Advertisement

"ރޮބޯ މޭން – ދަ މޫވީ" ނަމުގައި ފިލްމެއް ރިލީޒްކުރަނީ

ވީޑިއޯކްލަބް އަދި އޯކޭޒް އިންކް ގުޅިގެން "ރޮބޯ މޭން – ދަ މޫވީ" ރިލީޒްކުރަން ސޮއިކުރުން -- ފޮޓޯ: މީޑިއާނެޓް


"ރޮބޯ މޭން – ދަ މޫވީ" ނަމުގައި ފިލްމެއް ރިލީޒްކުރަނީ

މީޑިއާނެޓުގެ ވީޑިއޯކްލަބް އަދި އޯކޭޒް އިންކް ގުޅިގެން ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާ ގުޅުވައި ސްޓޭޖްތަކާއި ޕާޓީތަކުގެ އިތުރުން އޮލިމްޕަސް ސްކްރީނުންނާއި މީޑިއާނެޓުގެ އެމްއެސް ވީޑިއޯކްލަބް ހިދުމަތް މެދުވެރިކޮށް ފިލްމަކުން ރޮބޯ މޭން ބަލާލުމުގެ ފުރުސަތު ފަހިކޮށްދީފި އެވެ.

"ރޮބޯ މޭން – ދަ މޫވީ" ގެ ނަމުގައި ނެރޭ މި ފިލްމުގެ ޓީޒާތައް މީޑިއާނެޓާއި ވީޑިއޯކްލަބް އަދި ރޮބޯ މޭންގެ މީސްމީޑިއާތަކުގައި ވަނީ ޕޯސްޓްކޮށްފަ އެވެ.

މި ފިލްމަކީ ހިޔާލީ ވާހަކައަކަށް ނުވަތަ ފިކްޝަނަލް އެޑްވެންޗާއެއްގެ މައްޗަށް ތައްޔާރުކުރާ ހުރިހާ އުމުރުފުރާގެ ކުދިން ޝައުގުވެރިވާނެ ގޮތައް ތައްޔާރުކުރާ ފިލްމެއް ކަމަށް އޯކޭޒް އިންކްގެ ފަރާތުން މައުލޫމާތުދެ އެވެ.

މަހުދީ އަހުމަދު ސްކްރީންޕްލޭގެ ދަށުން ތައްޔާރުކުރި މި ފިލްމުން ރޮބޯ މޭން އާއި ގިނަ ކުޑަކުދިން އަދި ފިލްމީ ދާއިރާއަށް ގިނަ މޫނުތަކެއް ފެނިގެންދާނެ އެވެ. އަދި މި ފިލްމު ޑައިރެކްޓުކުރަނީ އިބްރާހިމް މުންތަސިރް (މުންކޮ) އަދި އިބްރާހިމް ވިސާން (ކަނޑި) ގެ ޑައިނަމިކް ޑުއޯ އެވެ.

މި ފިމްލުމުގެ ރިލީޒް ކުރާނެ ތާރީހެއް އާންމު ކުރާނެ ކަމަށާއި، ފިލްމު ފުރަތަމަ އެޅުވުމަށް ހަމަޖެހިފައިވަނީ ސިނަމާގައި ކަމަށް މީޑިއާނެޓުގެ ވީޑިއޯކްލަބްގެ ފަރާތުން މައުލޫމާތުދެ އެވެ.

ވީޑިއޯކްލަބް އަދި އޯކޭޒް އިންކް ގުޅިގެން "ރޮބޯ މޭން – ދަ މޫވީ" ރިލީޒްކުރަން ސޮއިކުރުން -- ފޮޓޯ: މީޑިއާނެޓް


ރޮބޯމޭންއަކީ ކާކުކަން ނުވަތަ ރޮބޯމޭންގެ އައިޑެންޓިޓީ އާންމުންނަށް ފޮރުވިފައިވާ ސިއްރެއް ގޮތުގައި އޮތަސް ރޮބޯމޭންއަކީ ގިނަ ދިވެހިން އަދި ހާއްސަކޮށް ކުޑަކުދިންގެ ލޯބި ލިބިފައިވާ ހުނަރުވެރި ފަރާތެކެވެ.

ރޮބޯ މޭންގެ މާސްކާއި ކޮސްޓިއުމް އަދި ނެށުމުގެ ހަރަކާތްތަކަކީ ދިވެހިން ދެކެ ފަރިތަ ހުނަރުތަކެކެވެ. ހާއްސަކޮށް ކުޑަކުދިންގެ މެދުގައި ރޮބޯމޭން ވަނީ ކުޑަދުވަސްކޮޅެއް ތެރޭ ބޮޑު މަގްބޫލުކަމެއް ހޯދާފަ އެވެ.

ކުޑަކުދިންގެ ހަވީރުތަކާއި އުފަންދުވަހުގެ ޕާޓީތައް އަދި ހިތާނީ ޕާޓީތަކުގައި އެންމެ ޑިމާންޑް ބޮޑު ފަރާތަކީ ރޮބޯމޭން ކަމާމެދު ޝައްކެއްނެތެވެ. ވެރިރަށް މާލެއިން ފެށިގެން ރާއްޖެތެރޭ ރަށްތަކާއި ރާއްޖެއިން ބޭރުގައި ވެސް ރޮބޯމޭން ވަނީ އޭނާގެ ހުނަރުތައް ދައްކާލާ ދިވެހިރާއްޖެ ތަމްސީލުކޮށްފަ އެވެ.

މީޑިއާނެޓުން ބުނީ ދިވެހި އަމިއްލަ އުފެއްދުންތަކަށް އިސްކަމެއް ދީގެން ވީޑިއޯކްލަބުން ކުރާ މަސައްކަތުގައި މިއީ ކުރިއަށް އެޅިގެންދާ ހާއްސަ އިތުރު ފިޔަވަޅެއް ކަމަށެވެ.

މީގެ ކުރިންވެސް ވީޑިއޯކްލަބްއިން ވަނީ އެމް އޮރިޖިނަލްސް ބެނާގެ ދަށުން ދިވެހި އަމިއްލަ ފިލްމާއި ސީރީޒް އުފައްދާފަ އެވެ. އެގޮތުން ދިވެހި ފިލްމު "މަރިޔަމް" އާއި "ހިނދުކޮޅެއް" އަދި ސީރީޒް "ދަރަކަ" އާއި "ގަރީނާ" ފާހަގަކޮށްލެވެ އެވެ.