Advertisement

ތިވަރަށް ހަކުރު ނާޅަބަލަ!

20 އޭޕްރީލް 2021 - 15:29 4

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ތިވަރަށް ހަކުރު ނާޅަބަލަ!

20 އޭޕްރީލް 2021 - 15:29 4

ސާދަ ވަރަކަށް ގަޑިއިރު ރޯދަޔަށް ހުރެފައި ރޯދަ ވީއްލާ ވަގުތު ބޯނެ ބުއިމަކާ މެދު ވިސްނުމަކީ ތިހީކުރާ ވަރަށްވުރެ މުހިއްމު ކަމެކެވެ. އެއިން ހަށިގަނޑަށް ލިބެނީ ކިހާ ވަރެއްގެ ފައިދާއެއްތޯ ބަލަންޖެހެ އެވެ.

ޑައިޓީޝަން، އާސިޔަތު އަބްދުއްރަހީމްގެ ނަޒަރުގައި ރޯދަ ވީއްލާ ވަގުތު ދިވެހިން ފަނި ގިރާ ގޮތް މިހާރު ބަދަލުކޮށްލަން ވެއްޖެ އެވެ. ގިރާ ފަނީގެ ފޮނި ރަހަ މާ ގަދައީ އެވެ. މާ ގިނައިން ހަކުރު ބޭނުންކުރުމުގެ ސަބަބުން ރޯދަމަސް ނިމޭ އިރު ހަށިގަނޑަށް ލިބެން ޖެހޭ ފައިދާގެ ބޮޑު ބައެއް އުނިވެގެން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަކުރަކީ ފައިދާއެއް ނެތް، ގެއްލުން ހުރި އެއްޗެއް. ރާއްޖެއަށް ބަލާނަމަ، މީހުންނަށް އެންމެ ގިނައިން ޖެހޭ ގައިން ގަޔަށް ނާރާ ބަލިތަކުގެ އެއް އަސްލަކަށް އެބަ ވޭ ހަކުރު. މިސާލަކަށް ބަރުދަން އިތުރުވުން، ފުރަމޭ ގައި ސަރުބީ ހިފުން، ކޮލެސްޓްރޯލް މައްޗަށް ދިއުން، ހަކުރު ހުންނަ މީހުންގެ ހަކުރު ކޮންޓްރޯލް ނުކުރެވުން، މިހެން ގޮސް ވަރަށް ގިނަ މައްސަލަތައް ހަކުރުގެ ސަބަބުން ދިމާވޭ،" ތަޖުރިބާ ހުރި ޑައިޓީޝަން ވިދާޅުވި އެވެ.

ފަނި ތައްޓައް އެއް ގޮތަކަށް ވެސް ހަކުރު ނާޅަންވީ ތަ؟

ފަނި ތައްޓަށް ހަކުރު ނޭޅުމަކީ އެންމެ ރަނގަޅު ގޮތެވެ. އެއަށްވުރެ ވެސް ރަނގަޅު ގޮތަކީ ދިރިއުޅުމުން ހަކުރު މުޅިން ހެން ފޮހެލުމެވެ. އެކަމަކު، ކުޑަ އިރުއްސުރެ، ރޯދަ ވީއްލާ ސުފުރާ އަށް ފޮނިކަން ގަދަ، މީރު ޖޫސް އަރުވަން އާދަވެފައި ތިއްބައި ކުއްލިއަކަށް ހަކުރު ނާޅައި ޖޫސްތައްޓެއް ގިރާފައި އެރުވުމުން ރޯދަ ވީއްލާ ވަގުތުގެ ޖޯޝާއި ޝައުގު ފިލައި މޫޑު މުޅިން ގޮސްދާނެ އެވެ. އެހެންވީމަ، ގިރާ ފަންޏަށް ހަކުރު އެޅުން ހުއްޓާލަން، ނުވަތަ ފަނީގެ ގޮތުގައި އެކަށީގެންވާ ވަރަށް ވުރެ ގިނައިން ހަކުރު ބޭނުންކުރުން މަދުކުރަން ކުރެވެން އޮތީ ދެން ކޮން ކަމެއް ހެއްޔެވެ؟

ޑައިޓީޝަން އާސިޔަތުގެ ވިސްނުމުގައި މިކަން ކުރަން މިވަގުތަށް އޮތް އެންމެ މޮޅު ގޮތަކީ، ފުރަތަމަ ކަމަކަށް، ފަނި ބޯން މޭޒުމައްޗަށް އަރުވާ ތަށީގެ ސައިޒު ކުޑަ ކޮށްލުމެވެ. ދެން ފަނި ގިރާއިރު މީހަކަށް ތައްޓަކަށް ވުރެ ގިނަ ނުވާ ވަރަށް ފަނި ގިރުމެވެ.

ދެން އޮތް ގޮތަކީ، ފަނި ގިރާ ސްޓައިލް ބަދަލުކޮށްލުމެވެ. އެއީ މިކްސަރުން މޭވާ ގިރުމުގެ ބަދަލުގައި މޭވާގެ އެތިކޮޅުތައް ފަނީގައި ހުންނަ ވަރަށް، ކޮށާލާފައި ރަހަ ބޭރުވާ ވަރަށް އަތުން ކުޑަކޮށް ޗަސްކޮށްލާފައި ފެން އަޅައިގެން ފަނި ގިރުމެވެ. މިގޮތަށް ގިރާ އިރު ކުޑަ ކުޑަ ހަކުރު ކޮޅެއް އަޅާލެވިދާނެ އެވެ.

ޑަބްލިޔުއެޗްއޯގެ މިންގަނޑަށް ބަލާނަމަ ވެސް، ހަކުރު ބޭނުންކުރަން ހިއްވަރު ނުދެ އެވެ. ހަކުރު ބޭނުންކުރުމުގައި އޮންނަ ގޮތަކީ، ކޮންމެހެން ފޮނި ރަހަ ބޭނުންވާ މީހެއް ނަމަ، ދުވާލެއްގެ މައްޗަށް ބޭނުންވާ ހަކަތައިގެ 10 ޕަސެންޓަށްވުރެ މަދުން ހަކުރު ބޭނުން ކުރުމެވެ. އެއީ ދިވެހިންގެ އެވްރެޖް އިސްކޮޅާއި ބަރުދަނަށް ބަލާނަމަ ގިނަ ވެގެން ދެ ސަމްސާ، ނުވަތަ ތިން ސަމްސާގެ މިންވަރެކެވެ.

"އެހެންވީމާ، އެއް ފަނިތަށީގައި މުޅި ދުވަހަށް ވާ ވަރަށް ހަކުރު އެބަ ހިމެނޭ،" އާސިޔަތު ވިދާޅުވި އެވެ.

ހަކުރު ކޮންޓްރޯލްކުރަން ކުރެވިދާނެ ކަންތައްތައް

- ފަނި ގިރާ އިރު މީހަކަށް ތައްޓެއް ވާ ވަރަށް ވުރެ އިތުރަށް ނުގިރުން

- ފަނި ބޯން ބޮޑެތި ބިއްލޫރި ތަށި ހޯދުމުގެ ބަދަލުގައި ކުދި ތަށި ބޭނުން ކުރުން

- މިކްސަރުން ފަނި ގިރުމުގެ ބަދަލުގައި މޭވާ ކޮށާލުމަށްފަހު އަތުން ކުޑަކޮށް ޗަސް ކޮށްލުމަށްފަހު ހަކުރު ނާޅައި، ނުވަތަ ފޮނި މަޑުކޮށް ގިރުން

- ފަނި ގިރާއިރު ވީހާވެސް ފޮނި މަޑުކޮށް ގިރުން

ހަކުރު ބޭނުން ނުކުރަން ފަސޭހައިން އާދަ ކުރެވިދާނެ!

ފޮނި ރަހަ އަކީ ދަސްކުރާ ރަހައެކެވެ. އޭގެ މާނައަކީ، ކުޑަ އިރުއްސުރެ ހަކުރު ކާން ނުދީ ބޮޑުކުރާ ކުއްޖަކަށް، މޭވާ އާއި ކިރު ފަދަ ތަކެތިން އޭނާ އަށް ލިބޭ ފޮނި ރަހައިގެ އިތުރަށް ފޮނި ރަހަ ކޮންމެހެން ބޭނުމެއް ނުވާނެ އެވެ. އަދި ފޮނި މަޑުކޮށް ކާން ފަށައިފި ނަމަވެސް ވަރަށް އަވަހަށް އެ ފޮނި މިނަކަށް އާދަވާނެ އެވެ.

އެކަމަކު އާންމުކޮށް މި ބޭނުންކުރާ އެޑެޑް ޝުގާ ނުވަތަ ހަކުރަކީ ދެވި ހިފާ އެއްޗެއް ކަމުން، ކުޑައިރުއްސުރެ ފޮނިކޮށް ކަމުން އައި މީހަކަށް ހަކުރު މަދުކޮށްލަން ފަހަރެއްގައި އުނދަގޫ ވެދާނެ އެވެ.

އެހެންވީމަ، މި ރޯދަމަހު ބަދަލުކޮށްލަންވީ ކަސްރަތު ކުރުމުގެ އިތުރަށް ކެއިން ބުއިމުގެ ކަންކަން ވެސް ރަނގަޅުކުރުމަށެވެ. ހަށިގަނޑަށް ފައިދާހުރި ގޮތަށް ފަނި ގިރުމާއި ކެއްކުމުގެ ވައްޓަފާޅި ބަދަލުކޮށްލުމަށެވެ.