Advertisement

އޮފީހުގައި އެކަނިވެރި ވާކަމުގެ އިހުސާސް ކުރެވޭތަ؟

17 އޭޕްރީލް 2021 - 13:46 1

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


އޮފީހުގައި އެކަނިވެރި ވާކަމުގެ އިހުސާސް ކުރެވޭތަ؟

17 އޭޕްރީލް 2021 - 13:46 1

އެންމެން އޮފީހަށް އައިސް ހަމަވާތަން ބަލަން އައިޝާ، އޮފީހުގައި އޭނާއަށް ހާއްސަކޮށްފައި ހުންނަ ގޮނޑީގައި އިނދެ އެވެ. އެއް ބަޔަކު މަޖާ ނަގާފައި ދައްކަނީ ދުވަހުގެ ހަބަރުތަކާއި ބްރޭކް ގައި އެމީހުން ކުރަން ރާވާފައި އޮތް ކޮންމެވެސް މަޖާ ކަމެއްގެ ވާހަކަ އެކެވެ. ދޭތެރެއަކުން އެމީހުން އެމީހުންނަށް ޖަހައިގެން އުޅޭ ޖޯކަކާ ވިދިގެން ކޮންމެވެސް ވާހަކައެއް ނަގައިގެން ހީ މަޖާކުރަނީ އެވެ.

ކުއްލިއަކަށް އިހުސާސްވީ އެ ބޮޑު އޮފީހުގައި އޭނާގެ އެކަނިވެރިކަމެވެ. އެމީހުންގެ މަޖާގަނޑުގައި ބައިވެރިވާން ކިތަންމެ ބޭނުމަސް، އެމީހުންގެ ތެރެއަކު އޭނާ ފިޓެއް ނުވެ އެވެ. އޭނާ އަކީ އެ "ކްރައުޑު" އަށް ނިސްބަތްވާ މީހެއް ނޫނެވެ.

ދުވަސް ދާ ވަރަކަށް އައިޝާ އޭނާ އަށް ކުރެވެމުންދާ އެކަނިވެރިކަމުގެ އިހުސާސް މާ ބޮޑު ކަމަކަށް ނުހަދައި އެއާ މެދު ނުވިސްނަން މަސައްކަތްކުރެ އެވެ. އެކަމަކު މަސައްކަތަށް ހިތް ކެނޑި، އޭނާގެ ފެންވަރު ދަށް ވެއްޖެކަން އެނގެ އެވެ. ދުވަސް ނިމޭއިރު، އޭނާގެ އަށް ވަޒީފާގެ ހިތްހަމަޖެހުމެއް ނުލިބެ އެވެ. ހުންނަނީ ހާސްވެ ކަންބޮޑުވެ، ފާޑަކަށް ދެރަވެފަ އެވެ. ހަދަންވީ ގޮތެއް ނޭނގެ އެވެ. އަނގައިން ނުބުނެ ކަންކަން ރަނގަޅުވާނެ ކަމަށް ބަލައިގެން އިންނަންވީ ކަމެއް، ނުވަތަ ސީނިއާ މީހެއްގެ ކައިރީގައި ނިކަން ހިއްވަރުކޮށްފައި އެވާހަކަ ދައްކަން ވީކަމެއް ޔަގީނެއް ނުވެ އެވެ. ނުވަތަ އެންމެ ރަނގަޅު ވާނީ، މަޑުމަޑުން އިނދެފައި އެހެން ވަޒީފާއެއް ހޯދައިގެން އޭނާ ދިއުން ހެއްޔެވެ؟

އެކަނިވެރިވާން ދިމާވަނީ ކީއްވެ؟

އެކަނިވެރިކަމަކީ މީހަކަށް ނަފްސާނީ ގޮތުން ބޮޑު އަސަރެއް ކުރުވަފާނެ އިހުސާސެކެވެ. މިއީ ކޮންމެވެސް ސަބަބަކާ ހެދި ބައެއްގެ ތެރޭގައި ބާކީވެފައިވާ ކަމުގެ އިހުސާސް ކުރެވޭތީ އިހުސާސް ކުރެވޭ ގޮތެކެވެ. ބައެއް ފަހަރު ބޮޑު ޓީމަކާއެކު މަސައްކަތް ކުރާ އިރު، އެއްބަޔަކު މާ ބޮޑަށް ގުޅޭތީ ވެސް މި ގޮތަށް އިހުސާސްކުރެވިދާނެ އެވެ.

މިޒާޖުގައި ހުންނަ ކަމަކުން ނުވަތަ ފައިސާގެ ދަތިކަމާ ހުރެ ވެސް ވަކި ސްޓައިލެއްގެ މީހުންގެ ތެރޭގައި ނިސްބަތްނުވާ ކަމުގެ އިހުސާސް ކުރެވިދާނެ އެވެ. އެހެންވީމަ ކިތަންމެ ގިނަ ބަޔަކާ އެކު އުޅުނަސް، އެ އެންމެ ތެރޭގައި ވެސް އެކަނިވެރިވެފައި އިނދެވިދާނެ އެވެ.

އޮފީހުގައި ބާކީވާ ކަމުގެ އިހުސާސް ކުރެވޭ ނަމަ ސީރިއަސް ކޮށް ނަގަންޖެހޭ

އޮފީސް މާހައުލުގައި ބާކީވެ އެކަނިވެރިވެފައިވާ ކަމުގެ އިހުސާސް ކުރެވުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ބައެއް ފަހަރު ބެލެވިފައި އޮވެ އެވެ.

ދިރާސާ ތަކުން ދައްކާ ގޮތުން، އޮފީސް މާހައުލުގައި އެކަނިވެރި ވެފައި އިންނަ މީހެއްގެ ކްރިއޭޓިވިޓީ ލެވެލް ދާނީ ދުވަހެއް ދުވަހަކަށް ދައްވަމުންނެވެ. އޭގެ އަސަރުތައް އޭނާގެ ޕާފޯމަންސުން ފެންނާނެ އެވެ. މަސައްކަތަށް ގަޔާނުވުމާއި އޮފީހުގައި އަމިއްލަ ހިޔާލު ހިއްސާކުރަން ޖެހިލުންވުމާއި އޮފީހަށް އަންނަން ފޫހިވުން ފަދަ އަމަލުތައް މިފަދަ މީހެއްގެ ފަރާތުން ފެންނާނެ އެވެ.

މިކަހަލަ މައްސަލަތައް ދެނެގަންނާނީ ކިހިނެއް؟

މި ބާވަތުގެ ވާހަކަތައް އާންމުކޮށް ސީނިއާ ލެވެލްގެ މީހުންނާ ހިއްސާކުރަން ދަށް ލެވެލް ތަކުގެ މުވައްޒަފުން ޖެހިލުންވެދާނެ އެވެ. އެހެންވީމަ، ޖޫނިއާ ސްޓާފެއްގެ ފަރާތުން މިފަދަ އަމަލުތަކެއް ފާހަގަ ވާނަމަ އެންމެ ރަނގަޅު ގޮތަކީ، މުވައްޒަފުން ދެނެގަންނަން އަމިއްލަ އަށް ވަގުތުކޮޅެއް ހުސްކޮށްލުމެވެ. އެމީހުންގެ މިޒާޖާއި، ފުރަތަމަ ފެނުނު އިރާއި މިހާރު އައިސްފައިވާ ބަދަލުތައް އަޅާ ކިޔާލުމެވެ. އެއަށް ފަހު ބަދަލު ފާހަގަކުރެވޭނަމަ ކޮންމެވެސް މައްސަލައެއް އުޅޭކަމަށް ބެލެވިދާނެ އެވެ.

މިފަދަ ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ ސީނިއާ މީހެއްގެ ހައިސިއްޔަތުން އެ ސްޓާފަކާ ވަކިން ބައްދަލުކޮށް ވާހަކަ ދައްކާލުން މުހިއްމެވެ. އޭނާގެ ވާހަކަ އަޑުއަހަން ޝައުގުވެރި ވާކަން ހާމަކުރުމަކީ މުހިއްމު ކަމެކެވެ. އޭނާ އާއި އެންމެ ގާތުން މަސައްކަތްކުރާ ޓީމުގެ އެހެން މީހުންގެ ކައިރިން ކުޑަކޮށް އޮޅުން ފިލުވާލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

އޮފީސް މާހައުލުން މިކަހަލަ މައްސަލަތައް ނައްތާލާނެ 4 ގޮތެއް

މީހުންގެ ތެރޭގައި ހިމެނިގެން ގުޅިގެން އުޅެން ބޭނުން ވުމަކީ ތަބައީ ކަމެކެވެ. އެހެންވީމާ، މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ އޮފީސް މާހައުލަކީ އެކަކު އަނެކަކަށް އަޅާލާ ތާހުޒީބު މާހައުލަކަށް ހެދުމެވެ. މި ހިމަނާލަނީ މިފަދަ މާހައުލެއް އޮފީހުގައި ބިނާކުރަން އެހީވެދޭނެ ހަތަރު ގޮތެކެވެ.

ވިސްނާ ގޮތް ބަދަލުކޮށްލުން

ތިމާއަށް އަދި ވަރަށް ހިތްގައިމު މަޖާ މާހައުލެއް އޮތް ކަމަށް ގަބޫލުކުރެވުނަސް، ދެން ހުންނަ މީހާއަށް އެ އިހުސާސް އެގޮތަށް ނުކުރެވިދާނެ އެވެ. މިސާލަކަށް އޮފީހަށް މުޅިން އަލަށް ވަދެގެން އުޅޭ މީހަކަށް، އޭނާގެ ތަޖުރިބާ މަދުވެފައި މަސައްކަތުގެ ތައުލީމު މާ ބޮޑަށް ނޭނގޭތީ، ހެދޭ ނުހެދޭ ނޭނގިފައި ލަދުގަނެފައި އިނދެދާނެ އެވެ. އެފަދަ މީހަކު، އޭނާ އަށް އެހީވާނެ މީހަކު ނެތް ނަމަ ކޮންމެ ދުވަހަކު އޮފީހުގައި ވަރަށް ގިނަ ސްޓްރަގަލް ކުރާނެ އެވެ. އެފަދަ ކަންކަން ސީނިއާ މީހެއްގެ ހައިސިއްޔަތުން ދެނެގަންނަން ވާނެ އެވެ.

މުޅި ޓީމުގެ ކޯޑިނޭޝަން ރަނގަޅުކުރުން

ޓީމު ތެރޭގައި ރަނގަޅު ގުޅުމެއް އޮތުން މުހިއްމެވެ. އެ ގުޅުމުގައި ވަކި ބަޔަކު އަބަދު ހިމެނޭ ނަމަ، އެކަން ފާހަގަވެގެން، މުޅި ޓީމު އޭގެ ތެރޭގައި ހިމަނަން މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ކަމުގައި ދެކޭށެވެ. މި ކަހަލަ ކަންކަން ދެނެގަނެ މިކަންކަން ރަނގަޅުކުރަން ބޮޑަށް މަސައްކަތް ކުރަންވާނީ ސީނިއާ ލެވެލްގައި މަސައްކަތްކުރާ މީހުންނެވެ.

ރައްޓެހި މާހައުލެއް ބިނާކުރުން

އޮފީހުގެ ހުރިހާ އެންމެން ގާތް ރައްޓެހިންނަކަށް ނުހެދޭނެ އެވެ. އެކަމަކު އެންމެންނަށް ޖެހިލުމެއް ނެތި ވާޙަކަ ދެއްކޭނެ މާހައުލެއް ފަހިވާނެ ފުރުސަތުތަށް ދެވިދާނެ އެވެ. މިސާލަކަށް ދޭތެރެއަކުން އާންުމުކޮށް ލަންޗް ނުވަތަ ބްރެކްފާސްޓް ބްރޭކަށް ނުގެންދާ ސްޓާފަކު އެކުގައި ގެންދެވިދާނެ އެވެ. ހިޔާލު ބަދަލުކޮށްލަން އެންމެ ފަސޭހަ އެއް ގޮތަކީ ވެސް މިއެވެ.

މީހުންނާ ދޭތެރޭގައި ވިސްނުމުގައި އޯގާތެރިވުން

އޮފީސް ލައިފްގެ އިތުރުން، ކޮންމެ މީހެއްގެ ވެސް އަމިއްލަ ޕާސަނަލް ދިރިއުޅުމެއް އޮންނާނެ އެވެ. އެކި މީހުންގެ ދިރިއުޅުމުގައި ދަތި އުނދަގޫތައް ހުންނާނީ އެކި ވަރަށެވެ. މީހުންނާ މުއާމަލާތު ކުރާއިރު، ނުވަތަ ޓީމެއް ލީޑު ކުރާއިރު، މި ހުރިހާ ކަމަކަށް އިޖާބަ ދޭންވާނެ އެވެ. މީހުންނާ މެދު އޯގާތެރިކަން ބެހެއްޓުމަކީ ވެރިންގެ ފަރާތުން ފެންނާނެ އެންމެ ރީތި އެއް ސިފަ އެވެ.

މި ބުނި ކަންކަން އޮފީސް މާހައުލުގައި އިމްޕްލިމެންޓް ކުރުމަކީ ބަލިކަށިކަން ދެއްކުމެއް ނޫނެވެ. މި ހުރިހާ ކަމެއް އެކުވެގެން، މުވައްޒަފުން އޭގައި އުފާވެރިކަމާ އެކު މަސައްކަތް ކުރަން ބޭނުންވާ ވެއްޓަކަށް އޮފީސް ވެށި ހެދިއްޖެ ނަމަ ކާމިޔާބު ވާނެ އެވެ.