Advertisement

އޮލިމްޕިކްސް ކޮލިފިކޭޝަން: ގްރޫޕްގެ އެއް ވަނަ ހޯދައި ދީމާ ކޮލިފިކޭޝަނުގެ ދެ ވަނަ ބުރަށް

13 މޭ 2024 - 22:38 0

އަތޫފް އާތިފް

އަތޫފް އާތިފް

ދީމާ، ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: އަދަދު


އޮލިމްޕިކްސް ކޮލިފިކޭޝަން: ގްރޫޕްގެ އެއް ވަނަ ހޯދައި ދީމާ ކޮލިފިކޭޝަނުގެ ދެ ވަނަ ބުރަށް

13 މޭ 2024 - 22:38 0

ގްރޫޕްގެ އެއް ވަނަ ހޯދައި، ރާއްޖޭގެ އެންމެ ކާމިޔާބު ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ, އޮލިމްޕިކްސް ކޮލިފިކޭޝަންގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ނޭޕާލުގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިޔާގެ ކޮލިފިކޭޝަނުގައި ރާއްޖޭގެ ހަތަރު ކުޅުންތެރިން ވާދަކުރެ އެވެ. އެއީ ދީމާގެ އިތުރުން, މިޝްކާ މުހައްމަދު އިބްރާހީމް، މޫސާ މުންސިފް އަހުމަދު އަދި އަޚްޔާރް އަހުމަދު ޚާލިދު އެވެ.

ގްރޫޕް ސްޓޭޖުގައި ދީމާ ކުޅުނު ދެ މެޗު ވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ މެޗުގައި ޕާކިސްތާނުގެ ހޫރް ފަވާދްގެ މައްޗަށް ދީމާ ކުރިހޯދީ ސީދާ ހަތަރު ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދީމާ ގެންދިޔައީ, 11-6, 11-8, 15-13 އަދި 13-11 އިންނެވެ.

ދެވަނަ މެޗުގައި ސްރީ ލަންކާގެ ބަންދާރާ ބިމަންދީގެ މައްޗަށް ދީމާ ކުރިހޯދީ 4-3 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 12-10, 10-12, 11-4, 6-11, 11-9, 6-11 އަދި 11-9 އިންނެވެ.

މި ނަތީޖާތަކާއެކު, ދީމާ ވަނީ ކޮލިފިކޭޝަންގެ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ. މި ކޮލިފިކޭޝަނުން އޮލިމްޕިކް އަށް ކޮލިފައިވާނީ އެއް ކުޅުންތެރިއެކެވެ.

ރާއްޖޭގެ މިޝްކާ ކޮލިފިކޭޝަންގައި ދެ މެޗު މިއަދު ކުޅުނުއިރު, ފުރަތަމަ މެޗުން 4-0 ގެ ނަތީޖާއަކުން ވަނީ ބަންގްލަދޭޝްގެ ސޮނާ ސަނަމްގެ މައްޗަށް ކުރިހޯދާފަ އެވެ. އެކަމަކު ދެން ކުޅުނު މެޗުން މިޝްކާ ވަނީ ބަލިވެފަ އެވެ. ކޮލިފިކޭޝަނުގައި މިޝްކާ އަށް ބާކީ އެއް މެޗު އެބައޮތެވެ. ކޮލިފިކޭޝަނުގެ ފަހު މެޗުގައި މިޝްކާ ނުކުންނާނީ ނޭޕާލްގެ ޝްރިޝްތަ ނަބިތާއާ ދެކޮޅަށެވެ.

މުންސިފް އަދި އަޚްޔާރް ވެސް މިއަދު ވަނީ ކޮލިފިކޭޝަނުގައި ދެ މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ނޭޕާލްގެ ކަޕާލީ ސަންޔޮންގްގެ މައްޗަށް މުންސިފް 3-4 ސެޓުން ކުރިހޯދި ނަމަވެސް ދެވަނަ މެޗުން ވަނީ ބަލިވެފަ އެވެ. ރާއްޖޭގެ އަޚްޔާރް މިއަދު ކޮލިފިކޭޝަނުގައި ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.