Advertisement

ވަރުގަދަ ދެ ފިލްމް: ޕަރިނީތީގެ ކެރިއަރަށް ކުރިއެރުން

4 އޭޕްރީލް 2021 - 13:51 0


ވަރުގަދަ ދެ ފިލްމް: ޕަރިނީތީގެ ކެރިއަރަށް ކުރިއެރުން

4 އޭޕްރީލް 2021 - 13:51 0

ބްރޭކަކަށް ފަހު އެނބުރި އައި އެކްޓްރެސް ޕަރިނީތީ ޗޯޕްޅާގެ ވަރުގަދަ ދެ ފިލްމް ގާތްގާތުގައި ރިލީސްކުރުމަކީ ބޮލީވުޑް ކެރިއަރުގައި އޭނާ އަށް އަލުން ކާމިޔާބު ހޯދަން ކޮށުނު މަގެއް ކަމަށް ބުނެފި އެވެ.

މި އަހަރު ރިލީސްކުރި ޕަރިނީތީގެ ފުރަތަމަ ފިލްމަކީ ފެބްރުއަރީ މަހު ނެޓްފްލިކްސް އިންޑިއާގެ ތުރިލާ "ދި ގާލް އޮން ދަ ޓްރެއިން" އެވެ. އެ ފިލްމަށް ޑިޖިޓަލް ޕްލެޓްފޯމްގައި ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.

މިދިޔަ އަހަރުގެ މާޗް މަހު ރިލީސް ކުރަން އޮތް ޕަރިނީތީގެ "ސަންދީޕް އޯރް ޕިންކީ ފަރާރް" ވަނީ މިދިޔަ މަހު 19 ގައި ރިލީސްކޮށްފަ އެވެ. އެކަމަކު އެ ފިލްމަށް ވުރެން ބޮޑަށް ސިނަމާތަކުގައި ބޮޑަށް ހިނގަމުން އަންނަނީ ދުނިޔޭގެ އެއް ވަނަ ބެޑްމިންޓަން ކުޅުންތެރިޔާގެ މަގާމު ހޯދި އިންޑިއާގެ ސައިނާ ނެހްވާލްގެ ހަޔާތަށް ބިނާކޮށް ހެދި "ސައިނާ" އަށެވެ. އެ ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި އުމުރުން 32 އަހަރުގެ ޕަރިނީތީ ބުނީ ގާތްގާތުގައި އޭނާގެ ތިން ފިލްމް ރިލީސްކުރުމަކީ އޭނާ ވަރަށް ދެކެން ބޭނުންވެފައި ހުރި ކަމެއް ކަމަށާއި އެކަން ހަގީގަތަކަށް ވުމުން ފަސްބެލުމެއް ނެތި ކުރިއަށްދާން ބޭނުންވާ ކަމަށެވެ.

ސައިނާ ފިލްމްގެ މަންޒަރެއްގެ ތެރެއިން ޕަރިނީތީ


"އަހަންނަށް އިޝަގްޒާދޭ އިން 2012 ވަނަ އަހަރު ނެޝަނަލް އެވޯޑް ލިބުނު ފަހުން މާ ބޮޑު ފިލްމެއް ނުލިބި މިދިޔައީ. ބޭނުންވަނީ މި ތިން ފިލްމަށް ފަހު އިތުރު މަސައްކަތްތައް ހޯދަން. ގިނަ ބަޔަކު އެބަ ބުނޭ ކުރީގެ ޕަރިނީތީ އެނބުރި އައީ އޭ. އެހެނެއް ނޫން. އަހަރެން ބޭނުންވަނީ މޮޅު އެކްޓްރެކްސެއްގެ ގޮތުގައި އިންޑަސްޓްރީގައި ކުރިއަށްދާން," ޕަރިނީތީ ބުންޏެވެ.

ޕަރިނީތީ ބުނީ ރަނގަޅު ފިލްމެއް ނަގަން މިހާރު އޭނާގެ ދައްތަ ޕްރިޔާންކާގެ އެހީ ހޯދާ ކަމަށާއި ލިބޭ ޕްރޮޖެކްޓްތަކުގައި ބޮޑަށް ވިސްނަނީ ލިބޭ ރޯލު ބޮޑު ވުމަށް ވުރެ ރަނގަޅު ވާހަކައެއްގެ މައްޗަށް ހަދާ ފިލްމުތަކުގައި މަސައްކަތްކުރުން ކަމަށެވެ.

"ދި ގާލް އޮން ދަ ޓްރެއިން އަކީ ސްޓޯރީ ރީތި ފިލްމެއް ވީމަ ނެގީ. ދެން ސައިނާ ފިލްމަކީ ތަފާތު ތަޖުރިބާއެއް. އެ ކެރެކްޓާގައި ފިލްމެއް ކުޅެލެވުމަކީ ފަހުރެއް. ވަރަށް ގިނަ ބަޔަކަށް ހަގީގަތުގައި މި ފިލްމް ކަމުދިއުމަކީ ކެރިއަރަށް ވެސް ފައިދާކުރާނެ ކަމެއް," ޕަރިނީތީ ބުންޏެވެ.

އިންޑިއާގެ ބައެއް ފިލްމް ކްރިޓިކް ޕޭޖްތަކުން ބުނާގޮތުގައި "ސައިނާ" ގެ ރޯލު ޕަރިނީތީ ކުޅެފައިވަނީ ވަރަށް ފުރިހަމަ ކޮށެވެ. މީގެ ކުރިން ކުޅިވަރު ތަރިއެއްގެ ހަޔާތަށް ބިނާކޮށް ހެދި ފިލްމެއްގައި އެންމެ މޮޅަށް އެކްޓްކޮށްފައިވަނީ 2016 ވަނަ އަހަރު ސުޝާންތު ސިންގް ރާޖްޕޫތު ފެނިގެންދިޔަ "އެމްއެސް ދޯނީ - ދި އަންޓޯލްޑް ސްޓޯރީ" ގަ އެވެ. އެއީ އިންޑިއާގެ ކުރީގެ ކެޕްޓަން މަހިންދުރަ ސިންގް ދޯނީގެ ހަޔާތަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.