Advertisement

މިޔަންމާގެ ބަގާވާތާ ދެކޮޅު މީހުންގެ ވަކި ދިފާއީ ބާރެއް ހަދަނީ

މިޔަންމާގެ ބަގާވާތާ ދެކޮޅަށް އުފެއްދި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ މުޒާހަރާއެއް.-- ފޮޓޯ: އޭއެފްޕީ


މިޔަންމާގެ ބަގާވާތާ ދެކޮޅު މީހުންގެ ވަކި ދިފާއީ ބާރެއް ހަދަނީ

މިޔަންމާގެ ބަގާވާތާ ދެކޮޅަށް އެކުލަވާލި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުން ވަކި ދިފާއީ ބާރެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.

"ރައްޔިތުންގެ ދިފާއީ ބާރުން" މަސައްކަތް ކުރާނީ ބަގާވާތާ ދެކޮޅު ރައްޔިތުން އަސްކަރީ ހަމަލާތަކުން ސަލާމަތް ކުރަން ކަމަށް އެއްބައިވަންތަކަމުގެ ސަރުކާރުން ބުނެ އެވެ.

މިޔަންމާ އަސްކަރިއްޔާ ބަގާވާތްކޮށް ވެރިކަމުގެ ބާރުތައް އަތުލީ ފެބްރުއަރީ 1 ވަނަ ދުވަހު އެވެ. އެ ގައުމުގެ އިންތިހާބީ ވެރިން ތިބީ ބަންދުކޮށްފަ އެވެ.

އެ ބަގާވާތާ ދެކޮޅަށް މެދުކެނޑުމެއް ނެތި ކުރަމުންދާ މުޒާހަރާތަކުގައި ލޭއޮހޮރުވުން ބޮޑުވެ ހާހަކާ ގާތް ކުރާ އަދަދަށް މީހުން މަރުވެއްޖެ އެވެ.

އެއްބައިވަންތަކަމުގެ ސަރުކާރުން ބުނީ ދިފާއީ ބާރުގެ ތެރެއިން "ފެޑެރަލް ޔޫނިއަން" ލަޝްކަރެއް ވެސް އުފައްދާނެ ކަމަށެވެ. އެ ލަޝްކަރުގެ ޒިންމާއަކަށް ވާނީ އަސްކަރީ ހަމަލާތައް ހުއްޓުވުމެވެ.

މިދިޔަ މަހު އެކުލަވާލި އެއްބައިވަންތަކަމުގެ ސަރުކާރުގައި ހިމެނެނީ މަޖިލީހުން ވަކިކުރި ބައެއް މެމްބަރުންނާއި ބަގާވާތާ ދެކޮޅަށް އިސްކޮށް އުޅޭ ލީޑަރުންނެވެ. އެ ސަރުކާރުގެ ލަނޑުދަނޑިއަކީ އަސްކަރީ ވެރިކަން ނިމުމަކަށް ގެނައުމެވެ.