Advertisement

ސެނިޓައިޒާ ބެހެއްޓުމާއި ބޭނުންކުރުން ހިތުހުރި ގޮތަކަށް

29 އޭޕްރީލް 2021 - 12:36 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ސެނިޓައިޒާ ބެހެއްޓުމާއި ބޭނުންކުރުން ހިތުހުރި ގޮތަކަށް

29 އޭޕްރީލް 2021 - 12:36 0

ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ކިޔަމަންވުމާއި ފަރުވާތެރިވުން ދޫކޮށްލަން އަދި ގާތް ވެސް ނުވެ އެވެ. އެޗްޕީއޭ ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑް 19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އުޅެނީ 200 އާއި 450 އާ ދެމެދު އެވެ. މިއީ ރާއްޖޭގެ ބައި މިލިއަނެއްހާ މީހުންގެ މަދު އާބާދީގެ އިންސައްތަ އަށް ބަލާއިރު ބޮޑެތި ނަންބަރު ތަކެކެވެ. ހަލުވިކޮށް ބަލި ފެތުރެމުންދާކަމުގެ އިންޒާރު ދޭ ސީރިއަސް އަދަދު ތަކެކެވެ.

އެކަމަކު މި ކަމުގެ ކަންބޮޑުވުމާއި ބިރު އާންމު ދިރިއުޅުމުގައި މިހާރު އޮތް ތަނެއް ނުފެނެ އެވެ. މާސްކު ނަގާލައިފައި އުޅުން އާއްމެވެ. ގައިދުރުކަމަށް ސަމާލުކަމެއް ނުދެވެ އެވެ. ގިނަ ގިނަ އިން ސެނިޓައިޒާ ބޭނުންކޮށްގެން އަތްސާފު ކުރުމާއި ސާފުތާހިރުކަން ހުރީ އެމީހަކު ކުރާނެ ގޮތަކަށް ކުރަން ދޫކޮށްލެވިފަ އެވެ. ފަރުވާލެއް ނެތެވެ.

މި އާޓިކަލްގައި އަހަރެމެން ބަލާލާފައި ވާނީ ކޮވިޑް 19 އިން ރައްކާތެރިވުމަށް، ހިފަހައްޓަންޖެހޭ އާންމު ރައްކާތެރިކަމުގެ މިންގަނޑުތަކުގެ ތެރެއިން އަތުގެ ސާފުތާހިރުކަމާއި ގުޅިފައިވާ، އަތް ދޮވުމާއި އަތް ސެނިޓައިޒް ކުރުމުގެ ކަންކަން މާލޭގައި ހުރި ނެތް ގޮތުގެ މައްޗަށެވެ. އެގޮތުން "އަދަދު" ގެ ޓީމުން ވަނީ އައިޖީއެމްއެޗް އާއި އޭޑީކޭ ހޮސްޕިޓަލް އަދި މާލޭގައި މީހުން އެންމެ ގިނައިން ވިޔަފާރިކުރަން ދާ ބޮޑެތި ފިހާރަތަށް ހިމެނޭ ގޮތަށް 10 ފިހާރައަށް ވުރެ ގިނަ ތަންތަނަށް ގޮސް ސެނިޓައިޒާ ބެހެއްޓުމުގެ ކަންކަން އެތަންތަނުގައި ހުރި ނެތް ގޮތް ބަލައިފަ އެވެ. އަދި މީގެ އިތުރުން ފާމަސީ ތަކާއި ބޭންކުން ހިދުމަތްދޭ އޭޓީއެމް ތަކުގައި ހޭންޑް ސެނިޓައިޒާ ބެހެއްޓިފައި ވޭތޯ އާއި ސެނިޓައިޒް ކުރުމުގައި އާންމު މީހުންގެ ހަރަކާތްތައް ހުރި ނެތް ގޮތް ބަލާފައިވާނެ އެވެ.

އާބާދީގެ އެންމެ ގިނަ މީހުން ހިދުމަތް ހޯދަން ދާ އައިޖީއެމްއެޗްގެ މެއިން އޯޕީޑީ ގޭޓުން ވަދެގެން ދާއިރު މީގެ ކުރިން ހުން ބެލުމާއި ސެނިޓައިޒް ކުރުމުގެ އިންތިޒާމް ހަމަޖައްސާފައި ހުރެ އެވެ. ނަމަވެސް މިހާރު އެތަނަށް ވަދެ ނިކުންނަ މީހުންނަށް ސެނިޓައިޒާ ލިބޭނެ ފަސޭހަ އިންތިޒާމެއް ނެތެވެ. މެއިން އޯޕީޑީ ހަތަރު ކައުންޓަރުން ހިދުމަތް ދެމުން ދިޔައިރު އެންމެ ކައުންޓަރެއްގައި ވެސް ސެނިޓައިޒާ ފުޅިއެއް ބަހައްޓާފައި ނުވެ އެވެ.

މިއާ ހިލާފަށް، އޭޑީކޭ ހޮސްޕިޓަލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަދިވެސް ހުރީ ކުރިން ހުރި ގޮތަށް ހަރުދަނާކޮށް، ހިނގާ އިންތިޒާމެއްގެ ތެރޭގަ އެވެ. ހޮސްޕިޓަލް ތެރެއަށް ވަދެވެނީ ހުން ބެލުމަށްފަހު، ކޮވިޑްގެ އަލާމާތެއް ހުރި ނެތްތޯ ޔަގީން ކުރުމަށް ފަހު ސެނިޓައިޒް ކޮށްގެނެވެ.

އޭޓީއެމް އަކުން މީހަކު ނުކުންނަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


މާލޭގައި އާންމުން އެންމެ ގިނައިން ވިޔަފާރި ކުރަން ދާ ފިހާރަތަކުގެ ތެރޭގައި ހިމެނޭ ބޮޑެތި މާޓުޔަކުގައި ވަންނަ ދޮރާއި ގާތުގައި ސެނިޓައިޒާ ފުޅި ބެހެއްޓިފައި އެބަ ހުއްޓެވެ. އެކަމަކު ސެނިޓައިޒާ ފުޅީގެ ބޭނުން ކުރުމާއި ނުކުރުން އޮތީ ތަނަށް ވަންނަ ކަސްޓަމަރުންގެ އަތްމައްޗަށް މުޅިން ދޫކޮށްލާފަ އެވެ. ފިހާރައަށް ވަންނަން އަންނަ ބާރު މިނުގައި ގިނަ މީހުން އެތެރެއަށް ވަދެގެން ދަނީ ސެނިޓައިޒް ކުރުމެއް ނެތި އެވެ. ދޮރު މައްޗަށް ހުއްޓިފައި ސެނިޓައިޒް ކޮށްގެން އެތެރެއަށް ވަންނަ މީހުން މަދެވެ.

ކުދި ފިހާރަތަކުގެ ތެރެއިން ގިނަ ފިހާރަތަކުގައި ސެނިޓައިޒް ކުރުމުގެ އިންތިޒާމެއް އެއްގޮތަކަށް ވެސް ނެތް އިރު، ހުރި ގިނަ ފިހާރަ ތަކުގައި ސެނިޓައިޒާ ފުޅި ބަހައްޓާފައި ހުރީ ކޭޝް ކައުންޓަރު މަތީގަ އެވެ. ތަނަށް ވަންނަ ކޮންމެ ކަސްޓަމަރަކަށް ވަރަށް ހޯދައިގެން ނޫނީ އެ ފުޅިއެއް ނުފެންނާނެ އެވެ. ބައެއް ފިހާރަތަކުގައި ސެނިޓައިޒާ ފުޅި ބަހައްޓާ ތަނުގައި ހުރީ ހުސް ފުޅިއެކެވެ.

ބެންކް އޮފް މޯލްޑިވްސް އިން ހިދުމަތްދޭ އޭޓީއެމް ތަކުގައި ހުރި ސެނިޓައިޒާ ފުޅިތައް ހުސްވެ، ގިނަ ދުވަސްތަކެއްވި ފަހުން މިހާރު ސެނިޓައިޒާ ފުޅިތައް ވަނީ ރީފިލް ކޮށްފަ އެވެ. އެކަމަކު އޭޓީއެމަށް ވަންނަ ގިނަ މީހުން ސެނިޓައިޒާ ބޭނުން ނުކުރާކަން ފާހަގަ ކުރެވުނެވެ.

އެޗްޕީއޭގެ ގައިޑްލައިން ގައި ބަޔާންކޮށްފައިވާ އޮންނަ ގޮތުން، ކާބޯ ތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތަކާއި ސެލޫން ތަކާއި މާރުކޭޓު ތަކާއި އެނޫން ވެސް އާންމުން ހިދުމަތް ހޯދާ ހުރިހާ ތަނަކަށް ވަންނަ އިރު އަތް ދޮވެވޭނެ އިންތިޒާމް ނުވަތަ ސެނިޓައިޒް ކުރެވޭނެ ގޮތް ފަސޭހައިން ބެހެެއްޓިފައި ހުރުން ލާޒިމް ކުރެ އެވެ. އަދި މިފަދަ ތަންތަނަށް ހިދުމަތް ހޯދަން ތަނަށް ވަންނަ މީހުން އެ ގަވާއިދުތަކަށް އަމަލު އަމަލު ކުރޭތޯ ކަށަވަރު ކުރުމަކީ އެ ތަނުގެ ޒިންމާއެކެވެ. އެއީ ތަނަށް ހިދުމަތް ހޯދަން އަންނަ ކަސްޓަމަރުންގެ ރައްކާތެރިކަމާއި ހިދުމަތްދޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކަ އެވެ.


"ބައެއް ތަންތަނުގައި ފުޅި ހުސްވެފައި ހުރުން ނުވަތަ ނުހުރުމުގެ މައްސަލަތައް އެބަ ހުރި. އަޅުގަނޑުމެންގެ އިންސްޕެކްޝަން ތަކެއް ވަރަށް ގިނަ ފަހަރު މަތިން މިހާރު ވަނީ ކުރެވިފަ. ބޮޑަށް ކުރިއަށް ގެންދިޔައީ މިފަދަ ތަންތަން ފާހަގަކޮށް، ނަސޭހަތްތެރިވެ، އަދި ފިޔަވަޅު އަޅަންޖެހޭ ކަންތައްތަކުގައި ފިޔަވަޅު އެޅުމުގެ ކަންކަން ކުރުމުގެ ކަންކަން،" އެޗްޕީއޭގެ ޑިރެކްޓާ، އަހުމަދު ނާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހިދުމަތްދޭ ތަންތަނުން ގަވާއިދު ތައް ތަންފީޒުކުރޭތޯ ބަލަން އެ އިދާރާގެ އިންސްޕެކްޓަރުންނާއި ފުލުހުން އަބަދު ބޭތިއްބުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އޭގެ މާނައެއް ނޫން އެކަންތައްތައް މަތިން ހަނދާން ނައްތާލުން. ވަރަށް ބޮޑަށް ފާހަގަކުރެވޭ، ނުބަލާ ކަމުގައި ވަނީ ނަމަ ވަރަށް އަވަހަށް ހަނދާން ނެތޭކަން. އެކަމަކު މީގައި ވަރަށް މުހިއްމު އެބަ ވޭ ޒިންމާ ނަގައިގެން އޮންނަ އުސޫލުތަކަށް އަމަލުކުރުން." ނާސިރް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވެކްސިން ޖަހަން ފެށިޔަސް، ބަލީގެ ނުރައްކާ އަދިވެސް ބޮޑު ކަމަށެވެ. މިހާރު ބަލި ފެތުރެމުންދާ ރޭޓުން ކަންބޮޑުވުން އެބަ އޮތް ކަމަށާއި ގިނަ މީހުންނަށް ބަލި ނުޖެހޭނެ ގޮތަށް އުޅުން ބަހައްޓަން އަނެއްކާވެސް ބޮޑު އިސްކަމެއް ދޭން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮވިޑް ކޭސް ތައް އިތުރުވަމުންދާއިރު، އިއްޔެ މާލެއިން އެކަނި ވެސް 207 ކޭސް، އަދި މުޅި ރާއްޖެއިން 464 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ. މިއީ ކޮވިޑް ކޭސްތައް މީގެ ކުރިން ރާއްޖޭގައި އެންމެ ގަދައަށް ފެތުރެމުންދިޔަ ދުވަސްކޮޅާ އަޅާ ބަލާއިރު ވެސް މަތީ އަދަދެކެވެ.


ސެނިޓައިޒް ކުރުމާއި މާސްކު ރަނގަޅަށް އަޅައިގެން އިޖްތިމާއީ ގައިދުރުކުރުކަން ބަހައްޓަންޖެހޭ ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ ވެކްސިނުން ސަތޭކަ ޕަސެންޓް ރައްކާތެރިކަން ކަށަވަރު ނުވުމެވެ. ވެކްސިން ޖެހިޔަސް، ބަލި ޖެހުމުގެ ފުރުސަތު އޮވެފައި، އެހެން މީހުންނަށް ވެސް ބަލި ފެތުރުމުގެ ޗާންސު އޮވެ އެވެ. ހަޑް އިމިއުނިޓީއަކަށް ދަންދެން ވެކްސިން ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހަކު ވެސް މި ގަވާއިދުތަކުގެ ތެރޭގައި އުޅުން މުހިއްމު ވަނީ އެހެންވެގެންނެވެ. ހަޑް އިމިއުނިޓީއެއް ރާއްޖެއަށް ލިބެން އަދި ގާތް ވެސް ނުވެ އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 293429 މީހުންނަށެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދަކީ 88649 އެވެ. އެއީ އާބާދީގެ އެންމެ 20 ޕަސެންޓެވެ. އެހެންކަމުން ހާލަތަށް ކަނު ލޮލެއް ދީފިނަމަ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ބަލި ފެތުރި ނުރައްކާތެރި ހާލަތަކަށް ރާއްޖެ ދިއުމުގެ ޗާންސު އަދި ވެސް އެބަ އޮތެވެ. އޭގެ ކުރިން އުޅުން އިސްލާހުކުރަން އެބަ ޖެހެ އެވެ. ފަރުދީ ޒިންމާ އަދާކުރަން ޖެހެ އެވެ.