Advertisement

އިޝްގީ ފިލާވަޅެއް: މި ވެވެނީ ރަންގު ލޯބިތަ؟

ދެ ލޯބިވެރިއަކު އިރުއޮއްސުނު ވަގުތު ފޮޓޯއަކަށް ހުުއްޓިގެން. --ފޮޓޯ: ޓްްރަވިސް ގްރޮސެން


އިޝްގީ ފިލާވަޅެއް: މި ވެވެނީ ރަންގު ލޯބިތަ؟

އެކުއްޖާއާ އަޅައިގަތީ ހަމަ ކުއްލިއަކަށެވެ. އަބަދު އޭނާ މަތިން ހަނދާންވެ އެވެ. ކޮންމެ ކަމެއް ކުރަން ހުއްޓަސް ސިކުނޑީގައި އެބުރެނީ އެ ނަމެވެ. އެހެރަ ރީތި ހިނިތުންވުމެކެވެ. އަޑުގައި އެ ހުންނަ ލޯބި ގޮތެކެވެ. ހިނގުމުގައި އެ ހުންނަ ފަރިކަމެކެވެ. ކައިރިން އަޅާފައި ދާއިރު އެ ދުވާ، ހިތްފުރިގެން ދާހާ މީރުވަހެވެ. ރޭގަނޑެއް ފަދަ އިސްތަށިގަނޑުގައި އެހުރި ޖާދޫވީ ގޮތެވެ. ފެންނަނީ ކުރިމަތިންނާއި ފުރަގަހުން ވެސް އުނިކަމެއް ނެތް ސަރާސަރު ރީތިކަމެވެ. ދުވަހަކު ނުދެކޭ ވަރު ފަރިކަމެވެ. ފެނިދާނެހެން ހީވާ ހުރިހާ ތާކަށް ގޮސް ހޯދެ އެވެ. ހިތް ފުރިފައި ވަނީ އިތުރު މީހަކު ކައިރީގައި ބުނަން ބޭނުން ނުވާނެ ކަހަލަ ހިޔާލުތަކުންނެވެ. އޭނާއާ ކައިރި ވެވޭއިރަށް މީހާ ފިނިވެއެވެ. ޖެހިލުމެއް ނެތި އެހެން ކޮންމެ މީހަކާ ވާހަކަ ދައްކާ ސަމާސާ ކޮއްލަން ފަސޭހަޔަސް އޭނާއާ ވާހަކަ ދައްކަން އުޅޭ ކޮންމެ ފަހަރަކު އާގަނެ ކޮސްގޮވެނީ އެވެ. އޭނާ ފެންނަ ފަށުގައި ހުރިއްޔާ އެއްޗެއްގައި އަޅައިގަނެ ވެއްޓުން ފަދަ ކުދި ކުދި ބޮނޑި ލިބޭލެއްވެސް ގިނައީ އެވެ. ހަމަ ރަނގަޅަށްވެސް އޭނާގެ ޖާދޫގައި ޖެހިއްޖެ އެވެ. ހެރީ ޕޮޓާ ފޮތްތަކުގައި އެބުނާ ފަދަ ޖާދޫގެ ލަވް ޕޯޝަންއެއް ބޮވިފައި ވާ ކަހަލަ އެވެ.

އިހަށް ދުވަހު ފެނުނު މިކުއްޖާއާ މެދު ކުއްލިއަކަށް އުތުރިއަރަން ފެށި ވަރުގަދަ އިހުސާސްތަކަށް ކެތްކުރަން ދަތިވެއްޖެ އެވެ. އެންމެ ފަހުން ކަށީން ހިތްވަރު ނެރެގެން ގޮސް އޭނާއަށް ހިތުގެ އުދާސްތައް ބަންޑުން ކޮއްލެވިއްޖެ އެވެ. އާނ ބަސް ބުނެ ދެމީހުންގެ ގުޅުން ފެށިއްޖެ އެވެ. މިހާރު ގޭގައި އުޅޭ ބަޔަކަށް ފެންނާނެ މަންޒަރަކީ އަބަދު ކަހަލަ ގޮތަކަށް ދަތްޕިލަ ދިލުވައިގެން ފޯނަށް ބަލަހައްޓައިގެން އިންނަ ތަނެވެ. ރޭނގަޑު ޗެޓް ކުރަން ފަށާ ގޮތަށް އަލިވިލޭއިރު ވެސް އުޅެވެނީ އެކަމުގަ އެވެ. ކިޔަވާކަށް މަސައްކަތެއް ކުރާކަށް ވަގުތެއް ނުވެ އެވެ. އަދި އަމުދުން ދެމީހުން އެކަކު އަނެކަކު ނޭވާލިޔަކަ ނުދެ އެވެ. ބާރުގަދަ މަސްތެއްގައި ޖެހިފައިވާ ކަމުގެ އިހުސާސް ކުރެވުނަސް އަލަށް ލިބުނު ބައިވެރިޔާ ތިމާ ދޫކޮށްލާފައި ގޮސްދާނެތީ ޖެހިލުންވެ އެވެ. އެކަމާމެދު އަބަދު ވިސްނި، ސިކުނޑީގެ ހާލަތު އޮންނަނީ ޔެލޯ އެލާޓުގަ އެވެ.

ދެމީހުންގެ ގުޅުމަށް މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. ގުޅުމުގެ ހަނީމޫން ދުވަސްތައް ނިމުމަކަށް އަންނަން ފަށައިފި އެވެ. މަސްތު ފިލަން ފަށައިފި އެވެ. ޖާދޫގެ ލަވް ޕޯޝަންގެ އަސަރު ފިލަން ފަށައިފި އެވެ. ފަރުދާ ކެހެން ފަށައިފި އެވެ. ކުރިން ކުރެވުނު ވަރުގަދަ އިހުސާސްތައް ފޭދިގެން ދާން ފަށައިފި އެވެ. ހަވަޔަށް އެރި ފަޓާސް ބަރިއެއްހެން ރީތި ކުލަތަކުން ފިޔަޖަހާލާފައި ފަނޑުވެގެން ގޮސް ނިވުން ކަހަލަ އެވެ. އެހާ ލޯބިން އުޅެފައި މިވީ ކިހިނެއް ހެއްޔެވެ. ރައްޓެހިވުމުގެ ކުރީގައި ކްރަޝް ގޮތުގައި ހުރި އިރު އަދި ގުޅުމުގެ ކުރީ ކޮޅު އެވެވުނީ ހަގީގީ ލޯބި ނޫން ކަމަށް ވެދާނެ އެވެ. ލޯބީގެ ބަދަލުގައި އެއީ އިނގިރޭސި ބަހުގައި ބުނާ "އިންފެޗުއޭޝަން" އަށް ވެދާނެ އެވެ.

މެރިއަމް ވެބްސްޓާރ ޑިކްޝަނަރީގައި އިންފެޗުއޭޝަން މާނަ ކޮށްފައި ވަނީ، ވިސްނާލުމަކާ ނުލައި ވަރަށް ބޮޑަށް މީހަކު ނުވަތަ އެއްޗެއް ކަމުދިއުމާއި ޝައުގުވެރިވުމާއި އެމީހަކަށް ނުވަތަ އެ އެއްޗަކަށް ހުރިހާ ވިސްނުމެއް ހުސްވާވަރަށް ލޯބިވުމެވެ. ކޭމްބްރިޖް ޑިކްޝަނަރީގައި އިންފެޗުއޭޝަން މާނަކޮށްފައި ވަނީ މާގިނަ ދުވަހަށް ދެމި ނުހުންނަ ލޯބީގެ ނުވަތަ ގަޔާވުމުގެ ވަރުގަދަ އިހުސާސްތަކެއްގެ ގޮތުގަ އެވެ. ގިނަބަޔަކަށް ކްރަޝް އަކީ ކޮބައިކަން އެނގޭނެ އެވެ. މިރިއަމް ވެބްސްޓާ ޑިކްޝަނަރީގައި ބުނާ ގޮތުގައި ކްރަޝް އަކީ ވެސް އިންފެޗުއޭޝަންގެ އިހުސާސްތަކެކެވެ. ނޫނީ ކްރަޝްއާ މެދު އުފެދެނީ އިންފެޗުއޭޝަން އެވެ. ހަގީގީ ލޯތްބާއި އިންފެޗުއޭޝަން އަކީ ތަފާތު ދޭއްޗެކެވެ.

އިންފެޗުއޭޝަންއަށް ކިޔާނެ ރަނގަޅު ދިވެހި ލަފުޒެއް އޮތްތޯ ބެލިއިރު "ކަނުލޯބި" އަދި "ރަންގުލޯބި" މި ދެލަފުޒު އެއްކުރުމުން ފުރިހަމަ މާނައެއް ނުކުންނަކަމަށް ފެނެ އެވެ. ބަސްފޮތުގައި ބުނަނީ އުނިސިފަތައް ނުފެންނަ ލޯތްބަކީ ކަނުލޯބި ކަމަށެވެ. އަދި ދޮންފުތު ލޯތްބަކީ ވެސް ކަނުލޯބިކަމަށެވެ. ނަމަވެސް ދޮންފުތު ލޯތްބަކީ ދަރީންދެކެވާ ކަނުލޯތްބެވެ. ބަސްފޮތް ބުނާގޮތުން، ކުޑަދުވަސްކޮޅަކަށް ހިތާވުމާއި މަތިމަތިންވާ ލޯތްބަށް ކިޔަނީ ރަންގު ލޯތްބެވެ. ގަދައަށް ހިތްޖެހުމަށް ދިވެހިބަހުގައި ކިޔަނީ އިޝްގެވެ. ދިވެހި ބަހަކީ ޓާމިނޮލޮޖީ ތަރައްގީކުރެވެމުންދާ ބަހަކަށް ނުވާތީ އުނދަގޫކަމެއް ހުއްޓަސް، އިންފެޗުއޭޝަންއަކީ ރަންގު ލޯބިކަމަށް ބުނުން އެންމެ ރަނގަޅުކަމަށް ފެނެ އެވެ. އަދި މިލިޔުމުގެ ބައެއް ތަންތަނުގައި ރަންގުލޯބި އަދި ބައެއް ތަންތަނުގައި އިންފެޗުއޭޝަން ބޭނުންކުރުމަކީ ދިވެހިބަހާ ދުރުގޮތެއް ކަމަކަށް ވެސް އަހަރެން ނުދެކެމެވެ. އެހެންވީމާ އެގޮތަށް އަމަލުކުރާނަމެވެ.

ސައިކޯތެރަޕިސްޓް އަދި ސެކްސްތެރަޕިސްޓް ޑރ އިއަން ކާނަރ ދެކޭ ގޮތުގައި ރަންގު ލޯބި އޮންނަނީ ގުޅުމުގެ ކުރީކޮޅު އެވެ.

"ރަންގު ލޯބީގައި އުޅޭއިރު ހުންނާނީ ފޯރިއައިސް މަސްތީ އުފާވެރި ކަމެއް ތެރޭގައި. އާ ގުޅުމެއް ވީތީ ކުރެވޭ އިހުސާސްތަކާއި ޝަހުވަތްތެރިކަމާ ހެދި ދެމީހުންގެ ގުޅުން ވަރަށް ބާރަށް ކުރިއަށް ދާނެ" ޑރ ކާނާ ބުނެފައި ވެ އެވެ. "ލޯތްބަކީ ގިނަ ފަހަރަށް ދުވަސް ވާވަރަކަށް ފުރިހަމަވެ ވަރުގަދަ ވަމުން އަންނަ އެއްޗެއް، ދެމީހުން އެކަކު އަނެކަކު ރަނގަޅަށް ދަސްކޮށް ވަރުގަދަ ގުޅުމެއް ބިނާ ކުރާނެ."

ލޯތްބާއި ރަންގު ލޯތްބަކީ ތަފާތު ދެ އެއްޗެއް ކަމުގައި ވީ ނަމަވެސް ހަގީގީ ލޯބީގެ ގުޅުމެއްގައި ވެސް އިންފެޗުއޭޝަންގެ ސިފަތައް ކޮންމެވެސް ވަރަކަށް ހުންނާނެ އެވެ. އިންފެޗުއޭޝަން ނުވަތަ ރަންގު ލޯބި ހަގީގީ ލޯތްބަށް ބަދަލު ވެދާނެ ހެއްޔެވެ؟ ޑރ އިއަން ކާނާ ދެކޭ ގޮތުގައި އިންފެޗުއޭޝަން ހަގީގީ ލޯތްބަށް ބަދަލުވާ ފަހަރުވެސް އާދެ އެވެ. ނަމަވެސް އެކަން އެނގޭނީ ވަގުތުޖެހުނީމާ ކަމަށް ޑރ ކާނާ ބުނެފައި ވެ އެވެ.

ހަގީގީ ލޯބިވަނީ އަސްލު މީހާ ދެކެ އެވެ. މީހާގެ އުޅުމާއި މިޒާޖާއި ރަނގަޅުކަމަކާއި އުނި ކަންތައްތައް އެނގިހުރެ އެވެ. އެއާ ހިލާފަށް އިންފެޗުއޭޓުވެގެންވެގެން އުޅޭ އިރު ބައިވެރިޔާއާ މެދު ހަގީގަތާއި ދުރު އުންމީދުތަކެއް ކުރެވުމާއެކު ބައިވެރިޔާ ފެންނާނީ ވެސް އަސްލަށް ވުރެ ފުރިހަމަ އަދި އުނިކަމެއް ނެތް މީހެއްގެ ގޮތުގަ އެވެ. ހަގީގަތަށް ވުރެ ބޮޑަށް ރަންގު ލޯބީގައި ހިމެނެނީ އަމިއްލަ ހިޔާލީ ފޮލާތަކާއި އުންމީދުތަކެވެ. ލޯތްބަކީ ކަނު އެއްޗެއް ނޫނެވެ. ލޯތްބަށް އައިބުވެސް ފެނެ އެވެ. ލޯބި ކަނު އެއްޗަކަށްވަނީ އިންފެޗުއޭޝަންގަ އެވެ. ރަންގު ލޯބީގަ އެވެ. އިންފެޗުއޭޓުވުމާއި ހިލާފަށް ލޯތްބަކީ ގިނަ ދުވަހަށް ދެމިގެންދާ އެއްޗެކެވެ. އިންފެޗުއޭޓުވުން ދެމި އޮންނަނީ ކުޑަ ދުވަސް ކޮޅަކަށެވެ.

އިންފެޗުއޭޓުވެގެން އުޅޭ އިރު ލޯބިވެރިޔާ ގެއްލިދާނެތީ އާދަޔާ ހިލާފަށް ޖެހިލުން ވާނެ އެވެ. ދޫކޮށްލާފައި ގޮސްދާނެތީ އަބަދު ކަންބޮޑުވާނެ އެވެ. އެކަށީގެންވާ ސަބަބެއް ނެތި އެވެ. އާދަވެގެން ކުރާ މެސެޖެއް ކޮށްނުލެވުނަސް، ތިމާއާ ގުޅޭ ކަމެއް ހަނދާން ނެތުނަސް އަހަރެން މިހާރު ކަމުނުދަނީ ބާއޭ ހީވާނެ އެވެ. ކުރުކޮށް ބުނާނަމަ ކޮންމެ އިރަކުވެސް ރެނދުލައިދާނެ ބިއްލޫރި ފާލަމެއްގައި ހިނގޭ ކަހަލަ އިހުސާސްތަކެއް ކުރެވޭނެ އެވެ. އެއާ ހިލާފަށް، ހަގީގީ ލޯބިވެގެން އުޅޭ ދެމީހަކު އެކަކު އަނެކަކަށް އިތުބާރު ކުރާނެ އެވެ.

ޝައްކު ކުރުމާއި ލޯބިވެރިޔާ ގެއްލިދާނެތީ މާބޮޑު ކަމަކާ ނުލައި ކަންބޮޑުވުން ފަދަ ކަންކަމަކީ ކޮންމެ ފަހަރަކު އިންފެޗުއޭޝަންގެ ސަބަބުން ވާކަމަށް ނުވެދާނެ އެވެ. ލޯބިވެރިޔަކު އެފަދަ ގޮތަކަށް ވިސްނުން ގެންގުޅެދާނެ ސަބަބުތައް ބައިވަރެވެ. ހަގީގީ ލޯބިވާ ދެމީހެއްގެ މެދުގައި ދުވަހަކުވެސް މައްސަލަ ނުޖެހޭނެޔޭ ހީވުމަކީވެސް ކުށްހީއެކެވެ. އެއީ އެއްވެސް ދެމީހަކީ ހުރިހާ ކަމެއްގައި ހިޔާލު އެއްގޮތްވާނެ ބައެއް ނޫނެވެ. އިންސާނުންނަކީ ކަންކަން ހަނދާންނެތޭ އަދި ކުށްކުރެވޭ ބަޔެކެވެ. މޫޑު ގޯސްވާ ވަގުތުތައް ވެސް އަންނާނެ އެވެ. ހަގީގީ ލޯބިވާ ދެ މީހަކުވެސް ޒުވާބުކޮށްފާނެ އެވެ. އެކަކު އަނެކާއަށްޓަކައި އަމިއްލަ އެދުންތައް އެއްފަރާތްކޮށްލާ ވަގުތުވެސް އަންނާނެ އެވެ. މިހުރިހާ ކަމަކާ އެކުވެސް ލޯބިވާ ދެމީހަކު ގުޅުން ކުރިއަށް ގެންދަން ބޭނުންވާނެ އެވެ.

ލޯތްބެކޭ އެއްގޮތަށް އިންފެޗުއޭޝަން އަކީވެސް ތަބީއީ ކަމެކެވެ. ގޯސްކަމެއްވެސް ނޫނެވެ. ނަމަވެސް މުހިންމު ކަމަކީ މި ދޭތީގެ ތަފާތު ދެނެގަތުމެވެ. އިންފެޗުއޭޝަން އަކީ ލޯތްބޭ ހިތާ އަބަދު އިންފެޗުއޭޝަން ފަހަތުން ދުވާ މީހަކަށް ދެމެހެއްޓެނިވި ގުޅުމެއް ނުފެންނާނެ އެވެ. އެކަކު އަނެކަކަށް ރަނގަޅަށް ދަސްނުވަނީސް ހަމައެކަނި އިންފެޗުއޭޝަންއަށް ބިނާކޮށް މާ އަވަސް އަރުވާލާފައި ކައިވެނި ކުރުމަކީ ވެސް ފަހަރެއްގައި ފަހުން ހިތާމަ ކުރަން ޖެހިދާނެ ކަމެކެވެ. އިންފެޗުއޭޝަން ލޯތްބަށް ބަދަލުވަނީ ބައެއް ފަހަރު އެވެ.

ހަގީގީ ލޯބިވާ ބައިވެރިއަކު ހުރުމަކީ މީހާއަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ. މީހާ އިތުރަށް ހަރުދަނާ މީހަކަށް ވުމަށް ލިބޭ ހިތްވަރަކަށް ވާނެ އެވެ. މީހާ ކުރި އަރައި ދިއުމަށް ލިބޭ ބާރަކަށްވެސް ވާނެ އެވެ. ގާތް ރަހުމަތްތެރިކަމާއި ހަމްދަރުދީއާއި އަޅާލުމާއި އެކަކު އަނެކަކު އުފާކޮށްދިނުމާއި ހެއްވާލަ ދިނުމަކީ ހަގީގީ ލޯބީގެ ސިފަތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ރަންގު ލޯބީގެ މަސްތުގައި، ތިޔަ ބިނާކުރި އުފާވެރިކަމުގެ ގަނޑުވަރަކީ ހިޔާލެކެވެ. ހޯދަން ތިޔަ މަސައްކަތް ކުރާ މަންޒިލަކީ ރަންގު ލޯތްބެއް ނޫނެވެ. ތިޔަ ހޯދަނީ ހަގީގީ އަދި ދެމެހެއްޓެނިވި ލޯތްބެވެ.