Advertisement

ހިތުގެ އުދާސްތައް ބަންޑުންކުރަން ދިވެހި ބަސް ފުދޭތަ؟

23 އޭޕްރީލް 2021 - 09:34 3

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


ހިތުގެ އުދާސްތައް ބަންޑުންކުރަން ދިވެހި ބަސް ފުދޭތަ؟

23 އޭޕްރީލް 2021 - 09:34 3

"ހިތް" މި ލަފުޒަކީ އަހަރެމެންގެ އެންމެ އަސާސީ އިހުސާސްތަކާ ގުޅިފައިވާ އެއް ލަފުޒެވެ. ހިތުގައި އުފެދޭ އެކި އިހުސާސްތައް ދުލަށް ގެންނަން ވިސްނާލާއިރު، އަހަރެމެން، މި ޖީލުގެ ދިވެހިންގެ ދުލަށް ލަފުޒުތައް އަންނަނީ ކޮން ބަހަކުންތޯ، މިއީ މިހާރު ނުކޮށް ދޫކޮށްލެވެން ނެތް ސުވާލެކެވެ. އުފަލާއި ހިތާމަ، ވަފާ އާއި ބޭވަފާ، މޮޅާއި ދެރަ، ލުޔާއި ބުރަ، ފާގަތިކަން، މާޔޫސީ، ނުތަނަވަސްކަން، އުދާސް މި ލަފުޒުތައް ބޭނުންކޮށްގެން އިހުސާސްތައް ބުނެދިނުމަށް އަހަރެމެންގެ ދޫތައް ނުފަރިތަ އެވެ. އަހަރެމެންގެ ބުއްދި ހުއްދައެއް ނުދެ އެވެ. އެފަދަ ލަފުޒުތައް ބޭނުންކުރަން އަހަރެމެން ލަދުގަނެ، ޖެހިލުންވެ އެވެ. ބަދަލުގައި، ހެޕިނެސް އަދި ސޭޑްނަސް، ލޯޔަލްޓީ އަދި ބިޓްރޭޔަލް، ވިކްޓަރީ އާއި ޑިފީޓް، ޕްރޮސްޕެރިޓީ، ޑެސްޕެއާ، ޑިޕްރެޝަން، އެންޒަޔެޓީ ފަދަ ލަފުޒުތައް ފަރިތަކަމާއި ފަހުރުވެރިކަމާއެކު ބޭނުންކުރަނީ އެ ލަފުޒުތަކުން އަހަރެމެންގެ އިހުސާސްތައް އަނެކާއަށް ފަހުމުވާނޭކަމުގެ ޔަގީންކަން ވެސް އޮންނާތީ އެވެ.

ދެން ފެންމަތިވަނީ، ސާދާ ދިވެހި ބަހުން މި އިހުސާސްތައް ހާމަކުރެވެން އޮންނަ ހިނދު، ބަސް މަސްހުނިކޮށްގެން އެކަން ކުރުމަށް ނިންމާ ނިންމުމުގެ ސަބަބުން، އަހަރެމެން ދިވެހި ބަހަށް ކުރާ ގަދަރާއި ދޭ އިހުތިރާމަށް ބުރުލެއް އަރާތޯ އުފެދޭ ސުވާލެވެ.

ޑރ. ނާޝިޔާ މުޙައްމަދު، އާމިނަތު ޒާހިރު އަދި ވަލީދާ ޢީސާ، ފުރާވަރުގެ ދިވެހި ކުދިންގެ ތެރެއިން ގިނަބައްސަ ކުދިންގެ ކާކުވަންތަކަން ނުވަތަ "އައިޑެންޓިޓީ"އާ މެދު ދެކޭ ގޮތާ ބެހޭގޮތުން ކުރައްވާފައިވާ ދިރާސާއަކުން އެނގޭ ގޮތުގައި، އެ ދިރާސާގެ ބައިވެރިންގެ ތެރެއިން ގިނަ ބައިވެރިންތަކެއް ގަބޫލުކުރަނީ އެ ކުދިންނަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ އިނގިރޭސިން ބަސްމޮށެއުޅޭ އާބާދީއަށް ނިސްބަތްވާ ކުދިބައެއްގެ ގޮތުގައިކަމެވެ. އެހެންނަމަވެސް އެންމެ ގިނަ އަދަދެއްގެ ބައިވެރިންނަށް، އެ ކުދިންނަކީ އިނގިރޭސިން ބަސްމޮށެއުޅޭ އާބާދީއަށް ނިސްބަތްވާ ކުދިބައެއްކަމެއް ނުވަތަ ދިވެހި ބަހުން ބަސްމޮށޭ އާބާދީއަށް ނިސްބަތްވާ ކުދިބައެއްކަމެއް ބުނަން ދަތިވާކަމަށް، ދިރާސާއަށް ފެނިފައިވެ އެވެ. އެ ދިރާސާގެ ބައިވެރިން ދުށް ގޮތުގައި އިނގިރޭސި ބަސް ދަސްކޮށް، އެ ބަހުން ބަސްމޮށެ އުޅުމަކީ އެ ކުދިންނަށް ތައުލީމީ ގޮތުންނާއި އިގުތިސާދީ ގޮތުން ފަހި މުސްތަގުބަލެއް ޔަގީންކޮށްދޭނޭކަމެކެވެ. އެހެންނަމަވެސް، ދިވެހި ބަހާއި ސަފާފަތަކީ އެކުދިންގެ ތަރިކަ ކަމުގައި ބުނަން ބައިވެރިން ފަސްނުޖެހޭކަމަށް ވެސް މި ދިރާސާއިން ހާމަވެފައިވެ އެވެ.

ދިވެހިންގެ އާބާދީގެ އަގުލަބިއްޔަތު އެކުލެވިގެންވަނީ ދެ ބަހުން ނުވަތަ އެއަށްވުރެ ގިނަ ބަހުން ބަސްމޮށެން ދަންނަ، ގިނަބައްސަ މީހުންގެ މައްޗަށޭ ދެންނެވުމަކީ ގޯހަކަށް ނުވާނެ އެވެ. ގިނަ ދިވެހިންނަކީ ދިވެހި އަދި އިނގިރޭސިބަހުން ލިޔަންކިޔަން ދަންނަ، އަރަބި ބަސް ދޭހަ ނުވިކަމުގައި ވިޔަސް އެ ބަހުންވެސް ލިޔެކިޔަން ދަންނަ ބައެކެވެ. މީގެ އިތުރުން، ހިންދީ، ކޮރެއަން، ޖާމަން އަދި ބަހާސާ މެލޭޝިޔާ ފަދަ ބަސްބަހަށް ފަރިތަ އެތައް ބަޔަކުވެސް ބަވަނަވެފައިވާ ދިވެހި މުޖުތަމައުގައި އެބަތިއްބެވެ. މިއީ ދިވެހިންނަށް ހާއްސަ ސިފައެއް ނޫނެވެ. އިންޑަސްޓްރިއަލް ރިވަލޫޝަން ނުވަތަ ސިނާއީ އިންގިލާބުގެ މުގުލުގައި ތިބި ގައުމުތައް ފިޔަވައި އެހެން ގައުމުތަކުގައި މާދަރީ ބަހުގެ އިތުރުން ދެތިން ބަހެއް ދަތުމަކީ އާއްމު ކަމެކެވެ.

ފިކުރުބޮޑުވާން ޖެހޭ ސަބަބަކީ، ގިނަބައްސަ މީހަކަށް ވާ ހިސާބުން މާދަރީ ބަހަށް އޮންނަ ލޯބި ގެއްލެން ފެށުމުންނެވެ. ޑރ. ނާޝިޔާ މުޙައްމަދު، އާމިނަތު ޒާހިރު އަދި ވަލީދާ ޢީސާގެ ދިރާސާގެ ހޯދުންތަކުގެ މައްޗަށް ބިނާކުރައްވާ ދިރާސާވެރިން ނިންމަވާފައިވަނީ އިނގިރޭސި ބަހަށް އިސްކަންދޭ ތައުލީމީ ނިޒާމުގެ ސަބަބުން ދަރިވަރުންނަށް، "ދެބައްސަ ޝަހްސިއްޔަތެއް" ތަރައްގީ ކުރުމަށް ހުރަސްއެޅޭ ކަމަށެވެ. އެހެން ނަމަވެސް މި ދިރާސާއަކީ ފުރާވަރުގެ ކުދިން ބައިވެރިކޮށްގެން ކޮށްފައިވާ ދިރާސާއެކޭ ބުނެ، އަހަރެމެން، ފުރާ ފުރިހަމަ ވެފައިތިބި ދިވެހިންނަށް ފުއްދާލެވޭނޭ ޖާގަ އެބައޮތެވެ.

އެހެންވިއްޔާ، ދިވެހި ޒުވާނުންނަށް މާދަރީ ބަސް ބީރައްޓެހި ވަނީ ކީއްވެގެން ހެއްޔެވެ؟ ހަނދާނަށް އަންނަނީ ކުރީގައި ވަރަށް ގިނައިން އަޑު އިވޭ ޅެންބައިތެކެވެ.

"ބަސްބަހީ މީހުން ހަދާ އެއްޗެއް ބަލަގަ ނޫނޭ ތެދޭ

އަސްތަ އަސްތާ ގުދުރަތުގެ އޭ އެއްޗެކޭ ހަމަ ހިންގަވާ"

ތެދު ވާހަކައެކެވެ. ބަހަކީ ގުދުރަތީ އެއްޗެއް ކަމަށް ވީ ހިނދު، ޒަމާނާ އެކު އެއަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކަނބަކަނބާ ތިބޭނަމަ، ކުރިއަށްދިއުން ވާނީ ވަރަށް ނާދިރު ކަމަކަށެވެ. މިހެން މި ދަންނަވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ދުނިޔޭގެ ބޮޑެތި މުއްސަނދި ބަސްބަހަށް ބަލާއިރު، އެ ބަސްތަކަކީ އެތައް ބަހަކުން ލަފުޒު ބޮރޯކޮށްގެން މުއްސަނދިވެފައިވާ ބަސްބަހެވެ. ލަފުޒެއް ބޮރޯ ކުރާ ކޮންމެ ފަހަރަކު އެ ލަފުޒުގެ ބަދަލުގައި ބޭނުންކުރެވިދާނެ ބޯދާ ލަފުޒެއް އެ ބަހުގައި ނޯންނަނީކީ ނޫނެވެ. އެހެން ނަމަވެސް ޒަމާނާއި ހާލަތައް ރިއާޔަތްކޮށް، ބޯދާ ލަފުޒު "ބޯދާ" ލަފުޒެއްގެ ގޮތުގައި ގިންތި ކުރެވި، ބޮރޯ ކުރެވޭ އާ ލަފުޒު އަމިއްލަ ކުރަނީ އެވެ. އަހަރެމެންނަށް އެންމެ ފަރިތަ އިނގިރޭސިބަހަކީ ވެސް އެތައް ސަތޭކަ ބަހަކުން ލަފުޒު ބޮރޯކޮށްގެން ތަރައްގީވެ މުއްސަނދިވެފައިވާ ބަހެކެވެ. މައް "އެންގްލޯ ސެކްސަން" ދައުރުގެ ލަފުޒެއް އިނގިރޭސި ޖުމުލައަކުން މިއަދު ހޯދޭނީ މަދު ހާލަތެއްގައެވެ.

ކަން މިހެން އޮތް އިރު، ދިވެހި ބަހަށް އަންނަ މި ފަދަ "ބޮރޯޑް" ލަފުޒުތައް ބަލައިގަންނަން އެއްބަޔަކު ޖެހިލުންވާ ސަބަބާ މެދު ސުވާލު އުފައްދަން އެބަޖެހެ އެވެ. ހާއްސަކޮށް، ބޮރޯކުރާ ގިނަ ލަފުޒުތަކަކީ ނަމުގެ ލަފުޒުތަކަށް ވީ ހިނދު، މިއީ މާބޮޑު ނުވަތަ އާ ކަމެއްކަމުގައި ދިވެހިން ދެކޭންވީ ސަބަބެއް ނުވެސް ނެތެވެ. ގިނަބައްސަ މީހުން ވާހަކަ ދެއްކުމުގައިވެސް އަދި ލިޔުމުގައިވެސް "ޑޮމިނަންޓް ބަސް" ނުވަތަ އިސްކަންދޭ ބަސް ކަނޑައަޅަނީ، ކަމުގެ ލަފުޒުތަކާއި ގަވާއިދަށް ބަލައިގެން ކަމަށްވާ ހިނދު، ނަމުގެ ލަފުޒުތަކެއް ނުވަތަ "ނައުން"ތަކެއް ބޮރޯކޮށް އަމިއްލަކުރުމަކީ ބަހަށް ލިބޭ ހީނަރުކަމެއް ކަމަށް ދެކެންވީތޯ ސުވާލު އުފައްދަން ޖެހެ އެވެ. ދިވެހި ބަހަކީ ލަފުޒު ބޮރޯނުކުރާ ބަހެއް ނޫނެވެ. "ސޯޓު"، "އިސްޓާކީނު" އަދި "ގަލަން" ފަދަ އެތައް ލަފުޒެއް ބޮރޯކޮށް އަމިއްލަކޮށްފައިވާ ބަހެއްވެސް މެ އެވެ. އުރުދޫ، އަރަބި، ޕޯޗުގީޒު އަދި ފާރިސީ އެތައް ލަފުޒަކުން ދިވެހި ބަސް މުއްސަނދި ވެފައިވަނީ މި ބީދައިންނެވެ.

ދިވެހި ބަހަކީ ގަވާއިދާ ގުޅުންހުރި ގިނަ ލަފުޒުތަކެއް ވެސް ބޮރޯކޮށްފައިވާ ބަހެކެވެ. "ނާތަހުޒީބު"، "ބޭއިންސާފު"، އަބާއްޖަ" ފަދަ ލަފުޒުތަކުގައި ހިމެނޭ ނަފީގެ އަކުރުތައް ކަމުގައިވާ "ނާ"، "ބޭ" އަދި "އަ" އަށް އެކަނި ބަލާލިކަމުގައިވެސް އެއީ އުރުދޫއިން ބޮރޯކޮށް އަމިއްލަކޮށްފައިވާ އަކުރުތަކެއްކަން ސާބިތުކުރަން، ހިންދީއަށް ފަރިތަ މި ޖީލުގެ ދިވެހިންނަށް ދައްޗެއް ނުވާނެ އެވެ.

ދެން އޮތީ، ބޮރޯކޮށްފައިވާ ލަފުޒެއްގެ ބަދަލުގައި އާ ލަފުޒު އުފެއްދުމުގެ ވާހަކަ އެވެ. އާ ލަފުޒު އުފެއްދުމަކީ ބަސްކޮށާރެއް މުއްސަނދިކުރުމަށް އެންމެ ނުކުރާ ކަންތައް ކަމަށް، އެޑްވަރޑް ފިނެގަން، އޭނާގެ މަޝްހޫރު ފޮތް "ލެންގުއެޖް އިޓްސް ސްޓްރަކްޗާ އެންޑް ޔޫސް"ގައި ލިޔުއްވާފައިވެ އެވެ. ބަސްކޮށާރުގައި ހިމެނޭ ލަފުޒުތަކަށް ބަދަލުގެނެސްގެން ލަފުޒުތައް އާކޮށް، ބޮރޯކޮށްފައިވާ ލަފުޒު އަމިއްލަކޮށްގެން ލަފުޒު އިތުރުކުރުމުގެ ލުއި ފަސޭހަ އިހުތިޔާރު އޮންނަ ހިނދު، އާ ލަފުޒު އުފެއްދުން އެއީ ނާދިރުކަމެއް ކަމަށް ފިނެގަން ވިދާޅުވެ އެވެ. މީގައި ހިކުމަތްތަކެއްވެސް އެބަވެ އެވެ.

މުޅިން އާ ލަފުޒުތަކެއް ހަދައި، އެ ލަފުޒުތަކަށް ބަހެއްގެ އަހުލުވެރިން ފަރިތަކުރުމަކީ ކުޑަ މަސައްކަތެއް ނޫނެވެ. ދިވެހި ބަހުގެ އާ ލަފުޒުތަކުގެ ތެރެއިން ގިނަ ލަފުޒުތަކެއް ވެސް ބޭނުންނުކުރެވޭ ސަބަބަކީ މިއީ ކަމަށް ވުން އެކަށީގެންވެ އެވެ. އެހެން ނަމަވެސް އެ ލަފުޒު އާއްމުކުރަން އެންމެ މުނާސަބު ދަނޑިވަޅެއްގައި އާ ލަފުޒު ތަޢާރަފުކުރެވިއްޖެނަމަ، ކާމިޔާބު ކަމާއެކު ބަސްކޮށާރު މުއްސަނދިކުރެވިދާނެކަމީ، "ކާރިސާ"، "ފައްސި" އަދި "ނައްސި" ފަދަ ލަފުޒުތަކުން ސާބިތުކޮށްދީފައިވާ ކަމެކެވެ. މި ނޫން ހާލަތްތަކުގައިވެސް، ހާއްސަކޮށް ރަސްމީ މުއާމަލާތްތަކުގައި ބޭނުންކުރާ ލަފުޒުތައް ވެސް ގިނަ ދުވަހު ބޭނުންކުރުމުން، އެއަށް ފަރިތަވާނެކަން "އަންދާސީ ހިސާބު"، ވަނަވަރު" އަދި "ވިޔުގަ" ފަދަ ލަފުޒުތަކުން އެބަ އަންގައެވެ. އެހެންނަމަވެސް "ވިލުން"، "ސާރު" އަދި "އަރައްކާ" ފަދަ ލަފުޒުތަކަށް ދިވެހި ދޫތަކާއި ގަލަންތައް ފަރިތަވާން އިތުރު ވަގުތު އެބަ ބޭނުންވެ އެވެ.

ބަހުގެ ވާހަކައަކީ ދިއުޅި ދިގު، ނިމުމެއް ނެތް ވާހަކައެކެވެ. މި ބަހުސަކީ މޮޅުވުމެއް ނެތް، ކޮޅެއްގައި ނުޖެހޭނޭ ބަހުސެކެވެ. މި ލިޔުމުގެ ކޮންމެ ޕެރެގުރާފެއްގައި އެވަނީ އެތައް ހާސް ސަފުހާއެއް ފުރޭނޭވަރަށް ދިރާސާ ކުރެވޭނޭ، އަދި ދިރާސާކުރަމުންދާ ކަންކަމުގެ ވާހަކަތަކެވެ.

ގަބޫލުކުރަންވީ ހަގީގަތަކީ ބަހަކީ ޒަމާނާއި ހާލަތާ އެއްގޮތަށް ބަދަލުވަމުން އަންނަ ގުދުރަތީ ނިޒާމެއް ކަމެވެ. ބަސް ތަރައްގީކޮށް ދިރުވާ އާލާކުރުމަކީ ޒަމާނާއެކު އަންނަ ބަދަލުތަކަށް ދިވެހި ބަސް ބަންދުކޮށް، ބައިނަލްއަގުވާމީ މުވާސަލާތީ ރޭހުން އެކަހެރިކުރުން ކަމުގައިވާނަމަ، ހިތުގެ އުދާސްތައް ބަންޑުންކުރާކަށް، ދުވަހަކުވެސް މި ދިވެހި ބަހެއް ނުފުދޭނެ އެވެ.