Advertisement

މި އަހަރު ފާހަގަކޮށްލެވުނު ހިންދީ ފިލްމުތަކުގެ ލިސްޓެއް

18 އޭޕްރީލް 2021 - 15:50 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


މި އަހަރު ފާހަގަކޮށްލެވުނު ހިންދީ ފިލްމުތަކުގެ ލިސްޓެއް

18 އޭޕްރީލް 2021 - 15:50 0

ކޮވިޑް-19 އާ އެކު އައި ގަދަފަދަ ލޮކްޑައުނުން ގައުމުތައް ޗޭނު އަޅުވައި ބަންދުކޮށްލި އިރު އެންމެ ބޮޑު ހުއްޓުމެއް އައި އެއް ދާއިރާ އަކީ މުނިފޫހި ފިލުވުމުގެ ދާއިރާއެވެ. ސިނަމާތައް ބަންދުކޮށް، ޝޫޓު ކުރަމުން ދިޔަ އެތައް ފިލްމުތަކެއްގެ ޝޫޓިން މަޑުޖައްސާލަން ޖެހި ގިނަ އަދަދެއްގެ ފައިސާގެ ގެއްލުންތަކެއް އިންޑިއާގެ ބޮލީވުޑަށް ވެސް ވި އެވެ. އެކަމަކު 2021 ފެށުނު އިރު ވެކްސިންގެ ހަބަރާއެކު ދުނިޔޭގެ ސިނަމާ އަށް އުފާވެރި ހަބަރެއް ގެނެސްދިނެވެ. ސިނަމާ ހޯލުތައް އަލުން ހުޅުވޭނެ ކަމުގެ އުންމީދު ލިބުމާއެކު އެކު ޕްރޮޑިއުސަރުން އެމީހުންގެ މަސައްކަތްތައް ފެށިއެވެ.

ފާއިތުވި ތިން މަހަކީ، ޕްރޮޑިއުސަރުންގެ ހަލުވި މަސައްކަތްތަކަކާއެކު ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ފިލްމު ތަކެއް ނެރުނު ތިން މަހެވެ. މީގެ ތެރޭގައި ހިމެނެނީ ތަފާތު ޖޯންރާ ތަކުގެ ފިލްމު އެކަންޏެއް ވެސް ނޫނެވެ. އެކި މީޑިއަމްތަކުގެ އެކި ދިގު މިނުގެ ފިލްމުތައް ވެސް ހިމެނެ އެވެ.

މި ހިމަނާލަނީ ބޮލީވުޑުން މިއަހަރުގެ މިހާތަނަށް ނެރުނު ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ ތަރުހީބު އެންމެ ބޮޑަށް ލިބުނު ފިލްމުތަކުގެ ލިސްޓެކެވެ.

ރާމް ޕްރަސާދް ކީ ތޭރްވީ


ކުރީގެ ބޮލީވުޑް ބަތަލާ ސީމާ ޕާވާ، އޭނާގެ ހަޔާތުގައި އަލަށް ޑައިރެކްޓުކުރި މި ފިލްމަކީ، އެކްޓުކުރުމުގެ ދާއިރާގައި އަހަރުތަކެއް ވަންދެން އޭނާ ހޯދި ހުރިހާ ތަޖުރިބާއެއް އަޅައި ލޮނު ހެޔޮވަރުކޮށްދީފައިވާ ފިލްމެކޭ ވެސް ބުނެވިދާނެ އެވެ. ނަސްރުއްދީން ޝާހް އާއި އެކު މި ފިލްމުން ދެން ފެނިގެންދާ ބައެއް ކުލަދާނަ އެކްޓރުންގެ ތެރޭގައި ކޮންކޮނާ ސެން ޝަރުމާ، ވިނޭ ޕާތަކް، ވިކްރާންތު މެސީ، މަނޯޖް ޕާވާ، ވިނީތު ކުމާރު ހިމެނެ އެވެ.

މި ފިލްމުގައި ދައްކުވައިދެނީ އިންޑިއާގެ އެކްސްޓެންޑެޑް އާއިލާއެއްގެ އެންމެ ދުވަސްވީ މީހާ (ރާމް ޕްރަސާދު) މަރުވުމުން 13 ދުވަސް ވަންދެން އާއިލާގެ އެންމެން އެއްތަން ވުމުން ހިނގާ ކަންތައްތަކެކެވެ. ފިލްމު ތަފާތު ވަނީ މީގެ ޕްލޮޓް ހުށަހަޅައިދީފައިވާ ފުރިހަމަ ކަމުންނެވެ. މި ފިލްމުގެ ރިވީވްތައް ބުނާ ގޮތުން، އިންޑިއާގެ އާބާދީން ފިލްމު ބަލައިގަނެވުނު އެންމެ ބޮޑު ސަބަބަކީ މީގައި މުޖުތަމައު ތެރޭގައި އާންމުކޮށް އެޑްރެސްނުކުރާ އަސްލު މައްސަލަތަކެއް ފުރިހަމައަށް ގެނެސްދީފައި ހުރުމެވެ.

ސަންދީޕް އޯރް ޕިންކީ ފަރާރް


މި ފިލްމު ނެރުން އަހަރެއްހާ ދުވަހަށް ދިގުލައިގެން ދިއުމުން، ފިލްމު ސިނަމާއަށް ނައިދާނެ ކަމުގެ އަޑުތައް ވެސް އޮތެވެ. ލީޑް ރޯލުން އަރްޖުން ކަޕޫރާއި ޕަރްނީތީ ޗޯޕުރާ ފެނިގެންދާ މި ފިލްމުގައި ދައްކުވައިދެނީ، އިންޑިއާގެ ކާސްޓް ސިސްޓަމް ބެހިފައި އޮންނަ ގޮތް މަޖާ ކަންތައްތަކަކާ އެކު އެވެ.

ނެއިލް ޕޮލިޝް


މުޅި ފިލްމުގެ ޕްލޮޓަކީ ކޯޓުގައި ވަކީލުންތަކެއް މަރުގެ ހާދިސާއެއްގެ އަސްލާ ހަމައަށް ދާން ކުރާ މަސައްކަތަށް ބޭސްކޮށްފައިވާ ވާހަކަ އެކެވެ. ލީޑް ތަރިންގެ ގޮތުގައި އަރްޖުން ރާމްޕާލް އާއި މާނަވް ކޯލް ފެނިގެންދާ މި ފިލްމަކީ މި ފިލްމުގެ ބާވަތަށް ބަލައި، ރަނގަޅު ތަރުހީބެއް ލިބުނު ފިލްމެކެވެ. މި ފިލްމު ބެލި އެންމެން އެންމެ ބޮޑަށް ފާހަގަކުރީ ފިލްމުގައި އެކްޓަރު މާނަވް ކޯލް ދައްކާފައިވާ މޮޅު އެކްޓިން އެވެ. "ކްލިފް ހޭންގާ" އަކުން ފިލްމު ނިންމާލާފައިވާތީ މީގެ ސީކުއެލް އެއް އަދި އަންނާނެ ކަމަސް ބެލެވެ އެވެ.

ޓްރިބަންގާ


ގިނަ ދުވަސްތަކަކަށް ފަހު މަޝްހޫރު ބަތަލާ، ކާޖޮލް ދޭވްގަން ފެނިގެންދިޔަ މި ފިލްމަކީ ފޭނުން އިންތިޒާރުކުރި ފިލްމެކެވެ. ތަފާތު ޕްލޮޓަކަށް، ރޭނުކާ ޝަހާނީ ޑައިރެކްޓު ކުރި މި ފިލްމަކީ މާނަ ފުން ރީތި ފިލްމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރި ފިލްމެކެވެ. ޕްލޮޓް ބިނާކޮށްފައިވަނީ ކާޖޮލް އާއި އޭނާގެ މަންމަ އާއި އޭނާގެ ދަރިފުޅާއި ތިން މީހުންގެ ދިރިއުޅުމުގައި ހިނގާ ކަންތައްތަކާއި އެ ތިން މީހުންގެ މެދުގައި އޮތް ނާޒުކު ގުޅުމުގެ މައްޗަށެވެ.