Advertisement

ތައުލީމަށް މާލެ ހިޖުރަކުރުންޖެހޭ ދުވަސް ނިމުމަކަށް އަންނާނީ ކޮންއިރަކު؟

އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު


ތައުލީމަށް މާލެ ހިޖުރަކުރުންޖެހޭ ދުވަސް ނިމުމަކަށް އަންނާނީ ކޮންއިރަކު؟

އުނގެނުމުގެ ހައްގަކީ، އޭގެ އަމިއްލަ ޒާތުގައި ވަކި އިންސާނީ ހައްގަކަށްވުމުގެ އިތުރުން، އެ ހައްގަކީ އެހެން އިންސާނީ ހައްގުތަކަށް ވާސިލުވުމަށް ކޮންމެހެން ބޭނުންވާ ހައްގެކެވެ. ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކަށްމެ އެއްވެސް ތަފާތުކުރުމެއް ނެތި، ހަމަހަމަކަމާއެކު، އުނގެނުމުގެ ހައްގު ލިބިގެންވާ ކަމަށް ގާނޫނު އަސާސީގައި ވެސް ބަޔާން ކޮށްފައިވެ އެވެ.

ނަމަވެސް މި ހައްގު ހަމަހަމަކަމާއެކު ރާއްޖޭގައި ލިބޭތޯ އެއީ ފެށުނީއްސުރެ ސުވާލު އުފެދޭ ކަމެކެވެ. ސަބަބަކީ ރާއްޖޭގައި އެންމެ ރަނގަޅު ތައުލީމެއް ލިބެނީ މާލެއިން ކަމަށްވެފައި، ރަށްރަށުގައި ތައުލީމުގެ ފުރުސަތު މަދުވުމުގެ އިތުރުން ފެންވަރު ވެސް ދަށްވުމެވެ.

ތައުލީމަށް މާލެ ހިޖުރަކުރުމަކީ ޒަމާނުއްސުރެ އޮންނަ އުސޫލު ކަމަށްވާއިރު، މިހާތަނަށް ވެސް މާލެއާ އެއް ފެންވަރަށް ރާއްޖޭގެ އެއްވެސް ހިސާބަކުން ތައުލީމު ނުލިބެ އެވެ. އެއީ ޕްރީ ސްކޫލުން ފެށިގެން މަތީ ތައުލީމަށް ބެލި ނަމަވެސް ހަގީގަތެވެ. މީގެ ނަތީޖާއަކަށްވަނީ ރަށްރަށުގެ އެކި އުމުރު ފުރާގެ ކުދިން ވަކި ހިސާބަކުން މާލެއަށް ގެނައުމެވެ. އެ ކުއްޖަކާއެކު އެ ކުއްޖެއްގެ އާއިލާ ވެސް މާލެ ހިޖުރަ ކުރެ އެވެ.

މިކަމަށް ހައްލު ގެނައުމަށް އެކި ސަރުކާރުތަކުން މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް މާލެއަށް ތައުލީމު ހާސިލުކުރުމަށް ހިޖުރަކުރާ ކުދިންގެ އަދަދު ދަށަކަށް ނުދެ އެވެ. އަހަރަކަށްވުރެ އަހަރެއް ޖާގައަށް އެދޭ އަދަދު އިތުރުވަމުންދާއިރު، ޖާގައިގެ ދަތިކަން ވެސް އަންނަނީ އަހަރަކަށްވުރެ އަހަރެއް މައްޗަށް ދަމުންނެވެ. މިއާއެކު ޓީޗަރުންގެ ދަތިކަން ވެސް ކޮންމެ ފަހަރަކު ދިމާވާއިރު، ގެންނަން މަޖުބޫރު ވަނީ ބިދޭސީ ޓީޗަރުންނެވެ.

ރަށްރަށުގެ ތައުލީމުގެ ފެންވަރު ދަށް

ތައުލީމުގެ ކަށަވަރުވުމަކީ ކޮންމެ ދިވެއްސަކަށް ވެސް ލިބިގެންވާ ހައްގަކަށްވާއިރު، އެ ހައްގު އެންމެ ފުރިހަމައަށް ރާއްޖޭގައި ނުލިބެ އެވެ. ސަބަބަކީ އެންމެ ރަނގަޅު ފެންވަރެއްގެ ތައުލީމު މާލެއިން ލިބޭއިރު، މާލެއަށް އައިސް އެ ފުރުސަތުގެ ބޭނުން ހިފަން ލިބެނީ ނިސްބަތުން މަދު ދަރިވަރުންނަށް ވާތީ އެވެ. ރަށްރަށުގައި އެކަމަށް އެދޭ ހުރިހާ ކުދިންނަށް ފުރުސަތު ނުދެވޭއިރު، އެ ކުދިން ޖެހެނީ ރަށުން ކިޔަވާށެވެ.

ބައެއް ރަށްރަށުގައި ތައުލީމުގެ ފެންވަރު ރަނގަޅު ނަމަވެސް، ޒަމާނުއްސުރެ މާލެއަށް ތައުލީމު ހޯދަން ހިޖުރަކުރުން ސަގާފަތަކަށް ވެފައި އޮތުމުން އެންމެންނަށް ވެސް ވިސްނިފައި އޮންނަނީ މާލެއަކީ އެންމެ ރަނގަޅު ތައުލީމު ލިބޭ ތަން ކަމަށެވެ. އަދި މާލެއިން ކުއްޖާއަށް ތައުލީމު ދެވުމަކީ ބައެއް ފަހަރު ބެލެނިވެރިން ދެކޭ ގޮތުގައި އެ މީހުންނަށް ވެސް ލިބޭ ފަހުރެކެވެ.

މާލެއަށް އަތޮޅުތެރެއިން އެންމެ ގިނައިން މީހުން ހިޖުރަކުރަނީ ތައުލީމާއި ބޭސް ފަރުވާ ހޯދުމަށެވެ. މިގޮތުން އަތޮޅުތެރެއިން މާލެ ހިޖުރަ ކުރާ މީހުން މާލެ އައިސް ތަންތަން ކުއްޔަށް ހިފައި، މުޅި އުމުރު ވެސް މާލޭގައި އެބަ ވެއެތު ކުރެ އެވެ. ލިބޭ ފައިސާ އެއްކޮށް ކުއްޔަށް ހަރަދުކުރާ އާއިލާތައް ވެސް މަދެއް ނޫނެވެ. އެމީހުންގެ އުންމީދަކަށް ވެފައި އޮންނަނީ ދަރިފުޅު ކިޔަވައިގެން މޮޅު ކުއްޖަކަށްވެ، ރަނގަޅު ވަޒީފާއަކަށް ދިޔުމެވެ.

ޔުނިސެފްއިން 2018 ވަނަ އަހަރު ނެރުނު ރިޕޯޓުން ދައްކާގޮތުގައި އަތޮޅު ތެރެއިން ދަރިވަރުން ފާސްވާ ނިސްބަތް މާލެއާ އަޅާބަލާއިރު 20 ޕަސަންޓު ދަށެވެ. އަދި ރަށްރަށުގައި ކިޔަވައިދޭ ފެންވަރު ބެލުމަށް ދަތިތައް ހުރިކަން ވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މާލެއަށް ހިޖުރަކުރާ ކުދިންގެ ތެރެއިން 10 ޕަސަންޓު ކުދިން އާއިލާއާއެކު ދިރިނޫޅޭއިރު، އެ ކުދިންނަށް ދޭން ޖެހޭ ފުރިހަމަ އަޅާލުން ނުލިބުމުގެ ސަބަބުން ކުށްތަކަށް އަރައިގަންނަން ފަސޭހަވާ ކަމަށް ވެސް ޔުނިސެފްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"ރާއްޖޭގައި ތައުލީމުގެ ފެންވަރު ހުރީ ކަންބޮޑުވާ ދަރަޖައެއްގައި. ގިނަ ކުދިންނަށް ހަޔާ ސެކަންޑްރީ ތައުލީމަށް ފުރުސަތު ހޯދުމަށް ދަތިތައް އެބަހުރި. އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 1.6 ޕަސަންޓު ދަރިވަރުން ސެކަންޑްރީ ލެވެލްގެ ދަށުން ނުކިޔަވާ އަދި ހަޔާ ސެކަންޑްރީ ލެވެލްއަށް ދާން ފުރުސަތު ލިބެނީ 45 ޕަސަންޓު ދަރިވަރުންނަށް. ހަޔާ ސެކަންޑްރީ ކޯސްތައް ހަމައެކަނި ލިބެން ހުރީ 212 ސްކޫލުގެ ތެރެއިން 59 ސްކޫލަކުން. މީގެ ސަބަބުން އެހެން ރަށަކަށް އެ ތައުލީމު ހޯދަން ހިޖުރަކުރަން މަޖުބޫރުވޭ،" ޔުނިސެފްއިން ނެރުނު ރިޕޯޓެއްގައި ބުންޏެވެ.

މާލޭ ސްކޫލްތަކުގައި ޖާގައިގެ ދަތިކަން ބޮޑު

ކޮންމެ ދިރާސީ އަހަރެއް ފެށާއިރު މާލެއިން އެކި ގްރޭޑްތަކަށް ޖާގަ ލިބުމުގައި ހުރި ދަތިތަކުގެ ވާހަކަ ފެންމަތިވެ އެވެ. އަދި ބޭނުންވާ ވަރަށް ދިވެހި ޓީޗަރުން ނުލިބުމުން، ބިދޭސީ ޓީޗަރުން ގެންނާތީ އެކަމާ ވެސް ބައެއް މީހުން ނުރުހެ އެވެ. ނަމަވެސް ހަގީގަތަކީ މާލެއަށް ހިޖުރަކުރާ ރަށްރަށުގެ މީހުން އަހަރަކަށްވުރެ އަހަރެއް އިތުރުވުމެވެ. ތޮއްޖެހުމުގެ މައްސަލަ ވެސް ހައްލު ނުވަނީ މިކަހަލަ ކަންކަން ހައްލު ނުވާތީ އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އަތޮޅު ތެރެއިން 2020/2021 ގައި އެކި ގްރޭޑްތަކަށް ވަންނަން އެދި 480 ފޯމު ހުށަހަޅާފައިވާއިރު، 2021/2022 ގައި 716 ފޯމު ހުށަހަޅާފައިވެ އެވެ. އަދި 2022/2023 ގައި މި އަދަދު 780 އަށް އިތުރުވެފައިވާއިރު، 2023/2024 ގައި މި އަދަދު ވަނީ 1،500 އަށް އިތުރުވެފަ އެވެ. މި އަދަދު 2024 ގެ މިހާތަނަށް 967 ގައި ހުރިއިރު، 2024/2025 ގައި މި އަދަދު 2،000 އަށްވުރެ މައްޗަށް ދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މާލެއަށް މި އަހަރު އަތޮޅުތަކުން ހިޖުރަކުރާ 967 ދަރިވަރުންގެ ގްރޭޑްތައް:

  • އެލްކޭޖީ: 68 ދަރިވަރުން | ޔޫކޭޖީ: 30 ދަރިވަރުން
  • ގްރޭޑް 1: 171 ދަރިވަރުން | ގްރޭޑް 2: 81 ދަރިވަރުން
  • ގްރޭޑް 3: 92 ދަރިވަރުން | ގްރޭޑް 4: 69 ދަރިވަރުން
  • ގްރޭޑް 5: 96 ދަރިވަރުން | ގްރޭޑް 6: 87 ދަރިވަރުން
  • ގްރޭޑް 7: 87 ދަރިވަރުން | ގްރޭޑް 8: 103 ދަރިވަރުން
  • ގްރޭޑް 9: 55 ދަރިވަރުން | ގްރޭޑް 10: 28 ދަރިވަރުން

މީގެއިތުރުން ގްރޭޑް އެކަކަށް މިފަހަރު ޖުމްލަ 1،992 ފޯމު ހުށަހަޅާފައިވާއިރު، ސްކޫލު ބަދަލު ކުރުމަށް ޖުމްލަ 1،158 ފޯމު ވަނީ ހުށަހަޅާފަ އެވެ. އަދި މާލެ އާއި އަތޮޅުތަކުން ޖުމްލަ 4،117 ފޯމު ވަނީ އެކި ގްރޭޑްތަކަށް ވަނުމަށް އެޑިއުކޭޝަނަށް ހުށަހަޅާފަ އެވެ.

"މާލެ މިހާރު އޮންނާނީ ކެޗުމަންޓު ބޭސްޑްކޮށް. މިސާލަކަށް އިމާދުއްދީން ސްކޫލް މިހުރީ ގާކޮށި ފްލެޓް ކައިރީގައި. އެހެންވީމަ ގާކޮށި ފްލެޓު ކައިރިން ގެއެއް ކުއްޔަށް ހިފައިގެން ހުރިކަމަށްވާ ނަމަ ކުއްޖާ ދާނީ އޮޓޮމެޓިކުން އިމާދުއްދީނަށް. އެހެންވީމަ ކެޗްމަންޓަށް ބަހާލާފައި ހުންނާނީ މާލޭގެ ސްކޫލްތައް ހުންނަ ގޮތުން. ކެޗުމަންޓުން ފުރަތަމަ ޖާގަ ދޭނީ. ދެން ބަލާނީ ގެއާ އެންމެ ކައިރީގައި ހުރި ސްކޫލުން،" އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އެ އުސޫލުން ސްކޫލުތަކަށް ވެއްދުމަށް އެޑިއުކޭޝަން މިނިސްޓްރީން ބެލެނިވެރިންގެ އަތުން ހޯދަނީ މާލޭގައި ތަނެއް ކުއްޔަށް ހިފައިގެން އުޅޭކަމުގެ ޑޮކިއުމެންޓެކެވެ.

"އަތޮޅު ތެރެއިން މާލެއަށް ބަދަލުވާ މީހާ ދަރިފުޅު މާލޭގެ ސްކޫލަކަށްލާ ކަމަށް ވާނަމަ، ފުރިހަމަ ކުރަން ޖެހޭ ބައެއް ޑޮކިއުމެންޓުތައް. އޭގެ ތެރެއިން އެއް ޑޮކިއުމެންޓެއް މާލެއިން ތަނެއް ކުއްޔަށް ހިފައިގެން ހުރި ކަމުގެ ލިޔުން. އެއީ މިނިސްޓްރީން ވަރަށް ބަލާ ކަމެއް. ނަމަވެސް އެ ލާ ޑޮކިއުމަންޓުގެ އެކިއުރެސީ އެހާ ރަނގަޅަށް އަދިވެސް އަޅުގަނޑުމެންނަށް ނުބެލޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޖާގައިގެ ދަތިކަން ބޮޑުވި ނަމަވެސް ދަރިވަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ބައެއް ފަހަރު 35 ކުދިން ވެސް ކްލާސް ރޫމަކަށް ލާފައި ހުންނަ ކަމަށެވެ.

"ޖާގަތައް ދެވޭނީ މާލޭގެ ސްކޫލުތަކުގައި ޖާގަ ހުރި މިންވަރަކުން. ކުރިން އެބަހުރި 34 ކުދިން ނުވަތަ 35 ކުދިން ވެސް ސްކޫލެއްގެ ކްލާސް ރޫމަށް ލާފައި. އަޅުގަނޑުގެ ވިސްނުމަކީ އެންމެ ގިނަވެގެން ވެސް ކްލާހަކަށް 30 ނުވަތަ 32 ކުދިންލުން،" އޭނާ ވިދާޅުވި އެވެ.

ރަށްރަށުގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކޮށް އިތުބާރު ހޯދަންޖެހޭ

ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ކޮންމެ ކަމެއް ވެސް ބޮއްސުން ލީމަ އެކަމަކަށް ފިޔަވަޅު އަޅަން އުޅުމެވެ. ދިމާވާ މައްސަލައަކަށް ދުވަހަކު ވެސް އެޑްރެސް ކުރުމުގެ ގޮތުން ދިރާސާކޮށް، އެ ދިމާވާ މައްސަލައަށް ހައްލު ގެންނަން މަސައްކަތެއް ނުކުރެ އެވެ. އަބަދުވެސް ފެންނަނީ މައްސަލަ ދެނެގަންނަން ރަނގަޅު ދިރާސާއެއް ނުކޮށް، އަބަދުވެސް ބޮޑެތި ކަންކަން ކުރަން އުޅުމެވެ.

ކޮންމެ ސަރުކާރެއް ވެސް ވެރިކަމާ ހަވާލުވަނީ ރަނގަޅު ފެންވަރެއްގެ ބޭސް ފަރުވާ އާއި ރަނގަޅު ފެންވަރެއްގެ ތައުލީމެއް އަދި ވަޒީފާތައް ކަށަވަރުކޮށްދީ، މާލީގޮތުން ފުދުންތެރިކަން ކަށަވަރުކޮށްދޭނެ ކަމަށާއި ހަމަހަމަކަން ގާއިމު ކޮށްދޭނެ ކަމަށް ބުނެ އެވެ. ނަމަވެސް ދުވަހަކު ވެސް އެ ބުނާ ހަމަހަމަ ކަމެއް ގާއިމެއް ނުކޮށްދެވެ އެވެ. އެއީ ހުރިހާ ރަށަކަށް އެއް ފެންވަރެއްގެ ހިދުމަތެއް ގާއިމު ނުކޮށްދެވުމެވެ. ނަތީޖާއަކަށްވަނީ ހުރިހާ އެންމެން މާލެއަށް ހިޖުރަ ކުރުމެވެ.

ރާއްޖޭގެ އެޑިއުކޭޝަން ސިސްޓަމުގެ މައްސަލަތައް ހައްލު ކުރަން ޔުނިސެފުން ބައެއް ލަފާ ދީފައި އެބަ ހުއްޓެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ ކިޔަވައިދިނުމުގެ ކޮލިޓީ ރަނގަޅު ކުރުމެވެ. އެ މައްސަލަ ހައްލު ކުރަން ލިޓެރަސީ މެޓީރިއަލްސް ބައެއް ސްކޫލުތަކަށް ޔުނިސެފުން ވަނީ ހަދިޔާކޮށްފަ އެވެ. ހަގު އުމުރެއްގައި ދިވެހި ކިޔަވައިދިނުމަށް އިސްކަންދޭން ޔުނިސެފުން އިލްތިމާސް ކުރެ އެވެ. އަދި އިނގިރޭސީގެ ފެންވަރު ވެސް ރަނގަޅު ކުރަން ބައެއް ތަކެތި ހަދިޔާ ކުރި އެވެ.

ޔުނިސެފުން ދެން ކުރި އަނެއް މަސައްކަތަކީ އެޑިއުކޭޝަން ދާއިރާއިން ފާހަގަވާ ވަކިވަކި މައްސަލަތައް ހައްލު ކުރުމެވެ. އެކަން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއާއެކު މިހާރު ވެސް ޔުނިސެފުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2018 ވަނަ އަހަރު މުޅި ރާއްޖޭގެ ތައުލީމީ ދާއިރާގެ ދިރާސާއެއް ޔުނިސެފުން ހެދި އެވެ. އެޑިއުކޭޝަން ސެކްޓާ ޕްލޭން 2019-2022، ހެދީ ޔުނިސެފުގެ އެ ދިރާސާއަށް ބެލުމަށްފަހެވެ. އޭގެ އިތުރުން ކަރިކިއުލަމްގެ ބޮޑު ދިރާސާއެއް ޔުނިސެފުން ހެދި އެވެ.

ދެން ޔުނިސެފުން އެންމެ ސަމާލުކަމެއް ދިނީ ތައުލީމުގެ ބޭނުމަށް މާލެއަށް ހިޖުރަ ކުރާ ދަރިވަރުންނަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށެވެ. އެ ޖަމިއްޔާއިން އިލްތިމާސް ކުރަނީ މާލެއަށް ހިޖުރާ ކުރާ ދަރިވަރުންނަށް ސަޕޯޓް ސިސްޓަމެއް ހެދުމަށެވެ. ސްކޫލްތަކުގައި ވެސް ސަޕޯޓް ސާވިސާސް ބިނާ ކުރުމަކީ ޔުނިސެފުގެ އިލްތިމާސްއެކެވެ.

-

މާލޭގައި ކޮންމެ އަހަރަކު ވެސް ދިރާސީ އަހަރު ފެށެންވާއިރަށް ސްކޫލްތައް އަޅައި، ހުޅުވަ އެވެ. ނަމަވެސް އަދަދުތައް ހުންނަނީ ފުލް ކެޕޭސިޓީގަ އެވެ. އަދި ޖާގައިގެ ދަތިކަމަށް ވެސް ބަދަލެއް ނާދެ އެވެ. މިކަމުން ވެސް އެނގެނީ މައްސަލައިގެ ސީރިއަސްކަމެވެ. އަވަހަށް އެޑްރެސްކޮށް ފިޔަވަޅު ނާޅައިފިނަމަ ގައުމީ ބޮޑު މައްސަލައަކަށް މިކަން ވުން އޮތީ ދުރުގައެއް ނޫނެވެ.

ރަށްރަށުގައި ރީތި ސްކޫލް އިމާރާތްތައް އެޅި ނަމަވެސް، އެ ސްކޫލުތަކުން ރަނގަޅު ފެންވަރެއްގެ ތައުލީމެއް ވެސް ލިބެން ޖެހެ އެވެ. ހުރިހާ ފެންވަރު ރަނގަޅު ޓީޗަރުން މާލެއަށް ޖަމާކުރުމުން، ބެލެނިވެރިން ރަށްރަށުގެ ތައުލީމަށް ކުރާ އިތުބާރު ކުޑަވެ އެވެ. ބެލެނިވެރިން ވެސް ބޭނުންވާނީ ކުއްޖާއަށް އެންމެ ރަނގަޅު ތައުލީމު ދިނުމަށެވެ. އެ ބޭނުންވާ ތައުލީމު ރަށުން ނުލިބޭނަމަ ކިތަންމެ ދަތިވިޔަސް، އުފުލަން ޖެހޭ ތަކުލީފެއް އުފުލަން ހުރިހާ ކަމެއް ގުރުބާން ކޮށްފައި މާލެ އަންނަންޖެހެ އެވެ.