Advertisement

މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުންކުރި ގޮތުން ޝަކުވާ ބޮޑުވެއްޖެ

2 މޭ 2021 - 01:34 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

މުޒާހަރާގެ ބައިވެރިއަކު ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރަނީ: މި މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތާ މެދު ވަނީ ޝަކުވާ ބޮޑުވެފައި. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުންކުރި ގޮތުން ޝަކުވާ ބޮޑުވެއްޖެ

2 މޭ 2021 - 01:34 0

މަސައްކަތު މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ނުބެލޭ މައްސަލައިގައި އަޑުއުފުލަން ރަސްފަންނު ސަރަހައްދަށް އެއްވި މަދު ބަޔަކާ ދެކޮޅަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާކުރި ކަމުގެ ތުހުމަތާ އެކު ޝަކުވާ ބޮޑުވެއްޖެ އެވެ.

ޖިންސީ ފުރައްސާރައާ ދެކޮޅަށް ޝުއޫރުތައް ލިއެފައިވާ ބޯޑުތައް ހިފައިގެން ބޭއްވި މުޒާހަރާގައި އަޑުގަދަކުރާ އިން ގޮވަމުން ދިޔައީ ހައްލުކުރަން ބޭނުންވާ ކަންކަމެވެ. އެ މީހުންގެ ކަންބޮޑުވުމަކީ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލައި އިންސާފު ނުލިބުމާއި އަނިޔާ ލިބޭ މީހާ ކުށްވެރިކުރުމުގެ ސަގާފަތެއް ރާއްޖޭގައި އަށަގަނެފައި އޮތުމެވެ. ސަރުކާރުގެ މުއައްސަސާތަކުން ޖިންސީ ފުރައްސާރައިގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ބަލައި އިންސާފު ގާއިމްކުރާނެ ކަމުގެ ޔަގީންކަމެއް ނެތުމުގެ ޝަކުވާ ވެސް ކުރި އެވެ.

މުޒާހަރާގެ ބައިވެރިއަކު ހައްޔަރުކުރަނީ: މި މުޒާހަރާގެ ބައެއް މީހުންގެ މޫނަށް ޕެޕަ ސްޕްރޭ ޖަހާ ވީޑިއޯ ވަނީ އާއްމުވެފައި. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ކޮވިޑާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގިނަ ބަޔަކު އެއްވެ މުޒާހަރާކުރުން މަނަލެވެ. މުޒާހަރާކުރާ ސަރަހައްދަށް އެއްވެ އެކަން ހުއްޓުވަން ފުލުހުން އުޅުމުން މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ނުދިޔައީ އެވެ.

އެހެންވެ ފުލުހުން ބާރުގެ ބޭނުންކުރީ އެވެ. މުޒާހަރާ ހުއްޓުވުމުގެ ތެރޭގައި ބައެއް މީހުންގެ ލޮލަށް އަމާޒުކޮށް ފުލުހަކު ޕެޕާ ސްޕްރޭ ޖެހި ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަނީ އާއްމުވެފަ އެވެ. މީގެއިތުރުން މުޒާހަރާގެ ތެރެއިން އަންހެނަކު ހައްޔަރުކުރުމުގެ ތެރޭގައި އޭނާއަށް ވަރަށް ބޮޑަށް އަނިޔާވާ ގޮތަށް އަމަލުކުރި މައްސަލައިގައި ވެސް ފުލުހުންނަށް ވަނީ ނުރުހުން އަމާޒުވެފަ އެވެ.

މުޒާހަރާ ކަވަރުކުރުމުގައި އުޅުނު ނޫސްވެރިންނަށް ހުރަސްއަޅައި ބައެއް ނޫސްވެރިންނާ ދިމާލަށް ފުލުން ހަޑިހުތުރު ބަހުން މުއާމަލާތު ކުރި މައްސަލަ ބައެއް މީޑިއާތަކުން ވަނީ ނޫސްވެރިންގެ ޖަމިއްޔާ އާއި މީޑިއާ ކައުންސިލްގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ޖިންސީ ފުރައްސާރައާ ދެކޮޅަށް ކުރި މުޒާހަރާ ހުއްޓުވަން ފުލުހުން ހަރަކާތްތެރިވަނީ. --ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ފުލުހުން މިރޭ އަނިޔާވެރިކޮށް އަމަލުކޮށްފައިވާ ކަމުގެ ކަންބޮޑުވުން ނޫސްވެރިންތަކެއް ވަނީ ފުލުހުންގެ މީޑިއާ ގްރޫޕްގައި ފާޅުކޮށްފަ އެވެ.

މި ޝަކުވާތަކާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ "މިރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތް ހާއްސަ އިސްކަމެއް ދީގެން ބަލަމުން އަންނަ ކަމަށެ"ވެ. މި މައްސަލަ ބަލަނީ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާއި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީންނެވެ.

"މި މައްސަލައިގެ އިތުރު ތަފްސީލް މައްސަލަ ކުރިއަށްދާ ވަރަކުން ހިއްސާކުރާނެ ވާހަކަ ދަންނަވަން،" ފުލުހުންގެ މެސެޖުގައިވެ އެވެ.

ފުލުހުން މިރޭ ބާރުގެ ބޭނުންކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ސޯޝަލްމީޑިއާގައި ވެސް ދަނީ ނުރުހުންފާޅުކުރަމުންނެވެ. މަދު ބަޔަކާ ދެކޮޅަށް ނުކުމެ އެހާ ހަރުކަށިވުން ބަލައިނުގަންނަ މީހުން ދަނީ ފުލުހުން މީހެއްގެ މޫނަށް ޕެޕަ ސްޕްރޭ ޖަހާ ވީޑިއޯ ދައުރުކުރަމުންނެވެ.

މުޒާހަރާތައް ހުއްޓުވުމުގައި ފުލުހުން ބާރުގެ ބޭނުންކުރާ ގޮތާ މެދު އިދިކޮޅުން ވެސް މިދިޔަ ހަފުތާގައި ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އެ މައްސަލަ ބަލަން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ވަނީ ގޮވާލައިފަ އެވެ.