Advertisement

އެމިލީ އިން ޕެރިސްގެ ދެ ވަނަ ސީޒަންގެ ހުރިހާ ވާހަކަ އެއް


އެމިލީ އިން ޕެރިސްގެ ދެ ވަނަ ސީޒަންގެ ހުރިހާ ވާހަކަ އެއް

ނެޓްފްލިކްސް އިން މިދިޔަ އަހަރު ދައްކަން ފެށި އެމިލީ އިން ޕެރިސް ގެ ދެ ވަނަ ސީޒަނެއް ނެރޭނެކަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ޔަގީންވެފަ އެވެ. އަދި މިހާރު އެ ސީރީޒްގެ ޕްރޮޑަކްޝަން މަސައްކަތްތައް ވެސް ފަށައިގެން ކުރިއަށް ދާކަން ނެޓްފްލިކްސް އިން އިއްޔެ ހާމަ ކުރުމާއެކު ވަރަށް އަވަހަަށް ސީޒަން ބޮޑު ސްކްރީނިން ޕްލެޓްފޯމަށް އަންނާނެކަމަށް ބެލެވެ އެވެ.

ލީޑް ރޯލުން ލިލީ ކޮލިންސް ފެންނަ މި ރޮމޭންޓިކް ކޮމެޑީ ސީރީޒަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން އެންމެ ގިނަ މީހުން ބެލި އެއް ސީރީޒެވެ. އަދި ނެޓްފްލިކްސް އިން ނެރުނު އެންމެ މަގްބޫލު ކޮމެޑީ ސީރީޒަކަށް ހޮވިފައިވަނީ ވެސް މި އެވެ. ޝޯ ރިލީސްކުރި ފުރަތަމަ 28 ދުވަހުގެ ތެރޭގައި 58 މިލިއަން ގޭބިސީ އިން މި ޝޯ ބަލާފައިވެ އެވެ.

ލޯބީގެ ރަހަތަކާއެކު މަޖާ ކަންތައްތަކެއް ދައްކުވައިދޭ މި ސީރީޒްގެ މެއިން ކެރެކްޓާ އަކީ ވިހީގެ އަހަރުތަކުގައި އުޅޭ އެމިލީ ނަމަކަށް ކިޔާ އަންހެން ކުއްޖެކެވެ. އެމިލީ މަސައްކަތް ކުރަނީ އެމެރިކާގެ ޝިކާގޯގެ މާކެޓިން ފާމެއްގެ އެގްޒެކެޓިވް އެއްގެ ގޮތުގަ އެވެ. ކުއްލިއަކަށް ދިމާވާ ކަންތައްގަނޑެއްގައި އެމިލީ އަށް ޖެހެނީ އޭނާގެ ކުންފުނީގެ ފަރާތުން ޕެރިހަށް ގޮސް އެތަނުގެ ލަގްޒަރީ ޕްރޮޑަކްޓްތަކެއް ވިއްކާ ކުންފުންޏެއްގެ ސޯޝަލް މީޑިއާ ސްޓްރެޓެޖީތައް ޕްލޭންކޮށް މާކެޓް ހޯދުމަށެވެ. އެމިލީ އާއި އެކު ޝޯގެ "އެޑްވެންޗާ" ތައް ފެށެނީ އެހާ ހިސާބުންނެވެ. އެމިލީ އަކަށް ފްރާންސް ބަހެއް ނޭނގެ އެވެ. ފްރާންސް މީހުންގެ ލައިފްސްޓައިލާއި އެމީހުންގެ އުޅުންގަނޑު ހުންނަގޮތް އޭނާއަށް ވަނީ މުޅިން އާ ކަންތައްތަކަކަށެވެ.

ޝޯގައި ފެންނަނީ އެމިލީ ފްރާންސް އަށް ދާ ހިސާބުން އޭނާ އުޅޭ މަޖާ ގޮތާއި ދިމާވާ މަޖާ ކަންތައްތަކެވެ. މީހުންގެ ތެރޭގައި އުޅެން ދަސްކޮށް، މަސައްކަތްކުރާ އޮފީހުގެ ލޯބި ހޯދަން އޭނާ ކުރާ މަސައްކަތެވެ.

ދެވަނަ ސީޒަނުގައި ވާނީ ކިހިނެއް؟

ދެވަނަ ޒީރީޒްގެ އެޕިސޯޑްތައް އަދި މުޅިން ލިޔެ ނުނިމެ އެވެ. އެކަމަކު ފުރަތަމަ ސީޒަން ނިމުނީ އެމިލީ އާއި އޭނާ އާއި އެއް އިމާރާތެއްގައި އުޅޭ ގޭބްރިއެލް އާއި ގޭބްރިއެލްގެ ގާލްފްރެންޑާއި ދެމެދުގައި ލޯބީގެ ތިނެސްކަނެއް އުފެދޭ ހިސާބުން ކަމަށް ވާތީ، ދެން އަންނަ އެޕިސޯޑްތަކުގައި މި ތިން މީހުންގެ ލޯބީގެ ދިރިއުޅުމުގައި ހިނގާ ތަފާތު ކަންތައްތަކެއް ފެންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ގޭބްރިއެލްގެ ލޯބިވެރިޔާ ކެމިލް އަކީ އެމިލީގެ ގާތް ރައްޓެއްސެކެވެ. ފުރަތަމަ ސީޒަން ނިމުނު އިރު ކެމިލް އަށް އެމިލީ އާއި ގޭބްރިއެލް އާއި ދެމެދު ލޯބީގެ ގުޅުމެއް އޮންނަކަން އެނގޭ ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. ފުރަތަމަ ސީޒަން ނިމެނީ ކެމިލް އަށް ގޭބްރިއެލްގެ ފޯނަށް އަންނަ އެމިލީގެ ވޮއިސްމެއިލް މެސެޖެއް ފެންނަ ހިސާބުންނެވެ.

އެހެންވީމަ ދެވަނަ ސީޒަނުގައި މި ހުރިހާ ކަމެއް ނިއުޅިގެން ދާތަން ވެސް ފެންނާނެ ހެން ހީވެ އެވެ.

ސީޒަން ދޭއް ރިލީޒް ކުރާނީ ކޮން އިރަކު؟

ސީޒަން ދޭއް ރިލީޒްކުރާނެ ރަސްމީ ތާރީހެއް ނެޓްފްލިކްސް އިން އަދި ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް މިހާރު ޕްރޮޑަކްޝަން މަސައްކަތްތައް ފެށިގެން ކުރިއަށް ދާތީ މި އަހަރުގެ ފަހުކޮޅު ނެރޭނެ ކަމަށް ބެލެވެ އެވެ.