Advertisement

ހައްޔަރު ކުރި މިޔަންމާ ޅެންވެރިޔާގެ ހަށިގަނޑު ރައްދު ކުރިއިރު ބައެއް ގުނަވަންތައް ނެތް!

މިޔަންމާގެ ޅެންވެރިޔާ ހެޓް ތީ.-- ފޮޓޯ: އިއްރަވައްޑީ ނިއުސް


ހައްޔަރު ކުރި މިޔަންމާ ޅެންވެރިޔާގެ ހަށިގަނޑު ރައްދު ކުރިއިރު ބައެއް ގުނަވަންތައް ނެތް!

މިޔަންމާގެ އަސްކަރީ ބަގާވަތުގެ ލީޑަރުންނާ ދެކޮޅު ޅެންވެރިއަކު ޖަލުގައި މަރުވެ، އާއިލާއަށް ހަށިގަނޑު ހަވާލު ކުރި ބައެއް ގުނަވަންތައް ނެތް ކަމަށް އާއިލާއިން ބުނެފި އެވެ.

އުމުރުން 45 އަހަރުގެ ހެޓް ތީގެ އާއިލާއިން ކުރި އެ ތުހުމަތާ ގުޅޭ ގޮތުން މިޔަންމާގެ އަސްކަރީ ވެރިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ފެބްރުއަރީ އެއް ވަނަ ދުވަހު ހިންގި ބަގާވާތާ ދެކޮޅު ޅެންތައް އޭނާ ދިޔައީ ލިޔަމުންނެވެ. ފޭސްބުކްގައި ޝާއިއުކޮށްފައި ޅެންތަކުގެ ތެރެެއިން އެންމެ މަގްބޫލުވި ޅެމެއްގެ ބައިތުގައި ވަނީ "އެ މީހުން ބަޑި ޖަހަނީ ބޮލަށް، އެކަމަކު އިންގިލާބު ވަނީ ހިތުގައި ކަމެއް އެ މީހުންނަކަށް ނޭނގޭ" މިހެންނެވެ.

ހެޓް ތީ އާއި އޭނާގެ އަންހެނުންނާ ސުވާލުކުރަން ސިފައިން ހާޒިރު ކުރީ ހޮނިހިރު ދުވަހު އެވެ. އަންހެން މީހާ ދޫކުރިއިރު ހެޓް ތީ ގެންދިޔެއީ ޖަލަށެވެ.

"އަޅުގަނޑާ ސުވާލު ކުރި. އޭނާއާ ވެސް ސުވާލު ކުރި. އެ މީހުން ބުނީ އޭނާވީ ސުވާލުކުރާ މަޒުކަރުގައޭ. އެކަމަކު އޭނާއެއް އެނބުރި ނައި، އައިސްފައިވަނީ ހަށިގަނޑު،" ޗޯ ސޫ ބީބީސީއަށް ބުންޏެވެ.

އެ މީހުން އަޅުގަނޑަށް ހެނދުނު ގުޅާފައި ބުނީ އޭނާއާ ބައްދަލުކުރަން ހޮސްޕިޓަލަށް އަންނާށޭ. އަޅުގަނޑު ހީކުރީ އަތް ބިންދައިގެން ދިޔުން ކަހަލަ ކަމެއް ކަމަށް... އެކަމަކު އެތަނަށް ދިޔައިރު އޭނާ އޮތީ މޯގްގައި. އެތެރެހަށީގެ ގުނަވަންތައް ހުރީ ނަގާފައި. -- ޗޯ ސޫ

ހޮސްޕިޓަލުން ޗޯ ސޫއަށް އެންގީ ފިރިމީހާއަށް ހިތުގެ މައްސަލައެއް ދިމާވީ ކަމަށެވެ. އެކަމަކު އެއީ ތެދެއް ކަމަށް އޭނާ ގަބޫލެއް ނުކުރެ އެވެ. ރޮއިޓާޒްއިން ހޮސްޕިޓަލުގެ ބަސް ހޯދަން އުޅުމުން އެ ތަނުން ޖަވާބެއް ދީފައެއް ނުވެ އެވެ.

މިޔަންމާގެ އެސިސްޓެންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިޒަނާސްއިން ބުނީ ހެޓް ތީ މަރުވީ އަނިޔާ ކުރުމުގެ ސަބަބުން ކަމަށެވެ. އެ ޖަމިއްޔާއިން އަންދާޒާ ކުރާ ގޮތުގައި ބަގާވާތަށް ފަހު މިހާތަނަށް 780 އާއްމުން މަރުވެފައި ވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހެޓް ތީ އަކީ މިޔަންމާގެ ބަގާވާތަށް ފަހު މަރުވި ތިން ވަނަ ޅެންވެރިޔާ އެވެ. ބަގާވާތާ ދެކޮޅަށް އެންމެ ބާރަށް އަޑުއުފުލާ މީހުންގެ ތެރޭގައި ހިމެނެނީ މިޔަންމާގެ ސެލެބްރިޓީންނާއި އާޓިސްޓުންނެވެ.