Advertisement

އަންހެނުންނަށް ޓެކްސީ "ރައްކާތެރިއެއް ނޫން"!

25 އޭޕްރީލް 2021 - 11:35 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޓެކްސީގައި ދަތުރު ކުރާ އަންހެނުންނަށް ބައެއް ފަހަރު ފުރައްސާރައާ ކުރިމަތިވޭ. ނަމަވެސް ގިނަ މައްސަލަތައް ފުލުހުންނަށް ރިޕޯޓު ކުރަން ޖެހިލުންވޭ.--


އަންހެނުންނަށް ޓެކްސީ "ރައްކާތެރިއެއް ނޫން"!

25 އޭޕްރީލް 2021 - 11:35 1

"މީހަކާ އިނދެގެންތަ އުޅެނީ؟ އެއީ އޭނާގެ ފުރަތަމަ ސުވާލު. ބޭ އިހްތިރާމު ނުކުރަންވެގެން އަޅުގަނޑު ބުނީ ނޫނެކޭ. ދެން އެހީ ބިޓެއް ހުރޭ ހެއްޔޭ. ދެޓްސް ވެން އައި ޑްރޫ ދަ ލައިން. އަޅުގަނޑު ޖަވާބުދޭކަން ބޭނުމެއް ނުވިން، ހަމަ އިނީ ފަހަތު ސީޓުގައި. އޭނާ ތަކުރާރުކޮށް އެ ސުވާލުކުރަމުން ދިޔައީ..."

މިއީ އުމުރުން 26 އަހަރުގެ އައިޝަތު މުހައްމަދަށް (އަސްލު ނަމެއް ނޫން) ޓެކްސީއެއްގެ ތެރޭގައި ކުރެވުނު ބިރުވެރި ތަޖުރިބާގެ ވާހަކަ ކިޔައިދޭން ފެށި ގޮތެވެ. ދިހަ ވަރަކަށް މިނެޓު ހޭދަވި އެ ދަތުރުގައި، ޓެކްސީ ޑްރައިވަރުގެ ފަރާތުން ކޮންމެ ފަދަ ހަމަލާއެއް ވެސް އަތުވެދާނެ ކަމުގެ ބިރުގައި އައިޝާ އިނީ ހުއްޓުން އަރާފަ އެވެ.

ވަރަށް ބިރުން އިނީ ކާރުގައި އިން އިރު. ވަރަށް އެއްޗެހި ކިޔާނަމޭ ހިތަށް އެރި. އެކަމަކު ހީ ހެޑް އޯލް ދަ ޕަވާ އޯވާ މީ ދޯ އެ ގަޑީގައި. އޭނާ ބޭނުން ތަނަކަށް އަހަރެން ގެންދެވުނީސް. އަހަރެން ބޭނުންވީ ވީ އެންމެ އަވަހަކަށް އެ ކަންތައްގަނޑު ނިމެން. ރިއެކްޓު ކުރާނެ ގޮތެއް ވެސް ނޭނގިފައި އިނީީ. -- އައިޝާ

ތަކުރާރުކޮށް ކުރަމުން ދިޔަ ސުވާލުތަކަށް އައިޝާ ޖަވާބު ނުދީ އިނީ އެވެ. އެންމެ ފަހުން "މިއީ މާ ބޮޑު ކަމެއް ނޫން" ކަމަށް ބުނެ ޑްރައިވަރު ހިތްހަމަނުޖެހުނެވެ. އިރުކޮޅަކުން ކިޔަން ފެށީ ފޯނު ނަންބަރެވެ. އައިޝާ ގާތު އޭނާ އެދުނީ ތަނަކަށް ދާން ބޭނުން ނަމަ ގުޅާށެވެ. ނަންބަރު ނޯޓު ނުކުރުމުން ވެސް ޑްރައިވަރު ހިތްހަމަނުޖެހުނެވެ.

"އަދި ރަނގަޅަކަށް އެއްޗެކޭ ބުނީމަވެސް ވާހަކައެއް ނުދެއްކިއެއްނު!،" އޭނާ އައިޝާއާ ދިމާލަށް ބުންޏެވެ.

ކޮވިޑުގެ ތެރޭގައި މި ހާދިސާ ދިމާވިއިރު އައިޝާ ދިޔައީ ފައިސާ ނޫޓު ނުގެންގުޅެ ވޭ ތޯ ބަލަމުންނެވެ. އެހެންވެ ފައިސާ ދައްކަން ޖެހުނީ ޓްރާންސްފާ ކޮށްގެންނެވެ. އެއާއެކު ދެން އައިޝާއަށް ކުރިމަތިވީ މީގެ ކުރިން ޑްރައިވަރުންގެ ފަރާތުން ކުރިމަތިނުވާ ޒާތުގެ ފުރައްސާރަ އެކެވެ.

"ޓެކްސީގެ ފައިސާ އޭނާއަށް ޓްރަންސްފާ ކުރީ. ކޮށްފައި ވައިބާއިން ސްލިޕްކޮޅު ފޮނުވީ. އެރޭ އޭނާ ވައިބާއިން މެސެޖުކޮށް ގުޅާ އުނދަގޫ ކުރަން ފެށީ. އެހެންވެ ޖެހުނީ އޭނާ ބްލޮކް ކުރަން. އޭގެ ފަހުން ވެސް މަގުމަތިން ފެނުނީމަ ވެސް ހުއްޓާފައި އަހާނެ އަރާނަންހޭ ކާރަށް."

ޑްރައިވަރުގެ ކާރު، އެކަމަކު އާއްމު ހިދުމަތެއް

މާލޭގައި ޑްރައިވަރެއްގެ ފަރާތުން އައިޝާއަށް ކުރިމަތިވި ފުރައްސާރައަކީ ދޭތެރެ ދެތެރެއިން އެކި އަންހެނުންނަށް ދިމާވާ މައްސަލަ އެކެވެ. ފަހަރުގައި ހަބަރުތަކުގެ ސުރުހީއަށް އަރަނީ މަދު ފަހަރަކު ކަމަށް ވެދާނެ އެވެ. އެކަމަކު މިއީ އަންހެން މީހުންގެ ތެރޭގައި އަބަދުވެސް އޮންނަ ބިރުވެރި ކަމެކެވެ.

އެކަނި ޓެކްސީގައި ދަތުރު ކުރަން ޖެހިލުންވުމާއި، އެކަނި ޓެކްސީއަށް އަރައިފި ނަމަ އަނގަބަހުން ފުރައްސާރަކޮށްފާނެ ކަމަށް ހެޑްސެޓު ޖަހައިގެން އިނުން ނުވަތަ މީހަކަށް ފޯނުން ގުޅައިގެން އިނުމުގެ ވާހަކަ ތުންތުން މަތިން ދެކެވެނީ ގައިމުވެސް އޭގައި ކޮންމެވެސް ހަގީގަތެއް އެކުލެވޭތީ އެވެ.

އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ އުތެމަ ޖަމިއްޔާގެ ކޯ ފައުންޑަރު، ހުމައިދާ އަބްދުލް ގަފޫރު ދެކިވަޑައިގަންނަވާ ގޮތުގައި ކާރުގައި ފޯރުކޮށްދެނީ އާއްމު ހިދުމަތެއް ނަމަވެސް އެ ކާރަކީ ޑްރައިވަރުގެ މުދަލަކަށް ވާތީ ބައެއް ޑްރައިވަރުންގެ ވިސްނުން ހުންނަ ގޮތް ތަފާތެވެ.

"ޓެކްސީ ޑްރައިވަރަކަށް ނުވިސްނޭ ކަން ނޭނގެ ތިމަންނަ މި ދެނީ ހިދުމަތެއް ކަމެއް. ޖުމްލަކޮށް ބަލާއިރު އަޅުގަނޑަށް ފެންނަނީ ޓެކްސީ ޑްރައިވަރުން ވަރަށް ރެސްޕެކްޓްފުލްކަން. ޓެކްސީ ޑްރައިވަރުގެ ކާރު އެއީ. އެކަން އޮތީ އެހެން. އެހެންވިޔަސް އޭނާ ހިދުމަތެއް ދޭއިރު ވަކި މިންގަނޑެއް ތެރޭގައި އެ ހިދުމަތް ހުންނަން ޖެހޭނީ،" ހުމައިދާ ވިދާޅުވި އެވެ.

ޓެކްސީތަކުން އާއްމުންނަށް ދޭ ހިދުމަތަކީ ރެގިއުލޭޓް ކުރެވި، ބިރުވެރިކަމެއް ނެތި ބޭނުން ކުރެވޭނެ ހިދުމަތަކަށް ހެދުމަށް ދާދި ފަހުން ވަނީ ޓެކްސީ ދަތުރުގެ ގަވާއިދަށް އިސްލާހުތަކެއް ގެނެސްފަ އެވެ. އެގޮތުން ޕަސެންޖަރުގެ ހުއްދަ ނެތި ޓެކްސީގައި އެއްވެސް މިއުޒިކެއް ނުވަތަ ރޭޑިއޯ ޖެހުން މަނަ އެވެ. އަދި ޓެކްސީގެ ބިއްލޫރިގަނޑު ހުންނަން ވާނީ ބޭރަށް އެތެރެ ފެންނަ ޓްރާންސްޕޭރެންޓް ބިއްލޫރިންނެވެ.

"އަޅުގަނޑު ވެސް ވެލްކަމް ކުރިން މި ދޭތެރެއިން އައި އެ ޗޭންޖު. ގަވާއިދަށް އެ ގެނައި ބަދަލު އެއީ ހަމަ ރަނގަޅު ބަދަލެއް. މިހާރު ޓެކްސީ ޑްރައިވަރަށް އޭނާ އަޑުއަހަން ބޭނުންވާ އެއްޗެއް އިއާފޯނުން ވެސް އަޑު އެހޭނެ. ކޮންމެހެން އެހެން އެންމެންނަށް އެ އަޑު އިއްވާކަށް ނުޖެހެއެއް ނޫން ތޯ؟،" ހުމައިދާ ވިދާޅުވި އެވެ.

ނަމަވެސް އެ ބަދަލުތަކަކީ ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން މާ ހިތްހަމަޖެހޭ ބަދަލުތަކަކަށް ނުވި އެވެ. ރޭޑިއޯ ޖެހުމުގެ ކުރިން ހުއްދަ ހޯދުމަކީ މާ ބޮޑު މައްސަލައަކަށް ނުވި ނަމަވެސް ބިއްލޫރިތައް ބަދަލުކުރަން ޖެހުމަކީ އުނދަގުލެއްގެ ގޮތުގައި އެ މީހުން ދެކެ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، ހަ މަސް ތެރޭގައި ބިއްލޫރިތައް ބަދަލު ނުކުރާ ޓެކްސީތައް 750 ރުފިޔާއިން ޖޫރިމަނާކޮށް ކާރު ޓޯކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ. މޭ މަހު އެ ސުންގަޑި ހަމަވާއިރު، ޑްރައިވަރުން ބުނެފައިވަނީ ބައެއް ބްރޭންޑުގެ ކާރުގައި ޓްރާންސްޕޭރެންޓް ބިއްލޫރި ނުހުންނަ ކަމަށެވެ. އެކަމަށް ދާ ހަރަދަކީ ވެސް އެ މީހުންގެ ކަންބޮޑުވުމެކެވެ.

މި ބިއްލޫރިއެއްގެ މައްސަލަ މިއައީ ކޮންމެވެސް އަންހެން ކުއްޖެއްގެ ރޭޕް ކޭސްއަކާ ގުޅިގެން 2013 ގައި. އެންމެ ޑްރައިވަރަކު ނުވަތަ ކާރެއްގައި ކުރާ ކަމެއްގެ ސަބަބުން މި އުނދަގޫ އެންމެންގެ މައްޗަށް އައިސްގެން ނުވާނެ. -- ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުގެ ރައީސް އަބްދުﷲ އިބްރާހިމް

ފަސް އަހަރު ތެރޭ އެންމެ މައްސަލައެއް ވެސް ޕީޖީއަށް ނުދޭ

ޖިންސީ އަނިޔާ އާއި ފުރައްސާރައިގެ މައްސަލަތަކަކީ ތަފާތު އެކި ސަބަބުތަކާ ހެދި ރިޕޯޓު ކުރަން މީހުން ޖެހިލުންވާ މައްސަލަތަކެކެވެ. އިންސާފު ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތުމާއި، އަނިޔާ ލިބޭ ފަރާތް ބަދުނާމު ކުރުމުގެ ސަގާފަތެއް އޮތުމާ ވެސް އެކު އެވެ.

މި ރިޕޯޓަށް "އަދަދު" އިން ހޯދި މައުލޫމާތަށް ބަލާއިރު ފާއިތުވި ފަސް އަހަރު، 1 ޖެނުއަރީ 2016 އިން 31 ޑިސެމްބަރު 2020 ގެ ނިޔަލަށް، ޓެކްސީ ޑްރައިވަރުންގެ ފަރާތުން ލިބިފައިވާ ޖިންސީ ފުރައްސާރަ އާއި ބަދުއަހުލާގީ ފަސް މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ވެއެވެ.

އެއީ 2017 ގައި އެއް މައްސަލަ އާއި 2018 ގައި ދެ މައްސަލަ އަދި 2019 ގައި ދެ މައްސަލަ އެވެ. މި ފަސް މައްސަލައަކީ ޓެކްސީ ޑްރައިވަރުންކަން ޔަގީން ކުރެވޭ ފަސް މައްސަލަ އެވެ. ނަމަވެސް ފުލުހަށް ހުށަހަޅާ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތަކީ ޓެކްސީ ޑްރައިވަރެއްކަން އިންޑެކްސް ކުރަމުން ނުދާތީ އެ އަދަދަށް ބަދަލު އައުން އެކަށީގެންވެ އެވެ.

އެހެންކަމުން މި ފަސް މައްސަލައިގެ އިތުރުން ވެސް ޓެކްސީ ޑްރައިވަރުންގެ ފަރާތުން ފުރައްސާރަ ކުރިމަތިވެފައިވާ މައްސަލަތަކެއް ރިޕޯޓުކޮށްފައި ހުރެދާނެ އެވެ. ފާހަގަކުރަން ޖެހޭ އަނެއް ކަމަކީ ފަސް އަހަރުގެ ތެރޭގައި ފަސް މައްސަލަ ރިޕޯޓުކުރި އިރު، އެންމެ މައްސަލައެއް ވެސް ތަހުގީގު ނިންމުމަށް ފަހު ޕީޖީ އޮފީހާ ހަމައަށް ގޮސްފައި ނުވާ ކަމެވެ.

ތަހުގީގު ފުރިހަމަކޮށް އެންމެ މައްސަލައެއް ވެސް ދައުވާ ކުރަން ފޮނުވާފައި ނުވާތީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ފާހަގަވި ޑްރައިވަރުންނާ ގުޅުން ހުރި ބައެއް މައްސަލަތަކަކީ ކޮބައިތޯ ބަލާލީމެވެ.

ފެބްރުއަރީ 2017: އަންހެނަކު ކާރުން ފުންމާލަން އުޅުނު

މާލޭގައި ޓެކްސީއަކަށް އެރި އަންހެނަކު ދާން ބޭނުންވި ތަން ނޫން އެހެން ތަނަކަށް ގެންދަން އުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހެޅި އެވެ. ޑްރައިވަރަށް އޮޅިގެން ނުބައި ތަނަކަށް ދެވުނީ ކަމަށް ހީކޮށް ދާންވީ ތަން ބުނެދި ދިނުމުން ވެސް، އަޅާ ނުލާ ދުއްވަމުން ދިޔައީ އެވެ. ހުއްޓަން އެދި ނުހުއްޓުމުން އަންހެން މީހާ އެންމެ ފަހުން ދޮރު ހުޅުވީ އެވެ. ދުއްވުން ހުއްޓާލީ އެ ހިސާބުންނެވެ. އެކަމަކު ތުހުމަތު ކުރެވުނު ޑްރައިވަރަކީ އަޑު އިވުމުގެ މައްސަލަ ހުންނަ މީހެއް ކަމަށް ފަހުން ބުންޏެވެ.

ޖޫން 2017: ޕަސަންޖަރުންނަށް އިންޒާރު ދީ ގައިގައި އަތް ލާ ޑްރައިރަވެއް

ޓެކްސީ އަށް އަރާ މީހުންނަށް އިންޒާރުދީ، ބިރު ދައްކާ އުމުރުން 31 އަހަރުގެ ޑްރައިވަރަކު ހައްޔަރު ކުރި އެވެ. އެ މީހާއަށް ތުހުމަތު ކުރެވުނީ ޓެކްސީ އަށް އަރާ މީހުންގެ ގައިގައި އަތްލުމާއި ބުނާ ތަންތަނަށް މަޑުނުކުރުން ފަދަ އަމަލުތައް ހިންގި ކަމަށެވެ.

އޮކްޓޯބަރު 2017: ކުޑަ ފިރިހެން ކުއްޖަކަށް ޓެކްސީއެއްގައި ޖިންސީ ގޯނާ ކުރުން

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ، ޓެކްސީ ޑްރައިވަރަކު ހައްޔަރުކުރި އެވެ. މާލޭގެ ޓެކްސީ ސެންޓަރެއްގައި މަސައްކަތް ކުރާ ޑްރައިވަރު، ކުޑަ ފިރިހެން ކުއްޖަކާ ބެހިފައިވަނީ އޭނާ ދުއްވާ ޓެކްސީގެ ތެރޭގަ އެވެ. އެ ޓެކްސީ ޑްރައިވަރަށް ފުލުހުން ފާރަލަމުން ގޮސް، އެ މީހާ ހައްޔަރު ކުރީ ބޮޑުތަކުރުފާނު މަގު، ޓްރެކް ކައިރިން ކާރުގައި އިންދާ ކަމަށްވެ އެވެ.

އޭޕްރިލް 2018: ބުރުގާ ނާޅާ ހުރި އަންހެނަކު މަރާލަން އިންޒާރު ދިން ޑްރައިވަރެއް

މާލޭގައި އަންހެނަކަށް މަރުގެ އިންޒާރު ދިން ޓެކްސީ ޑްރައިވަރެއްގެ މައްސަލައެއް ފުލުހުން ބަލަން ފެށި އެވެ. ޓެކްސީގައި ބާރަށް ގުރުއާން ޖަހަމުން ގޮސް، އަންހެން މީހާ އިން ސައިކަލު ކައިރިއަށް މަޑުކޮށް މަރާލާނެ ކަމަށް ޑްރައިވަރު ބުނި ކަމަށް ވެއެވެ. އަދި އޭނާ ފާޑުކީ ބުރުގާ ނާޅާ ހުރުމުން ކަމަށް ވެއެވެ.

މިފަދަ ބޮޑެތި މައްސަލަތައް ހުރިއިރު ތަހުގީގު ނިންމާ ޕީޖީއަށް ފޮނުވާފައި ނުވުމުން ދައްކުވައިދެނީ ފުރައްސާރައާ ކުރިމަތިވާ މީހުން އިންސާފު ހޯދަން ކުރަން ޖެހޭ ދަތުރުގެ ދިގުކަމާއި ބުރަ ކަމެވެ. ދިމާވާ ފުރައްސާރައިގެ ސަބަބުން އައިޝާ ފަދަ އެތައް ބަޔެއްގެ އާއްމު ދިރިއުޅުމަށް އަސަރުކުރެ އެވެ. އެކަމަކު އަނިޔާ އާއި ފުރައްސާރަ ކުރި ޑްރައިވަރު ދިރިއުޅުމައިގެން ކުރިއަށް ދަނީ އެވެ. އައިޝާއަށް ފަހު ދެން ޓެކްސީއަށް އަރާ މީހާއާ ވެސް ފުރައްސާރަ ކުރަމުންނެވެ.

"މިހާރު ގިނައިން ކޮންމެވެސް މީހަކަށް ގުޅައިގެން އިނދެގެން ޓެކްސީ އަށް އަރަނީ. ދެން ޓެކްސީއަށް އަރާފައި މަންމަ އާއި ބައްޕައަށް ޓެކްސީ ނަންބަރާއި ޓެކްސީ ސެންޓަރުގެ ނަން ވެސް މެސެޖުކޮށްލަން ހަމަ ވަގުތުން. އޭރުން ކަމެއް ދިމާވިޔަސް އެމީހުންނަން އެނގޭނީ،" ޓެކްސީއަށް އަރާއިރު ވަރަށް "ކޯޝަސްވެ" ވިސްނަން ޖެހޭ ކަމަށް އައިޝާ ބުންޏެވެ.

އައިޝާ ގަބޫލުކުރާ ގޮތުގައި ގިނަ ޓެކްސީ ޑްރައިވަރުންނަކީ ރަނގަޅު ބަޔެކެވެ. އެކަމަކު ޖުމްލަ ގޮތެއްގައި ޓެކްސީތައް އަންހެނުންނަށް "ރައްކާތެރިއެއް ނޫނެވެ".