Advertisement

ޝެފް މޯޑު މި ކިޔައިދެނީ ދިވެހިވަންތަ މާހެފުމެއް ހަދާނެ ގޮތް

8 އޭޕްރީލް 2021 - 09:37 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ޝެފް މޯޑު މި ކިޔައިދެނީ ދިވެހިވަންތަ މާހެފުމެއް ހަދާނެ ގޮތް

8 އޭޕްރީލް 2021 - 09:37 0

"ކޮބާ ނެތް ތަ މާހެފުމެއް؟"

މިއޮތީ، އަހަރުގެ "މާހެފުން" މޫސުން އައިސްފަ އެވެ. ރޯދަ މަސް ފެށެން ބާކީ އޮތީ އެންމެ ހަތަރު ދުވަހެވެ. ކުރިއަށް މި އޮތް ދުވަސްތަކުގައި މާހެފުންތައް ގިނަ ވާނެ އެވެ. އެކަމަކު ޕެންޑެމިކްގެ ވަރުބަލިކަން އަދިވެސް ނުފިލައި އޮތް ރާއްޖޭގައި، އެހެން އަހަރު ތަކަށްވުރެ މި ފަހަރު މާހެފުމުގެ ފޯރި ސޯޝަލް މީޑިއާގައި ވެސް ތަންކޮޅެއް މަޑެވެ. ފަހަރެއްގައި، ހާލަތު އޮތް ގޮތުން އެހެން އަހަރުތަކާ އެއްވަރަށް ކުލަގަދަކޮށް އެކަން ކުރެވެން ނެތުމުން ފޮޓޯ ޕޯސްޓު ކުރާލެއް މަދުވީ ކަމަށް ވެސް ވެދާނެ އެވެ.

ޕެންޑެމިކެއް ކަމަކު، ރޯދަ މަސް އައިސް ބައްދަލުކުރާ އިރު، މާހެފުމެއް ހަފާ ނުލައި ތިބެން ކަމަކު ނުދާނެ އެވެ. އެކަމަކު މި ފަހަރު މާހެފުން ޕްލޭން ކުރާއިރު، ސާކަލް ވީހާ ވެސް ކުޑަ ކުރަން ހަނދާނުގައި ބަހައްޓަން ވާނެ އެވެ.

ރޯދަ އާއި މާހެފުން

މާހެފުން ދިވެހިންގެ ދިރިއުޅުމުގެ ތެރެއަށް ވަނީ ސީދާ ކޮން އިރަކު ކަން ތާރީހުން އެނގޭކަށް ނެތެވެ. އެކަމަކު ދިވެހިން އިސްލާމް ދީން ގަބޫލުކޮށް، ރޯދަ ހިފަން ފެށި ފަހުން، ރޯދަމަހަށް ތައްޔާރުވުމަކީ އެންމެ ކުރީގެ ކާބަފައިންނާ ހަމައިން ފެށިގެން ވެސް ކުރަމުން އައި ކަމެއްގެ ގޮތުގައި އެނގެން އޮތް ކަމެކެވެެ. ރޯދަ އަށް ތައްޔާރުވުމުގެ ގޮތުން އުނދުން އާކޮށް، ދުމައްޓާއި ދުމަށި ދަށް ސާފުކޮށް، ގޯއްޗާއި މަގުތަކުގައި ހުދު ދޮންވެއްޔާއި ހުދު އޮށްވެލި ލައި ރީތިކުރުމަކީ އާދަކާދައިގެ ތެރެއިން އެނގެން އޮތް ރީތި ސަގާފަތެކެވެ. މީގެ ތެރެއިން ބައެއް ކަންކަން މިހާރު ވެސް ބައެއް ރަށްރަށުގައި ކުރެ އެވެ. މާހެފުމަކީ ވެސް މި ސިލްސިލާގެ ތެރެއިން އުފެދި، ސަގާފަތުގެ ތެރޭގައި ހިމެނިގެން އައި ކަމެއް ކަމަށް ބެލެވެ އެވެ.

ޒަމާނަށް އައި ބަދަލުތަކާއި އެކު ކެއުމުގައި ބޭނުންކުރާ ބައެއް ބާވަތްތައް ބަދަލުވީ ނަމަވެސް، މާހެފުމުގެ ފޯރި އަދިވެސް ފަނޑެއް ނުވެ އެވެ.

އެންމެ އިހުގައި މާހެފުމުގެ ކެއުމުގައި ބޭނުންކޮށް އުޅުނީ، ހަނޑުލާއި ދޮނަޅަ އިން މާ އަރުވައިގެން އެއާއި، ގަބުޅި އާއި ދިޔާ ހަކުރާއި ވަޅޯމަހާއި ކާއްޓާއި މި ބާވަތުގެ ކެއުންތަކެވެ. އޭގެ ފަހުން، ބިންބި މާފުއް ތައާރަފްވެ އެ ބާވަތްތައް ވެސް މާހެފުމުގައި ހިމަނަން ފެށި އެވެ. އޭގެ އަހަރުތަކެއް ފަހުން، ދިވެހިންގެ ތެރެއަށް ފާރޮށި ތައާރަފްވެ، ފާރޮށީގެ މީރުކަން އެނގި، ތަފާތު ގޮތްގޮތަށް ފާރޮށި ބޭނުންކުރަން ފެށި އެވެ. ކުޅި ފާރޮއްޓާއި ފޮނި ފާރޮށި އުފަންވެގެން އައީ ދިވެހިން ކެއުމަށް ބެހެއްޓި ޝައުގުވެރިކަމެއްގެ ތެރެއިންނެވެ. ކިރިމް ކޭކަރު ބިސްކޯދުގައި ވެސް މި ފަދަ ރެސިޕީތައް ފަހަކަށް އައިސް ހަދަން ފެށި އެވެ.

ދިވެހިން މާހެފުމުގައި ގެންގުޅޭ އަވެލި، މާފުއް އަދި ފޮނި ފާރޮށި


"ދިވެހިންނަކީ އަބަދުވެސް ކެއުމުގައި މީރު ރަހަތަކަށް ލޯބިކުރާ، އީޖާދުކުރަން މޮޅު ބައެއް،" ގެ ގޮތުގައި ދިވެހި ކާނާ ފޮތް، "ޓޭސްޓް އޮފް ހޯމް" ގެ ލިޔުންތެރިޔާ، ޝެފް މުހައްމަދު އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކެއުމުގެ އާދަތަކާއި ދިރިއުޅުމަށް ކިތަންމެ ބޮޑު ބަދަލެއް އަޔަސް، ދިވެހިވަންތަ ފަލްސަފާއެއް އޮތް ކަމެއްގައި އެކަން އޭގެ ގޮތުގައި ކުރުމަކީ އުވިގެން ދާ ސަގާފަތް ދަމަހައްޓަން ކުރަން މުހިއްމު ކަމެކެވެ.

އެހެންވީމަ ޝެފް މޯޑު ބުނާ ގޮތަށް، މިފަހަރުގެ މާހެފުން ވީހާވެސް "ޖަޒީރާވަންތަ" ދިވެހި މާހެފުމަކަށް ހަދަން ރަނގަޅުވާނެ އެވެ. މި ހިމަނާލަނީ ދިވެހިވަންތަ މާހެފުމެއް މާބޮޑު މަސައްކަތަކަށް ހަދާނުލައި ތައްޔާރުކޮށްލެވިދާނެ 5 ކެއުމެކެވެ.

1- އަވެލި: އަވެއްޔަކީ ހަނޑޫ މަޑުކޮށްގެން، އެ ހަނޑޫ ފިއްތައިގެން ތައްޔާރުކޮށްފައި ހުންނަ އަވެލި ނުވަތަ ރައިސް ފްލޭކްސް ގައި ތައްޔާރުކުރާ ކެއުމެކެވެ. އަވެލި މޮޑެން ބޭނުންވާނީ، ދޮންކެޔޮ، ގަބުޅި ހުނި ނުވަތަ ކާށި ހުނި، އަވެލި، ހަކުރު، ގެރިކިރު އަދި ރޯސް ވޯޓާ އެވެ. އަވެލި ޕެކެޓު ވަރަށް ގިނަ ފިހާރަތަކުން ގަންނަން ލިބެން ހުރެ އެވެ. އަވެލި އެންމެ މީރު ވާނީ ވަޅޯ މަސް ނުވަތަ ހަނާކުރި މަހާ އެކު އެވެ.

2- މާފުއް: މާފުށާއި އަވެލި މޮޑެ އުޅެނީ ދާދި އެއް ގޮތަކަށެވެ. އެކަމަކު މާފުށް މޮޑޭ އިރު ރޯސް ވޯޓާ ބޭނުމެއް ނުކުރާނެ އެވެ. މާފުށް މޮޑެން ބޭނުންކުރާ މާފުށް ޕެކެޓު ވެސް ފިހާރަތަކުން ގަންނަން ލިބޭނެ އެވެ. އެންމެ މީރު ވާނީ ވަޅޯ މަސް ނުވަތަ ހަނާކުރި މަހާ އެކު އެވެ.

ވަޅޯމަހާއި ކާއްޓަކީ އާންމުކޮށް ދިވެހި ކެއުންތަކުގައި، ހާއްސަކޮށް މާހެފުން ފަދަ މުނާސަބު ކެއުންތަކުގައި ހިމަނާ ދެ ބާވަތެއް


3- ފޮނި ބިސްކޯދު: ފޮނި ބިސްކޯދު މޮޑުމުގައި ވެސް ބޭނުންކޮށް އުޅެނީ ދާދި އެއްގޮތް މެތަޑެކެވެ. އެކަމަކު ފޮނި ބިސްކޯދު މޮޑޭއިރު ބަޓަރު ނުވަތަ ގީ ކޮޅެއް ބޭނުން ކޮށްލުމުން ރަހަ މީރުކޮށްދޭނެ އެވެ. ފޮނި ބިސްކޯދު މޮޑެން ކިރިމް ކޭކަރު ބިސްކޯދު ގަންނަ އިރު އެންމެ ކުރީގައި ބޭނުންކޮށް އުޅުނު "ފްލޭވާ ލެސް" ބިސްކޯދު އުރަ ބޮޑަށް ރަނގަޅު ވާނެ އެވެ. މިވެސް އެންމެ މީރު ވާނީ ވަޅޯ މަސް ނުވަތަ ހަނާކުރި މަހާ އެކު އެވެ.

4- ކުޅި ފާރޮށި: ކުޅި ފާރޮއްޓަކީ ގިނަ ބަޔަކަށް ކަމުދާ، މީރު ކެއުމެކެވެ. ކުޅި ފާރޮށި މޮޑޭނީ، ގިތެޔޮ މިރުސް، ފިޔާ، ހިކަނދިފަތް ތުނިކޮށް ކޮށައިގެން އަސޭމިރުހާއި ލުނބޯ ނުވަތަ ހުތް އަޅައިގެން މޮޑެލުމަށްފަހު އޭގެ ތެރެއަށް މީރު ވަރަކަށް ރިހާކުރު ލައިފައި ފުނޑުކޮށްފައި ހުރި ފާރޮށި ލައިގެން މޮޑެގެންނެވެ. ކާއްޓާއި ވަޅޯ މަހާ އެކުގައި ކާން ކުޅި ފާރޮށި މީރު ވާނެ އެވެ.

5- ހަނާކުރި މަސް: މި ލިސްޓުގައި ކިރިޔާ ވެސް ހަދަން އުނދަގޫ ކެއުމަކަށް މި ހިމަނާލަނީ ހަނާކުރި މަހެވެ. ހަނާކުރި މަސް، ތަފާތު ގޮތްގޮތަށް ހަދައި އުޅެ އެވެ. އެކަމަކު މީގެ އެންމެ ދިވެހިވަންތަ ގޮތަކީ، ދިވެހިން ހަނާކުރާ ދިވެހި ހަވާދުގައި މަސް ހަނާކުރުމެވެ.

ހަނާކުރި މަސް ތައްޔާރުކުރަން ބޭނުންވާނީ؛ ރޯމަސް ނުވަތަ ވަޅޯމަސް، ފިޔާ، ލޮނުމެދު، މިރުސް، ހިކަނދިފަތް، ރާނބާފަތް، ދިވެހި ހަވާދު، ދެން ރަހަ ލާ ވަރަށް ލޮނުކޮޅެކެވެ. ކެއްކުމަށް، ފިޔާ، ލޮނުމެދު، މިރުސް، ހިކަނދިފަތް އަދި ރާނބާފަތް ތެޔޮފޮދެއްގައި ހަނާކުރާނީ އެވެ. އެއަށްފަހު ކޮށާފައި ހުރި މަސް ކޮޅާއި ހަވާދުކޮޅު އޭގެ ތެރެއަށް އެއްކޮށްލައި، ލޮނު ހެޔޮވަރުކޮށްލުމަށްފަހު، ހަވާދުގެ ރަހަ މަސްގަނޑުގައި ހިފާ ވަރަށް ކައްކާނީ އެވެ. ހަނާކުރި މަސް ހުންނަންވާނީ ކައްކައި ނިމޭ އިރު ފުދޭ ވަރަކަށް ހިކި ކޮށެވެ.

މި ކެއުންތަކުގެ އިތުރަށް، ތެލުލި ބަނބުކޭލާއި ތެލުލި އަލަ ނުވަތަ ފިހުނު އަލަ އާއި ކާއްޓާއި ވަޅޯ މަހާއި ކުޅި ކާޖަ ފަދަ ދިވެހި އުފެއްދުންތަކާއި ހުތް އަނބު ކަހަލަ ބާވަތްތައް ހިމަނާލުމުން މި ސުފުރާއެއްގެ ރަހަ އާއި ކުލަ އިތުރަށް ފުރިހަމަ ވެގެންދާނެ އެވެ.