Advertisement

ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދިނުން އާންމުވެފައި

16 މޭ 2021 - 10:59 9

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ސޯޝަލް މީޑިއާގައި ފާޅުކުރާ ހަރުކަށި ފިކުރުތަކާ ގުޅޭ ކުރެހުމެއް: އެއްވެސް ތަނެއްގައި ޓެރަރިޒަމަށް ތާއީދު ކުރުމަކީ އަދަބު ބޮޑު ކުށެއް -- އަދަދު އާޓްވޯކް އަބްދުﷲ ޝަފީއު (އަބޯ)


ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދިނުން އާންމުވެފައި

16 މޭ 2021 - 10:59 9

މެއި، 7: (23:13) ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބޮމުގެ ހަމަލާއެއް ދިންތާ 24 ގަޑިއިރު ހަމަވެއްޖެ އެވެ. ހަމަލާއާ ގުޅިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި ތަފާތު ހިޔާލުތައް އެނބުރެމުން ދަނީ އެވެ. އަހުމަދު މުނާސިރު އޭނާގެ އެކައުންޓުން ޕޯސްޓެއް ކޮށްލި އެވެ.

"އަސްލު ވެސް ------ ކަމެއްވެގެން ދެރަވެގެން ހިތާމަފާޅު ކުރުމަކީ އަބޫޖަހުލުގެ މަރަށް ދެރަވެގެން ހިތާމަފާޅުކުރުން ފަދަ ކަމެއް،" ކާކުކަން ނޭނގޭ ގޮތަށް ހަދާފައިވާ އެ އެކައުންޓުން އެމީހަކު ބުންޏެވެ.

މެއި، 9: (24:29) ރައީސް ނަޝީދަށް ދިން ހަމަލާއަށް އެކި ގޮތްގޮތުން މުނާސިރު ތައުރީފް ކުރަމުން ދިޔަ އެވެ. އަދި މި ދުވަހުގެ ދަންވަރު އަނެއްކާ ވެސް ވަރުގަދަ ބަހެއް ބުނެލި އެވެ.

"އެ ކަންކުރީ މުސްލިމުން ކަމުގައިވާނަމަ އެ އަޚުން ކާމިޔާބު ކުރައްވައި ޘާބިތުކުރައްވާށި. ނޫން ނަމަވެސް މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. އެ -------- ހިތި ނިމުމެއް ދެއްވާށި. މުނާފިގެއް މެނުވީ މިއަދު މި ނަ----------- ދެރައެއް ލިބިގެން ދެރަނުވާނެ. އަދި މުނާފިގެއް މެނުވީ މި ހަމަލާ ކުށްވެރި ނުކުރާނެ،" އޭނާ ލިޔެފައިވެ އެވެ.

މެއި، 10: (6:51) ޓެރަރިޒަމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ވާހަކަ ދައްކާ މީހުންގެ މައްސަލަ ބަލާނެ ކަމަށް ފުލުހުން އިއުލާން ކޮށްފި އެވެ. އިއުލާނާ އެކު މުނާސިރުގެ ބަހުގެ ހަމަލާތައް އަމާޒު ކުރީ ސަލާމަތީ ބާރުތަކަށެވެ.

"އަހަރެމެން ބޭނުންވަނީ ދީނަށް ފުރައްސާރަކުރާ މުރުތައްދުން ބޯކަނޑާ ސަރުކާރެއް. އޭރުން ދީނުގެ ދިފާއުގައި ދޭ ނިރުބަވެރި ހަމަލާތަކެއް އަހަރެމެންގެ ފަސްގަނޑުން ނުފެންނާނެ،" އޭނާ އިންޒާރެއް ދިނެވެ. "ފުލުހުންނާއި ސިފައިން ވަނީ އިސްލާމްދީނާ މުސްލިމުން ދިފާއުކުރުމަށް ނުކުޅެދިފައި...،" ބިރެއް ނެތި މުނާސިރު އޭނާގެ ނިރުބަވެރި ފިކުރުގެ ހަންފަތުރަމުންދިޔަ އެވެ.

(9:11) ހަމަ އެ ދުވަހެވެ. ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް މުނާސިރުގެ ތައުރީފު އޮހެނީ އެވެ. އަދި ހަމަލާއަށް ހިތްވަރުދޭ މީހުންގެ މައްސަލަ ބަލާތީ އެކަމާ ދެކޮޅަށް ވަރަށް ގަދައަށް މުނާސިރު ދިޔައީ ވާހަކަ ދައްކަމުންނެވެ.

"(ތަކްފީރު ކުރުމުގެ އިބާރާތަކަށް ވާތީ އުނިކުރެވިފައި). ތުހުމަތުގައި ހައްޔަރުކުރީ މުސްލިމު ޒުވާނުންތަކެއް. އެހެންވީމާ އިސްލާމްދީނުގެ އަސްލުތަކުން، އަލްވަލާއު ވަލްބަރާ އިން ބާރު އަޅަނީ މުސްލިމުން މުސްލިމުންގެ ކޮޅުގައި ތިބުމަށް،" ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި ކަމަށް ބެލެވޭ އަހުމަދު އަދުހަމުގެ ފޮޓޯއަކާއެކު ލިޔުނު ޕޯސްޓެއްގައި އޭނާ ބުނެފައިވެ އެވެ.

ހަމަ އެ ދުވަހު ނަޝީދަށް ދިން ހަމަލާއަށް ބާރުދީ އެމަނިކުފާނަކީ މުސްލިމެއް ނޫން ކަމަށް ބުނެ ދެ ޕޯސްޓެއް މުނާސިރު ލިޔުނެވެ.

މެއި، 12: (5:45) ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ނިކުންނަން ފަށައިފި އެވެ. މުނާސިރަކަށް މިކަން ބަލައެއް ނުގަނެވުނެވެ. އަދި ރާއްޖޭގެ ބައެއް ފުންނާބު އުސް އިލްމުވެރިންގެ ފޮޓޯއާއެކު ޕޯސްޓެއް ލިޔުނެވެ.

"ޑިމޮކްރަސީގެ ތާގޫތުން ފަހަތަށް އަރާ މަގުފުރެދިފައިވާ ޝެއިހުން އާންމުންގެ ލޮލަށް އެންމެ ބޮޑަށް އޮޅުވާލަނީ ހޮވާ ސަރުކާރުގެ ކަންކަމުގައި ބަސް ކިޔަން އެވެރިން ތިބޭ ކަމަށް އަދި ހާއިނު ފާޑު ސިޔާސީން މި ވެރިންގެ ބަސް އަހާނެ ކަމަށް،" އޭނާ ލިޔުނެވެ.

މުނާސިރު އޭނާގެ ހިޔާލުތައް ދޫކޮށްލާފައި ވަނީ ސޯޝަލް މީޑިއާ ޕެލްޓްފޯމް ފޭސްބުކަށެވެ. ހިސާބު ބަލަހައްޓާ ފަރާތްތަކުން އަންދާޒާ ކުރާ ގޮތުގައި ދިވެހިރާއްޖޭގައި ފޭސްބުކް ބޭނުން ކުރާ 347،100 މީހުން އުޅެ އެވެ. އެއީ ރާއްޖޭގެ އާބާދީގެ 65 ޕަސެންޓެވެ.

މުނާސިރަކީ އެންމެ މީހެކެވެ. ސޯޝަލް މީޑިއާގައި މިގޮތަށް ވާހަކަ ދައްކާ ކިތަންމެ ދިވެހިންނެއް އުޅެ އެވެ. ފާޅުކަން ބޮޑުކޮށް އަދި ސިއްރުންނެވެ. ނަން އޮޅުވާލައިގެން ނުވަތަ އަސްލު ނަމުގަ އެވެ. މީހުން ކާފަރު ކުރުމާއި އެކަކު އަނެކަކަށް ލާދީނީ ޓެގު އެޅުވުމުގަ އެވެ.

ހައްދުފަހަނައެޅި ބަސްމަގު ރާއްޖޭގައި ވަރަށް ފުޅާ

ތަޖުރިބާކާރުން ދެކޭ ގޮތުގައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދޭ ކޮންމެ މީހަކު އެކަން ކުރަން ބޭނުން ނުވެދާނެ އެވެ. ނަމަވެސް އެފަދަ ބަސްމަގު ރާއްޖޭގައި ވަރަށް އިތުރުވެފައިވާ ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ. އަދި އޭގެ ނަތީޖާ ގޯސްކޮށް ފެނިދާނެ ކަމަށް އެ މީހުން އިންޒާރު ދެ އެވެ.

"އެކްސްޓްރީމިޒަމް އަކީ ވަރަށް ބޮޑު ބްރޯޑާ ކެޓަގަރީއެއް. ވަޔަލެންޓް އެކްސްޓްރީމިޒަމްއަކީ އޭގެ ތެރެއިން އަދި ނެރޯ އެއްޗެއް. އެކްސްޓްރީމިޒަމްގެ ތެރޭގައި ހިމެނިދާނެ ހޭޓް ސްޕީޗު. މީހުންނާ ދިމާލަށް ނަފްރަތު އުފެއްދުމަށް މި ބޭނުން ކުރާ ބަސްމަގު. އެއީ ކަންދިމާވެފައި އޮތް ގޮތުން ރާއްޖޭގެ މުޖްތަމައުގައި ވަރަށް ބޮޑަށް ފެތުރިފައި އޮތް ކަމެއް،" ހަރުކަށި ފިކުރު އަދި ޓެރަރިޒަމްގެ އަމަލުތައް ދިރާސާ ކުރައްވާ އާޒިމް ޒާހިރު ވިދާޅުވި އެވެ.

ނަފްރަތު އުފެއްދުމުގެ ބަސްމަގު އެންމެ ބޮޑީ ސޯޝަލް މީޑިއާގެ ތެރޭގައި ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"ހާއްސަކޮށް ސޯޝަލް މީޑިއާގައި ފެނޭ އެބަ ހޭޓް ސްޕީޗާއި އެކްސްޓްރީމިސްޓް ލެންގުއޭޖާއި މި ކަންތައްތައް ވަރަށް ބޮޑުވެފައި މި އޮތީ. އެކަކު އަނެކަކާ ދިމާލަށް ހުރިހާ ފަރާތަކުން ވެސް މިކަން ބޮޑު. މިކަން ކުރަނީ ނުބެނެވޭނެ ވަކި ދީނީ ގޮތުންނެކޭ. ހަމަ ހުރިހާ ފަރާތްތަކަކުން ވެސް، ސިޔާސީ މީހުން ސިޔާސީ މީހުންނާއި ދީނީ މީހުން ދީނީ މީހުންނާ ދިމަލާށް. މިއީ ރާއްޖޭގައި ވަރަށް ފުޅާވެފައި އޮތް ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޓެރަރިޒަމަށް ހިތްވަރު ލިބޭ ބަސްމަގު ފެތުރުމަކީ އޭގެ ނަތީޖާ ގޯސްވާނެ އަމަލެއް ކަމަށް އާޒިމް ދެކެވަޑައިގަންނަވަ އެވެ.

"ވަޔަލެންޓް އެކްސްޓްރީމިޒަމްގައި މި އުޅެނީ ތަންކޮޅެއް މަދު ބަޔަކު. އެކްސްޓްރީމިސްޓް ލެންގުއޭޖްތަކުން ޕްރޮމޯޓް ކޮށްދޭ ނުވަތަ އެންކަރޭޖްކޮށްދޭ ވަޔަލަންޓް އެކްސްޓްރީމިސްޓުންނަށް. މީހަކާ ދިމާލަށް ލާދީނީއޭ ކުފުރުވެފައޭ ބުނާ މީހަކު ކޮންމެހެން ބޭނުން ނުވެދާނެ އޭނައަށް ހަމަލާއެއް ދޭން. އެކަމަކު އެ ހިސާބުން އެ ރައްދުވާ މީހާ ލޭބަލްވީ. އަދި އެ މަދު ވަޔަލަންޓް އެކްސްޓްރީމިޒަމްގަ އުޅޭ މީހުންނަށް ވެސް ލިބޭ އެންކަރޭޖްމަންޓަކަށް ވަނީ،" އޭނާ ވިދާޅުވި އެވެ.

އިންޓަނެޓު ޓެރަރިޒަމްގެ އަދަބު ބޮޑު

މީހުން މެރުމާއި ބޮޑެތި ބޮން ގޮއްވުން މަނާކޮށްފައި އޮތީ ހަމައެކަނި ފިޒިކަލް ދުނިޔެއަކު ނޫނެވެ. މީހަކު ކޮމްޕިޓަރެއްގައި ލިޔެފައި ދޫކޮށްލާ ހިޔާލުގައި ވެސް ޓެރަރިޒަމަށް ހިތްވަރުދޭ ނަމަ އެއީ ރާއްޖޭގެ ގާނޫނުތަކުން އެއީ ބޮޑު ކުށެކެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ އަށް ވަނަ މާއްދާގައި ބުނެފައި ވަނީ "ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެއް" ކަމަށެވެ.

އެ މާއްދާގެ ށ. ގައި ބުނެފައި ވަނީ މި މާއްދާގައި "ހިތްވަރު ދިނުން ކަމަށް ބުނެފައި އެވަނީ، މީހަކު ބުނާ ބުނުމަކުން ނުވަތަ ދޭ ބަޔާނަކުން، އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ނުވަތަ މަގުފަހިކުރުމަށް ހިތްވަރުދޭ ކަމެއްކަމަށް އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ފެންނަ ފެނުމަށް" ކަމަށެވެ.

އެފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.

ސޯޝަލް މީޑިއާއަކީ ޓެރަރިސްޓުން ހާލި ހަދަން މަސައްކަތް ކުރާ ތަނެކެވެ. އެހެންކަމުން އިންޓަނެޓު ޓެރަރިޒަމް ހުއްޓުވުމަށް ގާނޫނުގައި ހާއްސަ މާއްދާތަކެއް ވަނީ އެކުލަވާލައިފަ އެވެ. ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައި ވަނީ "ޓެލެވިޒަން ނުވަތަ ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް" ނަމަވެސް ޓެރަރިޒަމަށް ހިތްވަރުދިނުން މަނާ ކަމަށެވެ. އަދި ފިޒިކަލީ އެފަދަ ކަމެއް ކުރުމާ ތަފާތުނުކޮށް އިންޓަނެޓުގައި ޓެރަރިޒަމަށް ހިތްވަރުދޭ ދޭ މީހާގެ އަދަބަކީ ވެސް 10 އަހަރާއި 15 އަހަރާދެމެދު މުއްދަތެއްކަން ގާނޫނުން ވަނީ ކަނޑައަޅައިފަ އެވެ.

ފުލުހުން މަޑުން ނުތިބޭނެ ކަމުގެ އިންޒާރު

ރައީސް ނަޝީދަށް ދިން އައިއީޑީ ހަމަލާއަކީ މިހާތަނަށް ދިވެހިރާއްޖޭގައި ދިން އެންމެ ބޮޑު ޓެރަރިސްޓު ހަމަލާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާން ކުރައްވައިފަ އެވެ. މިއީ ވަރަށް ސީރިއަސް މައްސަލައެކެވެ. ނަމަވެސް އެ ހަމަލާއަށް ގިނަ ބަޔަކު އެ ދަނީ އިންޓަނެޓުގައި ތަރުހީބުދެމުންނެވެ. އެކަމަކު ފުލުހުން އިންޓަނެޓު ޓެރަރިޒަމްގެ މައްސަލަތައް ދޫނުކުރާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

"އެކި ފަރާތްތަކުން ސޯޝަލް މީޑިއާ އާއި ބައެއް އޮންލައިން ނޫސްތަކުގެ ކޮމެންޓް ސެކްޝަންތަކުގައި ވެސް އެކި ގޮތްގޮތަށް ހިޔާލު ފާޅު ކުރަމުން އެބަދޭ. ބައެއް ފަރާތްތަކުން ޓެރަރިޒަމްގެ މި އަމަލަށް ހިތްވަރު ލިބޭ ކަހަލަ، މިކަން ކުރި މީހުންނަށް ތައުރީފުކޮށްފައި ކޮމެންޓްކޮށް ހަދާ ތަންތަން ވެސް އަޅުގަނޑުމެންނަށް އެބަ ފާހަގަ ކުރެވޭ،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި އެވެ.

ޓެރަރިޒަމަށް ހިތްވަރުދީ ވާހަކަ ދައްކާފައިވާ އެކި ފަރާތްތަކުގެ މައުލޫމާތު ރައްކާކުރަމުންދާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އަދި އަޅުގަނޑުމެން މި ދަނީ ކާކުކަން އެނގޭ ގޮތަށާއި ކާކުކަން ނޭނގޭ ގޮތަށް ހަދާފައި ހުރި ބައެއް ސޯޝަލް މީޑިއާގައި މި ބޭނުން ކުރާ އެކައުންޓުތަކުން ވެސް މިގޮތަށް ކޮށްފައި ހުރި ކޮމެންޓްތަކުގެ މައުލޫމާތު ނަގާ އެއީ ކޮން ބައެއްތޯ ސާފުކޮށް އެ މައުލޫމާތުތައް އާކައިވް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ޓެރަރިޒަމަށް ހިތްވަރުދޭ މީހުންގެ މައްޗަށް ގާނޫނީ ފިޔަވަޅުތައް ފުލުހުން އަޅަމުންދާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"މިގޮތަށް ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުލިބިދޭ ގޮތަށް ކޮމެންޓުކޮށް ނޫނީ ތާއީދުކޮށް މި މީހުންގެ މައްޗަށް ހަމްދަރުދީ އޮތްކަން ދައްކައިދޭ ކަހަލަ ކޮމެންޓްތައް ކުރާ ފަރާތްތަކުގެ މައްސަލަތައް އަޅުގަނޑުމެން ބަލާ އެ ފަރާތްތަކާމެދު އަޅުގަނޑުމެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެކަން މި ފުރުސަތު ދަންނަވާލަން،" އޭނާ ވިދާޅުވި އެވެ.

އުފެދޭ ރުޅިވެރިކަމެއްގެ ސަބަބުން ނުވަތަ ވިސްނާނުލާ ލިޔެވޭ ޖުމްލަތަކުގައި ވެސް ޓެރަރިޒަމަކަށް ހިތްވަރެއް ނުދެވޭނެ އެވެ. ވަކި މީހަކީ ކާފަރެއް ކަމަށް ނުބުނެވޭނެ އެވެ. މީހަކު މަރާލަންޖެހޭކަމަށް ނުބުނެވޭނެ އެވެ. ވަކި މީހަކީ ކާފަރެއްކަމަށް ލޭބަލްކޮށް އޭނާގެ ލޭ ހުއްދަ ކުރަން ގޮވާލުމަކީ އަހަރުމެން ދަންނަ އިސްލާމް ދީނުގައި އޮތް ކަމެއް ނޫނެވެ. ރާއްޖޭގެ ގާނޫނުތައް ހުއްދަކުރާ ކަމެއް ވެސް ނޫނެވެ.