Advertisement

އަތޮޅު ތެރޭގެ ބަނދަރުތަކަށް އެމްޕީއެލްއިން ކޮންޓެއިނާ ފެރީ ހިދުމަތް ފަށަނީ

4 މޭ 2021 - 14:02 0

އަމަން ހަލީމް

އަމަން ހަލީމް

އެމްޕީއެލް މާލެ ވިޔަފާރި ބަނދަރު: ބޭރުން އަންނަ ގިނަ މުދާ އަންނަނީ މި ބަނދަރަށް. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


އަތޮޅު ތެރޭގެ ބަނދަރުތަކަށް އެމްޕީއެލްއިން ކޮންޓެއިނާ ފެރީ ހިދުމަތް ފަށަނީ

4 މޭ 2021 - 14:02 0

އެމްޕީއެލްގެ މާލެ ވިޔަފާރި ބަނދަރަށް ގެންނަ މުދާ އަތޮޅު ތެރެއަށް ގެންދިއުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން ކޮންޓެއިނާ ފެރީ ހިދުމަތް ފަށަން ނިންމައިފި އެވެ.

މި ހިދުމަތަކީ މާލެ ވިޔަފާރި ބަނދަރަށް އަންނަ މުދާ ރަށްރަށަށް ގެންދިއުމުގައި ދިމާވެފައިވާ ދަތިތަކަށް ލުއި ގޮތްތަކެއް ހޯދައި ދޭން އެމްޕީއެލްއިން ފަށާ ހިދުމަތަކެވެ.

އަންނަ ޖޫން މަހުގެ ތެރޭގައި ފަށާ މި ހިދުމަތާ ގުޅޭގޮތުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ "އަދަދު" އަށް ވިދާޅުވީ، މިއީ ރޫޓީންލީ ޝެޑިއުލްޑް ކޮންޓެއިނާ ޓްރާންސްފާ ހިދުމަތެއް ނެތުމުން ވިޔަފާރިވެރިންނަށްޓަކައި ފެށި ހިދުމަތެއް ކަމަށެވެ.

"އަތޮޅު ތެރޭގެ ބަނދަރުތަކަށް ވަރަށް ބައިވަރު ކޮންޓެއިނަރު އެބަ ގެންދޭ. ގިނައިން މި ހިދުމަތް ދެނީ އަމިއްލަ ފަރާތްތަކުން. ރޫޓިން ހިދުމަތެއް ނޯވޭ. ރޫޓީން ޝެޑިއުލްޑް ހިދުމަތެއް ދޭން ވެގެން މި ހިދުމަށް ފަށަނީ،" ޝާހިދު ވިދާޅުވި އެވެ.

މި ހިދުމަތުގެ ބޭނުމަކީ މުދަލުގެ އަގު ދަށްކުރުން

މި ހިދުމަތް ދޭން ފެށުމުން އަތޮޅު ތެރެއަށް މުދާ ގެންދަން ކުރާ ހޭދަ ދަށަށް ގޮސް، ވިއްކާ މުދަލުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެމްޕީއެލްއިން ގަބޫލު ކުރެ އެވެ.

"މިހާރު އަމިއްލަ ވިޔަފާރިވެރިން މިކަން ކުރާއިރު ބޮޑެތި އަދަދުތަކުން ފައިސާ ދޭން ޖެހޭ. މީގެ ސަބަބުން މުދަލުގެ އަގު އެބަ ބޮޑުވޭ. މި ހިދުމަތުގެ ސަބަބުން ކޮންސޮލިޑޭޓަޑް ފްރައިޓް ރޭޓަށް ބަދަލު އައިސް މުދަލުގެ އަގު ހެޔޮ ވާނެ" އެމްޕީއެލްގެ ޝާހިދު ވިދާޅުވި އެވެ.

މިހާރު އާންމުކޮށް ކޮންޓެއިނަރެއް އުފުލައިދެނީ 30،000ރ. އާއި 80،000ރ. ދޭތެރޭގެ އަދަދަކަށް ކަމަށް މައުލޫމާތު ލިބެ އެވެ. އަގަށް އަންނަ ތަފާތަކީ މުދަލުގެ ގޮތުންނާއި މޫސުމުގެ ގޮތުން އަންނަ ބަދަލުތަކެވެ.

ޝާހިދު ވިދާޅުވީ އެމްޕީއެލްއިން މި ހިދުމަތް ދޭނީ މާ ބޮޑަށް އަގު ހެޔޮކޮށް ކަމަށެވެ. އަދި، ވަރަށް އަވަހަށް އަގުތައް އިއުލާނު ކުރާނެ ކަމަށް ވިދާޅުވި އެވެ.

އެމްޕީއެލްގެ ކޮންޓެއިނާ ފެރީ ހިދުމަތުގެ ތެރެއިން ކޮންޓެއިނާ އުފަލާނީ އަައްޑޫ ސިޓީ ހިތަދޫ ޕޯޓަށާއި ކުޅުދުއްފުށި ސިޓީ ޕޯޓަށެވެ. ތިނަދޫ ބަނދަރުގެ މަސައްކަތް ނިމުމުން އެ ބަނދަރަށް ވެސް މި ފެރީ ދަތުރު ކުރާނެ އެވެ.

އެމްޕީއެލްއިން އޮތީ އެއް އުޅަނދާ އެކު އަންނަ މަހު މި ހިދުމަތް ދޭން ފަށަން ތައްޔާރަށެވެ. އެ ކުންފުނީގެ ވިސްނުމަކީ މި ހިދުމަތަށް ލިބޭ ތަރުހީބަށް ބަލާފައި މުސްތަގުބަލުގައި އިތުރު އުޅަނދުތަކާ އެކު ހިދުމަތް ފުޅާ ކުރުމެވެ.