Advertisement

މިޒޫ މި ކިޔައިދެނީ އެންޑޯމެޓްރިއޯސިސްގެ އެނގެންޖެހޭ ވާހަކަތައް

3 އޭޕްރީލް 2021 - 09:36 1

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


މިޒޫ މި ކިޔައިދެނީ އެންޑޯމެޓްރިއޯސިސްގެ އެނގެންޖެހޭ ވާހަކަތައް

3 އޭޕްރީލް 2021 - 09:36 1

އެންމެ ފުރަތަމަ ޕީރިއަޑް ވާން ފެށިއިރު، އެ އުމުރުގެ ބައެއް އަންހެން ކުދިންނެކޭ އެއްގޮތަށް ފާތުމަތު މިޒްނާ އަލީގެ ޕީރިއަޑް ވެސް އިރެގިއުލާ އެވެ. އެކަމަކު އެއީ މައްސަލައެއް ނޫނެވެ. ބައިވަރު އަންހެން ކުދިންނަށް އެ މައްސަލަ ދިމާވެ އެވެ. އޭނާ އަށް ވެސް، މައިންބަފައިންނަށް ވެސް އެކަން ނެގުނީ އެގޮތަށެވެ.

އުމުރުން 17 އަހަރުގައި އެއްފަހަރު، ޕީރިއަޑް ވާންފެށި ގޮތަށް ލޭއައުން ހުއްޓޭކަށް ނޫޅުނެވެ. ދެން ދެއްކީ ޑޮކްޓަރަށެވެ. ވަގުތުން ޕޮލިސިސްޓިކް އޮވޭރިއަން ޑިސީސް (ޕީސީއޯއެސް) އަށް ޑައިގްނޯސް ކުރިއެވެ. ހައްލަކަށް ޑޮކްޓަރު ދެއްވީ މީހަކާ އިންނަންދެން ގަވާއިދުން ދޭތެރެ ދުރުކުރުމަށް ކާ ބޭސް، ނުވަތަ ކޮންޓްރަސެޕްޓިވް ޕިލްސް ކެއުމަށެވެ. އެ ނޫން ގޮތެއް ނެތް ކަމަށް ވިދާޅުވި އެވެ. އެހާ ހިސާބުން ގަވާއިދުން ބޭސް ބޭނުންކުރަން ފެށި އެވެ.

އުމުރުން 21 އަހަރުގައި ކައިވެންޏެއް ކުރި އެވެ. ދެން ވާން ފެށީ މާ ތަފާތު ގޮތެކެވެ. އަނބިފިރިކަމުގެ ގުޅުން ހިންގާ ފަހަރުތަކުގައި މާ ބޮޑަށް ތަދުވާން ފެށި އެވެ. ވާ ތަދުން ކެތް ވާ ވަރެއް ނޫނެވެ. އެކަމަކު އެ ތަދެއްގެ ވާހަކަ ބުނާކަށް ނުކެރުނެވެ. ލަދުވެތި ވާހަކަ އެކެވެ.

އެހެން ހުއްޓައި ދެން ކުރިމަތިލާން ޖެހުނީ އެއަށް ވުރެ އަދި މާބޮޑު ވޭނެކެވެ. ބޮޑު ކަމުދާއިރު، ހަށިން ފުރާނަ ނިކުމެގެން ދާ ވަރަށް ތަދުވާން ފެށި އެވެ. ވާ ތަދުން ލޮލުން ކަރުނަ ހިލި، ހަށިގަނޑުން ހަކަތަ ހުސްވާހާ ވެ އެވެ.

"އޭރުވެސް ނޭނގެ މިއީ ކިހިނެއް ވެގެން ވާ ކަންކަމެއް ކަމެއް. މާ ފަހުން އެނގުނީ މިއީ ހުސް 'އެންޑޯމެޓްރިއޯސިސް' ގެ އަލާމާތްތަކެއް ކަން،" މިއީ އެންޑޯމެޓްރިއޯސިސް އަށް ހޭލުންތެރި ކުރަން ޖަމިއްޔާ އެއް އުފައްދައިގެން އަޑު އުފުލަމުންދާ، އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައުންޑާ، ފާތުމަތު މިޒްނާ އަލީ އަށް، އޭނާގެ ބައްޔަކީ ކޯއްޗެއް ކަން އެނގުމުގެ ކުރިން ތަހައްމަލު ކުރި ވޭންތަކުގެ އެއް ބައެވެ.

"އޭރު އެ ހުރިހާ ކަމަކާ އެކު މެލޭޝިއާގައި މަތީ ތައުލީމަށް ކިޔަވަމުން ދިޔައީ ވެސް. ދެން ނިމިގެން މާލެއަށް އައިސް މި ހުރިހާ ކަމަކާ ހެދި ޑޮކްޓަރަށް ދައްކަން ފެށީ. ހީކޮށްގެން ހުރީ ހަމަ ޕޮލިސިސްޓިކްގެ އުނދަގޫތަކޭ މި ދިމާވަނީ."

އެކަމަކު ކަންވީ އެހެނެެއް ނޫނެވެ. މާލެއިން ދެއްކި ފުރަތަމަ ޑޮކްޓަރު ލަފާކުރީ ޕޮލިސިސްޓިކް އަށެވެ. ވިދާޅުވީ، ކޮންޓްރެސެޕްޓިވް ނެގީމާ އަމިއްލައަށް ސިސްޓުތައް ކުޑަވެގެން ހިނގައިދާނެއޭ އެވެ. އެކަމަކު ދުވަސްތަކެއް ވީ އިރު ވެސް އަޅާ ވޭނަށް ލުޔެއް ނުލިބި، އިތުރު ޑޮކްޓަރަކަށް ދައްކަން މަޖުބޫރުވި އެވެ.

ދެވަނަ ޑޮކްޓަރު ބަލާފައި ސްކޭން ކޮށް ޗެކުކޮށްފައި ބުނުއްވީ "އެންޑޯމެޓްރިއޯސިސް"' އޭ އެވެ. ކިހިނެއް ކޮން ގޮތަކަށް ވާ ކަމެއް ކަމެއް ސާފުކޮށެއް ނުދެއްވަ އެވެ. ވީހާވެސް އަވަހަށް ސާޖަރީއެއް އެއް ކުރަން ވާނެއޭ ވިދާޅުވެ ލިޔެދެއްވީ އައިޖީއެމްއެޗްގައި އެޑްމިޓްކުރަން ފޯމެކެވެ.

"ދެން އަޅުގަނޑު އަހައިފިން ކިހިނެއް ހެއްޔޭ ސާޖަރީ ހަދަނީ. ބުނީމަ ވިދާޅުވީ ބަނޑު ކަފާލައިގެންނޭ ސާޖަރީ ހަދަނީ. އޭރު ކުއްޖަކުވެސް ނުލިބޭތީ އެގޮތް ބޭނުން ނުވެގެން ލަންކާގެ ނަވަލޮކާ ހޮސްޕިޓަލަށް ދިޔައީ. އޮންލައިން ކޮށް ވާހަކަ ދައްކައި ހުރިހާ މައުލޫމާތެއް ވެސް އޮޅުންފިލުވައިގެން. އެމީހުން ބުނީ އެއްކޮށް ފަޅާނުލައި ލެޕްރޮސްކޯޕީއަކުން ވެދާނެ އޭ،" މިޒްނާ ކިޔައިދިނެވެ.

ލެޕްރޮސްކޯޕީ އަކީ ދަށް ބަނޑުން އެތެރޭގައި ހުންނަ ގުނަވަންތައް ޗެކުކުރަން، ދިގުކޮށް ހިމަކޮށް، ހޮޅިއެއް ގޮތަށް އޮންނަ ލެޕްރޮސްކޯޕެއް ވައްދައިގެން ކުރާ ކުޑަ ސާޖަރީއެކެވެ.

ހޮސްޕިޓަލުން ބުނީ، ކުޑަ ކުޑަ ސާޖަރީ އަށް ހޭދަވާނީ އެންމެ ތިރީސް މިނިޓު ކަމަށެވެ.

"އެކަމަކު އޯޕަން ކޮށްފަ ތިން ގަޑިއިރު ނެގި. އިޓް ވޯސް ސޯ ބޭޑް. ޑޮކްޓަރުން ވިދާޅުވީ ހުރިހާ ފަށަލަތަކަށާއި ދޭތެރެއަށް ހުރީ ލޭއެޅި ތަތްވެފަކަމަށް،" މިޒްނާ ބުންޏެވެ.

އެންޑޯމެޓްރިއޯސިސް އަކީ ކޯއްޗެއް؟

އެންޑޯމެޓްރިއޯސިސްއަކީ އަންހެނުންނަށް ޖެހޭ ބައްޔެކެވެ. މީގައި ވާގޮތަކީ، އަންހެނާގެ ރަހިމުގައި ހުންނަ ލޭގެ ފަށަލަތަކުގައި ހުންނަ ޓިޝޫ، ކޮންމެވެސް ސަބަބަކާ ހެދި، ހަށިގަނޑުގެ އެހެން ގުނަވަންތަކުގައި އުފެދޭ ގޮތް މެދުވެރިވަނީ އެވެ.

އޭގެ ސަބަބުން، ޕީރިއަޑް ވާއިރު، އެ ޓިޝޫތަކުން ވެސް ހަށިގަނޑުގެ ތެރެއަށް ލޭ ލީކުވެ އެވެ. މިގޮތަށް ލީކުވާ ލޭ ބޭރުވާނެ ގޮތެއް ނުހުންނާތީ، މި ލޭގެ ސަބަބުން މި ޓިޝޫތައް އުފެދޭ ގުނަވަންތައް ބައެއް ފަހަރު އެއް ގުނަން، އަނެއް ގުނަވަނާ ޖެހި ތަތްވާ ގޮތް ވެސް މެދުވެރިވެ އެވެ.

އެންޑޯމެޓްރިއޯސިސް އަކީ ކްރޮނިކް ބައްޔެކެވެ. އެހެންވީމާ ސާޖަރީއެއް އެއްފަހަރު ހަދައިގެން އުމުރު ދުވަހަށް މިއަކުން މިންޖެއް ލިބޭގޮތަށް އޮތް ބައްޔެއް ނޫނެވެ.

"އެހެންވީމަ، މި އޮޕަރޭޝަން ނިމި ޑީޓެއިލް ރިޕޯޓު ލިބުނު އިރު އެނގުނީ، އޯވަރީ އާއި ޔުޓެރަސް އާއި ބޮޑުކަމުދާ ދާ ހޮޅި ނުވަތަ ރެކްޓަމް ހުރީ ފަހަތަށްޖެހި، އެ ހުރިހާ އެއްޗެއްގެ ދޭތެރެއަށް ލޭއެޅި އެ ލެއިން އެކީ އެކައްޗަކަށް ހުރިހާ އެއްޗެއް ތަތްލަވާފަ ކަން. ފާހާނަ އަށް ދާއިރު ވެސް އެހާ ބޮޑަށް ތަދު ވަނީ އެހެންވެ،" މިޒްނާ ބުންޏެވެ.

އެންޑޯމެޓްރިއޯސިސްގެ އަލާމާތްތައް

- ގަވާއިދުން މައްސަރު ކަންތައް ނުޖެހުން

- ދަރިމައިވުމަށް ހުރަސްތަކެއް ދިމާވުން

- އުނަގަނޑުގައި ރިއްސުން

- ކާއެއްޗެހި ހަޖަމްކުރަން އުނދަގޫވުން

- މޭގައި ރިއްސުން

- އޯވިއުލޭޝަން ދުވަސްކޮޅު ތަދުވުން

- ކުޑަކަމުދާއިރާއި ބޮޑުކަމު ދާއިރު ތަދުވުން

- ދެމަފިރިކަމުގެ ގުޅުން ހިންގާއިރު ތަދުވުން

- ދަށް ބަނޑުގައި އާދަޔާ ހިލާފަށް ރިއްސުން

މި ނޫނަސް އެކި މީހުންނަށް ދިމާވާ އަލާމާތްތައް ތަފާތުވެދާނެ އެވެ.

މިއިން އަލާމާތެއް ހުންނަ ނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަކާއި މަޝްވަރާކުރުމަކީ މުހިއްމު ކަމެކެވެ.

ޑރ. ޝަޒްމާ އަކީ އެގްޒެކެޓިވް މެމްބަރެކެވެ. އަދި ޑރ. ޖުމައިލަތު ބޭގަމް އަކީ އެޑްވައިޒަރީ ބޯޑުގެ މެމްބަރެކެވެ.

އަހަރުތަކެއް ވަންދެން ވޭނާއި ތަދާއި ވާނުވާ ގައި އުޅުމަށްފަހު، ބަލި ޑައިގްނޯސްވެ، ކުރަމުންދާ ފަރުވާ އާއި އެކު މީގެ ހަތަރު އަހަރު ކުރިން އޭނާ ވަނީ އައިވީއެފް މެދުވެރިކޮށް ބަލިވެ އިނދެ އެއްމާބަނޑު ދެކުދިން ވިހައިފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު، ނޯމަލް ޕްރެގްނަންސީއެއްގައި އިތުރު ކުއްޖަކަށް ބަލިވެ އިނދެ ވިހޭ ދަރިފުޅަށް މިހާރު 10 މަހެވެ.

ކުރިންވެސް ބުނިހެން، އެންޑޯމެޓްރިއޯސިސް އަކީ ކްރޮނިކް ބައްޔެކެވެ. އުމުރަށް އެއާއި އެކުގައި އުޅެންޖެހޭ ބައްޔެކެވެ.

ހައިރާންވާންޖެހޭ ވަރުގެ ކަމަކީ، މިއީ ދިރާސާތަކުން ދައްކާގޮތުން، ބަލި ތަކުގެ ތެރެއިން އެންމެ ވޭންއަޅާ 20 ބަލީގެ ތެރޭގައި ހިމެނޭ ބައްޔެއް ކަމެވެ. އެކަމަކު އަހަރެމެންނަށް މީގެ ވާހަކަ އަޑު އިވެން ފެށުނީ އަދި ކިރިޔާ އެވެ.

ރާއްޖޭގައި ލެޕްރޮސްކޯޕީ އައިޖީއެމްއެޗް އާއި އޭޑީކޭއިން ހެދެން ހުރެ އެވެ. އެކަމަކު މީގެ އަލާމާތެއް ހުރެއްޖެ ނަމަ ފުރަތަމަ ގައިނީ ޑޮކްޓަރަކާއި މަޝްވަރާކޮށްލާށެވެ.

ނޯޓް: މި އާޓިކަލް އަށް މައުލޫމާތު ނަގާފައިވަނީ މަޔޯ ކްލިނިކްގެ ވެބްސައިޓް، އިންސްޓަރގްރާމްގައި އެންޑޯމެޓްރިއޯސިސްއަށް އެވެއާނަސް ކޮށްދޭ އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ޕޭޖްތަކުންނެވެ.