Advertisement

ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ކޯޗު މެނޮއްޓީ މަރުވެއްޖެ

6 މޭ 2024 - 08:44 0


ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ކޯޗު މެނޮއްޓީ މަރުވެއްޖެ

6 މޭ 2024 - 08:44 0

ބީނޯޒް އެރީޒް، އާޖެންޓީނާ (މެއި 6) - ފީފާ ވޯލްޑް ކަޕް، 1978 ވަނަ އަހަރު އާޖެންޓީނާ އަށް ކާމިޔާބުކޮށްދިން އެ ގައުމުގެ ކޯޗު، ސެޒާ ލުއިސް މެނޮއްޓީ މަރުވެއްޖެ އެވެ.

މެނޮއްޓީ މަރުވިއިރު، އުމުރަކީ 85 އަހަރެވެ.

އާޖެންޓީނާ އިން މެނޮއްޓީގެ އިރުޝާދުގެ ދަށުން އަމިއްލަ ދަނޑުގައި ކުޅުނު 1978ގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި، 3-1 އިން ނެދަލެންޑްސް ބަލިކުރުމަށް ފަހު އެވެ. އިތުރު ވަގުތު ކުޅެން ޖެހުނު މި ފައިނަލްގައި، އާޖެންޓީނާގެ މާރިއޯ ކެމްޕެސް ދެ ލަނޑު ޖެހި އެވެ.

އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މެނޮއްޓީ، އެ ގައުމުގެ ފުޓްބޯޅަ އަށް ކޮށްދިން މަަސައްކަތްތަކުގެ އަގުވަޒަން އަބަދުވެސް ކުރާ ކަމަށާއި، މި ހިތާމަވެރި ވަގުތުގައި މެނޮއްޓީގެ އާއިލާއާ އެކުގައިވާ ކަމަށް ހާމަކޮށްފަ އެވެ.

މެނޮއްޓީ، އާޖެންޓީނާގެ ކޯޗުކަމާ 1974 ވަނަ އަހަރު ހަވާލުވިއިރު، އޭނާ އަށް ކުރަން ޖެހުނީ ފަސޭހަ މަސައްކަތްތަކެއް ނޫނެވެ. އެ ގޮތުން، 1978 ވަނަ އަހަރު ވޯލްޑް ކަޕް ސްކޮޑަށް ޑިއޭގޯ މަރަޑޯނާ ނުނެގުމުން ބޮޑެތި ފިންތުންތަކާ ކުރިމަތިލާން ޖެހުނަސް، ސާބިތުވެ އެ ނިންމުމުގެ މަތީގައި ދެމިހުއްޓެވެ. އޭގެ ޖެހިގެން އައި އަހަރު، މަރަޑޯނާ ޓީމުގައި ހިމަނައިގެން، މެނޮއްޓީ ވަނީ، އާޖެންޓީނާ އަށް 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ހޯދައިދީފަ އެވެ.

ކުޅުމުގެ ކެރިއަރަށް ބަލާއިރު، އާޖެންޓީނާ ގައުމީ ޓީމަށް 11 މެޗު ކުޅެދިން މެނޮއްޓީ ވަނީ ކްލަބް ކެރިއަރުގައި، ބްރެޒިލްގެ ލެޖެންޑް، ޕެލޭއާ އެކުގައި ސަންޓޯސް އަށް ކުޅެފަ އެވެ.

މެނޮއްޓީގެ ކޯޗިން ކެރިއަރު 37 އަހަރަށް ދެމިގެންދިޔަ އެވެ. ބާސެލޯނާ އަށް ދެ ސީޒަނެއްގައި ކޯޗުކޮށްދިން މެނޮއްޓީ ވަނީ، އިޓަލީ، މެކްސިކޯ، އުރުގުއޭ އަދި އާޖެންޓީނާގައި ވެސް ކޯޗިންގެ ބޮޑެތި މަސައްކަތްތަކެއްކޮށްފަ އެވެ. މެނޮއްޓީ ކޯޗިން ކެރިއަރު ފެށީ ލިއޮނަލް މެސީގެ ފުރަތަމަ ކްލަބް، ނެވެލްސް އޯލްޑް ބޯއީސް އިންނެވެ.