Advertisement

މައްސަލަ ބޮޑުވެފައި އޮތް އެންޑީއޭ ހެލްތުގެ ދަށަށް ބަދަލު ކޮށްފި

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ): އެ އެޖެންސީ ހިންގުން ހެލްތު މިނިސްޓްރީގެ ދަށަށް ވަނީ ބަދަލު ކޮށްފައި-- ފޮޓޯ: އަހުމަދު ސާއިލް އަލީ/ އަދަދު


މައްސަލަ ބޮޑުވެފައި އޮތް އެންޑީއޭ ހެލްތުގެ ދަށަށް ބަދަލު ކޮށްފި

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ), ޖެންޑާ މިނިސްޓްރީގެ ދަށުން ނަގައި ހެލްތު މިނިސްޓްރީގެ ދަށަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަދަލު ކުރައްވައިފި އެވެ.

އެންޑީއޭ ހިންގުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފައިވަނީ އެ އެޖެންސީ ރަނގަޅަށް ނުހިންގާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

އެންޑީއޭ އިސްލާހު ކުރުމުގެ ނަމުގައި ހަރަކާތްތަކެއް ވެސް ވަނީ ފަށައިފަ އެވެ. އެގޮތުން އެންޑީއޭ އިސްލާހު ކުރަން ގޮވާލައި 1،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށް މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެންޑީއޭގެ އުސޫލުތަކަށް ބަދަލުތަކެއް އަންނަން ޖެހެ އެވެ.

އެ ޕެޓިޝަނާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ވަނީ ރާއްޖޭގައި ހިންގާ ރިހެބުތަކަށް ގޮސް އެ ތަންތަނުގެ ހާލަތުގައި ބަލައިފަ އެވެ. އެއަށް ފަހު އިސްލާހު ކުރަން ކަންތައްތަކެއް އަންގައި ރިޕޯޓެއް މަޖިލީހުން ވަނީ ފާސް ކޮށްފަ އެވެ.

"ހޭންޑްސް ޓުގެދާ" ގެ ޕެޓިޝަންގައި ބުނެފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އެންޑީއޭގެ މައްޗަށް ލާޒިމުކޮށްފައިވާ ޒިންމާތައް އެ އެޖެންސީއަށް އަދާ ނުކުރެވޭ ކަމަށެވެ. އެންޑީއޭން އަދި ވެސް އަމަލު ކުރަމުން އަންނަނީ ކުރިންސުރެއް ގެންގުޅޭ ބޯދާ އުސޫލުތަކަށް ކަމަށް ވެސް ޕެޓިޝަންގައި ބުނެ އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެންޑީއޭގެ އުސޫލުތަކަށް ބަދަލުތަކެއް އަންނަން ޖެހެ އެވެ.

އެންޑީއޭއާ ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރަމުން ދާއިރު އެ އެޖެންސީ ބުނަނީ މަސްތުވާތަކެތީގެ ކަންކަމުގައި ބަސް ބުނުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ.

އެންޑީއޭގެ ބޯޑަކީ، 10 އިދާރާއަކުން ބޭފުޅުން ތަމްސީލުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 10 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ. ބޯޑުގެ ޗެއާމަނަކީ، އެ ބޯޑުގެ މެމްބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރެކެވެ. އަދި ވައިސް ޗެއާމަނަކީ ބޯޑުގެ މެމްބަރުންގެ ތެރެއިން މެމްބަރުން އައްޔަންކުރާ މެމްބަރެކެވެ. ޑްރަގް އެޖެންސީގެ ބޯޑު ޖަވާބުދާރީވާނީ، މިނިސްޓަރަށެވެ.