Advertisement

ގެއްލުނު ސަބްމެރީން ކަނޑު އަޑިން ނަގަނީ

ސަބްމެރީން ގެއްލުނު ސަރަހައްދުގައި އޭގެ ކްރޫ މެމްބަރުންގެ އާއިލާތަކާއި ކަނޑުގެ ސިފައިން ޖަމާވެފައި.-- ފޮޓޯ: ރޮއިޓާޒް


ގެއްލުނު ސަބްމެރީން ކަނޑު އަޑިން ނަގަނީ

މި މަހުގެ ކުރީކޮޅު ބާލީގެ އައްސޭރިފަށާ 100 ކިލޯމީޓަރު ދުރުން ގެއްލުނު އަސްކަރީ ސަބްމެރީން ކަނޑުގެ އަޑިން ނަގަން ނިންމައިފި އެވެ.

ސަބްމެރީން ގެއްލިގެން ހޯދަމުން ދަނިކޮށް އޭތި ފެނިފައި ވަނީ ތިން ބަޔަށް ބުރިބުރިވެފައި ވަނިކޮށް ކަނޑުގެ ފުން ހިސާބަކުންނެވެ. އޭގައި ދަތުރު ކުރި 53 މީހުން ވަނީ މަރުވެފަ އެވެ.

އިންޑޮނީޝިއާގެ ކަނޑުގެ ސިފައިން ބުނީ ސަބްމެރީން ކަނޑު އަޑިން ނެގުމުގެ ގާބިލްކަން ލިބިފައިވާ ބޮޑު ދެ މަނަވަރު އެ ސަރަހައްދަށް ދަތުރު ކުރަމުންދާ ކަމަށެވެ. އެތަނުން އެއް މަވަރަކީ ޗައިނާގެ މަނަވަރެކެވެ.

ކަނޑުގެ ސިފައިންގެ ވެރިޔާ ޔޫޑޯ މަގޯނޯ ވިދާޅުވީ ބާރުގަދަ މެގްނެޓާއި، އެއާ ބެލޫން ފަދަ ތަކެތި ބޭނުންކޮށްގެން އެ ސަބްމެރީން ނެގޭނެ ކަމަށެވެ. ނަމަވެސް އޭތި ނަގާނެ ވަގުތެއް އަދި ނެގުމަށް ބޭނުން ކުރާނެ އުކުޅެއް ވެސް ނިންމާފައެއް ނުވެ އެވެ

އޭނާ ވިދާޅުވީ ގެއްލުނު ސަބްމެރީންގެ ކްރޫ މެމްބަރުންގެ ހަށިތައް އޭގެ ތެރެއިން ފެނުމުގެ އުއްމީދު އެބަ އޮތް ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ކަނޑުގެ ސިފައިން ބުނީ ސަބްމެރީން އޮތީ ކަނޑުގެ 800 މީޓަރަށް ވުރެ ފުން ހިސާބެއްގައި ކަމަށެވެ. އެއީ އެ އުޅަނދަށް ދެވޭ ފުންމިނަށް ވުރެ މާ ފުނެވެ.

އެ ތަނުގައި ސަބްމެރީން އޮތްކަން ޔަގީންކުރީ ސިންގަޕޫރުން އިންޑޮނީޝިއާއަށް ފޯރުކޮށްދިން ކަނޑު އަޑީގައި މީހުން ސަލާމަތް ކުރަން ބޭނުން ކުރާ އުޅަނދެއްގެ އެހީގަ އެވެ.

"ކޭއާރްއައި ނަންގަލަ-402" ސަބްމެރީން ގެއްލުނީ ބާލީގެ އުތުރުން ކުރިއަށް ދިޔަ އަސްކަރީ ތަމްރީނެއްގައި ފުނަށް ދިޔުމަށް ހުއްދަ ހޯދި ފަހުންނެވެ. އެ ސަބްމެރީން ފެތުނު ސަބަބު އަދި ސާފެއް ނުވެ އެވެ.

ސަބްމެރީން ކަނޑުގެ އަޑީގައި ބުރިބުރިވެފައި އޮތް މަންޒަރު ފެންނަ ފޮޓޯތައް ލިބުމުގެ ކުރިން އެ ސަރަހައްދުން ވަނީ އޭގެ ބައެއް ބައިތައް ވެސް ފެނިފަ އެވެ.

ޖަރުމަނުގައި 1970 ގެ ތެރޭގައި އުފެއްދި އެ ސަބްމެރީން ވަނީ 2012 ވަނަ އަހަރު ދެކުނު ކޮރެއާގައި ދެ އަހަރުގެ ދިގު މަރާމާތެއްކޮށް ނިންމާފަ އެވެ.

ސަބްމެރީން ގެއްލުނު ކަމަށް ބެލެވޭ ސަރަހައްދުގައި ކަނޑުގެ މަތީގައި ތެލުގެ ތުނި ފަށަލައަށް ފެންނަން އެބަ ހުއްޓެވެ. އެހެންކަމުން ބެލެވެނީ އޭގެ ފިޔުލް ޓޭންކަރަށް ގެއްލުމެއް ލިބުނު ކަމަށެވެ. ނަމަވެސް އިންޑޮނީޝިއާ ކަނޑުގެ ސިފައިން ބުނީ ދަތުރު ފެށިއިރު، އޭގައި މައްސަލައެއް ނެތް ކަމަށެވެ.