Advertisement

ކުޑަކުދިންގެ ހިޔާގެ ހާލަތަކީ އަޅާނުލެވުމުގެ ނަތީޖާ: އާކް

8 އޭޕްރީލް 2021 - 12:39 0

އާއިޝަތު ރިފްއާ

އާއިޝަތު ރިފްއާ

ކުޑަކުދިންގެ ހިޔާގެ ކުދިންނާއި އެއްކޮށް ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ -- ފޮޓޯ: ޖެންޑާ މިނިސްޓްރީ


ކުޑަކުދިންގެ ހިޔާގެ ހާލަތަކީ އަޅާނުލެވުމުގެ ނަތީޖާ: އާކް

8 އޭޕްރީލް 2021 - 12:39 0

ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކުދިންނާ ދޭތެރޭގައި ހިނގަމުންދާ އިހުމާލުގެ ހާދިސާތަކަކީ އެތައް ދުވަހެއް ވަންދެން ހައްލުނުކުރެވި ހުރި މައްސަލަތަކުގެ ނަތީޖާކަމަށް އާކް އިން އިއްޔެ ބުނެފި އެވެ.

ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ އާކް އިން ކަންބޮޑުވުން ފާޅުކުރީ ހިޔާގެ އާއްމު ހާލަތު ވަރަށް ގޯސްކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

ހިޔާގެ ހާލަތު ނިއުމަތު ސިފަކުރެއްވި ގޮތުން، އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ހިޔާގެ ހަތަރު ފާރުގެ ތެރޭގައި ކުދިން ހަމައެކަނި "ބަންދުކޮށްފައި" ތިބުމެވެ. އަހުލާގީ ގޮތުން ކުދިން ރަނގަޅު ކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރުމާއި އުނގެނުމުގެ ފުރުސަތު ނެތް ކަމަށް ވެސް ކަމަށް ވިދާޅުވެފައިވެ އެވެ.

އާކުގެ ބަޔާނުގައި ބުނީ ހިޔާގެ މެނޭޖްމަންޓަށް އެކަށީގެންވާ ގޮތެއްގައި ކުދިންނަށް ރައްކާތެރިކަން ނުދެވުމާއި ހިޔާ ނުބެލެހެއްޓުމާއި ކުދިންނަށް ބޭނުންވާ އެކި ކަހަލަ ކަންކަން ފުރިހަމަކޮށް ނުދެވުމުގެ އިތުރުން ކޮވިޑް-19އާ ގުޅިގެން ކުރިމަތިވި ގޮންޖެހުން ވެސް ހިމެނޭ ކަމަށެވެ. މި މައްސަލަތައް އެކި ފަހަރު މަތިން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައި ކަމަށް އާކް އިން ބުންޏެވެ.

އެ ޖަމިއްޔާ އިން ފާހަގަކުރި ގޮތުގައި ހިޔާގައި ދިރިއުޅޭ ގިނަ ކުދިންނަކީ އަޅާލުންތެރިކަން ނުލިބި، ބޮޑެތި އަނިޔާތަކުގެ ޝިކާރައަކަށް ވެފައިވުމުގެ ސަބަބުން ނުވަތަ އެ ކުދިންނާ މެދު ވެފައިވާ އިހުމާލެއްގެ ސަބަބުން އެތަނުގައި ތިބޭ ކުދިންނެވެ. އެހެންކަމުން އެ ކުދިންނަށް ބޭނުންވާ ފަރުވާ، ކައުންސެލިން އާއި ފަންނީ މާހިރުންގެ އެހީތެރިކަން ދޭން ޖެހޭނެ ކަމަށް އާކް އިން ބުންޏެވެ.

ހިޔާގައި ތިބި ކުދިންގެ ފަރާތުން ބައެއް ފަހަރު ފެންނަ އަހުލާގީ މައްސަލަތަކަކީ މާޒީގައި އެ ކުދިން ތަހައްމަލުކޮށްފައިވާ އަނިޔާތަކާއި މިހާރު ވެސް އެކަމުގެ ސަބަބުން ތަހައްމަލުކުރަމުންދާ ވޭނާއި ހިތާމައިގެ ސަބަބުން އެ ކުދިންގެ އުޅުމަށް ކޮށްފައިވާ އަސަރުތަކެއްގެ ނަތީޖާކަން ދެނެގަންނަން ޖެހޭ ކަމަށް އާކް އިން ބުންޏެވެ.

އާކް އިން ބުނީ ހިޔާގައި ތިބި ކުދިންގެ ތެރެއިން ސްކޫލަށް ނުދާ ކުދިންގެ ކިޔެވުން ފެށުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އެ ކުދިންގެ މުސްތަގުބަލާމެދު ނިންމާ ނިންމުން ތަކުގައި މަޝްވަރާ ނުކުރާ ކަމަށް ބުނެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.

ކުޑަކުދިންގެ ހިޔާގެ ބައެއް ކުދިން ރަށްރަށުގެ އަމާން ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތަކީ ރަނގަޅު ފިޔަވަޅެއް ކަމުގައި އާކް އިން ބުނެފައިވެ އެވެ. އެކަމަކު އެ މަސައްކަތް ކުރިއަށް ގެންދިޔައީ އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

ކުޑަކުދިންގެ މައްސަލަތައް މީޑިއާތަކުން ރިޕޯޓްކުރާއިރު، ދައުލަތުގެ އިދާރާތަކުން އެ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްނުދެވުމާއި ހިޔާ މެނޭޖްމަންޓްގެ އިހުމާލު ފާހަގަކުރުމުގެ ބަދަލުގައި ކުދިން ބަދުނާމުވާގޮތަށް ބައެއް މީޑިއާ ތަކުން ހަބަރާއި މައުލޫމާތު ގެނެސްދޭތީ ވެސް އާކް އިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އާކް އިން އެދެނީ ކުޑަކުދިންގެ ވާހަކަތައް އެ ކުދިންގެ ކަރާމާތަަށް އުނިކަން ނާންނަ ގޮތަށް ގެނެސްދޭން އާކް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އާކުން ވަނީ 2010 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅެމުންދާ ކުދިންނަށާއި މުވައްޒަފުންނަށް ހާއްސަކޮށްގެން އެކި ޕްރޮގްރާމްތައް ހިންގައިފަ އެވެ.