Advertisement

ސްކްރީން ޓައިމް މަދުކޮށް ކުދިން ފޫހިފިލުވާނީ ކިހިނެއް؟

ފޮށިގަނޑަކުން ރޮކެޓެއް ހަދައިގެން ކުއްޖަކު ކުޅެނީ. ތަފާތު އެކި މަޖާ ކަންކަން ކޮށްގެން ކުދިން ސްކްރީނާ ދުރުކުރެވިދާނެ.


ސްކްރީން ޓައިމް މަދުކޮށް ކުދިން ފޫހިފިލުވާނީ ކިހިނެއް؟

ކޮވިޑުގެ ހާލަތު ރާއްޖޭގައި ގޯސްވާން ފަށާފައި ވާތީ އަނެއްކާ ވެސް މި ވަނީ ގިނައިރުތަކެއް ގޭގައި ހޭދަކުރަން ޖެހިފަ އެވެ. ގޭގެ ހަތަރު ފާރުން ބޭރަށް ނުނިކުމެ އެތައް ވަގުތެއް ހޭދަ ކުރަން ޖެހުމުން އެންމެ ބޮޑު އަސަރެއް ކުރާ އެއް ބަޔަކީ ކުޑަ ކުދިންނެވެ.

ސްކޫލުތައް ބަންދުވެ، ގޭގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމުން ކުދިންގެ "ސްކްރީން ޓައިމް" އިތުރުވާ ކަމަށް ދިރާސާތަކުން ދައްކާފައި ވެ އެވެ. "ސްކްރީން ޓައިމަކީ" ޓީވީ ނުވަތަ އެފަދަ އެހެން ޑިވައިސެއް ބޭނުން ކުރުމަށް ކުއްޖާ ހޭދަ ކުރާ ވަގުތެވެ. "ސްކްރީން ޓައިމް" އިތުރުވުމަކީ ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރާ ކަމެކެވެ.

ކުދިން ސްކްރީނާ ދުރުކޮށް، "އިންޓަރެކްޓިވް" ހަރަކާތްތަކުގައި ޝާމިލް ކުރުމަކީ އެ ކުދިންގެ ސިކުނޑީގެ ކުރިއެރުމަށް އެންމެ ފައިދާ ހުރި ގޮތެެވެ. އެތައް އިރެއް ވަންދެން ކުއްޖާގެ ސަމާލުކަން ސްކްރީނަކަށް ދީގެން އިނުމުގެ ބަދަލުގައި، ސިކުނޑި ހިންގައިގެން ކަންކަން ކުރަން ޖެހޭ ނަމަ ކުއްޖާއަށް ގިނަ އެއްޗިސްތަކެއް ދަސްވެގެން ދާނެ އެވެ.

ތިރީގައި އެ ވަނީ "ސްކްރީން ޓައިމް" މަދުކޮށް ކުދިންގެ ފޫހިފިލާނެ ގޮތަށް ބެލެނިވެރިންނަށް ގޭގައި ހިންގިދާނެ ބައެއް ހަރަކާތްތަކެވެ.

ގޭމް ބޮކްސް ތައްޔާރު ކުރުން

ގޭމް ބޮކްސްއަކީ ކުއްޖާއަށް ކުޅެވިދާނެ އެކި ކަހަލަ ކުޅިވަރުތަކާއި، ގޭމްތަކާއި، ޕަޒްލްތައް ފަސޭހައިން އެއް ތަނަކުން ފެނި "އެކްސެސް" ވެވޭނެ ގޮތަށް ބަހައްޓާ ފޮއްޓެކެވެ. ދަރިފުޅާ އެއްކޮށް މަންމަ ނޫނީ ބައްޕަ މިފަދަ ފޮއްޓެއް ތައްޔާރު ކުރުމަކީ އެ ކުއްޖާ އެންމެ ކުޅޭ ހިތްވާ ކުޅިވަރުތައް ކުޅުމަށް ހިތްވަރު ލިބޭނެ ކަމެކެވެ.

މިފަދަ ގޭމްސް ބޮކްސެއްގެ ތެރޭގައި ކުލަ ޖައްސާ ފޮތާއި، އުނޯ ފަދަ ކާޑް ގޭމްސްތަކާއި، ޕަޒްލް ހިމެނި ދާނެ އެވެ. ދަރިފުޅު ފޫހިވެގެން އުޅޭހެން ހީވާ ނަމަ ގޭމްސް ބޮކްސް މަތިން ހަނދާންކޮށްދޭށެވެ. އޭރުން ޓީވީއާ ދިމާލަށް ނުވަތަ ޕްލޭސްޓޭޝަނާ ދިމާލަށް ދިޔުމުގެ ބަދަލުގައި ގޭމް ބޮކްސްގެ އެކި ކުޅިވަރުތަކަށް ވަގުތު ހުސްކުރަން އާދަ ވާނެ އެވެ.

އަމިއްލަ ކާޓޫނެއް ކުރެހުން

ޓީވީ ކައިރީގައި ގިނަ ކުދިން ވަގުތު ހޭދަ ކުރަނީ ކޮންމެވެސް ކާޓޫނެއް ބެލުމަށެވެ. ކުދިން ބަލާ ކާޓޫނުތަކުގެ ތެރޭގައި އެ ކުދިންނަށް އެންމެ ކަމުދާ "ފެވަރިޓް" ކާޓޫނުތައް ހުރެ އެވެ. ޓީވީން ކާޓޫނު ބަލާ ވަގުތު މަދު ކުރުމުގެ ގޮތުން ކޮންމެވެސް ކާޓޫން ކެރެކްޓާއެއް އުފައްދައި، ކުރަހަން ދަރިފުޅަށް ކިޔައިދޭށެވެ.

މިއީ ކުއްޖާގެ އަމިއްލަ ހިޔާލު ބޭނުންކޮށްގެން އުފައްދާ "އިމޭޖިނޭޓިވް" ހަރަކާތަކަށް ހެދިދާނެ އެވެ. ކާޓޫން ކެރެކްޓާ ކުރެހުމަށް ފަހު އެއަށް ނަންދީ، އެކި ދުވަސް މަތިން މި ހަރަކާތް ކުރިއަށް ގެންދިޔުމަށްޓަކައި ކުދި ކާޓޫން ކޮމިކް ކުރެހުމުގައި ދަރިފުޅާއެކު ބައިވެރިވާށެވެ.

ގޭގެ ކަންކަމުގައި އެހީވާން ފުރުސަތު ދިނުން

ކުޑަ ކުދިންނަކީ އަބަދު ވެސް އާ ކަންކަން ދަސްކޮށް، އާ ތަޖުރިބާތައް ކުރާ ހިތްވާ ބައެކެވެ. މިކަން ސިކުނޑީގައި ބަހައްޓައިގެން ގޭ ތެރޭގައި ކުރާ މަސައްކަތްތަކުގައި ދަރިފުޅު ބައިވެރި ކުރާށެވެ. ކައްކާ ގަޑީގައި ދަރިފުޅުގެ އުމުރާ ގުޅޭ ގޮތަށް ކަންކަން ކުރަން ދޭށެވެ.

އޭގެ އިތުރުން ކައްކައި ނިމިގެން ތަށިތައް ދޮވުމުގައި ބައިވެރިކޮށް، ކާ ގަޑިއަށް މޭޒުމަތި ތައްޔާރު ކުރުމުގައި ވެސް ބައިވެރި ކުރެވިދާނެ އެވެ. މިއީ ގޭގައި ބެލެނިވެރިން ކުރާ ކަންކަމުގެ އަގު ވަޒަން ކުރަން ވެސް ކުދިންނަށް ހިތްވަރު ލިބޭނެ ކަމެކެވެ.

ޓްރެޝާ ހަންޓު ގޭމް އަދި ޓެންޓު ހެދުން

ގޭގެ ކޮންމެ ވެސް ތަނެއްގައި ދަރިފުޅު ޝައުގުވެރިވާ އެއްޗެއް ނުވަތަ އެއްޗެހިތަކެއް ފޮރުވާށެވެ. މިއީ ކުއްޖާގެ "ކޮއިން ބޮކްސް" އަށް ލާން ފައިސާ ނުވަތަ ޗޮކުލެޓެއް ފަދަ އެއްޗެކަށް ވެސް ހެދިދާނެ އެވެ. ވަކި ވަގުތެއްގެ ތެރޭގައި އެ ހޯދުމަށް ބުނާށެވެ.

ބާލީހާއި ކަންނެޔޮ އަދި ގައިގަ އަޅާ ފޮތިގަނޑުތައް ފަދަ ތަކެތި ދަރިފުޅަށް ދީފައިވާ ވަކި ވަގުތެއްގެ ތެރޭގައި ޓެންޓެއް ހަދަން ހަވާލު ކުރާށެވެ. ޓެންޓު ހަދަން ނޭނގޭ ނަމަ އެ ކަމުގައި ބައިވެރިވާށެވެ. އަދި ނިމުމުން އޭގެ ތެރެއަށް ވަދެ ދަރިފުޅާއެކު ވަގުތުކޮޅެއް ހޭދަ ކުރާށެވެ.