Advertisement

ރިޓަޔަމަންޓް ޕެންޝަން ފަންޑުގެ އަގު 11.9 ބިލިއަން ރުފިޔާއަށް އަރައިފި

6 މޭ 2021 - 11:18 0

އަމަން ހަލީމް

އަމަން ހަލީމް

ޕެންޝަން އޮފީހުގެ މުވައްޒަފުންތަކެއް: ދިވެހި މަސައްކަތްތެރިންގެ ރިޓަޔަމަންޓު ފަންޑު ބަލަހައްޓާ، އިންވެސްޓު ކުރަނީ ޕެންޝަން އޮފީހުން -- ފޮޓޯ: ޕެންޝަން އޮފީސް


ރިޓަޔަމަންޓް ޕެންޝަން ފަންޑުގެ އަގު 11.9 ބިލިއަން ރުފިޔާއަށް އަރައިފި

6 މޭ 2021 - 11:18 0

ރާއްޖޭގައި ވަޒީފާ އަދާކުރާ މަސައްކަތްތެރިންގެ ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ދަށުން ހިންގާ ފަންޑުތަކުގައި ހުރި ފައިސާ އާއި މުދަލުގެ އަގު 11.9 ބިލިއަން ރުފިޔާއަށް އަރައިފި ކަމަށް ޕެންޝަން އޮފީހުން ހާމަކޮށްފި އެވެ.

މި ރިޓަޔަމަންޓް ފަންޑުތަކަކީ ޕެންޝަން އޮފީހުން ބަލަހައްޓާ ފަންޑުތަކެވެ. އޭގެ ތެރޭގައި ހިމެނެނީ އިންވެސްޓްމަންޓް ފަންޑާއި ޝަރީއާ ފަންޑާއި ކޮންޒާވެޓިވް ފަންޑު އަދި ކޮންޒާވެޓިވް ޝަރީއާ ފަންޑެވެ. މީގެ ތެރެއިން އެންމެ ބޮޑު ފަންޑަކީ 11.1 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފަންޑެވެ.

މި ފަންޑުތައް ހިންގަނީ ވަޒީފާ އަދާކުރާ މީހުންގެ މުސާރައިންނާއި ވަޒީފާ ދޭ ފަރާތްތަކުން ފަންޑަށް ލިިބޭ ފައިސާއިންނެވެ. އުސޫލެއްގެ ގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެންގެ ފައިސާ މި ފަންޑަށް ޖަމާވާން ޖެހެ އެވެ. އަދި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ވެސް ބޭނުން ނަމަ އެ ފުރުސަތު އޮވެ އެވެ.

މި ފަންޑުގައި ލައްކައަކަށް ވުރެ ގިނަ މީހުންގެ ރަޖިސްޓްރީ އޮވެ އެވެ.

ޕެންޝަން އޮފީހުގެ އަހަރީ ރިޕޯޓުގައިވާ ގޮތުގައި، މިދިޔަ އަހަރު ޕެންޝަން ފަނޑަށް ޖުމްލަ 1.1 ބިލިއަން ރުފިޔާ ޖަމާކުރި އެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު 1.2 ބިލިއަން ރުފިޔާއަށް ވުރެ 5 ޕަސެންޓު ދަށް އަދަދެކެވެ.

  • ޕްރައިވެޓް ސެކްޓާ ކޮންޓްރިބިއުޝަން - 634.6 މިލިއަން ރުފިޔާ
  • ޕަބްލިކް ސެކްޓާ ކޮންޓްރިބިއުޝަން - 487 މިލިއަން ރުފިޔާ

ޕެންޝަން ރިޓަޔަމަންޓް ސްކީމަށް 2020 ވަނަ އަހަރުގެ ކޮންމެ މަހަކު ފައިސާ ވަން އަދަދުގެ ތަފްސީލު ތާވަލު


11.9 ބިލިއަން ރުފިޔާގެ އެސެޓުގެ ދެބައިކުޅަ އެއްބަޔަކީ ޓީބިލް

މޯލްޑިވްސް ޕެންޝަން ރިޓަޔަމަންޓް ސްކީމްގެ ދަށުން ހިންގާ ފަންޑުތަކުގައި ހުރި 11.9 ބިލިއަން ރުފިޔާއަކީ ރެކޮގްނިޝަން ބޮންޑު ފައިސާ ނުހިމަނާ އެސެޓުގެ އަގެވެ. ރެކޮގްނިޝަން ބޮންޑުގެ އަގު ހިމެނުމުން ޕެންޝަން ފަންޑުގެ އަގު 15.5 ބިލިއަނަށް އަރަ އެވެ. ރެކޮގްނިޝަން ބޮންޑަކީ ޕެންޝަން ގާނޫނު ވުޖޫދުވުމުގެ ކުރިން ސަރުކާރު މުވައްޒަފުންގެ ގޮތުގައި ތިބި މީހުންނަށް ލިބޭ އިނާޔަތްތަކާ ގުޅޭ ބޮންޑެކެވެ.

ރިޓަޔަމަންޓުގެ ފަންޑުގެ އެސެޓުގެ ތެރޭގައި ގިނައީ ޓީބިލެވެ. ޖުމްލަ އެސެޓުގެ ތެރެއިން 59.7 ޕަސެންޓަކީ ޓީބިލެެވެ. ދެން އެންމެ ގިނައީ ސަރުކާރުގެ ބޮންޑެވެ. އެއީ 28.5 ޕަސެންޓެވެ. ބާކީ ހުރީ ޖެނެރަލް އިންވެސްޓްމަންޓް، ސުކޫކް، ކޯޕަރޭޓް ބޮންޑް، ފިކްސްޑް ޑިޕޮސިޓްގެ އިތުރުން އިކުއިޓީ އާއި ފައިސާގެ ގޮތުގަ އެވެ.

މި އެސެޓްތަކަށް އިންވެސްޓުކޮށްގެން މިދިޔަ އަހަރު ޕެންޝަން ފަންޑަށް އިތުރު 560.9 މިލިއަން ރުފިޔާ ލިބުނެވެ.

ޕެންޝަން ފަނޑުގައި ހުރި އެސެޓުގެ ބާވަތްތަކުގެ ހިއްސާ ދައްކުވައިދޭ ޗާޓު


ޖުމްލަކޮށް ހުރިހާ ދާއިރާއަކުން މިދިޔަ އަހަރު ރަނގަޅު ފައިދާއެއް ލިބުނު ނަމަވެސް ކޮވިޑް-19 ރޯގާގެ ސަބަބުން އަހަރުން އަހަރަށް އަޅާކިޔާއިރު ކުޑަ ފަރަގެއް އުޅެ އެވެ. އެންމެ ބޮޑު އެނުއަލް ރިޓާންއެއް ލިބުނީ އިކުއިޓީންނެވެ. އެކަމަކު މި ދާއިރާއިން ލިބުނު އާމްދަނީގެ އިންސައްތަ ދަށަށް ދިޔަ އެވެ. ޕެންޝަން އޮފީހުން ބުނީ އިކުއިޓީ ފައިދާ ދަށަށް ދިޔައީ އެ އިދާރާއިން ހިއްސާ ގަނެފައިވާ އިސްލާމިކް ބޭންކުގެ ހިއްސާގެ ފައިދާ ދަށަށް ދިޔުމުންނެވެ.

މިދިޔަ އަހަރު ޕެންޝަން ފަންޑުން ރިޓަޔަމަންޓް ފައިސާގެ ގޮތުގައި ޖުމްލަ 102.5 މިލިއަން ރުފިޔާ ދޫކުރި އެވެ.

މި ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ގެދޮރު ގަންނަން ފައިނޭންސް ކުރެވެ އެވެ. އަދި ހައްޖަށް ދާން ފައިސާ ދެއްކެ އެވެ.