Advertisement

"ދަ ލިޓްލް ޓީ ޝޮޕް" ގައި ޝާޒް މި ދައްކަނީ ފޮނި ޖާދޫ އެއް!

6 އޭޕްރީލް 2021 - 14:06 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


"ދަ ލިޓްލް ޓީ ޝޮޕް" ގައި ޝާޒް މި ދައްކަނީ ފޮނި ޖާދޫ އެއް!

6 އޭޕްރީލް 2021 - 14:06 0

ކްރޯނިކް ބައްޔެއްގައި އޮފީސް ވަޒީފާ އަކަށް ގަވާއިދުން ދާން އުނދަގޫވެގެން، ގޭގައި ހުރެގެން ކުރެވޭނެ ކޮންމެވެސް މަސައްކަތެއް ކުރާނީއޭ ހިތަށް އަރައި އެކި ކަންކަން ކުރަމުން، އަޖުމަ ބަލަމުން ދަނިކޮށް އޭނާގެ ޝައުގުވެރިކަން ގޮސް ވެއްޓުނީ ކޭކާއި ފޮނި ކާތަކެތީގެ "ލައްޒަތެއް"ގެ ތެރެއަށެވެ. އެހާ ހިސާބުން ހިތް ގެނބުނީ ބަދިގެ އަށެވެ. ހަނދާނަށް އާ ވީ، ކުޑަ އިރުއްސުރެ ބަދިގޭގައި މަންމަ އަށް އަތް ގާތްކޮށްދީ، އާއިލާ ތެރޭގައި އުފާ ނަގާ ދުވަސްތަކުގައި އޭނާގެ ހިއްސާ އޮވެގެން އަޅާ ކޭކަށް ލިބުނު ތަރުހީބެވެ. އެއީ އެންމެ އުފާވެރި ހަނދާންތަކެވެ. އެ ހަނދާންތަކުގެ އެހީގައި ކާމިޔާބު ކުރިމަގެއް ބިނާކުރެވިއްޖެ ނަމަ އެއީ ލިބޭނެ ބޮޑު ނަސްރެކެވެ.

އޭރު، 38 އަހަރުގެ އާމިނަތު ޝާޒްލީ މުހައްމަދު ދީދީ (ޝާޒްލީ) އަށް ވިސްނުނީ މިހެންނެވެ.

އެކަމަކު އޮފީހެއްގައި އުޅެލުމުގެ އުންމީދުގައި، ސްކޮލާޝިޕެއްގައި ގައުމުން ބޭރަށް ގޮސް ބިޒްނަސް އިކޮނޮމިކްސް ކިޔަވައިގެން އައި އޭނާ ފަދަ އުންމީދީ ޒުވާނަކަށް، ފުލްޓައިމް ކޮށް ގޭގައި ހުރެގެން އުމުރު ދުވަހަށް ކޭކު އަޅާނީ ކަމަށް ކަނޑައަޅައި ގޮތް ނިންމުން ވީ ފަސޭހަ ކަމަކަށް ނޫނެވެ. އެއީ ހަޔާތުގައި އޭނާ ނެގި ބޮޑު ފިޔަވަޅެކެވެ. އެކަމަކު ކޭކު އެޅުމުގެ ދާއިރާގައި ހަތް ވަރަކަށް އަހަރުދުވަހު އުޅެލެވުނު އިރު "ހޯމް ބޭކާ" އެއްގެ ފަހުރު އޭނާ އަށް އޮތީ ބޮޑުކޮށެވެ.

"ކޭކު އެޅުމުގެ ހިޔާލަކީ އެންމެ ފުރަތަމަ އައި ހިޔާލެއް ވެސް ނޫން. އޭގެ ކުރިން ޓިއުޝަން ވެސް ދިނިން. ވަރަށް ބައިވަރު ކަންކަމާ މެދު ވިސްނާފަ ކޭކު އަޅަން ނިންމީ،" މިއީ ފާޑު ފާޑުގެ ހިތްގައިމު "އޮރިޖިނަލް" ކޭކުތަކުން ޝާޒްލީގެ "ދަ ލިޓްލް ޓީޝޮޕް" ފުރިގެން ބަންޑުންވި ގޮތެވެ.

ޝާޒްލީ އަޅާފައިވާ ކޭކެއް: އޭނާގެ ކޭކު ތަކަކީ އިންސްޓަގްރާމުގައި އެތައް ބައެއްގެ ތައުރީފު ލިބޭ، ރީތި ކޭކުތަކެއް


ޝާޒްލީގެ ކޭކެއް ފެންނަ މީހެއްގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަންނާނީ ޑެކަރޭޓް ކުރުމުގައި އޭނާ ގެންގުޅެފައި ހުންނަ ސާދާ ކަމެވެ. ޑިޒައިން ހިޔާލުން ފެށިގެން ގޮސް ކުދި ކުދި ޑީޓެއިލް ތަކަށް ދަންދެން ކޮށްފައި ހުންނަ މަސައްކަތް ކޮންމެ ކޭކަކުން ވެސް ދައްކައިލާ ފުރިހަމަ ކަމެވެ.

ގިނައިން ބަޓަ ކްރީމް ކޭކު އަޅާ ޝާޒްލީގެ ކޭކުތަކުގައި ފޮންޑަންޓް މަސައްކަތްތައް ފެންނަލެއް މަދެވެ. މުޅިންހެން އައިސިން ބޭނުންކޮށްގެން ތަފާތު ޑިޒައިންތަކުގެ ކޭކު ތައްޔާރުކުރާއިރު، ބަލާ ބެލުމަށް ކޭކުތައް އެހާ ރީތި ވަނީ ފަރުމާކުރުމުގައި އޭނާ ބޭނުންކުރާ ހާއްސަ ޓެކްނީކަކުންނެވެ. އޭނާގެ ގިނަ ކޭކު ތަކަކީ ކެހެރި ގޮތަށް އައިސިން ޖަހައިގެން ހަދާ "ފާ ކޭކު" ޓެކްސްޗާއަކަށް، އަމިއްލަ ފާޑުވެރިކަމެއް ގެނެސްގެން ތައްޔާރުކޮށްފައި ހުންނަ ކޭކުތަކެކެވެ.

"މިއަށް ވަކި ސްޓައިލެކޭ ބުނާކަށް ނޭނގެ. އިންސްޕަޔާވެގެން އަންނަނީ ފާ ސްޓައިލް އިން. އެކަމަކު އާންމުކޮށް ފާ ކޭކު ތައް މި ހުންނަނީ ވަރަށް ދިގު ކެހެރިތަކެއް ގޮތަަށް ފެންނަ ގޮތަށް އައިސިން ޖަހާފަ. އަހަރެން މި ހަދާ ކޭކުތަކުގައި ހުންނާނީ ފުދޭވަރަކަށް ކުރުކޮށް، އެއަށްވުރެ ހިމުންކޮށް ކައިރިކޮށް," އޭނާ ބުންޏެވެ.

ޝާޒްލީގެ ކޭކު އެޅުމުގައި ގެންގުޅޭ އައިޑިއާތަކުގައި ހިއުމާ ބޭނުންކޮށްފައި ހުރޭ


ކޭކެއް އަޅާއިރު އެންމެ ބޮޑު އިސްކަމެއް ދެނީ އޭގެ ރަހައަށް ކަމަށާއި ހަދާނެ ޑިޒައިނަކާ މެދު ވިސްނަނީ އޭގެ ފަހުން ކަމަށް އޭނާ ބުންޏެވެ.

އޭނާގެ ކޭކުތަކުން ފެންނަ އެންމެ ހާއްސަ އަނެއް ސިފައަކީ ކޭކުތަކުގެ ތީމް ތަކުގެ ގޮތުގައި ބޭނުންކޮށްފައި ހުންނަ ތަފާތު "އޮޑު" ހިޔާލުތަކެވެ. ތަންކޮޅެއް ސަމާސާ ކޮށް ވިސްނާ މީހަކަށް، ކޭކުތަކަށް އޭނާ ގެނެސްފައި ހުންނަ ޑިޒައިންތަކުން "ހިއުމާ" ފެންނާނެ އެވެ. އަނެއް ބައި މީހުންނަށް އޭގެއިން އެކި މޫޑު ސިފަކޮށްދޭނެ އެވެ.

"ވަރަށް ގިނައިން މީހުން އަހާ އައިޑިއާ ހޯދާ ގޮތަކާ މެދު. އަސްލު ކޭކެއް ފަށާއިރު ގިނަ ފަހަރަށް މި އޮންނަނީ ތީމެއް. އެކަމަކު އެއަށް ގެންނާނީ ކޮން ސިފައެއް ކަމެއް ސިކުނޑީގައި ނިންމާފައެއް ނޫން ފަށަނީ. އެހެންވީމާ ގިނައިން އައިޑިއާ އަންނާނީ ކޭކު ހަދަމުންދާ ގަޑީގައި،" ޝާޒްލީ ކިޔައިދިނެވެ.

"ފަހަރެއްގަ ވެދާނެ ކޭކު ބެކްގްރައުންޑެއް ނެތިފަ، ކޮންމެ ކޭކަކާ އެކު ވެސް އޮރިޖިނަލް އައިޑިއާ އެއް ގެންނަން އަބަދު މަސައްކަތް ކުރާތީ އަންނަ ހިޔާލުތަކެއް ކަމަށް ވެސް."

އޭނާ ބުނީ މަސައްކަތުގައި އަމިއްލަ ސްޓައިލް ހިފެހެއްޓުމަށް ފެށުނީއްސުރެ ކަސްޓަމަރުންނާ ނެގޯޝިއޭޓް ކުރުމަކީ ގެންގުޅޭ އުސޫލެއް ކަމަށެވެ. އެހެން ހެދުމުން މަސައްކަތުގައި ތަފާތު ކަންކަން ދަސްކޮށް ކްރިއޭޓިވިޓީ އިތުރުކުރަން އޭނާ އަށް ވެސް ލިބެނީ ފުރުސަތެކެވެ. އެއާއެކު، ތަފާތު ރީތި ޕްރޮޑަކްޓެއް ލިބުމުން ކަސްޓަމަރުންނަށް ވެސް ހިތްހަމަޖެހުން ލިބިގެންދާތީ އެގޮތަށް ވިސްނުމުގެ ފައިދާ ބޮޑު ކަމަށެވެ.

މިދިޔަ އަހަރު "ދަ ލިޓްލް ޓީ ޝޮޕް" ޕޭޖުގައި ޝާޒްލީ ހިމަނާފައިވާ ކޭކު ތަކުގެ ތެރެއިން އޭނާ އަށް އެންމެ ފާހަގަކޮށްލެވޭ ހޮވުންތައް


"ފެށުނީއްސުރެ ވެސް މީހަކު އޯޑަރެއް ދީފިނަމަ، ފޮޓޯއެއް އެއްޗެއް ފޮނުވާފަ އެގޮތަށް އަޅަން ބުންޏަސް ސީދާ އެ އިންނަ ގޮތަކަށް ނަހަދަން. އަބަދުވެސް ބޭނުންވަނީ އަމިއްލަ ސްޓައިލަކަށް އެ ގެނެސްދޭން،" ޝާޒްލީ ބުންޏެވެ.

އޭނާ ބުނީ ބައެއް ފަހަރު ބައެއް ބޭކާސް އާ ދިމާވެގެން ވާހަކަ ދައްކާލާއިރު އޮރިޖިނަލް މަސައްކަތްތައް ކުރަން ޗާންސް ނުލިބޭ ވާހަކަ އެމީހުން ބުނާ ކަމަށެވެ. އެކަމަކު އޭނާގެ ތަޖުރިބާގައި، ކަސްޓަމަރުންނާއި ވާހަކަ ދައްކާލައި ހިޔާލު ބަދަލުކޮށްލުމުން އެ ފުރުސަތު ލިބޭ ކަމަށް ވެސް ބުންޏެވެ.

"ރަނގަޅަށް ކޮމިއުނިކޭޓް ކޮށްގެން އަންޑަސްޓޭންޑިން އެއް ބިލްޑު ކުރެވިއްޖެނަމަ މަދު ފަހަރަކު ނޫނީ އެ ޗާންސް ލިބޭ،" ޝާޒް ބުންޏެވެ.

އޭނާ ބުނީ، ދަސްކުރުމާއި ތަފާތު ކަންކަން ތަޖުރިބާކުރުމަކީ ކޮންމެ މަސައްކަތަކުން ވެސް ލިބެން އޮންނަ ފުރުސަތެއް ކަމަށާއި އޭރުން ކުރާ މަސައްކަތާ މެދު އަމިއްލަ އަށް ފަހުރުވެރިވުމުގެ ޗާންސު އޮންނާނެ އެވެ. އަދި އެ މަސައްކަތަކުން އެހެން މީހުންނަށް އާ ކަންތައްތަކެއް ދަސްކޮށްދިނުމުގެ ހިތްހަމަޖެހުން ވެސް ލިބޭނެ ކަމަށް އޭނާ ބުންޏެވެ.

މިއާއި އެކު އަލަށް ކޭކު ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ މީހުންނަށް އޭނާ ދޭން ބޭނުންވާ ނަސޭހަތެއް ވެސް އެބަ އޮތެވެ.

ޝާޒްލީ އޭނާ އަޅާފައިވާ ކޭކަކާ އެކު - ފޮޓޯ: މުހައްމަދު ލިހާޒް


"އާ ކަމެއް ފަށައިގަންނަ އިރު އެއް ފަހަރުން ކާމިޔާބު ނުވެދާނެ. ކޭކު ވިޔަފާރި އަކީ މާބޮޑު އިންވެސްޓްމަންޓެއް ނުކޮށް ވެސް ފެށިދާނެ ކަމެއް. އަހަރެން އަދި ވެސް މި ގެންގުޅެނީ ހަމަ އާދައިގެ އަވަނެއް. މީގަ މުހިއްމު ވަނީ ކުރާ ކޮންމެ ކަމަކަށް ޕެޝަން އެއް އުފެއްދުން. ދެން އެންމެ އިސްކަމެއް ދޭންވީ ކޮންމެ ކަމެއް ކުރިޔަސް އަމިއްލަ ހިޔާލު ގެންގުޅުން. ބޮޑު މާކެޓެއްގައި އަމިއްލަ އައިޑެންޓިޓީ އެއް ކްރިއޭޓް ކުރެވޭނީ އޭރުން،" ޝާޒްލީ ބުންޏެވެ.

އެހެން މީހުންގެ މަސައްކަތްތައް ބަލަމުން، އެމީހުން ތަފާތުކޮށް ކުރަނީ ކޮން ކަމެއްތޯ އާއި ތިމާ އަށް ތަފާތުކޮށް ކުރެވޭނީ ކޮން ކަމެއްތޯ ބަލައިގެން ކޭކާއި ފޮނި ކާތަކެތީގެ ވިޔަފާރިއެއް ވެސް އިންސްޓާ އާއި ޑިޖިޓަލް ޒަމާނުގައި ހީވެސް ނުކުރާހާ އުހަށް ގެންދެވިދާނެ ކަމަށް ޝާޒްލީ ބުންޏެވެ. އޭނާގެ ކާމިޔާބީ އަކީ ވެސް އެއީ އެވެ. ހަތް އަހަރަށްވުރެ ގިނަ ދުވަސް ވީ ތަޖުރިބާއިން އޭނާ އަށް ލިބުނު އެންމެ އަގުހުރި ފިލާވަޅަކީ ވެސް އެއީ އެވެ.