Advertisement

އާ ބާރުތަކާ އެކު މިއީ މާލެއަށް ނަތީޖާ ނެރޭނެ ފަހަރު: އަނަސް

6 އޭޕްރީލް 2021 - 08:20 2

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވައި އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު "އަދަދު" އަށް އިންޓަވިއު ދެއްވަނީ. -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު


އާ ބާރުތަކާ އެކު މިއީ މާލެއަށް ނަތީޖާ ނެރޭނެ ފަހަރު: އަނަސް

6 އޭޕްރީލް 2021 - 08:20 2

އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަވެރިކަން އެންމެ ބޮޑުވެފައި ވަނީ މި އިންތިހާބުގައި އެންމެ ގިނަ މީހުންނަށް ވޯޓުލެވޭ މާލޭ ސިޓީގެ މޭޔަރުކަމުގެ ގޮނޑި އަށެވެ.

އެއް ކޮޅުން ހުންނެވީ، ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. ވަޒީރު ކަމުގެ ހަތް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ހިންގި އެންމެ ބޮޑެތި, ސިނަމާލެ ބުރިޖު ފަދަ މަޝްރޫއުތަކުގެ މޭސްތިރި އެވެ. ސިޓީ ކައުންސިލުގެ އިހުތިސާސް ތެރޭގައި ހިމެނޭ ގިނަ ކަންކަމަށް ފަރިތަ، އަދި އެހާމެ ތަޖުރިބާކާރު ބޭފުޅެކެވެ.

މުއިއްޒުއާ އެންމެ ގާތުން ވާދަކުރައްވައި، ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު ވަރުން އަޅުވަނީ އެ ނާޅިންނެވެ. މާލެ ސިޓީ ކައުންސިލްގެ ސާފު އަގުލަބިއްޔަތު އެމްޑީޕީއަށް ދިނުމުން ވެސް ހިދުމަތް ނުދެވޭކަމުގެ ޝަކުވާއާ އެކުގަ އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފަސް އަހަރު ފުރުއްވި އަނަސްއަށް ކުރިމަތިވެވަޑައިގެންފައި ވަނީ ފާޑުކިއުމެވެ.

އެ ކަންބޮޑުވުންތަކާއި ފާޑުކިޔުންތަކަށް ވަރަށް ސާފުކޮށް ޖަވާބު ދެއްވުމުގެ އިތުރުން އަނަސް ވަނީ މި އިންޓަވިއުގައި މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރަން ގެންގުޅުއްވާ ތަސައްވުރާއި ވިސްނުން ހިއްސާކޮށްދެއްވައިފަ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން (އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓް) އަނަސްއާ ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު, ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި. ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ހިންގި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގައި އަމަލީ ގޮތުން އުޅުއްވި. ހިންގުމުގެ ދާއިރާގެ ތަޖުރިބާގެ ގޮތުން ބަލާއިރު މުއިއްޒު ފަދަ ބޭފުޅަކު ހުންނަވަނިކޮށް މޭޔަރު ކަމަށް އަނަސްއަށް މާލޭގެ ރައްޔިތުން އިތުބާރު ކުރަންވީ ސަބަބަކީ ކޮބައިތޯ؟

ވަރަށް ރަނގަޅު ވާހަކައެއް. ރައީސް ޔާމީނުގެ ވެރިކަމުގަ އެތައް އަހަރެއް ވަންދެން ހައުސިން މިނިސްޓަރުކަން ކުރެއްވި އަޅުގަނޑާ ވާދަކުރައްވާ ބޭފުޅާ. އެހެންނަމަވެސް، މާލެ ސިޓީ ރައްޔިތުންނަށް ފާހަގަކުރެއްވޭނެ އެ ބޭފުޅާ ކިހިނެއްކަން މާލޭގެ ކަންކަން ރާވާފައި އޮތީ. އަދި ހިންގެވި މަޝްރޫއު ތަކުގައި ވެސް މާލޭގެ ރައްޔިތުންނަށް ކިހާ ދުއްތުރާއްލެއްކަންވީ އެއީ އޮޅިފައި އޮތް ކަމެއް ނޫން.

މާލޭ ސިޓީ ރައްޔިތުންނެއް އެކަމެއް ހަނދާނެއް ނުނެތޭ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް އޮތް ވޯޓަށް ވެސް، ވޯޓު ލުމުގެ ކުރިން ވެސް މާލެ ސިޓީ ރައްޔިތުން އެކަން ހިތުގައި އޮންނާނެ. އެހެންވީމަ އެ ތުރާލުން އަދި އަޅުގަނޑުމެން އަރައިގަންނަން މި އަންނަނީ ލާމަރުކަޒީ އިންތިޒާމުގެ ތެރެއިން ކައުންސިލްތަކަށް މި ބާރުވެރިކަން ދީގެން އަންނައިރު އެބާރުވެރިކަމާ އަނެއްކާވެސް އެ މެދުނުކެނޑި އައި ހަތް އަހަރުގެ ތުރާތައް އިތުރު ފަސް އަހަރަކަށް ތަކުރާރުވާން ދޭކަށް މާލެ ސިޓީ ރައްޔިތުންނެއް ތިބީ ތައްޔާރަކަށް ނޫން.

މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ މިހާތަނަށް ބޭއްވި, ކައުންސިލް ތިން އިންތިހާބުގައި ވެސް އެމްޑީޕީއަށް ދިން. މި ނިމޭ ދައުރުގައި ވެސް 13 ގޮނޑީގެ ތެރެއިން 12 ގޮނޑި ކާމިޔާބުކޮށްދިން. އެކަމަކު މާލޭގެ ރައްޔިތުންގެ އުއްމީދާ ގާތަށް ވެސް ކައުންސިލަށް ކުރެވުނު ކަމެއް ނެތް ކަމުގެ ޝަކުވާ ބޮޑު. އެމްޑީޕީގެ ކައުންސިލަރުން ތިބެގެން ތިން ދައުރުގައި ވެސް މާލޭގެ ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތެއް ކޮށްދެވިފައި ނުވާ ކަމަށް ޕާޓީގެ މެންބަރުންވެސްް ގަބޫލުކުރޭ. މިފަހަރު މެޖޯރިޓީ ދީގެން، ކޮން ޔަގީންކަމެއްތޯ އޮތީ ކައުންސިލްގެ މާޒީ އެގޮތުގައި އަނެއްކާވެސް މާލޭގެ ރައްޔިތުން ތަޖުރިބާކުރަން ނުޖެހިދާނެ ކަމަށް؟

ވޭތުވެދިޔަ ތަނުގައި އިނގޭތޯ، އަދި ހާއްސަކޮށް ރައީސް އަބްދުالله ޔާމީނުގެ ވެރިކަމުގައި އަދި ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ލާމަރުކަޒީ ނިޒާމު އެއްކޮށް ހަނިކުރަމުން ދިޔަ މަސައްކަތް އިނގޭތޯ. ފެށިގެން އައި ހިސާބަކީ 2014 ވަނަ އަހަރު އެބޭފުޅުންގެ ވެރިކަމުގައި މަޖިލިސް މެޖޯރިޓީ ކަމުގެ ދަށުގައި ވާދަކުރެއްވި އެންމެ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބުގައި ގޮނޑިތައް ކާމިޔާބު ކުރީ އެމްޑީޕީން. އެއާ ވިދިގެން އައި ކޮންމެ ބައި އިލްކެޝަނެއްގަ އަޅުގަނޑުމެން މި ދިޔައީ ގޮނޑިތައް ކާމިޔާބުކުރަމުން. އެންމެ ފަހުން 2017 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި ވެސް ބޮޑު ތަނުން އަގުލަބިއްޔަތު ނެގީ އަޅުގަނޑުމެން. މިހެން ގޮސް ދެން އައި ކޮންމެ ބައި އިލެކްޝަނެއް ވެސް އަޅުގަނޑުމެން ދިޔައީ ގޮނޑިތައް ކާމިޔާބު ކުރަމުން އިނގޭތޯ. އެހެންވީމަ މިވީ ގޮތަކީ، ކައުންސިލް އިންތިހާބަކާ ގުޅިގެން އިންތިހާބަކަށް ދާކަށް އަޅުގަނޑުމެންގެ ވާދަވެރި ފަރާތަކުން ބޭނުމެއް ނުވޭ.

އޭގެ ނަތީޖާ އަކީ އޭތި ދަލީލުކޮށްދޭ ކަމަކީ ކައުންސިލަރަކު އިސްތިއުފާ ދެއްވައިފި ކަމަށް ވަންޏާ ބައި އިލެކްޝަނެއް ބާއްވަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހުކުރުން. އޭގެ މާނައަކީ އެ ބޭފުޅުންނަކީ ކައުންސިލް އިންތިހާބަކަށް ކުރިމަތިލާން ކެރިވަޑައިގަންނަވާ ބައެއް ނޫން. އެ ބޭފުޅުން އެ ދިޔައީ ބައި އިލެކްޝަނަކުން ވެސް ބައިވެރިވަޑައިގަތުމަށް ފަސްޖެހިވަޑައިގަތުމަށްޓަކައި، ބައިވެރި ނުވާންވެގެން ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅަމުން.

ދެން އަޅުގަނޑުމެންގެ މެޖޯރިޓީ ކައުންސިލްތައް، ތެދުފުޅެއް ކޮންމެ ކައުންސިލް އިންތިހާބެއްގަ މާލެ ސިޓީއަށް މާލެ ސިޓީ ރައްޔިތުން އެމްޑީޕީ އަށް ކޮންމެ ފަހަރަކުވެސް އިތުބާރު ކުރައްވާ. އޭގައި ނަތިޖާއެއްގެ ގޮތުން އަޅުގަނޑުމެން ގިނަ ގޮނޑި ތަކެއް ނަގަން. 2017 ގައި އަދި ފާހަގަކޮށްލެވޭ އަޅުގަނޑުމެންނަށް ގެއްލުނު ހަމައެކަނި ގޮނޑިއަކީ އެ ގޮނޑިއަށް ވާދަކުރެއްވެވި ކެންޑިޑޭޓު ޕީޕީއެމްގެ ކެނޑިޑޭޓުގެ ޖަލްސާ އެއްގައި އެ ބޭފުޅާއަށް ތާއީދުކުރާކަމަށް އިއުލާނުކުރެއްވީމަ ވެސް އަޅުގަނޑުމެންގެ ކެނޑިޑޭޓު ބަލިވީ އެންމެ 50 ވޯޓުން. އެއީ ވަރަށް ބޮޑު ކަމެއް ދަލީލު ކޮށްދޭ ކަމެއް. އެމްޑީޕީ އަށް މާލެ ސިޓީ ރައްޔިތުން އިތުބާރު ކުރާކަން.

ދެން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ރައީސް ޔާމީނުގެ ވެރިކަމުގައި ކައުންސިލްގެ ބާރުތައް މަދުކުރަމުން ދިޔަތަން. ފެށިގެން އައީ ގާނޫނީ ގޮތުން ދީފައި ހުރި ބާރުތައް ކެބިނެޓަށް އެ ބާރުތައް ނެންގެވުން. ދެން އައީ އިދާރީ ގޮތުން އެ ބޭފުޅުން މަސައްކަތް ކުރުމަށް ދިޔަ ޖާގަ އެ ބޭފުޅުން އަތުން ނަންގަވަމުން ދިޔަތަން. ދެން ފެނިގެން ދިޔައީ އެ ބޭފުޅުން މަސައްކަތް ކުރައްވަން ގެންގުޅުއްވާ ސާމާނު ވެސް އެ ބޭފުޅުން އަތުން ނެންގެވި މަންޒަރު. އެހެންވީމަ އަޅުގަނޑުމެންނަކަށް ހަގީގަތުގައި މި ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް އެންމެ ބޭނުންވާ ގޮތަކަށް ލާމަރުކަޒީ އުސޫލުގެ ތެރެއިން އިންތިޒާމުގެ ތެރެއިން މާލެ ސިޓީއަކަށް މި ހިދުމަތް ފޯރުކޮށްދިނުމުގެ ޖާގައެއް ލިބިފައެއް ނެތް.

އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންނަށް މިއޮތީ އެ ފުރުސަތު ލިބިފައި. އަޅުގަނޑުމެން މިހާރު ގާނޫނަށް ގެނެސްފައި ހުރި ބަދަލުގެ ތެރޭގައި ބޮޑެތި ބާރުތައް އެބަހުރި، މާލީ މިނިވަންކަން އެބައޮތް، ބިޔަބޮޑު ބަޖަޓެއް އެބަ އޮތް. އެހެން ނަމަވެސް މިހާރު މި ތިއްބެވި ކައުންސިލަރުންނަކީ ދައުރުން ބޭރު، އަޅުގަނޑުމެންނަށް މި ބަލިމަޑުކަމާ ހެދި އިންތިހާބު ފަސްވުމާ ގުޅިގެން އެ ބޭފުޅުން ތިއްބެވި ތިއްބެވުމެއް. އެހެންވީމަ ވާނެ ގޮތަކީ މިފަދަ ބޮޑު ބާރެއް ދައުރުން ބޭރުވެ މަގާމު އަޅުގަނޑުމެން އިންތިހާބު ވަންދެން އަދާކުރަމުންދާ ފަރާތްތަކަށް މިފަދަ ބާރުތަކެއް ލިބުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ނުވާތީ މިކަހަލަ ލަސްތަކެއް ވެގެން މިދަނީ.

ނަމަވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި އަޅުގަނޑުމެން އިންތިހާބުވެގެން ހަވާލުވާއިރުގައި ރައްޔިތުން އެދޭ ފަދަ ބޮޑު ބައިވަރު ހިދުމަތްތަކެއް މި މާލެ ސިޓީއަށް ފޯރުކޮށްދެވޭނެ.

މާލެއަކީ މައްސަލަ ފުންޏެއް. ތޮއްޖެހި ދިރިއުޅޭ ކުދި ގޮޅިތަކުން ކާރުބާރުބޮޑު މަގުތަކަށް އަޅާ ފިޔަވަޅާ އެކު ވެސް އެތައް ތަކުލީފަކާއި ހާސްކަން ކުރިމަތިވޭ. ކުރުކޮށް ދަންނަވަންޏާ މާރުކޭޓުތަކުގެ މައްސަލަ. ޓްރެފިކް އާއި ޕާކިންގެ މައްސަލަ. ނުރައްކާބޮޑު ގަރާޖްތަކާއި ވޯކްޝޮޕްތަކުން މާލޭގެ މަގުތައް ވަނީ އިންތިހާއަށް ތޮއްޖެހިފައި. މި މައްސަލަތަކަށް ހައްލު ހޯދާނެ ގޮތްތަކެއް މުއްދަތުތަކެއް ވިދާޅުނުވެ, ބޮޑެތި ވައުދުތަކެއްގެ އަޑު އެބަ އިވޭ ކެންޑިޑޭޓުންގެ ފަރާތުން. މާލެއަށް ބޭނުންވަނީ ތޮއްޖެހުން ނައްތާލުން, އަމާންކަން, ހިތްފަސޭހަކަމާ އެކު ދިރިއުޅެވޭނެ ގޮތެއް. މި ހާސްކަމުން އަރައިގަނެ، މާލެ ލިވަބަލް ތަނަކަށް ހަދަން ގެންގުޅުއްވާ ވިސްނުމަކީ ނުވަތަ ތަރުތީބަކީ ކޮބައިތޯ؟

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން އިނގޭތޯ، ކައުންސިލްތަކަށް ވަރަށް ބޮޑު ޒިންމާއެއް އެބައޮތް ދެއްވާފައި ރައްޔިތުންނާ ގާތުން މަޝްވަރާކޮށްގެން މާލޭގެ މަގުތައް، މާލޭގެ ބިންތައް ބޭނުންކުރާނެ ގޮތެއް ފާސްކުރުން އިނގޭތޯ.

އެއަށް މިކިޔަނީ އަޅުގަނޑުމެން ލޭންޑް ޔޫސް ޕްލޭން އަދި ތަރައްގީގެ ޕްލޭން. މި ދެ ޕްލޭނަކީ ރައްޔިތުންނާ މަޝްވަރާކޮށްގެން ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދައިގެން މެނުވީ ފާސްނުކުރެވޭނެ އެއްޗެއް. މި ޕްލޭން މި ވަނީ މާލެ ސިޓީ ރައްޔިތުންގެ މަޝްވަރާއާ އެކީ ފާސްކުރެވޭ އެއްޗަކަށް ވާތީ އެއަކީ މަރުކަޒީ ސަރުކާރަށް ލާޒިމުވާނެ އަމަލުވެސް ކުރަން އިނގޭތޯ. ސަބަބަކީ ރައްޔިތުންނާ ގާތަށް ގޮސްގެން އެބޭފުޅުން ބޭނުންވާ ގޮތަކަށް މިކަންކަން ފަހި ކުރުމަށްޓަކައި އަދި ތަންފީޒުކުރުމަށް ޓަކައި އަޅުގަނޑުމެންނަށް ވަރަށް މުހިންމު، އަދި ސަރުކާރަށް ވެސް، ސަރުކާރު މައްޗަށް ލާޒިމުވާނެ އެހެން އަމަލުކުރަން އިނގޭތޯ.

މާލެ ސިޓީގައި ހުރި ބިންތައް ބޭނުންކުރާނެ ގޮތް ކަނޑައަޅާނީ މާލެ ސިޓީގެ ރައްޔިތުން. އެ ބޭފުޅުންގެ މަޝްވަރާއާ ހިޔާލާ ހޯދައިގެން މި ކަންކަން ކުރެވޭނީ. ސަބަބަކީ މާލެ ސިޓީގެ މަގުތަކާއި، މާލެ ސިޓީގެ ބިންތަކާ މާލެސިޓީގެ ދެން ވެސް ހުރި ތަންތަން، އެ ތަންތަނުގެ ބޭނުން، ނަފާ ހޯދަން މިތިބީ މާލެ ސިޓީގެ ރައްޔިތުން. އަދި އެ ތަންތަނުގަ ދިރިއުޅުއްވާ އެހެން އެހެނިހެން ރަށްވެހިން. އެހެންވީމަ، އެ ބޭފުޅުންގެ މަޝްވަރާއާ ހިޔާލެއް ނެތި މަރުކަޒީ ގޮތެއްގައި ކައުންސިލުން ކަންކަން ތަންފީޒުކުރަން އެ ބޭފުޅުން މައްޗަށް އުޅުމަކީ އޭގެ އެއްވެސް ފައިދާއެއް ނަފާއެއް ކުރާނެ ކަމެއް ނޫން. އެ ތަނުގެ ބޭނުން ހިފާނެ ބޭފުޅުންނެއް ވެސް ނުތިއްބަވާނެ.

އެހެންނަމަވެސް، އެ ބޭފުޅުންގެ ބައިވެރިވުމާއި ހިޔާލާއި މަޝްވަރާއާ އެކީގައި ކަންކަން ކުރަން އުޅެފި ކަމުގައިވަންޏާ އެ ބޭފުޅުންގެ ބައިވެރިވުމާ އެންމެ އެދެވޭ ގޮތުގަ އެބޭފުޅުންގެ އެއްބާރުލުން އަޅުގަނޑުމެންނަށް ލިބިގެންދާނެ. އެހެންވީމަ އަޅުގަނޑުގެ ވިސްނުމަކީ އަބަދުވެސް ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ފަހު ކަންކަން ތަންފީޒުކުރުން، އެކަންކަން ބައްޓަން ކުރުން.

މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަން. މިއީ 2008 އިން ފެށިގެން ތިން ވެރިކަމެއް އަދި ތިން ކައުންސިލެއް ދައުރު މި އިންތިހާބާ އެކު ނިމޭއިރު ވެސް ހައްލު ނުހޯދި އޮތް މައްސަލައެއް. މިކަމުން އަރައިގަތުމަށް ގެންގުޅުއްވާ ވިސްނުމަކީ ކޮބައިތޯ؟ ދެން އަދި އެމްޑީޕީގެ ވެސް ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން މާލެ ސަރަހައްދުން ގޯތި ދޫކުރަން އެބަ ވައުދުވޭ. އެކަމަކު މާލޭ ރައްޔިތުންނަށް ގޯތި ދޫނުކުރާތާ މިހާރު އެތައް އަހަރެއް ވެއްޖެ. މިހާރު ތި ވައުދުވެވަޑައިގަންނަވަނީ އިތުރު ފަޅެއް ހިއްކައިގެން ކޮންމެވެސް އެއް ބަޔަކަށް ގޯތި ދީފައި ނިންމާާލާ ވާހަކަތޯ؟ ދެމެހެއްޓެނެވި ގޮތެއްގައި އެކަން ކުރުމުގެ ޕްލޭންކީ ކޮބައިތޯ؟ ނޫނީ ހަމަ ހަގީގަތުގައި ވެސް ކުރެވެން ނެތް، އެކަމަކު ތާއީދު ހޯދަން ދައްކަވާ ވާހަކައެއްތޯ؟

ދެމެހެއްޓެނިވި ގޮތެއްގަ ބޯހިޔާވަހިކަމުގެ ސިޔާސަތެއް އެކުލަވާލައިގެން ތަންފީޒުކުރަން ފެއްޓީވެސް އެމްޑީޕީން އިނގޭތޯ 2008 ވަނަ އަހަރު އެމްޑީޕީ ގެ ސަރުކާރުގައި ވަރަށް ފުޅާ ސިޔާސަތެއް، ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުގެ ތެރެއިން ވަރަށް ފުޅާ ބޮޑެތި ޕްރޮޖެކްޓް ތަކެއް ފެއްޓެވި އިނގޭތޯ. މާލޭގެ އެކި ސަރަހައްދު ތަކުގަ ފްލެޓުގެ މަޝްރޫއުތައް ފެއްޓެވި. ގުޅިފަޅުން ފްލެޓް ދޫކުރުމުގެ މަސައްކަތްތަކެއް ހިންގުނު. ހުޅުމާލޭން ގޯތި ދޫކުރުމުގެ މަސައްކަތްތަކެއް ފެއްޓި. މިހެން ގޮސް ބައިވަރު މަޝްރޫއުތަކެއް އެމްޑީޕީ ސަރުކާރުން އޭރު ފެއްޓެވި އިނގޭތޯ.

ނަމަވެސް މިސާލަކަށް ބައްލަވާކަމަށް ވަންޏާ ގުޅިފަޅު. ގުޅިފަޅަކީ އަޅުގަނޑުމެން މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގަ ކަނޑައަޅާފައި އޮތް ރަށެއް. ނަމަވެސް ދެން އައި ސަރުކާރުން ކަނޑައެޅުއްވީ އެއީ މީހުން ދިރިއުޅޭ ރަށެއް ގޮތުގައި ނޫން ކަމަށް. ކަނޑައަޅުއްވާފައި އެ ތަނުން ބޯހިޔާވަހިކަން ލިބުނު ހުރިހާ ފަރާތްތަކެއް އަދި އަދަށް ދާންދެން ވެސް އެ ތިބީ މަގުމަތިވެފައި. ހަމަ އެއާއެކު ވެށިފަހި މާލޭގެ ދަށުން، ޕްރޮގްރާމްގެ ދަށުން މާލޭން ގޯތި ދޫކޮށްލާފަ ހުޅުމާލޭން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން އަދި ވެސް އެބަ ތިއްބެވި ލިޔުން ލިބުނު ފަރާތްތައް މަހުރޫމް ވެފައި. ދެން މިއައީ ޓާޓާ ފްލެޓްތައް، ޓާޓާ ފްލެޓް ތަކަކީވެސް ހަމައެހާ ސޯޝަލް ހައުސިން ބޭނުންވާ ފަރާތްތަކުން ކުރިމަތިލައްވައިގެން އެ ތަނުން ހައުސިން ޔުނިޓްތަކެއް ލިބުނު ފަރާތްތަކެއް.

ނަމަވެސް ދެން އައި ސަރުކާރުން ސިޔާސަތުތައް ބަދަލުކޮށްގެން އެ ބޭބޭފުޅުން އޭގެން މަހުރޫމް ވެގެން އެ ބޭފުޅުންވެސް އެ ތިއްބެވީ މަގުމަތިވެފައި. އެހެންވީމާ ދެމެހެއްޓެނިވި ގޮތެއްގަ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާއި އެކީގައި ވެރިކަން ކުރަން އައި ޕާޓީއަކީ އެމްޑީޕީ. މިކަންކަން މިހާތަނަށް އައި އިރު ތަންފީޒުވެގެން އެ ބޭބޭފުޅުންނަށް، އެ ހައްގުވީ ފަރާތްތަކަށް ލިބުނު ނަމަ އަޅުގަނޑުމެން މިހާރު މި ތިބި ހާލަތުގައި ތިބޭކަށް ނުޖެހުނީސް. ބޯހިޔާވަހިކަމުގެ ހާލަތަށް ބޭނުންވާ ފަރާތްތައް މަދުވީސް. އެހެންނަމަވެސް، ތިބޭފުޅުންނަށް ވެސް ފާހަގަކުރެއްވޭނެ ހިޔާވަހިކަމުގެ ދަށުން ވެސް ގުޅިފަޅުން މަހުރޫމްވީ ފަރާތްތަކަށް އެއްބަސްވެވަޑައިގެންނަވައިގެން އެ ތަނުން ބައެއް ބޭފުޅުންނަށް ހައުސިން ޔުނިޓްތަކެއް ވެސް ހަމަޖައްސަން ޖެހުނު، ބަދަލެއްގެ ގޮތުން އިނގޭތޯ. އެހެންވީމަ، ދެމެހެއްޓެނިވި ގޮތެއްގައި ބޯހިޔާވަހިކަމުގެ ސިޔާސަތެއްގައި އަންނަ ޕާޓީ އަކީ އެމްޑީޕީ.

އަދި މިކަން ކުރަން އެންމެ ފަރިތަ ބަޔަކީ ވެސް އެމްޑީޕީ. އަދި ކުރިއަށް އޮތް ތަނުގަ މި ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އިތުރު މުއައްސަސާއެއްގެ ގޮތުގައި ބައިވެރިވާން މި އުޅެނީ މާލެ ސިޓި ކައުންސިލް.

މާލެ ސަރަހައްދަށް ބަލާއިރު، ތިން ކައުންސިލެއްގެ ދައުރު މި ނިމުނީ. މާލޭގައި ހުރި މައްސަލަތަކަށް ހައްލެއް ނުލިބޭ. ދެން ކައުންސިލްގެ ބެލެނިވެރިކަމުގެ ދަށުގައި އޮތް ވިލިމާލޭގެ ހާލަތު އެހާ ނިކަމެތި. އެއްވެސް ތަރައްގީއެއް އައި ތަނެއް ނުފެނޭ. އެކަށީގެންވާ ހިދުމަތެއް ނުދެވޭ. ކަން މިހެން އޮތްއިރު، ކައުންސިލްގެ އިހުތިސާސްގެ ތެރެއަށް މި ވަނީ ހުޅުމާލެ ވެސް އިތުރުކޮށްފައި. މެންޑޭޓް އާއި މަސައްކަތްތައް ފުޅާވެފައި. މާލެ އާއި ހާއްސަކޮށް ވިލިމާލެއަށް އެކަށީގެންވާ ހިދުމަތް ނުދެވުނުއިރު، ހުޅުމާލޭގެ ބުރަ މި ކައުންސިލަށް އުފުލޭނެކަމަށް ގަބޫލު ކުރައްވަންތޯ؟ މާލެ، ވިލިމާލެ، އަދި ހުޅުމާލެއަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް މެނޭންޖްކުރަން އަނަސް ގެންގުޅުއްވާ ވިސްނުންފުޅަކީ ނޫނީ ޕްލޭނަކީ ކޮބައިތޯ؟

ތެދުފުޅެއް، ވިލިމާލެއަކީ ސަރުކާރުތަކުންވެސް އަޅާނުލެވިފަ އޮތް ރަށެއް، އަވަށެއް މާލޭގެ. އަދި ހަމައެއާއެކީގައި ކައުންސިލަށް ހުރި ގޮންޖެހުންތަކާ އެކީގައިވެސް އެބޭފުޅުންނަށް އަޅާނުލެވި ނުވަތަ ކަންކަން ފަހިކޮށްނުދެވިފަ އޮތް އަވަށެއް ވެސް މެ. ނަމަވެސް ކުރިއަށް އޮތް ކައުންސިލް އިރާދަކުރެއްވިއްޔާ މި އަންނަނީ ވަރަށް މާލީ ގާބިލިއްޔަތު ކަމާ ބިޔަ ބޮޑު ބަޖެޓަކާ އެކީގައި. ހަމައެއާއެކު މާލެ ސިޓީ ސަރަހައްދުގައި ހުރި އިގްތިސާދީ ހަރަކާތްތަކުން އެ ލިބޭ ނަފާ ސީދާ ސިޓީ ކައުންސިލްގެ އާމްދަނީއަށް ވަންނަ ގޮތަށް. އޭގެ މާނައަކީ މިހާރު ކަން ކުރަމުންދާ ގޮތަށް އެއްވެސް ކަހަލަ މަރާމާތެއް ކުރަން ނުވަތަ އެއްވެސް ކަހަލަ ހަރަދެއް ކޮށްގެން މާލެ ސިޓީއަށް ދެވެން ޖެހޭ ހިދުމަތެއް، ހިދުމަތަކަށް ސަރުކާރުގެ ވުޒާރާ އަކަށް ދަންނަވައިގެން އެ ހަރަދުގެ އެޕްރޫވަލް އަށް މަޑުކުރައްވާކަށް ނުޖެހޭނޭ.

މިކަން ކުރެއްވޭނެ ސިޓީ ކައުންސިލްގެ ބަޖެޓުގެ ތެރެއިން ވީހާވެސް އަވަހަކަށް. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ވިލިމާލެ އަށް ބޭނުންވަނީކީ ވިލިމާލޭގައި ހުންނަ އިމާރާތް އެޅުމަށް، އުސްކޮށް ނެގުމަށް އިތުރު ހުއްދަތަކެއް ނޫން. އެ ބޭފުޅުން ބޭނުންވަނީ އެ ރަށުގައި، އެ އަވަށުގައި ލިބެން ހުރި ވަސީލާތްތައް ވީހާވެސް ފަސޭހަ ގޮތެއްގައި، ހިދުމަތްތައް ވީހާވެސް އަވަސް ގޮތެއްގައި އެ ބޭބޭފުޅުންނަށް ލިބޭނެ މަގުފަހިވެގެން ދިޔުން. ހަމައެއާއެކު ހުޅުމާލެ އަކީ އެނގިވަޑައިގަންނަވާނެ ވަރަށް ބޮޑު ސިޓީއެއްގެ ގޮތުގައި އޮތް ތަނެއް. އެހެންނަމަވެސް އަޅުގަނޑު ޔަގީންކަމާއެކީ އެބަ ދަންނަވަން، ކުރިއަށް އޮތް ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަށްވެހިކަމުގެ ހިދުމަތާ ހަވާލުވާނީ ހުޅުމާލޭގެ ހުރިހާ ކަންކަމެއް ނިންމަންވެސް އޮންނާނީ މާލޭ ސިޓީ ކައުންސިލް.

އެތަން އަޅުގަނޑުމެން އިންތިހާބުވެގެން އަންނަ އިރު ހަވާލުވެގެން ތިއްބެވި ކުންފުންޏެއް ނޫން. އެތަން އޮންނާނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި. ރައްޔިތުންގެ ބެލުމުގެ ދަށުގައި. އެތަނުގަވެސް ވިލިމާލޭގަވެސް ހަމަ މާލެ އެކޭ އެއްފަދައިން ރަށްވެހި ކަމުގެ ހިދުމަތް އެއް ހަމައަކުން ފޯރުކޮށްދޭނަން.