Advertisement

ހަތްފީކަރު މިޔަރު


ހަތްފީކަރު މިޔަރު

ހަތްފީކަރު މިޔަރަކީ މިޔަރުތަކުގެ ތެރެއިން ގަދީމީ މިޔަރެއް ކަމަށް ބަލާއުޅެ އެވެ. އެހެން މިޔަރުތަކާއި ހިލާފަށް މި މިޔަރަށް، ކޮންމެ ފަރާތެއްގައި ހަތް ފީކަރު ފަތް ލިބިފައިވެ އެވެ. ގިނަ މިޔަރަށް ލިބިފައިވަނީ ފަސް ފީކަރެވެ. މީގެ އިތުރުން އާންމު އެހެން މިޔަރުތަކުގެ ބުރަކަށިމަތީގައި ދެ އުރަހަ ހުންނައިރު މި މިޔަރުގެ ބުރަކަށިމަތީގައި ވަނީ އެންމެ އުރަހައެކެވެ. މި އުރަހަ ހުންނަނީ ހަށިގަނޑުގެ ނިމޭ ހިސާބުގައި ނަގޫ ކައިރީގައި ކުޑަކުޑަކޮށްނެވެ. ބޯ ފުޅާކޮށް ފަތާކޮށް ހުންނައިރު މިޔަރުގެ ލޮލަކީ ވެސް ވަރަށް ކުޑަ ލޮލެކެވެ.

ކުލަ

މިޔަރުގެ ބުރަކަށިމަތިން ފެށިގެން ތިރިއަށް، މުށި އަޅިކުލައަކުން ފަނޑުވެފައި ވާއިރު މަތިން، މިޔަރަށް ބަލާއިރު ފެންނާނީ ގަދަ އަޅިކުލައިންނެވެ. އަޑިން ބަލާނަމަ ބަނޑުދޮށް ހުންނާނީ އަލިކުލައިގަ އެވެ. މިކަމުގެ ސަބަބުން މިސޮރަށް ހަމަލާ ދޭ މިޔަރުތަކުގެ ހަމަލާއިން ސަލާމަތް ވާން ފަސޭހަވެ އެވެ. ނަމަވެސް ގުރޭޓްވައިޓް ޝާކު މިބާވަތުގެ މިޔަރު ޝިކާރަކުރެ އެވެ. މީގެ އިތުރުން މި މިޔަރުގައި ކަޅާއި ހުދާއި އަދި ރިހި ކުދި ލައްތަކެއް ހުރެ އެވެ. ޅަމިޔަރުގެ އުރަހަތަކުގެ އަރިމަތި ހުންނަނީ ހުދުކުލައިގަ އެވެ.

ދަތް

ހަތްފީކަރު މިޔަރުގެ އަނގައިގައިވެސް ދަތްތައް ހުންނަނީ ބަރިބަރިޔަށެވެ. މި ގޮތުން މި މިޔަރުގެ އަނގައިގެ މަތީގައި ފަސް ބަރިޔަށް ދަތް ހުރެ އެވެ. މެދު ދަތް ހުންނަނީ ވަކިން ކުޑަކޮށްނެވެ. ދެން ދެ ފަރާތަށް ވާގޮތަށް ކަތިކޮށްނެވެ. ތިރީ ދަތްޕިލާގައި ހަބަރިއަށް ދަތް ހުރެއެވެ. ދަތުގެ އަރިމަތި ހުންނަނީ ކީހުގެ އަރިމަތިހެން ފުއްކަނޑާފަ އެވެ. ތިރީދަތްޕިލައިގެ ދަތްތައް ހުންނަނީ ފުނަލެއްގެ ދަތްތައް ފަދައިންނެވެ.

ސައިޒު

މިބާވަތުގެ މިޔަރު އާންމު ގޮތެއްގައި ބޮޑުވަނީ 10 ފޫޓް (3މ) އަށެވެ. ބަރުދަނުގައި ހުންނަނީ 107 ކިލޯގުރާމެވެ.

ކެއުމާއި ސިކާރަކުރުން

ހަތްފީކަރު މިޔަރު އާންމު ގޮތެއްގައި ކާބާވަތްތަކަކީ؛ މަސް، މިޔަރު، މަޑި، ސީލު އަދި އެކިބާވަތްބާވަތުގެ ކުނިބުނިތެރޭގައި މަރުވެފައި ހުންނަ މަސްމަހާމެއްސެވެ. ސިކާރަ ކުރުމުގައި އައިން ހަދައިގެން ސިކާރަކޮށް އުޅެއެވެ. އަދި ގުޅިގެން ކާމިޔާބުކަމާއެކު ސިކާރަކުރާކަން ފާހަގަ ކުރެވެއެވެ.

ހަމަލާ ދިނުން

މި މިޔަރަކީ މިޔަރުތަކުގެ ތެރެއިން ނުރައްކާތެރި މިޔަރެއް ގޮތުގައި ރިޕޯޓުކުރެވިފައިވީ ނަމަވެސް މިއީ މާގިނަގިނައިން ފެންނަ މިޔަރެއް ނޫނެވެ. އަދި ޑައިވިނަށް ގޮސްއުޅޭ މީހުންނަށްވެސް ހަމަލާދޭ މިޔަރެއް ކަމަށް ރެކޯޑުކުރެވިފައެއް ނުވެ އެވެ.

ދިރިއުޅުން

ހަތްފީކަރު މިޔަރު އާންމު ގޮތެއްގައި ދިރިއުޅެނީ ހޫނު ކަނޑުތަކުގެ 450 ފޫޓް (135 މީޓަރު) އަޑީގަ އެވެ. ނަމަވެސް 1 މީޓަރު (3.2 ފޓ) ފެށިގެން 570 މީޓަރު (1870 ފޫޓް) އަޑިންވެސް ފެނިފައިވެ އެވެ. ކަނޑުގެ އަޑީ ބަތާނުގައި އުޅުނުކަމުގައި ވިޔަސް ބައެއް ހާލަތްތަކުގައި ފެންމަތިންވެސް ފެނެ އެވެ. މީގެއިތުރުން ގާތަކުގެ ތެރެއިންނާއި ވެލިގަނޑު މަތިންނާއި ކިސަޑު ސަރަހައްދުތަކުގެ ތެރެއިންވެސް ފެނެ އެވެ.

އުޅޭ ހިސާބު

މި މިޔަރު އާންމުކޮށް ފެންނަ ސަރަހައްދުތަކަކީ، ދެކުނު ޕެސެފިކް، އެޓްލާންޓިކް، އަދި އިންޑިއާ ކަނޑުގެ ސަރަހައްދުކަމުގައި ވިޔަސް ދުނިޔޭގެ ގިނަ އެހެން ސަރަހައްދުތަކުން މަދުމަދުން ފެނިފައިވެ އެވެ.

ދަރިފަސްކޮޅު

މިބާވަތުގެ މިޔަރު ރަހިމުގައި ބިސްތައް ވިހެއުމަށް ފަހު ބިހުގެ ގޮބޮޅިގަނޑުގެ އެހީގައި ރަހިމުގައި އުފެދި ބޮޑުވެ އެވެ. މައިމިޔަރާއި ޅަމިޔަރުތަކާއި ފޫޅުދަނޑިންވެސް ގުޅިފައެއް ނުވެއެވެ. ރަހިމުގައި މިޔަރުތައް ތިބޭ ދުވަސްވަރު ނުވިހާ ބިސްތަކާއި ގަދަމިޔަރު ބަލިމިޔަރުތައް ކައި އުޅެއެވެ.

ހަތްފީކަރު މިޔަރުގެ އަންހެން މިޔަރު ފުރާވަރަށް އަޅަނީ 7.2 ފޫޓް (2.2 މީޓަރު) އަށް ބޮޑުވީމައެވެ. ފިރިހެން މިޔަރު ފުރާވަރަށް އަރަނީ 5 ފޫޓް (1.5މީޓަރު) އަށް ބޮޑުވީމައެވެ. ދަރިމައިވެ ވިހެއުމާއި ދެމެދު ރަހިމުގައި 12 މަހާއި 24 މަހާ ދޭތެރޭގެ މުއްދަތެއް ހޭދަ ވެއެވެ. ވިހާ ފަހަރަކު 80 މިޔަރު ވިހައެވެ. މިމިޔަރު ވިހާއިރު ޅަމިޔަރުގައި 16 އިންޗިއާއި 18 އިންޗި (40 ސމ އާއި 45 ސމ) ހުރެއެވެ. ވިހަންވުމުން ތިލަ ހިސާބުތަކަށް އައިސް ވިހަ އެވެ. މި މިޔަރުތަކުގެ ޅައިރުގެ ފުރަތަމަ އަހަރުތައް ހޭދަކުރަނީ ތިލަ ހިސާބުތަކުގައެވެ. މި މިޔަރު ދުނިޔޭގައި ދިރިއުޅޭ ކަމަށް ރެކޯޑު ކުރެވިފައިވަނީ 50 އަހަރު އެވެ.

ނޯޓު: ބައެއް ފަރާތްތަކުން މިމިޔަރު ވިހާ އަދަދު ވަރަށް ބޮޑަށް ތަފާތުކޮށް ލިޔެފައިވެއެވެ. މިގޮތުން ވިހާ ކޮންމެ ފަހަރަކު 60 މިޔަރާއި 108 މިޔަރާ ދެމެދުގެ އަދަދަކަށް ވިހާކަމަށް ލިޔެފައި ހުރެއެވެ.

މައުލޫމާތު:

https://enchantedlearning.com

https://www.sharksider.com