Advertisement

ރެސިޕީ: އާލިއޯ އެ އޮލިއޯ ސްޕެގެޓީ

29 އޭޕްރީލް 2021 - 12:32 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ރެސިޕީ: އާލިއޯ އެ އޮލިއޯ ސްޕެގެޓީ

29 އޭޕްރީލް 2021 - 12:32 0

ސްޕެގެޓީ އާއި ޕާސްތާ އަކީ "މޫޑީ" ދުވަހެއްގައި އެންމެ ފަސޭހައިން ތައްޔާރުކޮށްލެވޭނެ މީރު އެއް ކެއުމެވެ. އާންމުކޮށް އަހަރެމެން ކައްކާ ޕާސްތާގެ އެކި ފްލޭވާތަކުގެ ތެރެއިން މިހާރު އެންމެ ހިނގާ އެއް ޓްރެންޑަކީ ޓޮމާޓޯ ޕޭސްޓް ނާޅައި ލުއިކޮށް ވަޅޯ މަސް ނުވަތަ އެމީހަކު ހިޔާރުކުރާ ވައްތަރެއްގެ މަހާއި ބެލް ޕެޕާ އަދި ހިކިމިރުސް އަޅައިގެން ތަރުކާރީ އާއި ޗީޒް ގައި ތައްޔާރުކުރާ ޕާސްތާ އެވެ. މިގޮތަށް ޕާސްތާ އާއި ސްޕެގެޓީ ކަމުދާ މީހުންނަށް "ގާލިކް އޮއިލް ސްޕެގެޓީ" ނުވަތަ މަޝްހޫރު އިޓާލިއަން އާލިއޯ އެ އޮލިއޯ ގެ މި ރެސިޕީ ކަމުދާނެ އެވެ. ހާއްސަކޮށް ކެއުންތަކުގައި ގާލިކް ފްލޭވާ އަށް ލޯބިކުރާ މީހުންނަށް މިއީ ހަމަ "މަރަކަށް" ވާނެ އެވެ.

ބޭނުންވާ ތަކެތި (ހަތަރު މީހުންގެ ކެއުމަކަށް)

1 ޖޯޑު ސްޕެގެޓީ

10 ލޮނުމެދު ހިމުންކޮށް ކޮށާފައި

1 ސައި ސަމްސާ މިކްސް ހާބްސް

2 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް

1 ސައި ސަމްސާ ޗިލީ ފްލޭކްސް

1 މޭޒުމަތީ ސަމްސާ ޕާސްލީ ކުދިކޮށް ކޮށާފައި

1 ޖޯޑު ޕާމީސިއަން ޗީޒް

ރަހަ ހެޔޮވަރުކުރަން ލޮނު

ކައްކާނެ ގޮތް

ސްޓެޕް 1- ތިން ވަރަކަށް ޖޯޑު ފެނުގައި ސްޕެގެޓީ މަޑުކުރަން އުދާށެވެ. ފެންގަނޑު ހޫނުވެ ބޮކި ލައިފައި ކެކެން ފެށުމުން ކުޑަ ލޮނުކޮޅެއް އަޅާލަންވާނެ އެވެ. ދެން ފެންގަނޑު ކެކި، ބޭނުންވާ ވަރަށް ސްޕެގެޓީ މަޑުވުމުން ތެލީގައި ހުރި ފެން ހުސްކޮށްލުމަށްފަހު އޭގެ ތެރެއަށް ކުޑަ އައިސް ފެން ފޮދެއް އަޅާލާށެވެ.

ސްޓެޕް 2- ތެއްޔެއްގައި އޮލިވް އޮއިލް ފޮދު ހޫނުކުރާށެވެ. ދެން އޭގެ ތެރެއަށް ކޮށާފައި ހުރި ލޮނުމެދު ކޮޅު އަޅާލުމަށްފަހު 1-2 މިނިޓް ވަންދެން މަޑު ގިނީގައި ހަނާކުރާނީ އެވެ. އެއަށްފަހު ޗިލީ ފްލޭކް ކޮޅާއި ހާބް އެއްކޮށްލުމަށްފަހު ކުޑަ އިރުކޮޅަކު ހަނާކުރުމަށްފަހު އޭގެ ތެރެއަށް ޖޯޑެއްގެ 1/4 ފެން އަޅާލުމަށްފަހު އިރުކޮޅަކު ކައްކާލާށެވެ.

ސްޓެޕް 3- ރަނގަޅަށް ކެކުމުން، ލޮނު ރަހަ ހެޔޮވަރު ކޮށްލުމަށްފަހު މަޑުކޮށްފައި ހުރި ސްޕެގެޓީ އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި ޗޮޕްކުރި ޕާސްލީ ކޮޅު ލާފައި ދެތިން މިނިޓް މަޑު ގިނީގައި ކުޑަކޮށް ކައްކާށެވެ.

ސްޓެޕް 4- އެންމެ ފަހު ކަމެއްގެ ގޮތުން ގާނާފައި ހުރި ޗީޒްކޮޅު މައްޗަށް އެއްވަރަކަށް އަޅާފައި ފަތުރާލާށެވެ. އެއަށްފަހު އުނދުން ނިއްވާލުމަށްފަހު މަޑުމަޑުން މިކްސްކޮށްލާށެވެ.

ސްޕެގެޓީ އާއި އެކުގައި ކެއުމަށް ޗިކަން ނުވަތަ އެމީހަކު ބޭނުންވާ ކަހަލަ މަހަކުން ހިކިކޮށް، ސައިޑް ޑިޝް އެއް ތައްޔާރުކޮށްލެވިދާނެ އެވެ.