Advertisement

"ގޮޑްޒިލާ" އާއި "ކޮންގް" ނުކުމެ، ކޮވިޑުތެރޭ ފަޅުވެފައި އޮތް ސިނަމާތައް ފުރައިލައިފި

6 އޭޕްރީލް 2021 - 08:28 0

އިބްރާހިމް ސަމީރު

އިބްރާހިމް ސަމީރު


"ގޮޑްޒިލާ" އާއި "ކޮންގް" ނުކުމެ، ކޮވިޑުތެރޭ ފަޅުވެފައި އޮތް ސިނަމާތައް ފުރައިލައިފި

6 އޭޕްރީލް 2021 - 08:28 0

މީގެ ދެހަފުތާ ކުރިން ޗައިނާގައި ރިލީޒްކުރުމަށްފަހު، މިދިޔަ ހަފުތާގައި އެމެރިކާގެ ސިނަމާތަކުގައި ދައްކަން ފެށި "ގޮޑްޒިލާ ވާސަސް ކޮންގް" ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޯދި 284.5 މިލިޔަން ޑޮލަރާއެކު ބޮކްސް އޮފީހާއި ސިނަމާތަކަށް ދިރުން ގެނެސްދީފި އެވެ.

ވޯނާ ބްރަދާސް އިން އެޑަމް ވިންގާޑްގެ މޭސްތިރިކަމުގެދަށުން 160 މިލިޔަން ޑޮލަރު ހަރަދުކޮށްގެން އުފެއްދި މި ފިލްމު ޗައިނާގައި އެޅުވި ހަފުތާބަންދުގައި އެކަނިވެސް އެ ވަނީ 70 މިލިއަން ޑޮލަރުގެ އާމުދަނީއެއް ހޯދައި، ވޭތުވެ ދިޔަ ދެ އަހަރު ތެރޭ ޗައިނާގައި ނެރުނު އެންމެ މަޤުބޫލު ފިލްމުގެ ޝަރަފު ހޯދައިފަ އެވެ. ފިލްމު ނެރުނުތާ ދެ ހަފުތާތެރޭ، ޗައިނާގައި މި ފިލްމު ބެލި މީހުންގެ ނިސްބަތަށް ބަލާއިރު، މި ސިލްސިލާގެ ކުރީގެ ފިލްމުތައްކަމަށްވާ "ސްކަލް އައިލެންޑާއި" "ކިންގް އޮފް ދަ މޮންސްޓާސް" އަށް ލިބުނު ތަރުހީބަށް ވުރެ މި ފިލްމުގެ މަގުބޫލުކަން ދެގުނަ އިތުރުކަން ސިނަމާޓިކެޓު ވިޔަފާރީގެ ތަފާސްހިސާބުތަކުން ވަނީ ހާމަވެފަ އެވެ.

ގޮޑްޒިލާ ފްރެންޗައިޒް ގެ 36 ވަނަ، އަދި ކިންގް ކޮންގް ފްރެންޗައިޒް ސިލްސިލާގެ 4 ވަނަ ފިލްމުގެ ގޮތުގައި ނުކުމެ ކޮވިޑްތެރޭ އަޑިއަޅައިލި ސިނަމާތަކުގެ ދުނިޔެއަށް އާ ދިރުމެއް ގެނެސްދީފައިވާއިރު ސިނާއަތުގެ ގިނަ ބަަޔަކު ދެކޭ ގޮތުގައި ކޮވިޑުގެ "ފުރަބަންދުތަކާއި" "ގޭބަންދުތަކުން" ވީއްލުމުން ސިނަމާތަކަށް ގޮސް ފިލުމު ބެލުމާމެދު މީހުންގެ ސައުގުވެރިކަން އޮވެދާނޭ ގޮތަކާމެދު ސިނާއަތުގެ "ހިތުގައި" އުފެދިފައިއޮތް ނުތަނަވަސްކަން ކިންގް ކޮންގް އާއި ގޮޑްޒިލާ މި ވަނީ ފިލުވައިލަދީފަ އެވެ.

މި ފިލްމު ނެރުމުގެ ކުރިން. ކޮވިޑުތެރޭ އެންމެ ވިޔަފާރި ރަނގަޅު ފިލްމުގެ މަގާމުގައި އޮތީ ރިލީޒްކުރި ހަފުތާގައި 16.7 މިލިޔަން ޑޮރަލު ހޯދި "ވޮންޑާ ވުމަން 1984" އެވެ. އޭގެ ފަހަތުން 13.7 މިލިޔަން ޑޮލަރާއެކު ދެވަނައިގައި އޮތީ ފެބުރުއަރީ މަހު ސިނަމާތަކަށް ނެރުނު "ޓޮމް އެންޑް ޖެރީ" އެވެ.

"ގޮޑްޒިއްލާ ވާސަސް ކޮންގް" ގައި ގެނެސްދީފައިވަނީ ކިންގް ގިޑޯރާގެ މައްޗަށް ކޮންގް ކާމިޔާބީ ހޯދިތާ 5 އަހަރު ފަހުން ހިނގާ ހާދިސާތަކެކެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި މި ފްރެންޗައިސްގެ ދެކެފަރިތަ ގިނަ މޫނުތައް ހިމެނޭއިރު އެލެކްޒެންޑަރ ސްކަރސްގާޑް ފަދަ އައު ތަރިން މުހިންމު ރޯލުތައް ކުޅެފައިވެއެވެ. ކޮންމެއަކަސް ފިލްމުގައި ދެން ވާ ގޮތުގެ ވާހަކަ ނުދައްކައި މިހައި ހިސާބަށް ކުރުކޮށްލަމާ ހިނގާށެވެ.

ކޮވިޑުގެ ހާލަތަށް ފަހު ސިނަމާތަކުގެ ވިޔަފާރި ރަނގަޅުވާން ފަށައިފައި ވީނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ގިނަ ސިނަމާތައް ހުޅުވަންޖެހުމުގެ ސަބަބުންއިހަށް ހެން ސިނަމާތައް ފުރައިލެވޭ ގޮތް ނުވުމާއެކު، އެކަން ފޫބެއްދުމަށްޓަކައި ޑިޒްނީ އާއި ވޯނަރބްރަދާސް ފަދަ ގިނަ ކުންފުނިތަކުން އަންނަނީ އެވެރީންގެ އެކި ސްޓްރީމިން ޕްލެޓްފޯމުތަކުގައި ވެސް ފިލްމުތައް އާންމުކުރަމުންނެވެ.

ނިމިގެން ދިޔަ 2020 ސިނަމާތަކަށާއި ފިލްމު އިންޑަސްްޓްރީއަށް ޖުމުލަކޮސް "ވަނދު" އަހަރަކަށް ވީ ނަމަވެސް، މިއަހަރު ފެށުނީއްސުރެ މިއަދާ ހަމައަށް އިއުލާނުކޮށްފައިވާ ފިލްމުތަކާއި ނެރެފައިވާ އާ ޓްރެއިލާތަކަށް ބަލާއިރު ފިލްމު ބެލުމަށް ލޯބިކުރާ ފަރާތްތަކަށް އަހަރުގެ ބާކީ އޮތް ދުވަސްތަކުގެ ކަލަންޑަރު ފެންނަނީ ވަރަށް "ފުލުކޮށެވެ".