Advertisement

ގުރައިދޫ މަރުކަޒުގައި ތިބި ދުވަސްވީ މީހުން ހިޔާ ހިންގާ އިމާރާތަށް ބަދަލު ކުރަނީ

7 އޭޕްރީލް 2021 - 19:48 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ކ .ގުރައިދޫގައި ހުންނަ މަރުކަޒު: އެތަނުގައި ޑޮކްޓަރަކާއި ނަރުހަކު އަދި ނަފްސާނީ ބަލިތަކުގެ ޑޮކްޓަރަކު ނެތި ހާލަތު ވަނީ ދަށްވެފައި.- ފޮޓޯ: ގުރައިދޫ މަރުކަޒު ފޭސްބުކް ޕޭޖް


ގުރައިދޫ މަރުކަޒުގައި ތިބި ދުވަސްވީ މީހުން ހިޔާ ހިންގާ އިމާރާތަށް ބަދަލު ކުރަނީ

7 އޭޕްރީލް 2021 - 19:48 0

ސިކުނޑީގެ އެކިއެކި ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން ބަލަހައްޓަމުން އަންނަ ކ. ގުރައިދޫ މަރުކަޒުގައި ތިބި ދުވަސްވީ މީހުން ކުޑަކުދިން ހިޔާ ހިންގާ އިމާރާތަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސިކުނޑީގެ ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާ އެއްތަނެއްގައި ބަލަހައްޓާނީ އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރާ މީހުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެހެންކަމުން ދުވަސްވީ މީހުންނަށް ހާއްސަ މަރުކަޒެއް ހެދުމަކީ މިސަރުކާރުގެ ވައުދެކެވެ.

ގުރައިދޫ މަރުކަޒުގެ ހާލަތާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުގެ ވެރިން ރައްޔިތުން މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީއަށް މިއަދު ވަނީ ހާޒިރުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި މެމްބަރުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަޝީދު ވިދާޅުވީ ގުރައިދޫ މަރުކަޒުގައި ތިބި އުމުރުން ދުވަސްވީ 39 މީހުންނާއި އެހެން މީހުން ވަކި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކުޑަކުދިންގެ ހިޔާ ބަދަލުވެގެން ދާއިރު އެ އިމާރާތަށް ބަދަލުތަކެއް ގެނެސް އުމުރުން ދުވަސްވީ މީހުން އެތަނަށް ބަދަލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެވެސް ވަރެއްގެ ބަޖެޓެއްވެސް އެއަށް ލިބިފައި އޮތީ. މިއުޅެނީ ކޮންމެހެން ބަޖެޓުގެ ދަތިކަމެއް ނޫން. އެނޫން އެހެނިހެން ކަންތައްތަކެއް މީގައި ބޮޑަށް އަންނަނީ،" އައިޝަތު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ކޮމެޓީގައި އެޗްއާރުސީއެމްގެ މެމްބަރު އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު ވިދާޅުވީ ކުޑަކުދިންގެ ހިޔާ ހިންގާ މަރުކަޒު މިހާރު ހުރިގޮތަށް ހުއްޓާ އެތަނަށް ދުވަސްވީ މީހުން ބަދަލު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މިހާރު އެތަން ހުރިގޮތުން އެތަނަކީ އުމުރުން ދުވަސްވީ ބަލި މީހުން ބައިތިއްބަން ރަނގަޅު ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓޭޓް މިނިސްޓަރު އައިޝަތު ވިދާޅުވީ ގުރައިދޫ މަރުކަޒުގައި ތިބި ދުވަސްވީ މީހުން ހިޔާއަށް ބަދަލު ކުރާނީ އިމާރާތަށް ބަދަލުތަކެއް ގެނެސްފައި ކަމަށެވެ.

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ މަރުކަޒެއް ހެދުމާ ގުޅޭގޮތުން މެމްބަރުން ސުވާލު ކުރުމުން ސްޓޭޓް މިނިސްޓަރު އައިޝަތު ވިދާޅުވީ އެކަމަށް އައްޑޫ ސިޓީން ބިމެއް ލިބިފައިވާ ކަމަށެވެ. އަދި އޭޑީބީގެ އެހީގައި ފަންޑު ލިބިފައިވާތީ މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވި އެވެ.

"އެބިމުގައި އޯލްޑް އޭގް ވިލެޖެއްގެ ގޮތުގައި ތަރައްގީކޮށްފައި އެތަނުގެ މަސައްކަތް ފެށިގެން ދާނެ. އޭރަށް އެކަމަށް ބޮޑު ހައްލެއް ލިބިގެން ދާނެ. އެއީ ގާތްގަނޑަކަށް 100 މީހުންގެ ކެޕޭސިޓީގެ ތަނެއް." އައިޝަތު ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ މަރުކަޒު އެޅުމަށް މާލެ ސަރަހައްދުން އަދި ބިމެއް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުރައިދޫ މަރުކަޒުގައި ބަލި މީހުންނާއި އުމުރުން ދުވަސްވީ މީހުން ތިބިއިރު އެ މަރުކަޒުގެ ހާލަތު ދަށެވެ. އެގޮތުން ޑޮކްޓަރުންނާއި ނަރުހުން އެ މަރުކަޒުގައި ނެތްތާ ހަތަރު މަހަށް ވުރެއް ގިނަ ދުވަސް ވަނީ ވެފަ އެވެ.