Advertisement

ތިން މަސްދުވަހު ރާއްޖެ ކައިރި "އެނބުރުމަށްފަހު" ޗައިނާގެ ރިސާޗު އުޅަނދު އެނބުރި ގައުމަށް ފުރައިފި!

6 މޭ 2024 - 10:47 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޗައިނާގެ ރިސާޗު އުޅަނދު , ޝިއެން ޔެން ހޮން 3 މާލޭގައި ބަނދަރުކޮށްފައި. ތިން މަސްދުވަހު ރާއްޖެ ކައިރި އެނބުރުމަށްފަހު ޗައިނާގެ ރިސާޗު އުޅަނދު އެނބުރި ގައުމަށް ފުރައިފި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ތިން މަސްދުވަހު ރާއްޖެ ކައިރި "އެނބުރުމަށްފަހު" ޗައިނާގެ ރިސާޗު އުޅަނދު އެނބުރި ގައުމަށް ފުރައިފި!

6 މޭ 2024 - 10:47 0

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބުޑުގައި ތިން މަސްދުވަހު "އެނބުރުމަށްފަހު" އަދި އެ މުއްދަތުގެ ތެރޭގައި މާލޭގައި ދެ ފަހަރު ބަނދަރު ކުރުމަށްފަހު ޗައިނާގެ ރިސާޗު އުޅަނދު, ޝިއެން ޔެން ހޮން 3, އެނބުރި ގައުމަށް ފުރައިރި އެވެ.

ޗައިނާގެ އުޅަނދު ރާއްޖެ ކައިރިއަށް އައީ ޖެނުއަރީ 29، 2024 ގަ އެވެ. ފުރަތަމަ ފަހަރު މާލޭގައި އެ އުޅަނދު ބަނދަކުރީ ފެބްރުއަރީ 22، ގަ އެވެ. އޭގެ ފަހުން އަނެއްކާވެސް ރާއްޖޭގެ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯނުގެ ބުޑަށް އެނބުރި ގޮސް މަހެއްހާ ދުވަސް ކޮށްފައިވާ އެޕްރީލް 25، 2024 ގައި އެ އުޅަނދު އަނެއްކާވެސް ތިލަފުށީގައި ބަނދަރު ކުރި އެވެ.

ސެޓްލައިޓު އޭއައިއެސް ޓްރެކިން ބޭނުންކޮށްގެން "އަދަދު" އިން އިތުރަށް ހޯދި ހޯދުމުން ފެންނަ ގޮތުގައި ޗައިނާގެ އުޅަނދު މިހާރު އޮތީ އިންޑޮނީޝިއާ ކައިރިން ޖާވާ ކަނޑުގަ އެވެ. އެ އުޅަނދު ދަތުރު ކުރަމުންދަނީ ރާއްޖެ އައި ރޫޓުން އެނބުރި ގައުމަށް ދިއުމަށެވެ.

ޗައިނާގެ ރިސާޗު އުޅަނދު ރާއްޖޭގެ އީއީޒެޑު ކައިރި ދޫކޮށް ގައުމަށް ދަތުރުކުރަނީ - ފޮޓޯ: ވެސަލް ފައިންޑާ


މި އުޅަނދުގެ ހަރަކާތްތަކާ ގުޅޭގޮތުން ހޯދާފައިވާ ޓްރެކިން މައުލޫމާތުން އެނގޭ ގޮތުގައި ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ޗައިނާގެ އުޅަނދު ވަނީ އެކި ފަހަރު މަތިން ރާއްޖޭގެ އީއީޒެޑުގެ ތެރޭގައި ދުއްވާފަ އެވެ. އެގޮތުން, އައްޑޫގެ އިރު ދެކުނުން ރާއްޖޭގެ ސަރަހައްދުގެ ތެރެއަށް އެތައް މޭލެއް ޗައިނާގެ އުޅަނދު ވަނީ ވަދެފަ އެވެ.

މީޑިއާ ރިޕޯޓުތަކަށްފަހު މި އުޅަނދު ރާއްޖެއަށް އަންނަކަން ފޮރިން މިނިސްޓްރީން ކަށަވަރުކޮށްދިނެވެ. އޭރު ނެރުނު ބަޔާނެއްގައި ބުނީ ދިރާސާ ކުރާ ޗައިނާގެ އުޅަނދެއް ރާއްޖެ އަންނަނީ ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އައު ކުރުމަށް ކަމަށެވެ. ބެލެވޭ ގޮތުގައި ދެފަހަރު މަތިން ތިލަފުށީގައި މި އުޅަނދު ބަނދަރުކުރީ މި ބޭނުމުގަ އެވެ.

ޗައިނާގައި މިހާރު އޮތް އެންމެ ޒަމާނީ ރިސާޗު އުޅަނދު ރާއްޖެއަށް ދަތުރު ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވިތާ 24 ގަޑިއިރު ފަހުން، ޖެނުއަރީ 14، 2024 ގަ އެވެ.

ރައީސްގެ އެ ދަތުރުގައި ޗައިނާއާއެކު ޖުމްލަ 20 އެއްބަސްވުމެއްގައި ސޮއިކުރި އެވެ. މި މަހުގެ ހަތަރެއްގައި އެ ގައުމާއެކު އަސްކަރީ އެއްބަސްވުމެއްގައި ވެސް ރާއްޖެއިން ވަނީ ސޮއިކޮށްފައިވެ އެވެ. އެ ހުރިހާ އެއްބަސްވުމެއް ވެސް ސަރުކާރުން ވަނީ ސިއްރުކޮށްފަ އެވެ.

މި ސަރުކާރުން ޗައިނާއާއެކު ބާއްވަމުންދާ ގާތް ގުޅުމާއި މި އުޅަނދު އިންޑިއާ ކަނޑުގައި "އެނބުރުމާމެދު" އެންމެ ބޮޑަށް ފާޑުކިޔަނީ އިންޑިއާއިންނެވެ. އޭގެ އިތުރުން ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި މި އުޅަނދު ހިމެނޭހެން ޗައިނާގެ އެއްވެސް އުޅަނދެއް ލަންކާގައި ބަނދަރުކުރުން އެ ގައުމުން ވަނީ މަނާކޮށްފަ އެވެ.