Advertisement

އީދު ފާހަގަ ކުރަން އައްޑޫގެ ގެތަކާއި އޮފީސްތައް ދިއްލުމުގެ މުބާރާތްތަކެއް ސިޓީ ކައުންސިލުން ބާއްވަނީ

14 މޭ 2024 - 11:08 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އައްޑޫ މޭޔަރު ނިޒާރު : އީދަށް އައްޑޫގެ ގެތަކާއި އޮފީސްތައް ދިއްލުމުގެ މުބާރާތްތަކެއް ސިޓީ ކައުންސިލުން ބާއްވަނީ - ފޮޓޯ: އަދަދު


އީދު ފާހަގަ ކުރަން އައްޑޫގެ ގެތަކާއި އޮފީސްތައް ދިއްލުމުގެ މުބާރާތްތަކެއް ސިޓީ ކައުންސިލުން ބާއްވަނީ

14 މޭ 2024 - 11:08 1

ކުރިއަށް އޮތް އަޟްހާ އީދު ފާހަގަ ކުރަން އައްޑޫގެ ގެތަކާއި އޮފީސްތައް އަދި ވިޔަފާރި ކުރާ ތަންތަން ދިއްލުމުގެ މުބާރާތްތަކެއް ބާއްވަން ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އީދު ފާހަގަ ކުރުމުގެ ގޮތުން ބޮކި ހަރުކޮށް ދިއްލުމުގެ ދެ މުބާރާތެއް އެ ސިޓީގައި ބާއްވަ އެވެ. އެގޮތުން މީހުން ދިރިއުޅޭ ގެތަކަށް ވަކި މުބާރާތެއް އަދި އެ ސިޓީގައި ހުންނަ މުއައްސަސާތަކުގެ އޮފީސްތަކާއި ވިޔަފާރިތަކަށް ވަކި މުބާރާތެއް ބާއްވާނެކަން ސިޓީ ކައުންސިލުން ވަނީ އިއުލާނުކޮށްފަ އެވެ.

މީގެ ތެރެއިން ގެތަށް ދިއްލުމުގެ މުބާރާތުން އެއްވަނައަށް 15،000 ރުފިޔާ، ދެވަނައަށް 10،000 ރުފިޔާ އަދި ތިންވަނައަށް 5،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ. އޮފީސްތަކާއި ވިޔަފާރިތަކުގެ މުބާރާތުން އެއްވަނައަށް 10،000 ރުފިޔާ، ދެވަނައަށް 7،500 ރުފިޔާ އަދި ތިންވަނައަށް 5،000 ރުފިޔާ ލިބޭނެ އެވެ.

އެގޮތުން ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މުބާރާތައް ދިއްލާތަނެއްގެ ދޮރުމައްޗަށްވާ ސަރަހައްދު ރައްޔިތުންނަށް ފެންނާނެހެން އީދުގެ ސަގާފަތްތަކާއި އިސްލާމީ ވަންތަކަން ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކުރަންވާނެ އެވެ. އަދި އެ ތަނުގެ ފޮޓޯ ސިޓީ ކައުންސިލަށް ހުށަހަޅަންޖެހެ އެވެ.

މުބާރާތުގެ ވަނަތައް ހޮވަނީ ފޮނުވާ ފޮޓޯތައް ސިޓީ ކައުންސިލްގެ ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމުން ލިބޭ "ލައިކު އަދި ހާޓު ރިއެކްޝަން" ގެ އަދަދަށާއި ފަނޑިޔާރުންގެ ޕެނަލަކުން ދޭ މާކުހުގެ މައްޗަށް ބިނާކޮށެވެ. ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މި ދެ މުބާރާތުގެ ވަނަތަކަށް އިނާމު ދޭނީ ޖޫން 23، ގަ އެވެ.