Advertisement

ކިޔުންތެރިންގެ ލޯތްބާއެކު މަންގާގެ ތަހުތުގައި އަދިވެސް "ވަން ޕީސް"

6 އޭޕްރީލް 2021 - 08:45 2

އިބްރާހިމް ސަމީރު

އިބްރާހިމް ސަމީރު


ކިޔުންތެރިންގެ ލޯތްބާއެކު މަންގާގެ ތަހުތުގައި އަދިވެސް "ވަން ޕީސް"

6 އޭޕްރީލް 2021 - 08:45 2

ކުރެހުމުގެ ފަންނާއި، ވާހަކަކިޔައިދިނުމުގެ ފަންނާއި ޖަޕާނުގެ ރަހަތަކާއި ކުލަތައް ދުނިޔެއަށް އުފަންކުރި "މަންގާ" ނުވަތަ "ކުރެހުމުން ހުށަހަޅައިދޭ ވާހަކަތައް" މިއަދު ވަނީ ނަސްލާއި، ބަހާއި، ޤައުމީ އިންތައް ފަހަނައަޅައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފޮތްހަރުތަކުންނާއި "މަންގާ ކިޔުންތެރީންގެ" ހިތްތަކުން ޖާގަ ހޯދައިފައެވެ. އެ ހިތްގައިމުގަކުގެ ކުންނުގައި އޮތީ ކޮން ވާހަކައެއްހޭ އަހައިފިނަމަ، ދެބަސް ނުވެވޭނޭ ޖަވާބަކަށް ވާނީ "ވަން ޕީސް" އެވެ.

ވަން ޕީސް؟

މި ސިލްސިލާ މަންގާ ކިޔުންތެރިން ގޮވައިގެން ދަނީ "ދަ ގްރޭންޑް ލައިން" ގެ ދުނިޔެއަށެވެ. އެ ޚިޔާލީ ދުނިޔޭގައި ކިޔުންތެރިންގެ އެންމެ ގާތް އެކުވެރިޔަކީ މަންކީ ޑީ ލޫފީ އެވެ. ވަރަށް އުފާވެރި މިޒާޖެއްގެ ޒުވާނެކެވެ. ޖާދޫގެ މޭވާއެއް ކެއުމުގެ ސަބަބުން ލޫފީ އަށް ލިިބިފައިވާ އާދަޔާޚިލާފު އެއް ކުޅަދާނަކަމަކީ ދެމި-ކުރުވާ ރަބަރުގަނޑެއްހައި ފަސޭހައިން ހެލިފެލިވެ އުޅެވުމެވެ.

ކޮންމެއަކަސް މި ކުޅަދާނަކަމުގެ ބޭނުން ހިފައިގެން ދަ ގްރޭންޑް ލައިންގެ ކޮންމެވެސް ހިސާބެއްގައި ފޮރުވިފައިވާ، ދުނިޔޭގެ އެންމެ އަގުހުރި "ޓްރެޝަރ" އޮތް ތަނެއް ދެނެގަނެ، އޭގެ އެހީގައި، ފޭރޭމީހުންގެ (ޕައިރެޓުންގެ) ރަސްކަން ހޯދުމުގެ ދަތުރު ލޫފީ ފަށައެވެ.

"ވަން ޕީސް" ގެ ނަމުން މަޝްހޫރުވެފައިވާ މި އަގުހުރި އެތި ހޯދުމަށް ލޫފީ ކުރާ ދަތުރުގައި ތަފާތު އެކި ހުނަރުގެ އެކި ފަންނުގެ މިތުރުނާއި ހަތުރުނާ ދިމާވެއެވެ. އޭގެ ތެރެއިން ލޫފީ އަށް ވަފާތެރި ބައިވެރީންނާއެކު "ސްޓްރޯ ހެޓްސް" ގެ ނަމުގައި ގްރޭންޑް ލައިންގެ އެކި ހިސާބުތަކަށް ދަތުރުކޮށް އަތްފުނާ އަޅައެވެ. މި ދަތުރުތަކުގައި ދިމާވާ ހާދިސާތަކާއި އޭގެ ސަބަބުން ލޫފީގެ ހަޔާތް ބަދަލުވެގެންދާ ގޮތާއި، ލޫފީ އާ ދިމާވެ ގުޅުން ބަދަހިވާ އެކުވެރީންނާއި، ދެކޮޅުވެރިވެ ހީލަތް ހަދާ ހަތުރުންގެ ޝައުޤުވެރި ވާހަކަތަކުން ކިޔުންތެރީންގެ ލޯބި ކިތަންމެ ރަނގަޅަކަށް ވެސް މި ސިލްސިލާއިން ވަނީ ހޯދައިފައެވެ.

ޖަޕާނުގެ ހުނަރުވެރި ކުރެހުންތެރިޔާ އެއިޗިރޯ އޮޑާ 1997 ގެ ޖުލައި 22 ގައި "ވަން ޕީސް" ފުރަތަމަ އަދަދު ނެރުނީއްސުރެ، މިއަދާ ހަމައަށް ނެރުނު 98 ވޮލިއުމާއެކު މި ސިލްސިލާ މިހާރު ހިމެނެނީ އެންމެ ދިގު މަންގާ ވާހަކަތަކުގެ 25 ވަނައިގައެވެ. އަދި މިހައިތަނަށް ވަން ޕީސްގެ 480 މިލިޔަން ކޮޕީ ވިކިފައިވާއިރު މި ސިލްސިލާއާ އެކު އެކަކު އެންމެ ދިގު މަންގާ ސިލްސިލާއެއް ލިޔެ، ނެރުމުގެ ރެކޯޑު އޮތީ ވެސް އޮޑާގެ އަތުގައެވެ.

މިހައި ބޮޑު ތަރުހީބެއް – ކީއްވެ؟

ވަން ޕީސް ގެ އެކި ކެރެކްޓާތައް ގެނެސްދިނުމުގައި އޮޑާ ގެ ވިސްނުން ގެންގުޅެފައިވާ ގޮތާއި ކެރެކްޓާތަކުގެ ފަސްމަންޒަރު ނުވަތަ "ބްކް ސްޓޯރީ" ގެ އިތުރުން ކޮންމެ އަދަދެއްގައި ވެސް ދިމާވާ ތަފާތު ޝައުޤުވެރި އަދި ނޭވާ ހިފަހައްޓައިލަންޖެހޭ ފަދަ ހާދިސާތަކަކީ މި މަންގާ މިހާ މަޤްބޫލުވުމުގެ މައިގަނޑު ސަބަބުތައް ކަމަށް މަންގާ ރިވިއުކުރާ ފަރާތްތަކުން ދެކެއެވެ. އަދި ޖަޕާނާއި ޖަޕާނުން ބޭރުގައި ވެސް މަންގާ ކިޔުންތެރީން ބޭނުންވާ ކަހަލަ ރަހަތަކާއި ކުލަތައް ހިމަނައިގެން މެދުނުކެނޑި ސިލްސިލާ ނެރެމުން ދިއުމަކީ ވެސް އޭގެ ސިއްރެކެވެ.

ލޫފީ އާއި އޭނާގެ ބައިވެރީން އެބުނާ "ވަން ޕީސް" އެއް ހޯދަން މަސައްކަތްކުރާތާ ސައުވީހަކަށް އަހަރު ވެފައިވާއިރު ގިނަ އަދަދުތަކުގައި އެވެރީންނަށް "ވަން ޕީސް" އަަތުނުވެ ދަނީ ހަމަ ކިރިޔަކިރިޔާއެވެ. ކޮންމެއަަކަސް 24 އަހަރު ވޭތުވެގެން ދިޔައިރު ކިޔުންތެރިންގެ މެދުގައި "ލޫފީގެ ވަން ޕީސް ހޯދުން" ވަނީ، ކަންކަމަށް މަސައްކަތްކޮށް ކާމިޔާބު ނުވީމާ ބުނެއުޅޭ އަތްމަތީ މިސާލުބަހަކަށް ވެފައެވެ.

މި ހުރިހާ ކަމަކާއެކު މިއަދު ވަން ޕީސް އަކީ ހަމައެކަނި މަންގާއެއް ނޫނެވެ. އެ ސިލްސިލާގެ ކާމިޔާބީ އިން މިއަދު އެތައް ކުރިއެއް ފަޅައި، ކުޅޭ ސާމާނާއި، އަންނައުނާއި، ފޮތް ފަންސުރުން ފެށިގެން ގޮސް، ވީޑިއޯ ގޭމުތަކާއި، އެނިމޭ ޓީވީ ސީރީޒް ތަކުގެ އިތުރުން ގޫޗީ ފަދަ މަޝްހޫރު ފެޝަން ބްރޭންޑްތަކުން އެ ބްރޭންޑްތަކުގެ އުފެއްދުންތައް އިޝްތިހާރުކުރުމަށް ލޫފީ އާއި ޓީމުގެ މެންބަރުން\ އެންމެސެޑަރުންގެ ގޮތުގައި ވެސް ވަނީ ހަަމަޖައްސައިފައެވެ.

ކުރުކޮށް ބުނާނަމަ ލޫފީ އާއި ސްޓްރޯހެޓްސް އަށް މިހާރު ދެން ނުވެއޮޮތް ހަމައެކަނި ކަމަކީ "ވަން ޕީސް" ހޯދުމެވެ. އެކަަމަކު އެ ދުވަސް ވެސް ދެން އޮތީ މާ ދުރަކު ނޫންކަމަށް ބެލެވެއެވެ. މިދިޔައަހަރުގެ އޯގަސްޓް މަހު އެއިޗިރޯ އޮޑާ ވަނީ، ވަން ޕީސް ގެ ވާހަކަ ނިމުމަކާ ގާތް ވެއްޖެކަކުގެ އިޝާރާތެއް ދީފައެވެ. ފަހަރުގައި މިއީ ވަން ޕީސްގެ ވާދަވެރި މަންގާތައްކަމުގައިވާ ނަރުޓޯ އާއި ޑްރެގަން ބޯލް ގެ ފޭނުން ހިތް އުފާވާކަހަލަ ޚަބަރަކަށް ވެސް ވެދާނެއެވެ. ނަމަވެސް ގައިމުވާ ކަމަކީ މަންގާގެ ތާޖު ވަން ޕީސް ގެ "އިސްތަށިފުޅުން ނެގުމަކީ" ފަސޭހަކަމަކަށްނުވާނޭކަމެވެ.