Advertisement

ބާރު އަޑަށް ފަހު ދެ އަހަރު ކުއްޖާ ސިހުމެއްގެ ތެރޭގައި!

މާހިލް އުރާލައިގެން ބައްޕަ މަޖީދީމަގުގައި: ހަމަލާއަށް ފަހު ކުޑަކުއްޖާގެ މިޒާޖަށް ވަނީ ބަދަލުތަކެއް އައިސްފައި. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ބާރު އަޑަށް ފަހު ދެ އަހަރު ކުއްޖާ ސިހުމެއްގެ ތެރޭގައި!

މާލޭގައި މިދިޔަބުރާސްފަތިދުވަހުގެ ރޭ ބޮން ގޮއްވި ސަރަހައްދު، ވީޑިއޯކުރަން ތިބި "އަދަދު"ގެ ނޫސްވެރިންނަށް އަޅައިގަތީ ބައްޕަގެ އުރުގައި އިނދެފައި ދޭތެރެއަކުން ކަންފަތުގައި އަތް އަޅަމުން ދިޔަ ކުޑަ ކުއްޖެކެވެ. ބައްޕަގެ ގައިގައި ބައްދާލައިގެން އިން އެ ކުއްޖާ ސިފަވީ ބިރުވެރިކަމެއް ފެނިގެން އުޅުނު ގޮތަކަށެވެ. ދޭތެރެއަކުން ސިހިފައި ބަލާލަ އެވެ. ކިހިނެއްވީތޯ އެހުމުން ބައްޕަ ޝިފާއު ސޯލިހް ކިޔައިދޭން ފެށީ، ހަމަލާއަށް ފަހު އޭނާގެ ދަރިފުޅު، މާހިލް ބިން ޝިފާއު އަށް އައިސްފައިވާ ބަދަލެވެ.

ދެ އަހަރުގެ މާހިލް ކުރިން ހަލަނިވެފައި، އެ އުމުރުގެ ކުދިން އުޅޭ ގޮތަށް އަބަދު ވަހާކަ ދެއްކިޔަސް ހަމަލާއަށް ފަހު އިންނަނީ ވަރަށް މަޑުންނެވެ. ސުވާލުތައް މުޅިން ގުޅުވަނީ އޭނާގެ ސިކުނޑީގައި ހަރުލައި، ހަނދާން ނައްތާނުލެވިގެން އުޅޭ ބާރުގަދަ އަޑާ އެވެ.

"އަޑެއް އިވޭ އިރަށް އެބަ އަހާ ކޮން އަޑެއް، ކިހިނެއްވީ ހޭ،" ބައްޕަ، ޝިފާއު ބުންޏެވެ.

ހީކުރީ ގޭސްފުޅިއެއް ގޮވީ ކަމަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ނީލޯފަރު ހިނގުމުގައި ބޮމެއް ގޮއްވާލިއިރު މާހިލް ހުރީ މަންމައާ އެކު ކޮޓަރި ތެރޭގަ އެވެ. ފަސް މީހުން ދިރިއުޅޭ އެ ގެ ހުންނަނީ ބޮމުގެ ހަމަލާ އަމާޒުކުރީ ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެއާ ޖެހިގެން ކަނާތަށް ހުންނަ ގޯޅީގެ ތެރޭގަ އެވެ. އެއީ އައިއީޑީ ގޮއްވާލިތާ ވަރަށް ކައިރި އެވެ. ކުއްލިއަކަށް އިވުނު ބާރު އަޑުފައްގަނޑާ އެކު މާހިލްގެ މަންމަ، ހައްވާ ހަސަން ވެސް ދިޔައީ ސިއްސައިގެންނެވެ.

ބޮމުގެ ހަމަލާއަށް ފަހު ދަރިފުޅަށް އައި ބަދަލާ ގުޅޭ ގޮތުން ޝިފާއު "އަދަދު"އާ ވާހަކަ ދައްކަނީ. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


އޭނާ ސިފަކުރި ގޮތުގައި އެއީ، ތަނެއް ހަލާކުވެގެން ދިއުމުން އިވޭނެ ފަދަ ބާރު ގަދަ އަޑެކެވެ. ކަންފަތް ވެސް ބައްވި އެވެ.

"އަޑާ އެކު ދަރިފުޅު [މާހިލް] އައިސް އަޅުގަނޑުގެ ގައިގައި ބެއްދީ. ދެން އަޅުގަނޑު އޭނަ އުރައިގެން ތެދުވެ ކޮޓަރި ތެރޭގައި އިން ވައި ގޮޅިއަށް އިން ދޮރު ހުޅުވާލީ. އެހާ ބާރުއަޑެއް އައީމަ އަޑު އައި ދިމާލެއް އޭރަކު ނޭނގެ. ހީވީ ވަރަށް ކައިރިން އަޑުއިވުނުހެން،" ހައްވަ މި ނޫހަށް ކިޔައިދިނެވެ.

ބެލްކަންޏަށް ނުކުމެ ބަލާލިއިރު ގޯޅި ތެރޭގައި އުޅޭ އެހެން ގެތަކުން ވެސް މީހުން ނުކުންނަނީ އެވެ. އޭގެ ތެރެއިން ގިނަ މީހުން އެކަކު އަނެކަކާ ސުވާލު ކުރަމުން ދިޔައީ ގޭސްފުޅިއެއް ގޮވީ ކަމަށް ހީކޮށްގެންނެވެ.

"އަޅުގަނޑު ވެސް ފުރަތަމަ ހީކުރީ އެހެން، ގޭސް ފުޅިއެއް އެއްޗެއް ގޮވީ ކަންނޭނގެއޭ." ހައްވަ ބުންޏެވެ.

އަޑެއްއިވޭއިރަށް ބިރުން ސުވާލު ކުރޭ

މި ބާރުގެ އަޑާ އެކު ކުޑަކުޑަ މާހިލް ވެއްޓުނީ ބިރުވެރިކަމެއްގެ ތެރެއަށެވެ. ކުރިން ގޭތެރޭގައި އެކަނި ދުވެދުވޭ އުޅޭ މާހިލްގެ މިޒާޖު ބަދަލުވެއްޖެ ކަމަށް މަންމަ އާއި ބައްޕަ ބުންޏެވެ.

މި[ގޮއްވާލި އަޑުއިވުނުއިރު ދެމައިން ތިބި] ކޮޓަރިއަށް ނުވަންނަން އުޅޭ. މިހާރު ވެސް ކޮޓަރިއަށް ދާން ބުނާއިރަށް ބުނާނެ މިކޮޓަރިއަށް ނޫނެކޭ. މަންމަ

"އޭގެ ކުރީގައި އަޅުގަނޑު މިތާ ސިޓިންރޫމުގައި ކަންކަމުގައި އުޅޭއިރު އޮންނާނެ. ގޭމް ކުޅެލަން ވެސް އޮންނާނެ އެކަނި އޮށޯވެލައިގެން. މިހެން ގޭތެރޭގައި ކާރު ދުއްވާލާ އެއްތަނުން އޭނަ އުޅޭނީ،" ހުކުރު ދުވަހު ދެ އަހަރު ފުރުނު މާހިލްއާ ގުޅޭގޮތުން ހައްވަ ބުންޏެވެ.

ބޮން ގޮއްވާލި ފަހުން މާހިލްއަށް އައި ބަދަލުތައް މަންމަ ކިޔައިދެނީ: ބާރުގަދަ އަޑުފައްގަނޑު އިވުނު އިރު އެ ކުއްޖާ ހުރި ކޮޓަރިތެރެއަކަށް ވެސް މިހާރަކު ނުވަދޭ. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


މާހިލްގެ މިޒާޖަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ބައްޕަ ޝިފާއުއަށް ފާހަގަކުރެވުނީ، އަޑެއް އިވޭއިރަށް ކަންފަތުގައި އަތް އެޅުމާއި ސިއްސަ ސިއްސައިގެން ދިއުމެވެ. ކާއްޓެއް ބިނދެލިޔަސް ބިރުން ކަންފަތުގައި އަތްއަޅަ އެވެ.

"ކުޑަ މީހާ ކުރީ ރޭ ވެސް ނިދާފައި އޮއްވައި ކުއްލިއަކަށް ހޭލީ. ހޭލާފައި މަންމަ ގައިގައި ބެއްދީ،" ޝިފާއު ބުންޏެވެ.

މާހިލްގެ މައިންބަފައިން ގަބޫލުކުރާ ގޮތުގައި ބާރުއަޑާ އެކު މާހިލަށް އެ ކުރިމަތިވި ބިރު ދުވަސްކޮޅަކުން ރަނގަޅުވާނެ އެވެ.

ހަމަލާ ދިން ވަގުތު ޝިފާއު ހުރީ ތަރާވީސް ނަމާދަށް މިސްކިތުގަ އެވެ. ގޭދޮށުން އެއްޗެއް ގޮއްވާލިކަން އެނގުނީ ގެއަށަ އައި ވަގުތު ފުލުހުން އެ ސަރަހައްދު ބަންދުކޮށްފައި އޮތުމުންނެވެ. "ބޮމެއް" ގޮވި ހަބަރާ އެކު އަނބިދަރިންގެ ހާލު ނޭނގިގެން އޭނާ ކަންބޮޑުވި އެވެ. ކިރިޔާ ވެސް ހިތްހަމަޖެހުމެއް ލިބުނީ އަންހެނުންނާ ގުޅުނު ހިސާބުންނެވެ.

"އަޅުގަނޑަށް ގެއަށް ވަދެވުނީ ވެސް ގަޑިއެއްހާއިރު ފަހުން. އޭރު 10 ޖަހަން އުޅެނީ. ހަމަ އެތާ ހުރީ ނުވަދެވިފައި،" ޝިފާއު ބުންޏެވެ.

ޝިފާއު ދަރިފުޅާ އެކު މަގުމަތީގައި: އަޑެއް އިވޭއިރަށް ސިއްސައިގެން ދަނީ އެ ހާދިސާއަށް ފަހު މާހިލަށް ކޮށްފައިވާ އަސަރުން ކަމަށް ޝިފާއު ބުނޭ. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ޝިފާއު ބުނިގޮތުގައި އެފަދަ ދެ ވަނަ ހާދިސާއެއް ހިނގާފާނެތީ އޭނާ މިހާރު ވަރަށް ބިރުގަނެ އެވެ.

"ކުރިން ކޮންފިޑެންސް އިނދޭ [މި ކަހަލަ ކަމެއް ނުވާނެއޭ]. އެކަމަކު މިހާރު ހަމަ ވަރަށް ބިރުގަނޭ. ސަބަބަކަށް ވަނީ މިއީ އަޅުގަނޑު ހިތަށް ވެސް ނާރާ ގޮތަށް ހިނގި ކަމެއް ކަމަކީ،" ޝިފާއު ބުންޏެވެ.

އައިއީޑީ ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާގައި، ނަޝީދުގެ އިތުރުން ތިން ބޮޑީގާޑުންނާއި ބިދޭސީއެއްގެ އިތުރުން ދިވެއްސަކު ޒަހަމްވި އެވެ. އެންމެންގެ ހާލު ވެސް މިހާރު ރަނގަޅެވެ. ޓެރަރިޒަމްގެ ހަމަލާއާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

އެކަމަކު، ކުޑަކުޑަ މާހިލް އަދިވެސް ހުރީ އެ ބިރުވެރިކަމުގެ ތެރޭގަ އެވެ. ބޮން ގޮވި އަޑުފައްގަނޑުގެ މަތިން ހަނދާންވާ އިރަށް ސިއްސައިގެން ދެ އެވެ.