު ފަދައިން ތާރީޚުގެ ތެރޭގައި މިބަޔަކާ ގުޅޭނޭ ގޮތުން ފެންނާން ހުރި ވާކަތަކުގެ މަދުކަމާ އެނގެންހުރި ޚަބަރުއަޚުބާރުގެ ތަދުކަމުންނެވެ. ބުނެވޭ ގޮތުގައި ކަލަބްހރާއިންގެ ވެރިކަން ފެށި ދެމިއޮތީ އީސާގެފާނުގެ މީލާދުން ތިންވަނަ ޤަރުނާއި ހަވަނަ ގަރުނާ ދެމެދުގަ އެވެ. މި ދެމެދުގެ ކުރިޔަށާއި ފަހަށް ވެރިކަން ކުރި ކިތަންމެ ބައެއްގެ ޚަބަރު ތަފުސީލުކޮށް ތާރީޚުން އެނގެ އެވެ. މެދުކެނޑި އަނދިރިވެފައިވަނީ ހަމައެކަނި ކަލަބްހރާއިންގެ ދުވަސްވަރުގެ ވާހަކަތަކެވެ.

ކަލަބްހރާއިންގެ ވެރިކަން ފެށިގެން ދިޔަ ދުވަސްވަރުގެ މާކުރިން ވެސް ދިވެހިރާއްޖެއޭ މިކިޔޭ ދައުލަތް އެކުލެވިފައި މިއޮތް ރަށްތަކުގައި ދައުލަތެއް އެކަށައެޅިފައިވާކަން އެތައް ގޮތަކުން ޔަގީންކުރެވެ އެވެ. އެމީހުންގެ ވެރިކަން ފެށުނުކަމަށް ބުނާ މީލާދުން ތިންވަނަ ޤަރުނުގެ ތެރޭގައި ޔޫރަޕުގެ ބައްރުގައި އެއިރުގެ ދުނިޔޭގެ އެންމެ ބާރުގަދަ ވެރިކަމުގެ ތެރޭގައި، އާދެ! ރޫމީންގެ ތެރޭގައި އުޅުނު މަޝްހޫރު ނަސްރާނީއެއްކަމުގައިވާ ތިއޯފިލޮސްއަކީ ދިވެއްސެކެވެ. މީނާ އެތަނަށް ދިޔަ ގޮތަކާއި ބެހޭ ގޮތުން ތަފާތު ރިވާޔަތްތަށް ތާރީޚު އިލްމުގެ ދަންނަބޭކަލުން ލިޔުއްވައިފައިވެ އެވެ. ބައެއް ރިވާޔަތްތައް ބުނާގޮތުންނަމަ އެއީ ރޫމީންގެ ވިޔަފާރި ނަވު ފަހަރާ ދިވެހިންނާ ދެމެދު ޖެހުނު މައްސަލައެއްގައި ރަހީނުކުރެވުނު ފަރާތެކެވެ. އަނެއްބައި ރިވާޔަތްތަކުގައި އެއީ ދިވެހީން ރޫމީންނަށް ހަދިޔާކުޅަ ބޭކަލެކެވެ. ހަމައެހެންމެ މިނޫނަސް މީލާދުން 300 ގެ އަހަރުތަކުގެ ކުރީކޮޅުގައި ދިވެހި ރަދުންގެ ފަރާތްޕުޅުން ރޫމީންގެ އަންބަރާޠޫރުގެ އަރިހަށް ސަފީރުން ފޮނުއްވި ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އަޅުގަނޑު ބަޔާންކޮށްދެން ބޭނުންވާ ނުކުތާއަކީ ކަލަބްހރާއިންގެ ވެރިކަން ފެށުނު އިރުވެސް މިރާއްޖޭގައި ދައުލަތެއް އެކަށައެޅި ވެރިކަމެއް ހިނގަމުން އައިސްފައިވާ ކަން ބަޔާން ކުރުމެވެ.

އާދެ! ދެން އެޒަމާނުގެ ދެކުނު އިންޑިޔާގެ ގަދީމީ ތަމަޅަ ގައުމު އެކުލެވިފައި އޮތް ގޮތުގެ މައްޗަށް ބަލާލަމާތޯ އެވެ. އެ ސަރަޙައްދު ބެހިފައި އޮތީ މައިގަނޑު ތިން ދައުލަތެއްގެ މައްޗަށެވެ. އެހެނަސް މިތިން ދައުލަތުގެ އިތުރަށް އެބަޔަކަށް ޖިޒީ ދީގެން ތިބި ކުދިކުދި ދައުލަތްތައްވެސް ވެ އެވެ. މި ދެންނެވި މައިގަނޑު ތިން ދައުލަތަކީ ޗޯޅާއިންނާއި ޗޭރާއިންނާއި އަދި ޕާންޑިޔަނުންގެ ދައުލަތެވެ. މި ބާރުގަދަ ތިން ދައުލަތުގެ ވެރިކަން ނައްތާލާ އެބައިމީހުންގެ މައްޗަށް ގަދަކަން ހޯދި ބަޔަކީ ކަލަބްހރާއިންނެވެ. އަދި ކުރިން ވެސް ދަންނަވާލެވުނު ފަދައިން މިބައިމީހުން އެކު ޖުމްލަ ތިން ގަރުނު ވަންދެން އެގޮތުގައި ދެމިތިއްބެވެ. މި ދިގު ޒަމާނުގެ ތެރޭގައި މުޅި ތަމަޅައިންގެ ގައުމާ ސިލޯނުން ބައެއްގެ މައްޗަށް ވެރިކަންކުރިކަން ތާރީޚުން އެނގެ އެވެ. އެހެނަސް މި ޒަމާނުގައި ދިވެހިރާއްޖެ އޭ މިކިޔޭ ގައުމު އެމީހުންގެ ބާރުގެ ދަށަށް ދިޔަކަމުގައި ވެސް އަދި ނުދާކަމުގައި ވެސް ދެންނެވޭނެ ހެއްކެއްނެތެވެ. ތާރީޚުގެ އެހެނިހެން ހާދިސާތަކުގެ މައްޗަށް ބުރަވެހުރެ ދަންނަވަނީނަމަ ރާއްޖެ ހިފުމަކީ އެޒަމާނުގައި ދަތިކަމެކެވެ. ފަރުފަރާ ގިރިތަކަކީ މިރާއްޖެ ވަށައިފައިވާ "ފަރުބަދަ"ތަކެއްފަދަ ކޯއްޓޭ (ފޯޓު) ތަކެކެވެ. ވީމާ ކަލަބްހރާއިންގެ ބާރު އެންމެ ގަދަވި ޒަމާނުގައިވެސް ސީދާގޮތުން ރާއްޖޭގެ މައްޗަށް އަތްގަދަކުރުމަކީ ދަތިކަމެއްކަމުގައި ބެލެވިދާނެ އެވެ.

މީލާދުގެ ހަވަނަ ގަރުނު ނިމެމުން ދިޔަ ދުވަސްވަރު ކަލަބްހރާއިންގެ ބާރުވެސް ދިޔައީ އުވެމުން ނެތެމުންނެވެ. އަދި އަލުން އަނެއްކާ ވެސް ކުރިން އެ ސަރަހައްދުގައި ވެރިކަންކުރި ޗޯޅާއިންނާއި ޗޭރާއިންނާއި އަދި ޕާޑިޔަނުން އެމީހުންގެ މައްޗަށް ގަދަކަން ހޯދީ އެވެ. ކަލަބްހރާއިންގެ ވެރިކަމުގެ ދުވަސްވަރާއި ގުޅޭ މާގިނަ އާސާރުތަކާ ޚަބަރުތަކެއް ފެންނާކަށް ނެތް އެއް ސަބަބުކަމުގައި ބެލެވެނީ އެ މީހުން ބަލިކޮށް އަނެއްކާ ބާރު ހޯއްދެވި ކުރީގެ ރަސް ދަރިކޮޅުތަކުން އެ އަސަރުތައް ނައްތާލީމާކަމަށެވެ. މި ސަބަބަށް ބާރުދޭ އަނެއް ސަބަބަކީ އޭގެ ފަހަށް ތާރީޚު ލިޔުއްވި ގަދަވީކޮޅުގެ ބެރުހަމުނައިންގެ މީހުނާ އަދި ރަސްރަސްކަލުން ވެސް ކަލަބްހރާއިންގެ މީހުންނަކީ ތަހުޒީބުނުވާ ނުލަފާ ބައެއްގެ ގޮތުގައި ސިފަކޮށްދީފައިވާތީ އެވެ. އާދެ "ބާރބޭރިކު" ބައެއްގެ ގޮތުގައި ސިފަކޮށްދީފައިވާކަމެވެ. ޝައްކެއްވެސްނެތެވެ! އަބަދުވެސް އަޑު ހުންނާނީ ގަދަވީ ބައިގަ އެވެ. ހިމޭންވެ ފޮރުވޭނީ ދެރަވީކޮޅު ނޫންތޯ އެވެ. މިއީ ދުނިޔޭގެ ޠަބީޢީ ސިފައެކެވެ. ކަލަބްހރާއިންގެ ތާރީޚުވެސް ހިމޭންވެ، މާޒީގެ ތެރެއަށް އޮބައިދިޔައީ މި ތަބީއީ ސިފަޔާ އެއްގޮތްވާ ގޮތުގެ މަތީންކަމުގައި ދަންނަވާންޖެހެ އެވެ.

އަދުގެ ބައެއް ލިޔުންތަކުން އެނގޭ ގޮތުގައި ކަލަބްހރާއިންގެ މީހުންނަކީ ބެރުހަމުނައިން (ބުރަހްމަނުން) ދެކުނު އިންޑިޔާގެ ސަރަހައްދުތަކަށް ތައާރަފުކުރި ކާސްޓު ނިޒާމާ ދެކޮޅުވެރިވެގަނެ އެމީހުންގެ ނުފޫޒާ ބާރުން މިންޖުވުމަށް މަސައްކަތްކޮށް، އެ މަސައްކަތް ދުވަސްގަނޑެއްގެ މުއްދަތަށް ކާމިޔާބުކުޅަ ބައެއްކަމެވެ. މިފަދަ ބަޔަކު ބަލިކޮށް އަލުން ބާރާ ނުފޫޒު ހޯދި ބެރުހަމުނައިންގެ މީހުން ލިޔުނު ލިޔުންތަކުން ކަލަބްހރާއިންގެ ތާރީޚު ފޮހެލާ އެއީ ހުތުރު އުޅުމެއްގެވެރި ބަޔަކަށް ހެދީކަމަށް ބުނާ ގައުލުތައް ވެސް ތާރީޚު އިލްމުގެ ތެރެއިން މިއަދު ފެނެ އެވެ.

ސިލޯނުގެ މަޝްހޫރު ޕުރޮފެސަރު އެވިދާޅުވާ ކަލަބްހރާއިންގެ ތަޔަމައްލާ ކައްލޯއަކީ އަޅުގަނޑުމެން ދިވެހީންގެ ކޮއިމަލާ ހެއްޔެވެ؟ މީލާދުން ތިން ވަނަ ގަރުނުގައި ފެށުނު އަދި ހަ ވަނަ ގަރުނުގައި ނިމުނު ވެރިކަމެއްގެ ބޭފުޅަކު ވެރިކަން ނިމި ބަލިވުމުން "ފިލަން" ރާއްޖެއަށް ނަވެއްގައި ވަޑައިގަތީ ހެއްޔެވެ؟ އެހެންކަމަށް ވާނަމަ ކޮއިމަލާ ވާންވާނީ އެދުވަސްވަރާ މާދުރު ނޫން ޒަމާނެއްގެ ބޭފުޅަކަށެވެ. އަދި މީލާދުން 12 ވަނަ ގަރުނުގައި ރާއްޖެ އިސްލާމުވި ހާދިސާއާއި ގުޅުވައިގެން ކިޔަމުން އައިސްފައިވާ އެ ފޯކުލޯރު ވާންވާނީ ޒަމާންދިގުވެ އެއްވެފައި އޮތް ދެވާހަކަޔަކަށެވެ. ކޮއިމަލާއަކީ ކަލަބްހރާއިންގެ ވެރިކަން ނިމި އެމީހުން ބަލިވުމުން މިރާއްޖޭގެ ހިމާޔަތް ހޯއްދަވާ މިތަނުގައި ރަސްކަން ކުރެއްވި ފަރާތެއްކަމުގައިވުމަށް ވުރެ ނުވުން ގާތްކަމުގައި އަޅުގަނޑު ދެކެމެވެ. މި ފުލޯކު ވާހަކަ އާއި މެދު ތާރީޚީ ނަޒަރަކުން ވިސްނުމުގައި ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ދިވެހި ބޯދާ ޒަމާނުގެ ތާރީޚު އޮތީ "ކަޅު އަނދިރި" ގަނޑެއްގައިކަމަށްވުމެވެ. ދިވެހި ތާރީޚަށްވެސް ދިމާވެފައިވާ އެތައް ހިތްދަތި ހާދިސާތަކެއްގެ ސަބަބުން ދިވެހި ގަދީމީ ބޯދާ ޒަމާނުގެ ޚަބަރުތައް ހުރީ ހަމަ ކަލަބްހރާއިންނެކޭ އެއް ބީދަޔަކުންނޭ ދެންނެވުމަކީ ދޮގަކަށް ނުވާނޫ އެވެ.

އިސްލާމުވުމުގެ ކުރީގެ ދިވެހި ވެރިކަން އޮތް ގޮތުގެ މައްޗަށް ކުޑަކޮށް ނަމަވެސް އަލިއަޅުވާލެވޭނެ ދިވެހި މަސްދަރުތަކަކަށް ފެންނާން އޮތީ ދެތިން ހަތަރު ލޯމާފާނަކާ ރާދަވަޅިއެކެވެ. އޭގެ ތެރެއިން "ކޮއިމަލާ" އެއްގެ ރާދަވަޅިން ސާފުކޮށް ފެނެ އެވެ. އޭގައި ޖުމްލަ ހަތަރު ފަހަރެއްގެ މަތީން އެ ނަންފުޅު ގެނެސްފައިވެ އެވެ. އަދި ރާދަވަޅިޔާ އިސްދޫ ލޯމާފާނާ، ދަނބިދޫ ލޯމާފާނުގައިވާ ރަސްމަތިފުށު ނަސަބާ އަޅާ ކިޔައިލުމުން އެއީ ކަލަބްހރާއިންގެ ވެރިކަން ނިމުނު ޒަމާނެއްގައި އުޅުއްވި ބޭފުޅެއް ނޫންކަމަށް މާބޮޑަށް ބުރަވެވެ އެވެ. ރާދަވަޅީގައި ކޮއިމަލާކަލޯ ވެރިކަމަށް އިސްވި ތާރީޚުވެސް ބުނެފައިވެ އެވެ. އެހެން ނަމަވެސް އެ ތާރީޚުތަކާ ލޯމާފާނު ބުނާ ތާރީޚުތަކާ ދިމާނުވުމުގެ މައްސަލަތަކެއް އުޅެ އެވެ. މިއީ މިބާވަތުގެ މުސްކުޅި ލިޔުންތަކަށް ދިމާވެފައި ހުންނަ އާއްމުކަމެއްވެސްމެ އެވެ.

ރާދަވަޅީގައި ޖުމުލަ ހަތަރު ފަހަރަށް ކޮއިމަލާގެ ނަންފުޅު ގެނެސްގަނެފައިވާއިރު ދެތަނެއްގައިވާ ނަންފުޅާއި ވިދިގެން ކޮލީ ނަންފުޅު ވެސް ގެނެސްގަނެފައިވެ އެވެ. އެހެނަސް ދެ ތަނުގައިމެ ލިޔެފައިވާ ކޮލީ ނަންފުޅުގައި ތަފާތު އެބަހުއްޓެވެ. ހަމައެހެންމެ "ކޮއިމަލާ" މިނަންވެސް ލިޔެފައިވަނީ އޭގެ އެކި "ވޭރިއޭޝަންސް"ތަކާ އެކުގައިކަން ފާހަގަކުރެވެ އެވެ. ރާދަވަޅީގައިވާ ހަތަރު އިބާރާތް ތިރީގައި މި ދަންނަވަނީ އެވެ.

1. ދިވެހިރާއްޖޭ މީހުންތިބެ ރަސްކަމްކުޅަ ދުވަސް އެކުށެ އެކަށަޅައިގަތީހުށެ ލިއުނުނަމަ ރައިވަރުވެ ވާހަކަ ދިގުވެދާހުށިމަށް، ތީމުގޭ ކޭއިމަލެއިކަލޮ ރަސްކަމަ ށެރީކުން މިބަށެ ދެން ރަސްކަމްކުޅަ ރަސްރަސްބެއިކަލުނާއި އެކަލުނަށް ފުވެންތިހައި ނަމާއި ރަސްކަމްކުޅަހައި ދުވަހާއި ވަރިވަރިކޮށް ދެނެގަނުމަތް ހަދާނަށް ސުބަސްކުލަވަތައި ލިޔާށު ޅެމާއި......

މި އިބާރާތުން ވަރަށް މުހިންމު ނުކުތާތަކެއް ފާހަގަކުރެވެ އެވެ. އެއްކަމަށް ދިވެހިރާއްޖޭގައި މީހުން ތިބެ ރަސްކަން ފަށައިގަތީއްސުރެން އެކަމާ ގުޅޭ ޚަބަރުތައް ލިޔެފައި ހުރިކަމެވެ. އަދި ހަމައެހެންމެ އެވާހަކަތަކުގެ ދިގުކަމަށްޓަކައި ސުބަސްކުލަވަތައި އޭ ކިޔުނު ބޭކަލަކު މި ރާދަވަޅި ލިޔުއްވީކަމުގަ އެވެ. އަދި މި ރާދަވަޅި ލިޔަން ފެއްޓީ ދިގުވީ ޚަބަރުތައް ކުރުކޮށްފައި ތީމުގޭ ކޭއިމަލެއި ކަލޯ އޭ ކިޔުނު ޣައިރު ދީނަށް ވެރިކަން ކުރެއްވި ރަސްކަލަކާ ހިސާބުން ފެށިގެންކަން ބުނެދޭ ކަހަލަ މާނައެއް ވެސް އެ އިބާރާތްތަކުން ނެރެވެ އެވެ. މި ރާދަވަޅި ލިޔުމުގެ ބޭނުމަކީ ކޮއިމަލާކަލޯއިން ފެށިގެން އޭގެ ފަހަށް ރަސްކަން ކުޅަހައި ރަސްކަލުންނާއި އެބޭބޭކަލުންނަށް ނިސްބަތްވިހައި ނަންފުޅުތައް ދެނެގަތުމެވެ.

2. މުޙައްމަދު ނަބީ ކަލޯގެ ހިޖުރައިން ފާއްސަތުރަ ސަތިރީސް އަވެރުދު ހަމަހުން ކޭމެލެއިކަލޯ ރަސްކަމް ކުޅަ ދުވަސް ހުށެ މިބަށެދެން ރަސްކަމްކުޅަ ރަސްރަހުނާއި ރަސްކަމްކުޅަހައި ދުވަހާއި ވަރިވަރިކޮށް ރާދަވަޅިކޮށްލީ ފަންތި.

މި އިބާރާތުން ކޮއިމަލާކަލޯ ވެރިކަމަށް އިސްވެވަޑައިގެންނެވި ތާރީޚު ބުނެދެ އެވެ. އެއީ ހިޖުރައިން ފަސްސަތޭކަ ތިރީސްވަނަ އަހަރުގެ ހަވަނަ މަސްކަމެވެ. މީލާދުންނަމަ މި ތާރީޚު ދިމާވާނީ 1136 ވަނަ އަހަރާ އެވެ. އެއްކަލަ ތީމުގޭ ކޭމަލެއިކަލޯއަށް ސްވަސްތީ ސްރީ ބާނާބާރުނަ މަހާރަދުނަވެތް މިކަލާ ރަސްކަމްކުޅަ އަހަރު 21 ....

މިތަނުން ކޮއިމަލާ ކަލޯ ރަސްކަމަށް އިސްވެވަޑައިގަތުމުން ލިބިވަޑައިގެންނެވި ކޮލީ ނަންފުޅު އެބަ އެނގެ އެވެ. އެއީ ސްވަސްތީ ސްރީ ބާނާބާރުނަ މަހާރަދުންކަމެވެ. އަދި ރަސްކަމުގެ ތަޚުތުގައި ރެދަލި ކުރެއްވީ 21 އަހަރުކަމުގައި ވެސް ބުނެފައި އެބަވެ އެވެ.

3. ހިޖުރައިން ފައްސަތޭކަ ތިރީސްވަނަ އަހަރު ހަމަހުން އެއްކަލޭ ތީމުގޭ ކޭމަލާކަލޯޔަށް ސްވަސްތީ ސްރީ ތީމުގޭ ރަންފިރޭރު މިނި އަބާރުނަ މަހާރަދުނަވެ މިކަލާ ރަސްކަންކުޅަ އަހަރު 21

ނަމްބަރު ތިނެއްގައި ބަޔާންކުރެވުނު އިބާރާތުގައިވާ ކޮއިމަލާކަލޯގެ ކޮލީނަންފުޅާ މި އިބާރާތުގައިވާ ކޮލީ ނަންފުޅާ ތަފާތެވެ. އެއްގޮތްވާ ތަންކޮޅަކަށް އޮތީ ބާރުނަ އޭ ކިޔުނު ލަފުޒު އެކަންޏެވެ. އަޅުގަނޑަށް ބޮޑަށް ލަފާކުރެވޭ ގޮތުގައި ރާދަވަޅީގެ އިސްވެދިޔަ އިބާރާތްތަކަކީ މި ނަކަލުގެ ތެރެއަށް ވަދެފައިވާ އެހެން ރާދަވަޅިއެއްގެ ސަފުހާތަކެކެވެ. މިހެން ދަންނަވާންޖެހުނު ސަބަބަކީ ލިޔުމުގެ ވައްޓަފާޅީގައި ހުރި ބައެއް ފަރަގުތަކަށް ނިސްބަތްކޮށެވެ. މިސާލަކަށް ނަމްބަރު އެކަކުން ފެށިގެން ތިނަކާ ހަމަޔަށް ވާ އިބާރާތްތަކުގައިވާ "ރަސްކަމް" މި ލަފުޒަށް ބައްލަވާށެވެ. އަދި ނަމްބަރު 4 ގައިވާ އިބާރާތުގައިވާ ހަމަ އެ ލަފުޒަށް ބައްލަވާށެވެ. ފަހުގެ އިބާރާތުގައި ވަނީ ރަސްކަން މިހެންނެވެ. ކުރީގެ އިބާރާތްތަކުގައި ވާނީ ރަސްކަމް މިހެންނެވެ.

އެއްވެސް ޝައްކެއްނެތް މިންވަރަށް ތާރީޚުގެ ފަތްފުށްތަކުން އެނގޭ ގޮތުގައި މީލާދުން 321 ވަނަ އަހަރުގެ ކުރީން ވެސް ދިވެހީންނަކީ މިނިވަން މުސްތަގިއްލު ގައުމެއްގެ ވެރި ބައެކެވެ. އަމިއްލަ ވެރިކަމެއްގެ މަތީގައި ތިބި ބައެކެވެ. މީލާދުން 600 ގެ އަހަރުތަކުގެ ތެރޭގައި ދިވެހި ދައުލަތުގެ ފަރާތުން ސީނުކަރަޔަށް، ތިން ފަހަރެއްގެ މަތީން ސަފީރުން ފޮނުއްވިކަން ވެސް އެނގެން އޮވެ އެވެ. އަދި އެދުވަސްވަރުގައި ސްރީ ބަލަދީއްތިޔަ އޭ ކިޔުނު ރަސްކަލަކު ދިވެހި ތަޚުތުގައި ރެނދަލިކުރެއްވިކަން ވެސް އެނގެ އެވެ. ހަމަ މީގެ އިތުރުން މީލާދުން 700 އާއި 800ގެ އަހަރުތަކުގައި ވެސް ދިވެހިންގެ ވެރިކަން ދިވެހި ދައުލަތުގައި އޮތްކަން ތާރީޚުގެ ލިޔުންތަކުން ހާމަވެ އެވެ. މި ހެކިތަކުގެ އިތުރުން ދިވެހި ދައުލަތުގެ މުސްކުޅިކަމާ ގަދީމީކަމުގެ މައްޗަށް އެދުވަސްވަރުގައި މި ސަރަހައްދުގައި އެކުލެވިފައި އޮތް ބާރުގަދަ އެހެނިހެން ދައުލަތްތަކުން އިއުތިރާފުވާކަން ހާމަވާފަދަ ލިޔުންތައްވެސް ފެންނާން އެބަހުއްޓެވެ.

ދެކުނު އިންޑިޔާގެ ތަމަޅަ ގައުމުގެ މައްޗަށް ވެރިކަންކުޅަ ޗޯޅާއިންގެ ވާހަކަ އިސްވެ ވާނީ ދަންނަވާ ލެވިފަ އެވެ. އެމީހުންނަކީ ކަލަބްހރާއިންގެ ޒަމާނުގެ ކުރިންނާ އަދި އޭގެ ފަހުންވެސް ވެރިކަންކުރި ތަމަޅައިންގެ ގަދީމީ މުސްކުޅި ދަރިކޮޅެކެވެ. މިބައިމީހުންގެ ރަސްކަލަކަށް އިސްވި މަޝްހޫރު ރާޖަރާޖަ މުއްމުދި ޗޯޅާ އަކީ ވަރަށްގިނަ ގައުމުތަކާ ހަނގުރާމަކޮށް ނަސްރުހޯއްދެވި ވަރުގަދަ ހަނގުރާމަވެރިއެކެވެ. މުޅި ތަމަޅައިންގެ ވެރިކަން މިލްކުކުރި ވަރުގަދަ އަންބަރާޠޫރެކެވެ. މި ރަދުންގެ ޒަމާނުގައި ކަނޑުމަތީ ހަނގުރާމައިގެ އަރުމާޒުތައް ތައްޔާރު ކުރައްވާ ސިލޯނާ އަދި ރާއްޖެފަދަ ގައުމުތަކާ ހަނގުރާމަކުރެއްވި އެވެ. ދިވެހިރާއްޖެޔާ ހަނގުރާމަކުރެއްވި ވާހަކަ ޗޯޅާއިންގެ އެތައް ލިޔުމެއްގައިވެ އެވެ. މިގޮތުން އެންމެ ސަރީޙަކޮށް ދިވެހި ދައުލަތާ ހަނގުރާމަކުރިކަމަށް ލިޔެފައިވާ ލިޔުމުން މި ދައުލަތުގެ ގަދީމީކަމާ މުސްކުޅިކަމުގެ މައްޗަށް ޚުދު ޗޯޅާއިން ފަދަ މުސްކުޅި ދައުލަތްތަށް އިއުތިރާފުވާކަންވެސް ހާމަވެ އެވެ.

ރާޖަރާޖަގެ ރަސްކަމުގެ ދުވަސްވަރު ތަންޖަވުރު ފައްޅީގައި ކަނޑާނެގުނު ލިޔުންތަކުގެ ތެރޭގައިވާ ލިޔުމެއްގައި "ރާޖަރާޖަގެ ރަސްކަމުން 29 ވަނަ އަހަރު ކަނޑުގައިވާ ގަދީމީ ބާރަހާސް ރަށްތަކާ ހަނގުރާމަކުޅައުމަށް އަރުމާޒެއް ފޮނުއްވިކަމުގައި" ވެ އެވެ. ތަންޖަވުރު ފައްޅީގައިވާ ލިޔުމުގެ އެތައް ތަރުޖަމާއެއް ބެލިއިރު ވެސް ކޮންމެ ތަރުޖަމާއެއްގައި ވެސް "ގަދީމީ" ނުވަތަ " މުސްކުޅި" ބާރަހާސް ރަށްތަކޭ ލިޔެފައިވެ އެވެ.

ތަންޖަވުރު ފައްޅީގައިވާ ލިޔުންތަކުގެ އެހެން ބައެއް ތަރުޖަމާތަކުގައި އެންޝިއެންޓްއޭ އޮންނަ ތަނުގައި އޯލްޑްއޭ ލިޔެފައި ހުއްޓަތީފެނެ އެވެ. ދެ ގޮތުންކުރެ ކޮންމެ ގޮތެއްކަމުގައި ބެލިޔަސް އެ ބުނެވެނީ ގަދީމީ ނުވަތަ މުސްކުޅި ބާރަހާސް ރަށެވެ. ދިވެހި ރަސްރަސްކަލުން ބޭނުންފުޅު ކުރެއްވި ލަގަބުފުޅުތަކުގެ ތެރޭގައި "ބާރަހާސްރަށުގެ ރަސްގެފާނޭ" އޮންނަކަމީ އެންމެންދަންނަ ހަގީގަތެކެވެ. އަދި ދިވެހިރާއްޖެއަށް "ބާރަހާސް ރަށުގެ ވެރި ގައުމޭ" ނިސްބަތްކުރާކަމީ ވެސް އިތުރު ތަފްސީލަކަށް ދާންޖެހޭވަރަށް ވުރެ ގިނަ ބަޔަކު ދަންނަ ހަގީގަތެކެވެ.

މީގެ އެއްހާސް އަހަރަށްވުރެ ގިނަ އަހަރުކުރީން މަޝްހޫރު މުސްކުޅި ދަރިކޮޅެއްގެވެރި ރާޖަރާޖާގެ އަމުރުފުޅަށް ލިޔެފައިވާ މި ލިޔުމުގައި ދިވެހި ދައުލަތުގެ ގަދީމީކަމަށް އިޝާރާތްކޮށްފައިވުމުން އެޒަމާނުގެ މީހުންގެ ކުރިމަތީގައިވެސް ރާއްޖެއަކީ މުސްކުޅި ގައުމެއްކަން ސާފުކޮށް ހާމަވެގެންދެ އެވެ. ތަންޖަވުރު ފައްޅީގެ ލިޔުންހާ ސާފު އިބާރާތުން ނޫނަސް އަދިވެސް ރާއްޖެއަށް ނިސްބަތްކުރެވޭ އެހެން ލިޔުމެއް ހަމަ ރާޖަރާޖައިގެ ރަސްކަމުގެ ދުވަސްވަރުގައި ލިޔުއްވާފައިވާ ތިރުވަލަންގަނޑު މާފާނެއްގައިވެ އެވެ. އެ މާފާނުގައިވާ ލިޔުންތައް ތަރުޖަމާކުރެއްވި ފަރާތުން ލިޔުއްވާފައިވާ ބަޔާނުގެ ޚުލާސާ ތަރުޖަމާއަކީ..

"ތިރުވަލަންގަނޑު މާފާނުގައި ހުރިހާ "ކައްތިރިން" މެރުމަށް ހުވާކޮށްގެންހުރި ޕަރަސޫރަމައޭ ކިޔުނު ބޭކަލަކު އުފެއްދެވި ގައުމެއް ހިފި ވާހަކަ ބަޔާންވެގެންވެ އެވެ. އެ ގައުމު ސިފަކޮށްފައިވަނީ ވަށައިގެންވާ ކަނޑާ އަދި ފަރުބަދަތަކުގެ ސަބަބުން އެތަނަށް ވާސިލުވުން ދަތި އުނދަގޫ ގައުމެއްގެ ގޮތުގަ އެވެ. ތިރުވަލަންގަނޑު މާފާނު ލިޔުއްވި ފަރާތުން އެ އިޝާރާތް ކުރަނީ ކޮއްލާމޭ ކިޔުނު ޝަހަރު ހިފި ވާހަކައަށްތޯ ނުވަތަ ބައެއް ލިޔުންތަކުގައިވާ ފަދައިން ރަސްގެފާނުގެ ރަސްކަމުން 29 ވަނަ އަހަރު ހިފި ކަނޑުގައި އޮތް މުސްކުޅި ބާރަހާސް ރަށް ވާހަކަ ކަމާމެދު ތޯ ސުވާލު އުފެދެ އެވެ."

ތިރުވަލަންގަނޑު މާފާނު ތަރުޖަމާކޮށް ތަހުލީލުކުރެއްވި ފަރާތުން "ކައްތިރިން މެރުމަށް ހުވާކޮށްގެން ހުރި ޕަރަސޫރަމައޭ ކިޔުނު ބޭކަލަކު އުފެއްދި ގައުމު..." އެއީ ކަނޑުގައި އޮތް ބާރަހާސް ރަށުގެ ގައުމު ހިފި ވާހަކަތޯ ނުވަތަ ކޮއްލާމު ހިފި ވާހަކަތޯ ސުވާލު އުފެއްދުމުން ފަހަރުގައި އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންގެ ހިތުގައި އުފެދިދާނެ ސުވާލެއް ވެސް އޮވެދާނެ އެވެ. އެއީ ޕަރަސޫރަމައަކީ ކާކު ހެއްޔެވެ؟ ކައްތިރިންނަކީ ކޮބައިހެއްޔެވެ؟ އަދި ފަރުބަދަތަކޭ އޮތް އިރު އެއީ ރާއްޖެކަމުގައި އޭނާއަށް ހީވާންވީ ސަބަބަކީ ކޮބައިބާވައޭ އެވެ.

ދުނިޔޭގެ ކޮންމެ ގައުމެއްގެ ބަޔަކުވެސް އެބައިމީހުންގެ ފެށުމާ ގުޅުވައިގެން "ފޯކުލޯރު" ވާހަކަތަކެއް ކިޔައިއުޅެ އެވެ. ޔޫރަޕުން، އެފްރިކާ ބައްރުން، އެމެރިކާނުން އަދި އަރަބިކަރަޔަށް ބަލާލިޔަސް ކަން އޮތީ ހަމަމިފަދައިންނެވެ. މިފަދަ ބައެއް މިސާލުތަކުގެ މައްޗަށް ބަލާނަމަ ފަރަންސޭސީންގެ ފޯކުލޯރު ބުނާގޮތުންނަމަ ރޫމީންގެ އަތްދަށުން އެދަރިކޮޅު ނެއްޓި ބާރުގަދަ މިނިވަން ދައުލަތެއްގެ ގޮތުގައި ފެށިގެން އައީ މެރޮވިޗޭ ކިޔުނު ޝަޚުސިއްޔަތެއްގެ ސަބަބުންނެވެ. އޭނާގެ މަންމައަކީ ރަސްދަރިކަނބަލެކެވެ. ބައްޕައަކީ ކަނޑުގެ ބާރުގަދަ ހައިވާނެކެވެ. ވީމާ އޭނާއަށް ލިބިފައިވާ ބާރާ އާރުގެ ސަބަބުން ކުޅަދާނަ ހަނގުރާމަވެރިއަކަށް އޭނާވީކަމުގައި ބުނެއުޅެ އެވެ. ޖަޕާނު މީހުން ކިޔާގޮތުންނަމަ އެ ދައުލަތުގެ ބާނީއަކީ އެންޕެރަރ ޖިންމޫއެވެ. މިއީ އިރާ ގުޅުންހުރި ފަރާތެއްކަމަށްވެސް ކިޔަ އެވެ.

ހަމަ މި އުސޫލުން މިހިސާބުގަނޑުގެ ވަރަށް ގިނަ ގައުމުތައް އެބައިމީހުންގެ ފެށުން ގުޅުވާ އެންމެ ބޮޑު ފޯކުލޯރަކީ މަޝްހޫރު މަހާބާރަތުނަ ވާހަކަ އެވެ. މެލޭ ބައްރުގައި ހިމެނޭ ގިނަ ގައުމުތަކާ އިންޑޮނީޝިޔާ، ސިލޯނާ އިންޑިޔާ ބައްރުގައި ހިމެނޭ ގިނަ ގައުމުތަކުގެ ފެށުން އެބައިމީހުން ގުޅުވައިފައިވަނީ މަހާބާރަތަ ވާހަކައިގެ އެކި ހާދިސާތަކާ އެވެ. ނޫނީ އޭގައި އުޅޭ އެކި ޝަޚުސިއްޔަތުންނާ އެވެ. އިސްވެ ދެންނެވުނު ޕަރަސޫރަމައަކީވެސް މަހާބާރަތަ ވާހަކައިގައި އުޅޭ އެއް ޝަޚުސިއްޔަތެވެ. އޭނާ އުފެއްދިކަމަށް ބުނާ ދައުލަތުގެ ނަމަކީ ލަންކާ އެވެ. އެޝަހަރުގެ ވެރިރަށަކީ ލަންކަންޕޫރީ ކަމުގައިވެސް ބުނެވެ އެވެ.

ފަހަރުގައި ދިވެހިރާއްޖޭގައި ވެސް ޕަރަސޫރަމަ އާއި ގުޅުވައިގެން ފޯކުލޯރު ވާހަކައެއްކިޔަމުން އައިސްފައި އޮވެދާނެ އެވެ. އެފަދަ ކިތަންމެ ވާހަކައެއް ދިވެހިން ކިޔަމުން އައިކަން މަޝްހޫރު ބެލް ސާހަބުގެ އެދިލެއްވުމަކަށް ޝައިޚު ޞަލާޙުއްދީނު ފޮނުއްވި "ދިވެހިންގެ ދެވިތަކާ" ގުޅޭ ސިޓީއިން ވެސް އެނގި ހާމަވެ އެވެ. އެހެން ނަމަވެސް ދަންނަވާލެވުނު ފަދައިން "ތާރީޚަށް ދިމާވި ވަރަށްގިނަ ހިތްދަތި ކަންތައްތަކެއްގެ ސަބަބުން" އެވާހަކަތަށް ނެތި ދިޔައީ އެވެ. އަދުގައި ދިވެހިންގެ ތެރޭގައި އެންމެ ކުރިޔަށް އިޝާރާތް ކުރާ ފޯކުލޯރަކަށް ފެންނާން މިއޮތީ މަލެއްފަދަ ކޮއިގެ ވާހަކައެވެ. އާދެ ކޮއިމަލާ ކަލޯއެވެ.

ތެދުފުޅެކެވެ. މިއަދު ދުނިޔޭގައި ސްރީ ލަންކާއޭ ކިޔުނު ގައުމެއް އެބައޮތެވެ. އަދި އެއީ ވަށައިގެން ކަނޑުއޮތް ފަރުބަދަތައް ވެސް ގިނަ ގައުމެކެވެ. ވީމާ ޕަރަސޫރަމަ އުފެއްދި ގައުމަކަށް ވާންވާނީ އަދުގެ ސްރީ ލަންކާ ކަމުގައިވެސް ދެކެވިދާނެ އެވެ. އެހެން ނަމަވެސް ތިރުވަލަންގަނޑު މާފާނު ތަރުޖަމާކުރެއްވި ފަރާތުން ސިލޯނޭ ނިސްބަތްކުރުމުގެ ބަދަލުގައި ކޮއްލާމު ނޫނީ ދިވެހިރާއްޖެކަމުގައި އިޝާރާތް އެކުރީ ކީއްވެބާ އެވެ؟ ޕަރަސޫރަމަ އުފެއްދި ލަންކާއޭ ކިޔުނު ދައުލަތަކީ ސްރީ ލަންކާ ކަމުގައި ތާރީޚު ޢިލްމުގެ ގިނަ ދަންނަބޭކަލުން އެއްބަސްވެނުލައްވަ އެވެ. ދިވެހިންގެ ދުލުކުރީގައި އޮންނަ ސިލޯނަށް، ސްރީ ލަންކާއޭ ކިޔާ ރަސްމީކޮށް ނަން ބަދަލުކުރީ މީލާދުން 1972 ވަނަ އަހަރު އެވެ. އަދި ގިނަ ތާރީޚު އިލްމުވެރިން ބުރަވެލައްވާ ގޮތުގައި މިއަދު ސްރީ ލަންކާއަށް އޭގެ ކުރިން ލަންކާއޭ މުޚާތަބު ކުރެވިފައެއް ނުވެ އެވެ. ތާރީޚު ބުނާ ގޮތުންނަމަ އަދުގެ ސްރީ ލަންކާ އަށް އިހުގައި މުޅިންވެސް މުޚާތަބު ކޮށްފައި ހުރީ ސިލޯނު، ސަރަންދީބު އަދި ތަޕްރޮބޭން ފަދަ ނަންނަމުންނެވެ.

"ހިންދޫ ޕެންތިއޯން" އޭ ކިޔުނު ފޮތުގައި އެޑްވާޑް މޫ ދެއްވާފައިވާ ބަޔާނެއްގައި އެ ވާހަކަ ލިޔުއްވާފައިވެ އެވެ. އެ ބަޔާން ނޫނަސް އެހެނިހެން މުއައްރިޚުންގެ ބައެއް ނަޒަރިއްޔާތުތަކުގައި ވެސް ޕަރަސޫރަމަގެ ލަންކާއަކީ ރާއްޖެކަމުގައި ވެދާނެކަމަށް ބުނެފައިވެ އެވެ. ހަމައެހެންމެ މި ނުކުތާގައި ހަނދާންކޮށްލަންޖެހޭ އަނެއްކަމަކީ އިހު ޒަމާނުގައި ދިވެހިރާއްޖެއަށް ކިޔާފައިވާ އެއްނަމަކީ "ލަންކާ" ކަމެވެ. ދާރުލްއާސާރުގައި އޮއްވާ "ގެއްލުނު" ދިވެސް އަކުރުން ލިޔެފައިވާ ބޮޑުގަލު ލޯމާފާނުން މިކަން ރީތިކޮށް ހާމަވެގެންދެ އެވެ. އޭގައި މިރާއްޖެއަށް ނިސްބަތްކޮށްފައިވަނީ ލަންކާގެ ގޮތުގަ އެވެ. އަދި އެލޯމާފާނު ތަހުގީގުކުރެއްވި ފަރާތުން ވެސް "ލަންކާ" މި ނަމާ ޕަރަސޫރަމަގެ ލަންކާ އާއި ގުޅުވައިފައިވެ އެވެ. މީގެ އިތުރަށް ރާއްޖޭގެ ރަށެއްކަމުގައިވާ ލަންކަންފުއްޓަކީ ޕަރަސޫރަމަގެ ލަންކާގައި އެބުނާ ލަންކަންޕޫރީކަމުގައި ވެދާނެކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. ޕަރަސޫރަމަގެ ލަންކާއަކީ ރާއްޖެކަމަށް ބުނާ މުއައްރިޚުންގެ ހުރިހާ ބަޔާނާތުތަކާ އެކަމާ ދެކޮޅަށް ހުރި ގައުލުތަކުގެ ތެރެއަށް ނުވަދެ މިވަގުތަށް ކުރުކޮށްލަން މަޖުބޫރުއެބަވެ އެވެ. އެހެނީ އަޅުގަނޑުގެ މައުލޫއިން މާބޮޑަށް ވެސް އެއްކިބާވެއްޖެކަމަށް ފެންނާތީ އެވެ.

ޝައްކެއްވެސްނެތެވެ! ކޮއިމަލާކަލޯ ވާހަކައަކީ "ތާރީޚީ" ފޯކުލޯރެކެވެ. މި ވާހަކައާ މެދަށް ވިސްނާނަމަ އެންމެ ފުރަތަމަ ނަޒަރު ހުއްޓެނީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ކޮއިމަލާ ވާހަކަ ކިޔަމުން އައިސްފައިވާ ސަބަބަށެވެ. ހަމަ މަޝްހޫރު ބޮޑުތަކުރުފާނު "ވާހަކަ" ވެސް ކިޔައިދެމުން އައިސްފައިވާ ބީދައިންނެވެ. ސުވާލަކީ އެއީ ކީއްވެހެއްޔެވެ؟ ތިލަދުންމަތީ އުތީމު ތަކުރުފާނަކު، ގައުމު މިނިވަން ކުރެއްވުމުން އެވާހަކަ ކިޔަމުން އައިސްފައިވަނީ ހަމައެކަނި ތިލަދުންމަތީ މީހުންނެއްނޫނެވެ. ނޫނީ އުތުރު މީހުން އެކަންޏެއްވެސް ނޫނެވެ. އެއީ ވަކި ސަރަހައްދެއްގެ ވަކި ބަޔަކަށް ލިބުނު އުފަލެއް ވެސް ނޫނެވެ. ޝައްކެއްވެސް ނެތެވެ. އެއީ ގައުމީ އުފަލެކެވެ. ކޮންމެ ދިވެއްސަކަށް ލިބުނު ޝަރަފެކެވެ. މޮޅެކެވެ. ވީމާ އެވާހަކަ ގައުމުގެ އެންމެންގެ ދުލުކުރީގައި ނަގުލުކުރަމުން އައިސްފައިވަނީ އެވެ. ހަމަ މިބީދައިން ކޮއިމަލާ ވާހަކަ ގެނެސްދީފައިވަނީ ކީއްވެބާއެވެ؟

ވާހަކައިގައި ބުނާގޮތުންނަމަ ބޭރު ކަރައަކުން މިރާއްޖެ އަށް އައި ރަސްދަރިކަނބަލަކާއި އޭނާގެ ފިރި މަލެއްފަދަ ކޮއި މާޅޮސްމަޑުލު ރަސްގެތީމުގައި މަޑުކޮށްލައްވައިގެން ހުންނަވަނިކޮށް ފެނިވަޑައިގެންނެވި ދޫންޏެއް ފަހާ އައިސް އެސޮރު ދެއްކި ފިނޮޅަކަށް ފައިބާވަޑައިގެންނެވީ އެވެ. މި ފިނޮޅަކީ ގިރައިވަރު މީހުން މަސްވެރިކަން ކުރަން ނިކުމެ ބަނޑަހަ ޖަހައިގެން ތިބޭ ފިނޮޅެކެވެ. އެމީހުން ކަނޑާ މަހުގެ ލޭތަކުގެ ސަބަބުން މި ފިނޮޅަށް ދީފައިވާ ނަމަކީ މަހަލެއި ކަމުގައިވެ އެވެ. ދެން ކޮއިމަލާކަލޯގެ ދެމަފިރީންނަށް ރާއްޖޭގެ ރަސްކަން ދެއްވާ މަލެއްފަދަ ކޮއިގެ ނަން ކޮއިމަލާއަށް ބަދަލުވީ އެވެ.

އާދެ! މިއީ ފަރަންސޭސިންގެ މެންރޯވިޗު ނޫނީ ޖަޕާނުންގެ އެމްޕެރަ ޖިއްމޫ ނުވަތަ ސިލޯނު މީހުންގެ ޕްރިންސް ވިޖާޔާ ފަދައިން ދިވެހި ވެރިކަމުގެ ފެށުންކަމުގައި ދެންނެވޭކަށް ނެތެވެ. އެކަން މަތީގައި ދެންނެވުނު ޚުލާސާ ބަޔާންތަކުން ވެސް ހާމަވާނެ އެވެ. "ކޮއިމަލާ ކަލޯ" ރާއްޖޭގެ ބާނީއެއް ނޫނެވެ. އިހުގައި ޚުދު އަޅުގަނޑުވެސް ދުށީ އެވާހަކަ ވާނީ ރާއްޖޭގެ ފެށުމާ ގުޅުވައިގެން ކިޔާ ވާހަކައެއްކަމުގަ އެވެ. އެހެން ނަމަވެސް ކޮއިމަލާގެ ވެރިކަން ފެށުނީ ހިޖުރައިން "ފާއްސަތުރަ ސަތުރަ ސަތިރީސް ވަނަ އަވެރުދުން" ކަމަށް ރާދަވަޅި ބުނާއިރު އޭގެ އެތައް ސަތޭކަ އަހަރު ކުރިޔަށް ވެސް ދިވެހި ދައުލަތުގެ ވެރިކަމާ ގުޅޭ ބައެއް ޚަބަރުތައް ފެންނާން އެބަހުއްޓެވެ. އެހެނަސް އަދި ރާދަވަޅިއަށް ވުރެ ދޮށި، ރާދަވަޅި އެބުނާ ކޮއިމަލާ ދިރިއުޅުއްވި ޒަމާނާ މާދުރުނޫން ޒަމާނެއްގެ ލިޔުމެއް ފެންނާން އެބައޮތެވެ. އެއީ ސްރީ މަތަ ގަޑަނާއްދީއްތަ މާރަސުން ގެ ރަސްކަމުގައި ނެރުއްވި އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނެވެ. ވީމާ ދެން ބަލާންވީ ކޮއިމަލާ ކަލޯގެ ވާހަކަޔަށް މި ލޯމާފާނުތައް ކުރަނީ ކޮން އިޝާރަތެއްތޯ އެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް: މި ލިޔުމުގައި "ކަލަބްހރާއިން" މި ލަފްޒު ބޭނުންކުރިއިރު ހުސް "ހާ" އެއް ޖަހާފައި އެވަނީ އެ ލަފްޒު ސާންސްކްރިތުގެ އިން ލިޔާއިރު ގެންގުޅޭ ބަހަވީ ހަމަ އަށް ފެއްތުމަށްޓަކަ އެވެ.