Advertisement

ނިޒާމުގެ މަޝްވަރާއަށް ރައީސް ތައްޔާރު، އެކަމަކު އިސްކަމެއް ނުދެއްވާ

3 މޭ 2021 - 00:15 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ރައީސް ސޯލިހު ރައީސް ނަޝީދާއެކު ހަފްލާއެއްގައި: ނިޒާމު ބަދަލު ކުރުމަށް އިސްކަން ނުދެއްވާ ކަމަށް ތަރުޖަމާނު މަބުރޫކު ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް


ނިޒާމުގެ މަޝްވަރާއަށް ރައީސް ތައްޔާރު، އެކަމަކު އިސްކަމެއް ނުދެއްވާ

3 މޭ 2021 - 00:15 0

ވެރިކަން ހިންގާ ނިޒާމް ބަދަލު ކުރުމުގެ މަސައްކަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްކަން ނުދެއްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވެއްޖެ އެވެ.

މަބުރޫކު، ރައީސްގެ ވިސްނުން މިގޮތަށް ހާމަ މި ކުރެއްވީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމުގެ ނިޒާމް، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑު ވަޒީރަކަށްވުމަށް ޝައުގުވެރިވަޑައިގަންނަވާކަން ރައީސް ސޯލިހަށް ދަންނަވާފައިވަނިކޮށެވެ.

ރައީސް ނަޝީދުގެ އެ މެސެޖާއެކު ރައީސް ސޯލިހު ވަނީ އެކަމުގައި ގޮތް ނިންމާނީ ރައްޔިތުން ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެފަހުން، އެމްޑީޕީގެ ތެރޭގައި އެކިއެކި ބޭފުޅުން ދެ ނިޒާމަށް ތާއިދު ކުރައްވައި ވާހަކަ ދައްކަވާފައިވެ އެވެ.

މަބުރޫކު މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ރައީސްގެ ފޯކަސް މިވަގުތު ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކޮށް ސިޔާސީ މުސްތަގުބަލް ބައްޓަން ކުރެއްވުމަށް ނެތް ކަމަށެވެ.

"އޭގެ ބަދަލުގައި ރައީސްގެ ފޯކަސް އޮތީ އިކޮނޮމިކް ރިކަވަރީއަށާއި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް،" މަބުރޫކު ވިދާޅުވި އެވެ.

އެހެންނަމަވެސް، މަބުރޫކު ވިދާޅުވީ ރައީސް ސޯލިހަކީ މަޝްވަރާއަށް މަރުހަބާ ވިދާޅުވާނެ ބޭފުޅެއް ކަމަށާއި އެގޮތުގެ މަތިން ނިޒާމާ ގުޅޭ ގޮތުން ބޭފުޅުންތަކެއް މަޝްވަރާ ކުރައްވަން ބޭނުންވާނަމަ، އެ މަޝްވަރާތައް ބާއްވަވައި، އޭގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އެފަދަ މަޝްވަރާތަކަށްފަހު، ރައްޔިތުންގެ ވޯޓަކާ ހަމައަށް ނިޒާމު ބަދަލު ކުރުމަށް ދާން ޖެހިއްޖެނަމަ، އެކަން ކުރެއްވުމަށް ވެސް ރައީސް ސޯލިހު ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް މަބުރޫކު ވިދާޅުވި އެވެ.

"އެކަމަކު ރައީސްގެ ފޯކަސް މި ވަގުތު އޮތީ ރާއްޖެ މިއޮތް ޕޮޒިޝަނުން އެހެން ޕޮޒިޝަނަކަށް ގެންދިޔުމަށް،" މަބުރޫކު ރައީސްގެ ސްޓޭންޑް ތަކުރާރު ކުރެއްވި އެވެ.

އަންނަ ރިޔާސީ އިންތިހާބު ނުބާއްވައި، ރައީސުލްޖުމްހޫރިއްޔާ މަޖިލީހުން ކަނޑައަޅާ ގޮތަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާއިރު، އެކަމަށް ރައީސް ސޯލިހު ތާއިދު ކުރައްވާނެ ކަމެއް ނުވަތަ ނޫން ކަމެއް މަބުރޫކު ވިދާޅެއް ނުވެ އެވެ.

ބަރުލަމާނީ ނިޒާމަކީ ރައީސް ނަޝީދު އަބަދުވެސް ވަކާލާތު ކުރައްވާ ނިޒާމަކަށްވާއިރު، ނިޒާމާ ގުޅޭ ގޮތުން 2007 ގައި ނެގި ވޯޓުގައި ވެސް އެމްޑީޕީގެ ތާއިދު އޮތީ ބަރުލަމާނީއަށެވެ. އޭރު ރައީސް ސޯލިހު ވެސް މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އެ ނިޒާމަށް ތާއިދު ކުރައްވާފައިވެ އެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރާއްޖެއަށް އެންމެ ހެޔޮ ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށާއި އެ ނިޒާމް ގެންނަން އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށެވެ. ނަމަވެސް، އެ ނިޒާމު ގެންނާނީ ރައްޔިތުންގެ ވޯޓުން ކަމާއި އެކަމާ ގުޅޭ ކޮންމެ މަޝްވަރާއެއް ވެސް ގުޅިފައިވަނީ ރައްޔިތުންގެ ވޯޓާކަމާ ކަމަށެވެ.

ނިޒާމުގެ ބަހުސުގައި މިހާތަނަށް އިދިކޮޅުން ރަސްމީކޮށް ސްޓޭންޑް ހާމަކޮށްފައިނުވާއިރު، އެކަމަށް އެ ޕާޓީން ސަމާލުކަމެއް ނުދޭ ކަމަށް ވަނީ ބުނެފަ އެވެ.