Advertisement

ރޯދަ ހަނދާނުގެ ތެރެއިން ކޯދޮވުން

24 އޭޕްރީލް 2021 - 10:46 2

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

އެ ޒަމާނުގައި ރޯދަ ވިއްލަނީ ކޯދޮވުމަށް ފަހުގައި-- ގްރެފިކްސް: އަހުމަދު އިހްސާން


ރޯދަ ހަނދާނުގެ ތެރެއިން ކޯދޮވުން

24 އޭޕްރީލް 2021 - 10:46 2

ޖެހިޖެހިގެން ތިން ފަހަރު ސަންގު ފުމުމާ އެކު އެންމެން އަވަސްވެ ގަންނަނީ އަނގަ ދޮވުމަށެވެ. ތިން ފަހަރު އަގަޔަށް ފެން އަޅައި އަނގަ ދޮވެލަ އެވެ. ފެންފޮދެއް ބޯލާނީ ވެސް ކަދުރެއް ކާލާނީ ވެސް އޭގެ ފަހުންނެވެ. މިއީ މީގެ ޒަމާންތަކެއް ކުރިން ބައެއް ދިވެހީން ރޯދަވީއްލި ގޮތެވެ. އެއީ އޭރުގެ ބަހުންނަމަ ކޯދޮވުމެވެ.

ރޯދަ ވީއްލުމުގެ ގޮތުން ކޯދޮވުމަކީ މިހާރު ވެސް ދުވަސްވީ މީހުން ކުރާ ކަމެކެވެ. ރޯދަ ވީއްލުމަށް އެމީހުން އަދިވެސް ކިޔައި އުޅެނީ ކޯދޮވުމެވެ. ރޯދަ ވީއްލުމުގެ ގޮތުން ކޯދޮވުން އޭރު ގަބޫލު ކުރެވިފައި އޮންނަނީ ދީނީ ގޮތުން ކުރަން ޖެހޭ ކަމެއްގެ ގޮތުގަ އެވެ.

އޭރު ގަބޫލު ކުރާގޮތުގައި އަނގައިގެ ތެރޭގައި އުފެދޭ ކުޅު ދިރިއްޖެ ނަމަ ރޯދަ ގެއްލޭނެ އެވެ. އެހެންވެ ގިނަ މީހުން އާއްމުކޮށް ކުޅު ޖަހާނެ އެވެ. އޭގެ ސަބަބުން މީހާ ރޯދަޔަށް އިތުރަށް ވަރުބަލިވެ އަނގަތެރެ ހިކެ އެވެ.

މަގުރިބު ނަމާދުގެ ބަންގި އަޑަށް މިހާރު ރޯދަ ވީއްލި ނަމަވެސް އޭރު އެކަން ގުޅިފައި އޮންނަނީ ސަންގުގެ އަޑަށެވެ. ގަޑިއަށް ސަންގު ފުމުގެ ކަންކަމާ ހަވާލުވެ ހުންނަނީ ރަށުގެ ކަތީބު ނުވަތަ އޮފީހުގެ މުވައްޒަފެކެވެ. ގަޑިއެހާ އާއްމު ނޫން ދުވަސްވަރުގައި ރުއްރުކަށް އަރައިގެން ވެސް އިރުއޮއްސުނުކަން ކަށަވަރު ކުރި އެވެ.

"ރުކުކުރިއަށް އިރުގެއްލުނީމައި ދެން އޭނާ އަންގާނީ ތިރިއަށް ދެން ސަންގު ފުމެނީ. އެ ސަންގު ފުމުނީމައި އޮންނަނީ ކޯދޮވުން،" ދިވެހި ބަހުގެ އުސްތާޒު އާދަމް ނަސީރު އިބްރާހިމް ކިޔަވައިދެއްވި އެވެ.

ފިނި ކުރަން ކުޑަ ކުދިންތަކެއް ވަޅަށް ކުރުނބާ ލަނީ: މިއީ ކުރީގައި ރޯދަ މަހު އާއްމު ކަމެއް-- ފޮޓޯ: ފޭސްބުކް


މިހާރުގެ އުސޫލަށް ބަލާއިރު މަގުރިބު ނަމާދަށް ގިނަ މީހުން ދަނީ ރޯދަ ވީއްލައި ނާސްތާ ކުރުމަށް ފަހުގަ އެވެ. ނަމަވެސް އޭރު ތަފާތެވެ. ގެއިން ކޯދޮވެގެންނާއެކު ހުރިހާ ފިރިހެނުން ކަހަލަ ގޮތަކަށް ދަނީ މިސްކިތަށެވެ. ބައެއް މީހުން މިސްކިތުން ވެސް ރޯދަވީއްލަ އެވެ. އަންހެނުން ގޭގައި ނަމާދުކުރެ އެވެ. ރަނގަޅަށް ނާސްތާ ކުރުން އޮންނަނީ މަގުރިބު ނަމާދަށް ފަހުގަ އެވެ. އޭރު ދިވެހިން ކެއުން އިސްކުރާނީ އަބަދުވެސް ފަރުލު ނަމާދަށް ފަހުގަ އެވެ.

ރޯދަ ވީއްލުމަށް ގޭގައި ތައްޔާރުކުރާ ކާނާ ގުޅިފައި އޮންނަނީ އެބައެއްގެ ތަނަވަސްކަމާ އެވެ. އޭރު ވެސް އާއްމުކޮށް ކޯދޮންނަން ފަނިގިރަ އެވެ. އަދި އޭރު ކުޑަކުދިން ރޯދަ ވީއްލުމަށްވާ ހާއްސަ ތައްޔާރީތަކެއް ހުރެ އެވެ.

އުތުރުގެ ރަށަކަށް އުފަން، އަލީ މުހައްމަދު، 53، ކޮންމެ އަހަރަކު ވެސް ރޯދަވީއްލާ ވަގުތު އޭނާގެ ދަރިންނަށް ކިޔައިދޭ ވާހަކައަކީ އެއީ އެވެ. އޭރު ކޮންމެ ކުއްޖަކުވެސް ކޯދޮންނަ ގަޑިއަށް ކުރުނބާ ހޯދަ އެވެ. އެ ކުރުނބާ ފިނި ކުރަން ފެން ވަޅަށް ލައި އުޅުމަކީ އޭރު ރާއްޖޭގައި އާއްމުކަމެކެވެ.

"ދެން އިރުއޮއްސެން ވާއިރަށް އެންމެން އަތިރިމައްޗަށް ދާނެ. ސަންގު ފުމުނީމައި އެތާ ތިބެ ކުރުނބާ ބޮއެ ހެދުން އޮންނާނީ. ކޮންމެ ގޮތެއް ހަދައިގެން ވެސް ކޮންމެ ދުވަހަކަށް ކުރުނބާއެއް ހޯދާނެ،" އަލީ ބުންޏެވެ.

"ކުރުނބާގެ އިތުރުން ކުންނާރެއް ލިބުނަސް، އެހެން އެއްޗެއް ލިބުނަސް އެގަޑިއަށް އެއްކުރާނެ. ދެން ހުރިހާ ކުދިންވެގެން ކާނީ."

އެއީ އެދުވަހު ކަންކަން ހިނގި ގޮތެވެ. އޭރު ރޯދަ މަހަކީ ހުރިހާ ގޮތަކުން ވެސް ހާއްސަ މަހަކަށްވާއިރު ކުރާ ކަންކަން ވެސް ތަފާތެވެ. ކޯދޮވުމަކީ އޭގެ ތެރެއިން ހާއްސަ އެއްކަމެވެ.