Advertisement

ބެޑްމިންޓަން ތަރި މައި އާއި ދުވުންތެރިޔާ ރިޒާ ކައިވެނިކޮށްފި

27 އޭޕްރީލް 2021 - 16:13 1

މައި (ކ) އާއި ރިޒާ. --ފޮޓޯ: ފޭސްބުކް


ބެޑްމިންޓަން ތަރި މައި އާއި ދުވުންތެރިޔާ ރިޒާ ކައިވެނިކޮށްފި

27 އޭޕްރީލް 2021 - 16:13 1

ރާއްޖޭގެ ކުޅިވަރު އާއިލާގެ ހުނަރުވެރި ދެ ތަރިން ކަމަށްވާ، ބެޑްމިންޓަން ކުޅުންތެރިޔާ މައިސާ ފަތުހުﷲ އިސްމާއީލް (މައި) އާއި ދުވުންތެރިޔާ ހުސެއިން ރިޒާ (ކުޑަރިޒާ) ކައިވެނީގެ ގޮތުން ގުޅިއްޖެ އެވެ.

ރާއްޖޭގެ ކުޅިވަރުގައި ތާރީހުގައި އެންމެ ބޮޑު ކާމިޔާބެއް ހޯދި ކުޅިވަރު ހަރަކާތް ކަމަށްވާ، 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދާކުރި ކޮންޓިންޖެންޓުގައި ހިމެނުނު މި ދެ އެތުލީޓުން މިއަދު ކައިވެނިކުރީ ތިން އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އެވެ.

ކުޅިވަރު ތަރިންގެ މެދުގައި ކައިވެނި ކުރުމަކީ، ދުނިޔޭގައި އާއްމު، އަދި ރާއްޖޭގައި ވެސް ފަހަކަށް އައިސް އާއްމު ކަމެކެވެ. ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) އާއި ޒުވާން ވޮލީބޯޅަ ކުޅުންތެރިޔާ ހައްވާ ސަހާ ވެސް ވަނީ މިދިޔަ އަހަރު ކައިވެރިކޮށްފަ އެވެ.

އޭގެ ކުރިން ފުޓްބޯޅަ ކުޅުންތެރިޔާ އަސަދުﷲ އަބްދުﷲ އާއި ހުނަރުވެރި ބާސްކެޓްބޯޅަ ކުޅުންތެރިޔާ އައިމިނަތު ޝިއުރާ ވެސް ވަނީ ކައިވެނިކޮށްފަ އެވެ.

ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ ދިވެހި ކުޅިވަރު ތަރިންގެ ތެރޭގައި ބާސްކެޓްބޯޅަ ތަރިން ކަމަށްވާ މުހައްމަދު ޒިލާލާއި އައިޝަތު ރިޝްމާ (ރިޝްޓޯ) އަދި ފާތިމަތު ރީމާ އާއި ޒަކަރިއްޔާ އަބްދުއްލަތީފް (ޒަކިއްޓެ) އަދި ނަޝްފާ އާމިރާ (ނައްފަ) އާއި އަހުމަދު ފިރާޝްގެ ފާހަގަކުރެވެ އެވެ.

މަޝްހޫރު ފުޓްބޯޅަ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި ކުރީގެ ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިޔާ އާއިޝަތު ނާޒިމާ އަކީ ވެސް ކުޅިވަރުގެ ޖޯޑެކެވެ.

މައި (ކ) އާއި ރިޒާ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް ދައްކާލަނީ.


މި ލިސްޓަށް އެންމެ ފަހުން އިތުރުވި ދެ ޖޯޑުގެ އެއް ބައިވެރިޔާ މައި އަށް ރާއްޖޭގެ ކުޅިވަރުގެ ތާރީހުން ވަނީ ހާއްސަ ޖާގައެއް ލިބިފަ އެވެ. އެއީ ގައުމީ ބެޑްމިންޓަން ޗެމްޕިއަންކަން ހޯދި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފެވެ. އޭނާ 2016 ވަނަ އަހަރު ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަން ހޯދީ ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާ އަހުމަދު ނަޖީބު ބަލިކުރުމަށް ފަހު އެވެ.

އުމުރުން 12 އަހަރުގައި ގައުމީ ޓީމުން ފުރުސަތު ހޯދި މައި ވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓީމު އިވެންޓުން ލޯ މެޑަލް ހޯދި ޓީމުގައި ހިމެނިފަ އެވެ. އަދި މުހައްމަދު އަޖުފާން ރަޝީދާ އެކު ކުޅެ މިކްސް ޑަބަލްސް އިން ލޯ މެޑަލް ހޯދި އެވެ.

މައިގެ ބައްޕަ އަކީ ރާއްޖޭގެ ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ ފަތުހުﷲ ވަހީދު (ފައްލޯ) އެވެ. އަދި އޭނާގެ ކޮއްކޮ ލައިސާ ފަތުހުﷲ އިސްމާއީލް (ލައި) އަކީ ރާއްޖޭގެ އެންމެ އުއްމީދީ އެއް ޓޭބަލް ޓެނިސް ކުޅުންތެރިޔާ އެވެ.

ރިޒާ އަކީ 800 މީޓަރު ދުވުމާއި 1500 މީޓަރު ދުވުމުން މި ވަގުތު ރާއްޖޭގައި ހުރި އެންމެ ފާހަގަކޮށްލެވޭ ދުވުންތެރިޔާ އެވެ. އެ ދެ އިވެންޓުގެ ގައުމީ ރެކޯޑް އެންމެ އަވަހަށް މުގުރާލާނެ ކަމަށް ބެލެވެނީ ވެސް، ސިފައިންގޭގައި ވަޒީފާއަދާކުރާ ރިޒާ އެވެ. އޭނާ ވަނީ 2019 ވަނަ އަހަރުގެ ނެޝަނަލް ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ ފިރިހެނުންގެ 1500 މީޓަރު ރަން މެޑަލް ހޯދައިފަ އެވެ. އޭގެ ކުރިން ގައުމީ މުބާރާތުގައި އޭނާ އެ އިވެންޓުން ރިހި މެޑަލް ހޯދި އެވެ. އަދި 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހަތަރެއް ގުނަ 400 މީޓަރު ރިލޭ އިން ރެކޯޑް ހެދި ރާއްޖޭގެ ޓީމަށް އޭނާ ދުވި އެވެ.