Advertisement

ރާއްޖޭގައި އޮތީ ޖިންސީ އަނިޔާ ލިބޭ މީހާ ބަދުނާމު ކުރުމުގެ ސަގާފަތް!

ރޭޕް އާއި ޖިންސީ އަނިޔާއާ ދެކޮޅަށް އުސްފަސްގަނޑު ސަރަހައްދުގައި އާންމުން އެއްވެ ކުރި މުޒާހަރާ: މި މުޒާހަރާ ކޮށްފައިވަނީ މާލޭ މަގުމަތިން އަންހެނަކު ޖަހައިގަނެ، އޭނާ ގަދަކަމުން ގެއަކަށް ވައްދައި ރޭޕްކުރި ކަމުގެ ތުހުމަތުކުރެވިފައިވާ ދަނޑިވަޅެއްގައި.-- ފޮޓޯ: ހުސެއިން ވަހީދު / އަދަދު


ރާއްޖޭގައި އޮތީ ޖިންސީ އަނިޔާ ލިބޭ މީހާ ބަދުނާމު ކުރުމުގެ ސަގާފަތް!

މި ރޯދަ މަހުގެ ރެއެއްގައި ގިނަ ބަޔަކު ތަރާވީސް ނަމާދަށް ތިބި ވަގުތެވެ. މަގުމަތީގައި ސަފު ހަދައިގެން ތިބި މީހުންނާ މާ ދުރު ނޫން ހިސާބެއްގައި ޒުވާން އަންހެނަކު ހިނގަމުން ދިޔަ އެވެ. ހަމަހިމޭންކަމުގެ އެ ވަގުތުކޮޅަށް ކުއްލި ސިހުމެއް ގެނުވީ އަންހެން މީހާގެ ހަޅޭކުންނެވެ. އޭރު ދެ ފިރިހެނުން އައިސް އޭނާ ޖަހައިގަނެ، ގެއަކަށް ވައްދަނީ އެވެ.

އޭގެ ހަފުތާއެއް ފަހެވެ. އުމުރުން 20 އަހަރުގެ އެ އަންހެން މީހާ ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތު ކުރެވޭ ދެ މީހުންގެ ވަނަވަރު ހާމަވެއްޖެ އެވެ. މަސްތުވާތަކެތީގެ ރިކޯޑު އޮތް އެ ދެ މީހުން ވެސް ތިބީ ހައްޔަރުކޮށްފަ އެވެ. އެއާއެކު އަންހެން މީހާގެ ވަނަވަރު ވެސް ހާމަވީ އެވެ.

އެ ހިސާބުން މަންޒަރު ބައްދަލުވެއްޖެ އެވެ. އަންހެން މީހާއަކީ "ރޭޕް" ގެ ޝިކާރައަކަށްވި "ޑްރަގް އެޑިކްޓެއް" ގޮތުގައި ސިފަކުރަން ފެށީ އެވެ.

އެ އަންހެން މީހާގެ މި ވާހަކައަކީ އަނިޔާ ލިބޭ ހުރިހާ ދިވެހި އަންހެނުންގެ ވާހަކަ އެވެ؛

ވިކްޓިމް ބްލޭމިން ނުވަތަ އަނިޔާ ލިބޭ ފަރާތް ބަދުނާމު ކުރުމުގެ ސަގާފަތަކީ ރާއްޖޭގައި ފުޅާކޮށް ފެތުރި، ކަށީގައި ހަރުލާފައިވާ ސަގާފަތެކެވެ. ޖިންސީ ފުރައްސާރަ އާއި އަނިޔާ ފަދަ ކޮންމެ މައްސަލައެއްގައި ވެސް ކުށް ކުރި މީހާއަށް ވުރެ ބޮޑަށް ތުހުމަތުގެ އިނގިލި ދިއްކުރަނީ އަނިޔާ ލިބުނު މީހާ އަށެވެ.

އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ އުތެމަ ޖަމިއްޔާގެ ކޯ ފައުންޑަރު ހުމައިދާ އަބްދުލް ގަފޫރު ވިދާޅުވީ މި ސަގާފަތުގެ ސަބަބުން އަނިޔާ ލިބޭ މީހުންނަށް އެއް ފަހަރަށް ވުރެ ގިނައިން އަނިޔާ ލިބުމުގެ ނުރައްކާ އޮންނަ ކަމަށެވެ. އޭނާ ސިފަ ކުރެއްވީ، މިއީ އަނިޔާ ލިބޭ މީހާއަށް ލިބެން ޖެހޭ ރައްކާތެރިކަމުގެ ބަދަލުގައި ކުށްވެރިޔާއަށް ރައްކާތެރިކަން ލިއްބައިދޭ ސަގާފަތެއްގެ ގޮތުގަ އެވެ.

"ކުށުގެ ޝިކާރައަށްވާ ފަރާތް ދެވަނަ ފަހަރަށް ޝިކާރަކުރެވިގެންދާ ސަބަބަކީ، ކުށަށް އަރައިގަންނަ މީހާގެ އަމަލު ކުށްވެރިކުރުމުގެ ބަދަލުގައި، ކުށުގެ ޝިކާރައަށްވާ ފަރާތް ބަދުނާމުކުރުމަށް މުޖުތަމައުގެ ތެރޭގައި މީހުން އެނބުރި ގަންނާތީ،" ހުމައިދާ ވިދާޅުވި އެވެ.

ޖިންސީ އަނިޔާއަކީ މީހެއްގެ ޒާތަށް ދެވޭ، މުޅި ހަޔާތުގައި އޭގެ ތަކުލީފު އުފުއްލަން ޖެހޭ ޖިސްމާނީ އަދި ނަފްސާނީ ބޮޑު އަނިޔާއަކަށް ވެގެން ދާއިރު، ވަށައިގެންވާ މުޖުތަމައަށް މުހިންމު ވަނީ އޭނާއަށް މީހަކު ބޮޑު އަނިޔާއެއް ކުރިއިރު ލައިގެން ހުރި ހެދުމާ، ގެއިން ނިކުތް ވަގުތާ، ހުރިތަނާ، އެކަނިތޯ ދެކަނިތޯ ހުރީ ކަމަށް ފެނިގެންދޭ. --- ހުމައިދާ އަބްދުލް ގަފޫރު

މީގެ ދެ ހަފުތާ ކުރިން މަގުމަތިން ޖަހައިގަނެ، ގަދަކަމުން ގެއަކަށް ވައްދާ އަންހެން މީހާ ރޭޕް ކުރި ކަމަށް ބުނާ މައްސަލާގައި ފާހަގަވި ކަމަކީ ރޭޕް ކުރި ކަމާ މެދު ބައެއް މީހުން އުފެއްދި ސުވާލެވެ. އެއް ބަޔަކު ހަޖޫ ޖެހީ މަސްތުގެ ވަބާގައި ޖެހިފައިވާ އަންހެނަކަށް ވާތީ، އެއީ އޭނާއާ މެދު ވާން ޖެހޭ ގޮތް ކަމަށް ހަދައިގެންނެވެ. އޭނާ އަކީ ޑްރަގް އެޑިކްޓަކަށް ވާތީ ރޭޕްކުރިޔަސް މައްސަލައެއް ނެތް ކަމަށް ދޭހަވާ ފަދަ ބަސްތަކާއި މަލާމާތް ވެސް ރައްދުކުރީ އެވެ. އަނެއް ބަޔަކު ސުވާލު ކުރީ ރޭޕް ކުރި ކަމާ މެދު އެވެ.

އާއްމުވި ވީޑިއޯގައި ދެ ފިރިހެނުން އެންމެންގެ ކުރިމަތީގައި އަންހެންމީހާ ގަދަކަމުން ގެއަށް ވައްދާ މަންޒަރަކީ މުޖުތަމައުގައި އެހެން އަންހެނުންނަށް އޮތް ބިރުވެރިކަމާއި ނުރައްކަލުގެ އިންޒާރު ކަމަށް ސޯޝަލްމީޑިއާގައި އުފުލި އަޑުތައް މަޑުކޮށް، އަންހެން މީހާ ރިހެބަށް ގެންދާ ފޮޓޯ އިން އޭނާ "ކުށްވެރިއަކަށް" ވި ކަމުގެ އަޑުގަދަކުރީ އެވެ. އޭނާގެ ރުހުމެއް ނެތި ގައިގައި އަތްލުމާއި ހަމައިން ފެށިގެން ދެން ހިނގި އަނިޔާގެ ހުރިހާ އަމަލުތައް މާ ބޮޑުކަމަކަށް ނުހަދައި، ތުހުމަތު ކުރި މީހުންނާ މެދު ހަމްދަރުދީގެ ނަޒަރަކުން ދެކެން ފެށީ އެވެ.

ހުމައިދާ ވިދާޅުވީ މިއީ އަނިޔާ ލިބޭ ފަރާތް ބަދުނާމު ކުރުމުގެ ސަގާފަތުގައި ވަރަށް ގިނައިން ފެންނަ ސިފައެއް ކަމަށެވެ.

"ބައެއް ފަހަރަށް އެއީ ހިނގި ކަމެއް ކަމާ ދޭތެރޭ ޝައްކާއި ވަސްވާސް އުފައްދާ، އޭނާއަށް ލިބުނު އަނިޔާގެ ވާހަކަ ގަބޫލުނުކުރުން ހިމެނޭ. މުޖުތަމައުން މިގޮތަށް އިޖާބަ ދިނުމުން ކުށަށް އަރައިގަންނަ މީހާއަށް އެ ދެވެނީ ނުސީދާ ގޮތުން ހިތްވަރު،" އޭނާ ފާހަގަކުރެއްވި އެވެ.

އިންސާފަށް ހުރަސް، އުއްމީދެއް ނެތް!

ދެކުނު އޭޝިއާގައި ޖިންސީ އަނިޔާ: އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދުމުގައި ހުރި ގާނޫނީ އަދި އެހެން ހުރަސްތައް ނަމުގައި އީކުއެލިޓީ ނައު އަދި ޑިގްނިޓީ އެލަޔަންސް އިންޓަނޭޝަނަލުން އޭޕްރިލް މަހު ނެރުނު ރިޕޯޓުގައިވާ ގޮތުން ރާއްޖޭގައި ރޭޕްގެ މައްސަލަތައް ރިޕޯޓު ކުރުން ވަރަށް މަދެވެ. ފުލުހުންގެ ފަރާތުން ހޯދި މައުލޫމާތަށް ބިނާކޮށް ރިޕޯޓުގައި ބުނެފައި ވަނީ 2018 ގައި ރޭޕްގެ ނުވަ މައްސަލަ އަދި 2019 ގައި ދިހަ މައްސަލަ ހުށަހެޅި ކަމަށެވެ.

ދެކުނު އޭޝިއާގެ ހަ ގައުމުގުގައި ރޭޕް ރިޕޯޓު ކުރި މިންވަރު ދައްކުވައިދޭ ގްރާފެއް. ރާއްޖޭގައި 2018 އާއި 2019 ގައި ޖުމްލަ 19 މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރި.-- ފޮޓޯ: އީކުއެލިޓީ ނައު ރިޕޯޓުގެ ސްކްރީންޝޮޓް


"ކުށުގެ ޝިކާރައަކަށްވާ މީހުން ހާދިސާ ކިޔައި ދިނުމުން އެ ވާހަކަ ގަބޫލު ނުކުރުމާއި، ރޭޕްގެ އަނިޔާ ލިބުމަށް އެ ފަރާތުން މަގުފަހި ކުރީ ކަމަށް ތުހުމަތު ކުރުމާއި، ޖިންސީ ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކާ ދޭތެރޭ އެމީހުންގެ އާއިލާ އާއި މުޖުތަމައުގެ މެމްބަރުންގެ ފަރާތުންނާއި، ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތް ކުރާ އޮފިސަރުންގެ ފަރާތުން ތަފާތު ކުރުންތައް ގެންގުޅުމުގެ އާހިރު ނަތީޖާއަކަށް ވަނީ މައްސަލަތައް ރިޕޯޓު ނުކުރުމުގެ އިތުރުން، ރިޕޯތު ކުރާ މައްސަލަތައް އަނބުރާ ގެންދިޔުމެވެ." އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ދެ އަހަރު ތެރޭގައި ފުލުހުންނަށް ރިޕޯޓު ކުރި ރޭޕްގެ 19 މައްސަލައަކީ އަނިޔާ ލިބޭ އަދަދަށް ބަލާއިރު ނިސްބަތުން މަދު އަދަދެކެވެ. އެގޮތުން 2007 ވަނަ އަހަރު ނެރުނު އަންހެނުންގެ ސިއްހަތާއި ދިރިއުޅުމުގެ ތަޖުރިބާ ރިޕޯޓުގައިވާ ގޮތުން އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދު ކޮންމެ ތިން އަންހެނަކުން އެކަކު ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ޖިސްމާނީ އަދި ޖިންސީ އަނިޔާ ތަހައްމަލުކޮށްފަައި ވެއެވެ. އޭގެ ފަހުން 2016 އިން 2017 އަށް ހެދި އާބާދީ އާއި ސިއްހަތުގެ ސާވޭއިން ދެއްކި ގޮތުގައި ވެސް އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ 11 ޕަސެންޓު އަންހެނުންނާއި އަންހެން ކުދިންނަށް ޖިންސީ އަނިޔާ ލިބިފައި ވެއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގައި އަންހެނުންނަށް ޖިންސީ އަނިޔާ ކުރިމަތިވާ މިންވަރު ދައްކުވައިދޭ ގްރާފެއް. ރާއްޖޭގައި 11 ޕަސެންޓު އަންހެނުންނަށް މި މައްސަލަ ދިމާވޭ.-- ފޮޓޯ: އީކުއެލިޓީ ނައު ރިޕޯޓުގެ ސްކްރީންޝޮޓް


އީކުއެލިޓީ ނައު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ޖިނާއީ އަދުލުގެ ނިޒާމުގެ ބޭރުން "މައްސަލަ ހައްލު ކުރުމަށް" އަނިޔާ ލިބުނު މީހާ އާއި އޭނާގެ އާއިލާއަށް ކުރިމަތިވާ ޕްރެޝަރުގެ ސަބަބުން ވެސް އިންސާފަށް ހުރަސް އެޅެ އެވެ. ފުލުހުންނަށް ބަޔާން ދޭ ގޮތާ ތަފާތުކޮށް ކޯޓުގައި ބަޔާން އިއްވުމާއި ސިއްހީ ހިދުމަތްތެރިންގެ ފަރާތުން މައުލޫމާތު ލީކު ކުރުން ފަދަ މައްސަލަތަކަކީ ވެސް ފާހަގަކޮށްފައިވާ ކަންކަމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން "ނިޒާމަށް އޮންނަ އިތުބާރަށް ނޭދެވޭ އަސަރު" ފޯރަ އެވެ.

[ރިޕޯޓަށް] މައުލޫމާތު ހޯދުމަށް އިންޓަވިއު ކުރެވުނު ގާނޫނީ ވަކީލުން ބުނާ ގޮތުގައި ރޭޕްގެ ބައެއް މައްސަލަތައް ނުނިމި ދިހަ އަހަރު ދުވަހުގެ މުއްދަތަށް ދިގުލައިގެން ގޮސްފައި ވެ އެވެ. --- އީކުއެލިޓީ ނައުގެ ރިޕޯޓު.

އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ ތަފާތު ކުރުން ނައްތާލުމަށް އެކުލަވާލާފައިވާ އދ.ގެ ސީޑޯ ކޮމިޓީއަށް ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ތަފާސްހިސާބަށް ބަލާއިރު، 2015 އިން 2019 އަށް ރިޕޯޓު ކުރި ޖިންސީ އަނިޔާގެ 364 މައްސަލައިގެ ތެރެއިން މިހާތަނަށް ކުށް ސާބިތުވީ އެންމެ 49 މައްސަލައިގަ އެވެ. އެއީ ޖުމްލަ މައްސަލަތަކުގެ އެންމެ 13.5 ޕަސެންޓެވެ.

އީކުއެލިޓީ ނައު ރިޕޯޓުގައި ބުނީ ރޭޕްގެ ކުށް ސާބިތުވި މައްސަލައިގެ ތަފާސްހިސާބު ރާއްޖެއިން ނުލިބުނު ކަމަށް. ނަމަވެސް އދ.ގެ ސީޑޯ ކޮމިޓީއަށް ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި 2015 އިން 2019 އަށް ރިޕޯޓު ކުރި 364 މައްސަލައިގެ ތެރެއިން ކުށް ސާބިތުވީ އެންމެ 49 މައްސަލައިގަ.-- ފޮޓޯ: އީކުއެލިޓީ ނައު ރިޕޯޓުގެ ސްކްރީންޝޮޓް


ކުރިން ވާހަކަދެއްކެވި ހުމައިދާ ވިދާޅުވީ އަނިޔާ ލިބޭ ފަރާތްތައް ބަދުނާމު ކުރުމުގެ ސަގާފަތުގެ ސަބަބުން އިންސާފު ލިބޭނެ ކަމުގެ އުއްމީދު އެފަދަ ފަރާތްތަކާއި އާއިލާއަށް ނޯންނަ ކަމަށެވެ. އަދި އެފަދަ މީހުންނަށް ދޭން ޖެހޭ އެހީތެރިކަމުގެ ބަދަލުގައި ދެވަނަ ފަހަރަށް ޝިކާރައަކަށް ހެދުމަކީ މިފަދަ ކުށްތަކުގައި ދިމާވާ އެންމެ ބޮޑު ސަގާފީ އަދި ނިޒާމީ މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ ސަގާފަތެއް އޮންނަ މުޖުތަމައެއްގައި އިންސާފާ ގާތަށް ވެސް ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ މީހާ ދާނީ ކިހިނެތް؟ މީގެ ސަބަބުން ކުށް ރިޕޯޓުކުރުމަށް ބޭނުންވާނީ ކާކު؟ އޭނާގެ ހިމާޔަތުގައި މުޖުތަމައު ނެތްކަން އޭނާއަށް ސާބިތުވީމާ އޭނާއަށް އެފަދަ މުޖުތަމައަކަށް، ނުވަތަ ނިޒާމަކަށް ކުރެވޭނީ ކޮން އިތުބާރެއް؟ ކޮން ގަދަރެއް؟ ކޮން އިހުތިރާމެއް؟،" ހުމައިދާ ސުވާލުކުރެއްވި އެވެ.

އެ ސުވާލުތަކަށް ސިކުނޑި ހިންގާލުމުން ހިޔާލު ގޮސް ހުއްޓެނީ މަގުމަތިން ޖަހައިގަތް އަންހެން މީހާ އަށެވެ. ސަފާރީއެއްގައި ރޭޕް ކުރަން އުޅުމުން ހުޅުމާލެ ފަޅު ތެރެއަށް ފުންމާލި އަންހެން މީހާ އަށެވެ. ގެސްޓު ހައުސަކަށް ގެންގޮސް، މަސްތުކޮށްގެން ރޭޕްކުރި ސްކޫލު ދަރިވަރަށެވެ. ތެދެކެވެ. އެމީހުންނަށް އޮތީ އިންސާފު ލިބޭނެ ކަމުގެ ކޮން އުއްމީދެއް ހެއްޔެވެ؟