Advertisement

ދެކުނުގެ މަސްވެރިކަން ރަނގަޅުވެ މިފްކޯ ސްޓޯރޭޖްތައް ފުރެނީ

25 އޭޕްރީލް 2021 - 02:04 0

އަމަން ހަލީމް

އަމަން ހަލީމް

މަސް ދޯނިތަކެއް: މިފްކޯއިން ދަނީ ސްޓޯރޭޖްތައް ހުސްކުރަން މަސް ބޭރުކުރުމުގެ މަސައްކަތް ކުރަމުން -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ދެކުނުގެ މަސްވެރިކަން ރަނގަޅުވެ މިފްކޯ ސްޓޯރޭޖްތައް ފުރެނީ

25 އޭޕްރީލް 2021 - 02:04 0

ގިނަ އަދަދެއްގެ ދޯނި ފަހަރުން މިފްކޯގެ ދެކުނުގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސް ކިރުވުމަށް ބޭނުންވުމުން ދަތިތަކެއް ދިމާވެފައިވާ ކަމަށް މިފްކޯއިން ބުނެފި އެވެ.

މިއީ ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅު ދުވަސްވަރެކެވެ. އެހެން ކަމުން ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދޯނި ފަހަރުން ވެސް މަސް ބާނައިގެން ކިރުވަން ދަނީ އެންމެ ކައިރީގައި އޮންނަ މިފްކޯގެ ބޯޓެއް ނުވަތަ ސެންޓަރެއް ކައިރިއަށެވެ.

ދެކުނުގެ އަތޮޅުތަކުގައި ހުންނަނީ މިފްކޯގެ ދެ ސެންޓަރެވެ. އެއީ ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި އައްޑޫ ސިޓީ ފިޝަރީޒް ކޮމްޕްލެކްސް އެވެ. މަސް ކިރާ 12 ބޯޓެއް އަންނަނީ ދެކުނުގެ އަތޮޅުތަކުގައި ހަރަކާތްތެރި ވަމުންނެވެ. އޭގެ ތެރެއިން ނުވަ ބޯޓު އޮތީ ހުވަދު އަތޮޅުގަ އެވެ. ބާކީ ތިން ބޯޓު އޮތީ އައްޑޫ ސިޓީ ކައިރީގަ އެވެ.

މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ގިނަ ބޯޓު ފަހަރުން މަސް ކިރުވަން ދާތީ މިފްކޯގެ ފްރީޒީން ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބެމުން އަންނަ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މަސް ކިރަން ދަތިތަކެއް ދިމާވެފައިވާ ކަމަށް ބުންޏެވެ.

މިފްކޯއިން ވަނީ ދޯނިފަހަރު ކިޔުގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ ގޮތުން، މިދިޔަ ހުކުރު ދުވަހު ވެސް މަސް ކިރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ. ހުކުރު ދުވަހަކީ އާންމު ގޮތެއްގައި މަސް ނުކިރާ ދުވަހެކެވެ.

ނަމަވެސް ހާލަތަށް ބަލައި މަސް ކިރުވުމުގެ ކަންކަން ކުރަމުން އަންނަނީ ކަމަށް މިފްކޯ އިން ބުންޏެވެ. އަދި، ކޯލްޑް ސްޓޯރުތައް ފުރެމުން އަންނާތީ ޖާގަ ހެދުމުގެ ގޮތުން މެދުކެނޑުމެއް ނެތި ކެރިއަރު ބޯޓުތައް ގެނެސްގެން ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.