Advertisement

ވަރިއާ ހަމައަށް ނުގޮސް ވެސް "ކަޕުލް ތެރަޕީ" ނެގިދާނެ


ވަރިއާ ހަމައަށް ނުގޮސް ވެސް "ކަޕުލް ތެރަޕީ" ނެގިދާނެ

ނަފްސާނީ އެހީތެރިކަމާއި ލަފާ ބޭނުންވަނީ ބުއްދި ގޯސްވުމުން އެކަނި ކަމަށް ގަބޫލުކުރެވުނު ޒަމާން ހިނގައްޖެ އެވެ. އާ ޖީލުގެ ފަލްސަފާ އަކީ ވިސްނުމާއި ހިޔާލު ބަދަލުކުރުމުގެ ތެރެއިން މައްސަލަތަކަށް ހައްލު ހޯދުމެވެ. މިއީ ސިކުނޑިއަށް ވެސް އެންމެ ލުއި ގޮތެވެ. ކައުންސެލިން އާއި ސައިކޯ ތެރެޕީގެ މުހިއްމުކަން ވިސްނި، ތަފާތު މައްސަލަތަކުގައި ނަފްސާނީ އެހީ ހޯދަން ދާ މީހުން ރާއްޖޭގައި ވެސް މިހާރު އިތުރެވެ.

ތިބާ ސައިކޮލޮޖީގެ ކޯ ފައުންޑާ އަދި ސައިކޮލޮޖިސްޓް ނަދާ ޝަރީފް ގެ ނަޒަރުގައި ނަފްސާނީ އެހީ ހޯދާ މީހުންގެ އަދަދު މީގެ އަހަރުތަކެއް ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑަށް އިތުރެވެ. ހާއްސަކޮށް ވަރި އާއި ކައިވެނީގެ ގުޅުމުގައި ދިމާވާ މައްސަލަތަކުގައި ލަފާ ހޯދަން އަންނަ މީހުންގެ ވެސް މަޑުމަޑުން ގިނަ ވާން ފަށާފައިވާކަން ފާހަގަކުރެއްވި އެވެ.

"ފާހަގަކުރެވޭ ވަރަށް އިތުރުވެއްޖެ. އޭގެ ތެރޭގައި ހިމެނެނީ ހަމައެކަނި ގުޅުމުގައި ޖެހޭ މައްސަލަ ހައްލުކުރަން އެހީ ހޯދަން އަންނަ މީހުނެއް ނޫން. މީގައި އެބަ ހިމެނޭ ދުރުވާން، ނުވަތަ ދެމީހުން ރީތި ގޮތުގައި ދުރުވާން ބޭނުންވާތީ އެ މަގްސަދުގައި ކައުންސެލިން ހޯދަން އަންނަ މީހުން ވެސް،" ނަދާ ވިދާޅުވި އެވެ.

އެހެންވީމާ ރާއްޖޭގެ އިތުރުވަމުންދާ ވަރީގެ މައްސަލަ އަށް ކަޕުލް ތެރެޕީ އިން ހައްލެއް ހޯދިދާނެ ހެއްޔެވެ؟

މި ސުވާލުގެ ޖަވާބު ދޭން ނޭނގުނަސް، ކަޕުލް ތެރެޕީ އިން ކައިވެންޏެއްގައި ދިމާވާ އުނދަގޫ މައްސަލައަކަށް ފަސޭހައިން ހައްލު ހޯދިދާނެ އެވެ. އަދި އެކަކު އަކެކަކު ރަނގަޅަށް ދަސްކުރަން ވެސް ތެރެޕީ އިން އެހީތެރިކަން ހޯދިދާނެ އެވެ. މި ގޮތަށް ހޯދާ އެހީ އަކީ ޕްރޮފެޝަލް އެހީއަށް ވާތީ މީގެއިން ގިނަ ފަހަރަށް ނިކުންނާނީ ރަނގަޅު ނަތީޖާ އެކެވެ.

"ތެރަޕީ ނަގާއިރު ވާ ގޮތަކީ ދެމީހުން އެކުގައި ތިބެ މައްސަލަތަކަށް އެޑްރެސް މި ކުރަނީ ވަކި ކޮޅަކަށް ނުޖެހި އެމީހުންގެ ވާހަކަތަކަށް ޕްރޮފެޝަނަލް ލަފާ ދޭނެ މީހެއްގެ ކުރިމަތީގައި. މިހެން ހެދުމުން ދެމީހުންނަށް އެކަކު އަނެކަކުގެ އިހުސާސްތަކާއި ދެމީހުންގެ އުދާސްތައް ހިމޭނުން ތިބެ އަޑު އަހާލައި އެއަށް ވިސްނަން ފުރުސަތު އެބަ ލިބޭ،" ނަދާ ވިދާޅުވި އެވެ.

މީގެ ސަބަބުން ގުޅުމުގައި ޖެހޭ ކުނި މިލަ ފިލައި، އާ ވިސްނުމަކުން ގުޅުން ކުރިއަށް ގެންދާނެ މަގު ހޯދަން ފަސޭހަ ވެ އެވެ.

ރާއްޖޭގެ ވަރީގެ ތަފާސް ހިސާބު ދައްކާގޮތުން އަހަރެއްގެ މައްޗަށް 3000 އަށް ވުރެ ގިނަ ވަރި ފައިލް ކުރެ އެވެ. މީގެ ތެރޭގައި ކައިވެންޏަށް އަހަރު ނުވަނީސް ވަރިވާ މީހުންގެ އަދަދު ވެސް ނިސްބަތުން އިތުރެވެ.