Advertisement

މިސިޒް ސްރީލަންކާ 2021: "ވަރި" އާއި ހެދި ހަފްލާ ބޮޑު ހައިޖާނުގަނޑަކަށް!

8 އޭޕްރީލް 2021 - 09:28 0


މިސިޒް ސްރީލަންކާ 2021: "ވަރި" އާއި ހެދި ހަފްލާ ބޮޑު ހައިޖާނުގަނޑަކަށް!

8 އޭޕްރީލް 2021 - 09:28 0

ސްރީލަންކާގައި ކޮންމެ އަހަރަކު ހޮވާ، އެގައުމުގެ "މިސިޒް ސްރީލަންކާ" މުބާރާތުގެ ރަން ތާޖު މި އަހަރު ހާސިލްކުރީ ޕުޝްޕިކާ ޑި ސިލްވާ އެވެ. އެކަމަކު އޭގެ ވަގުތުކޮޅެއް ފަހުން އެ ސްޓޭޖު މަތީގައި ހިނގައިދިޔައީ އެފަދަ މުބާރާތެއްގައި އެހެންނާ ނުފެންނަ، ތަފާތު ކަންތައްގަނޑެކެވެ. ޕުޝްޕިކާގެ ބޮލުގައި ތާޖު އަޅުވައިދިން، މިޒިޒް ސްރީލަންކާ 2019 ވަނަ އަހަރުގެ ވިނާ، ކެރޮލިން ޖޫރީ ވަނީ އޭގެ ވަގުތުކޮޅެއް ފަހުން ސްޓޭޖަށް އަރައި، ޕުޝްޕިކާ އަށް ތާޖު ހައްގު ނުވާ ކަމަށް ބުނެ ގަދަކަމުން އޭނާގެ ބޮލުން ތާޖު ނަގަން މަސައްކަތްކޮށްފަ އެވެ. އެ ކަންތައްގަނޑެއްގެ ތެރޭގައި ޕުޝްޕިކާގެ ބޮލަށް އަނިޔާވެ، މުބާރާތް ނިންމާފައި އޭނާ ވަނީ ބޮލަށް ފަރުވާ ވެސް ކޮށްފަ އެވެ.

ހަފްލާގެ ރިކޯޑެޑް ވީޑިއޯތަކުން، ކެރޮލިން، ޕުޝްޕިކާގެ ތާޖު ގަދަކަމުން ނެގުމަށްފަހު މުބާރާތުން ދެވަނަ އަށް ދިޔަ އަންހެންމީހާގެ ބޮލުގައި އަޅުވައިދޭއިރު ޕުޝްޕިކާ ވަރަށް މަޑުން ރޮވިފައި ހުންނަ މަންޒަރު ފެނެ އެވެ. އަދި އެއަށްފަހު ރޮމުން ސްޓޭޖުން ފައިބައިގެން ދާތަން ވެސް ފެނެ އެވެ.

ސްރީލަންކާގެ ބޮޑުވަޒީރު، މަހިންދަ ރާޖްޕަކްސަ ގެ އަނބިކަނބަލުން، ޝިރާންތި ރާޖަޕަކްސަ ޝަރަފުވެރި މެހުމާނަކަށް ވަޑައިގެންނެވި އެ ހަފްލާގައި ހިގައިދިޔައީ "ލަދުވެތި" ކަންތައްގަނޑެއްގެ ގޮތުގައި އެގައުމުގެ މީޑިއާ ތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

https://www.youtube.com/watch?v=S5rTt60PT90


ޕުޝްޕިކާ އަތުން ކެރޮލިން ތާޖު ނެގީ، އޭނާ އަކީ މީހަކާ އިނދެގެން ހުރި މީހެއް ނޫން ކަމަށް ބުނެ، އެކަން އެހެން އޮއްވައި ތާޖުގެ ހައްގުވެރިއަކަށް އޭނާ ނުހެދޭނެ ކަމަށް ތުހުމަތުކޮށްފަ އެވެ. އޭނާ ބުނީ، މުބާރާތުގެ ގަވާއިދު ބުނާގޮތުން އެއްވަނަ އަށް ހޮވޭ މީހަކު ވާން ވާނީ މީހަކާ އިނދެގެން ހުރި މީހަކަށް ކަމަށެވެ.

އާދީއްތަ ދުވަހުގެ ރޭ ބާއްވި ހަފްލާގައި މި ކަންތައްގަނޑެއް ހިނގައިދިއުމުން، މުބާރާތް އިންތިޒާމު ކުރި މީހުން ވަނީ، ޕުޝްޕިކާގެ "ހަގީގަތް" ހޯދަން މަސައްކަތް ކޮށްފަ އެވެ. އެ ބެލި ބެލުމުން، އޭނާ އަކީ ކައިވެންޏެއް ކޮށްގެން އުޅޭ މީހެއްކަން ޔަގީންކުރެވިފައިވާތީ، އިއްޔެ އެ ޓީމުން ވަނީ، ޕުޝްޕިކާއަށް އޭނާގެ އިނާމު އަނބުރާ ރައްދު ވެސް ކޮށްދީފަ އެވެ. ޕުޝްޕިކާ އަކީ ކައިވެނިކޮށްގެން އުޅޭ އެކަނިވެރި މަންމަ އެކެވެ.

ގައުމީ ޓީވީގައި، އެތައް ބައެއްގެ ކުރިމަތީގައި ހިނގައިދިޔަ މި ބޮޑު ކަންތައްގަނޑުގެ ތެރޭގައި "ޒަހަމްވެ" ލަދުގަނެފައި ހުރި ޕުޝްޕާ ވަނީ އޭނާ އާއި ދޭތެރޭ ހިނގައިދިޔަ ކަންތައްތަކާ ބެހޭގޮތުން ސޯޝަލް މީޑިއާ އަށް އިހުސާސްތައް ބަންޑުންކޮށްލާފަ އެވެ.

"އަހަރެން ގޮތަށް، އަމިއްލަ އަށް ހިއްވަރުކޮށްގެން ދަރިން ބަލަހައްޓަމުންދާ ވަރަށް ގިނަ މަންމައިން ސްރީލަންކާގައި އެބަތިބި. މި ތާޖު ރަމްޒުކޮށްދެނީ އެ ހުރިހާ މައިން،" ފޭސްބުކްގައި ޕުޝްޕިކާ ހިއްސާކުރި ދިގު ޕޯސްޓެއްގައި ބުންޏެވެ.

އޭނާ ބުނީ، އެއްވެސް ހައްގަކާ ނުލައި ފަލީހަތްކުރުމުން، ބަދަލަށް އިންސާފު ބޭނުންވާ ކަމަށެވެ.

ޕުޝްޕިކާ އަތުން ތާޖު ޖަހައިގަތް ކެރޮލިން އަކީ މީގެކުރިން "މިސިޒް ވޯލްޑް" ގެ ތާޖު ވެސް ހާސިލްކޮށްފައިވާ މީހެކެވެ.