Advertisement

ރާއްޖޭގެ ހަލާލު ޓޫރިޒަމް ޕްރޮމޯޓްކުރާ ޕްލެޓްފޯމެއް ލޯންޗްކޮށްފި

19 މޭ 2021 - 12:40 1

އަމަން ހަލީމް

އަމަން ހަލީމް

މޯލްޑިވްސް ހަލާލް ޓްރެވަލް ލޯންޗްކުރަނީ: މިއީ އަރަބި މާކެޓަށް ހާއްސަކުރެވިގެން ފަރުމާކުރެވިފައިވާ މާކެޓިން އަދި ޕްރޮމޯޝަން ޕްލެޓްފޯމެއް -- ފޮޓޯ: ޓްރެވަލް ޓްރޭޑް މޯލްޑިވްސް


ރާއްޖޭގެ ހަލާލު ޓޫރިޒަމް ޕްރޮމޯޓްކުރާ ޕްލެޓްފޯމެއް ލޯންޗްކޮށްފި

19 މޭ 2021 - 12:40 1

ރާއްޖޭގައި ހަލާލު ޓޫރިޒަމް ޕްރޮމޯޓްކުރުމަށާއި އެ މާކެޓްތަކުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމުގެ މަގުސަދުގައި މޯލްޑިވްސް ހަލާލް ޓްރެވަލްގެ ނަމުގައި ޓޫރިޒަމް މާކެޓްކުރާ ގިނަ ބައިތަކެއް ހިމެނޭ ޕްލެޓްފޯމެއް ލޯންޗްކޮށްފި އެވެ.

މިހާރު ދުބާއީގައި ކުރިއަށްދާ އެރޭބިއަން ޓްރެވަލް މާކެޓުގައި މޯލްޑިވްސް ހަލާލް ޓްރެވަލް އަދި މޯލްޑިވްސް ހަލާލް ޓްރެވަލް މެގަޒިން ލޯންޗްކޮށްދެއްވީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދު އެވެ.

މި ޕްލެޓްފޯމަކީ ޓޫރިޒަމްގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޑރ. ހުސެއިން ސަނީ އުމަރުގެ އިސްނެންގެވުމަކަށް އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާ އެކު ތަރައްގީކުރި ޕްލެޓްފޯމެކެވެ. މިއީ މެދުއިރުމަތީގެ ޓޫރިސްޓުންނަން އަމާޒުކުރެވިގެން އަރަބި ބަހުން ޑިވެލޮޕްކުރި ޕްލެޓްފޯމެކެވެ.

ރާއްޖޭގައި ހަލާލް ޓޫރިޒަމް ޕްރޮމޯޓްކުރަން ހާއްސަކުރެވިގެން އުފެއްދި ފުރަތަމަ ޕްލެޓްފޯމާ ގުޅޭގޮތުން ޑރ. ސަނީ އުމަރު ވިދާޅުވީ، މިއީ 189 ބިލިއަން ޑޮލަރުގެ ޕޮޓެންޝަލް އޮތް މާކެޓެއް ކަމަށެވެ.

"އަމާޒަކީ މުސްލިމް ފަތުރުވެރިން، ހާއްސަކޮށް ގަލްފް ސަރަހައްދުގެ ގައުމުތަކުގެ ފަތުރުވެރިން ރާއްޖެ އައުން އިތުރުކުރުން. ޕެންޑެމިކް ތެރޭގައި ދަސްވިކަމަކީ ޓިޕިކަލް މާކެޓްތަކަށް ބަރޯސާވެވެން ނެތްކަން އަދި އިތުރު މާކެޓްތައް ހޯދަން ޖެހޭ ކަން. ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާތީ ރާއްޖެއަށް މި މާކެޓް ހިންގުމުގެ ފުރުސަތު އެބައޮތް،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް ހަލާލު ޓޫރިޒަމުން އަމާޒުކުރަނީ ގަލްފުގެ ގައުމުތަކުގައި ރާއްޖޭގެ ހަލާލް ޓޫރިޒަމް ޕްރޮމޯޓްކޮށްގެން މިހާރު މި މާކެޓުގެ ބޮޑު ހިއްސާއެއް އޮންނަ މެލޭޝިއާ އަދި އިންޑޮނޭޝިއާއަށް ދާ ފަތުރުވެރިންގެ ބަޔަކު ރާއްޖެ ގެނައުމެވެ.

ވެބްސައިޓާއި މަޖައްލާ އަރަބި ބަހުން، އަދި ރާއްޖޭގެ ފުރަތަމަ މުސްލިމް ފްރެންޑްލީ ރޭޓިން ސިސްޓަމް

މޯލްޑިވްސް ހަލާލް ޓްރެވަލްގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯގެ ތެރޭގައި މޯލްޑިވްސް ހަލާލް ޓްރެވަލް މެގަޒިން، މުސްލިމް ފްރެންޑްލީ ޓްރެވަލް ރޭޓިން (އެމްއެފްޓީއާރު)، އެޑްވައިޒަރީ އެންޑް ކޮންސަލްޓަންސީ، ޕީއާރް އަދި މާކެޓީން، ޓްރެއިނިން، ކޮންފަރެންސް އަދި އެކްސްޕޯތަކާއި ހަލާލް ޓްރެވަލް އެވޯޑްސް ހިމެނެ އެވެ.

މޯލްޑިވްސް ހަލާލް ޓްރެވަލް ލޯންޗްކޮށްދެއްވި އެމްއެމްޕީއާރްސީގެ އެމްޑީ ތޮއްޔިބް މުހައްމަދު (ކ) އަދި އެ ޕްލެޓްފޯމު ހަދަން އިސްނެންގެވި ޑރ. ސަނީ އުމަރު (ވ) -- ފޮޓޯ: ޓްރެވަލް ޓްރޭޑް މޯލްޑިވްސް


މީގެ ތެރޭގައި ހިމެނޭ އެމްއެފްޓީއާރަކީ ރާއްޖޭގައި މިހާރު ހުރި ޓޫރިސްޓު ހޮޓާތަކާއި ރިސޯޓްތަކުން އަމިއްލަށް ރޭޓް ކުރާ ގޮތަށް ފަރުމާކުރެވިފައިވާ ރޭޓިން ނިޒާމެކެވެ.

މި ރޭޓިން ނިޒާމުގެ ތެރެއިން އެއް ތަރިން ފެށިގެން ފަސް ތަރިއާ ހަމައަށް ރޭޓިން ދެވޭނެ އެވެ. އަދި އެމްއެފްޓީއާރު ބޭނުންކޮށްގެން މުސްލިމް ޓޫރިސްޓުން އަންނަން ބާރުއެޅުމުގެ އިތުރަށް މާކެޓިން އުކުޅެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭނެ ކަމަށް މޯލްޑިވްސް ހަލާލް ޓްރެވަލުން ދެކެ އެވެ.

މި ސިސްޓަމް އެންމެ ފުރަތަމަ ބޭނުންކުރަން ފަށާފައިވާނީ ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގާ އަދާރަންގެ ރިސޯޓްތަކުގައި އާއި ހެރިޓެންސް އާ ރަށުގަ އެވެ.