Advertisement

ފްލެޓް ލިސްޓަށް އުނިއިތުރު ނުގެންނަން ސަރުކާރަށް އަންގަން މަޖިލީހުން ފާސްކޮށްފި


ފްލެޓް ލިސްޓަށް އުނިއިތުރު ނުގެންނަން ސަރުކާރަށް އަންގަން މަޖިލީހުން ފާސްކޮށްފި

ކުރީގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓަށް އެއްވެސް އުނިއިތުރު ކަމެއް ނުގެނެސް ލިސްޓާ އެއްގޮތަށް ފްލެޓްތައް ހަވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ފްލެޓްތަކާ ގުޅިގެން އާންމު ފަރާތްތަކުން ހުށަހެޅި މައްސަލައެއް ދިރާސާކޮށް، މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ހުށަހެޅި ގޮތަށް މަޖިލީހުގެ ތަޅުމުން ފާސްކުރީ، 29 މެންބަރުންގެ ވޯޓުންނެވެ. ކޮމިޓީގެ ރިޕޯޓާ ދެކޮޅަށް ވޯޓު ދެއްވި މެންބަރަކު ނެތެވެ.

މި ވަގުތު މަޖިލީޙުގެ މެޖޯރިޓީ އޮތީ ކުރީގެ ސަރުކާރު ހިންގި އަދި މި ވަގުތު އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށެވެ.

ކުރީ ސަރުކާރުން އިއުލާނުކުރި ލިސްޓުގައި ކޮރަޕްޝަން ހުރި ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅުމުން، އެ ކޮމިޝަނުން ލިސްޓުތައް ބެލުމަށް ފަހު ބުނެފައިވަނީ ލިސްޓުގެ ބޮޑު ޕަސެންޓެއްގެ މީހުން ޝަރުތު ހަމަނުވާ ކަމަށެވެ.

އޭސީސީއިން ބުނި ގޮތުގައި ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓެވެ. އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓެވެ.

ޝަރުތު ފުރިހަމަވީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ތެރޭގައި ގިނައީ ދީފައިވާ މައުލޫމާތުގައި ފުށުއެރުން ހުރި ފޯމުތަކެވެ. އެއީ ޖުމްލަ ފޯމުތަކުގެ 70 ޕަސެންޓެވެ. އޭގެ އިތުރުން ޕޮއިންޓު ދިނުމުގައި މައްސަލަ ހުރި ފޯމުތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވާ ބައެއް ފޯމު ވެސް ހިމެނެ އެވެ.

ފްލެޓް ލިސްޓް ރިވިއު ކުރުމުގެ މަސައްކަތެއް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޭން ހުޅުވާލުމާއެކު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް މިދިޔަ އޯގަސްޓު 8، ގައި ނެރުނު ވަގުތީ ލިސްޓުގައި އޮތީ 15،046 މީހުންނެވެ. ސަރުކާރުން ނިންމާފައި ވަނީ ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓް ދިނުމަށެވެ. ނަމަވެސް ކޮންޓްރެކްޓު ކުރެވި އަމަލީ މަސައްކަތް ފަށާފައި ވަނީ 4000 ފްލެޓުގެ އެވެ.

ފުރަތަމަ 4،000 ފްލެޓް ލިބޭނީ ޕޮއިންޓް ތަރުތީބުން އެންމެ ގިނަ ޕޮއިންޓު ލިބޭ މީހުނަށް ކަމަށް ކަނޑައަޅާފައިވަނިކޮށް އޭސީސީއަށް ހުށަހެޅު މައްސަލައަކާ ގުޅިގެން އެ މަސައްކަތް މަޑުޖައްސާލަން އެންގި އެވެ. އެ ސްކީމަށް ތައްޔާރުކުރި ޕޯޓަލްގެ އެކްސެސް ލިބުމުން، މައްސަލަ ތަހުގީގު ކުރުން ގެންދިޔުމަށް ފަހު، މަސައްކަތް އަލުން ފަށަން ކޮމިޝަނުން ހުއްދަ ދިނީ ފެބްރުއަރީ އެކެއްގަ އެވެ.